ޓޫރިޒަމްގެ ބޭނުމަށް ނަގާ ވެއްޔަށް އަގު ނަގާ ގޮތަށް ހަމަޖައްސައިފި

ރާއްޖޭގެ ރަށެއްގެ އަތިރިމަތި: ފަތުރުވެރިކަމުގެ ބޭނުމަށް ނަގާ ވެލިން އަގު ނެގުމަށް ވަނީ ނިންމައިފަ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ފަތުރުވެރިކަމުގެ ބޭނުމަށް ނަގާ ވެލީގެ ކޮޑި މީޓަރަކުން ތިން ޑޮލަރު ނެގުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ނަގާ ވެލިން އަގުނެގުމަށް ނިންމައި ޓޫރިޒަމް މިނިސްޓްރީން ވަނީ އުސޭލެއް ހަދައި ގެޒެޓްކޮށްފައެވެ. އެ އުސޫލުގައިވާގޮތުން ވެލި ނެގުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެއެވެ.

ނަގާ ވެލި ބޭނުންކުރެވޭނީ ހަމައެކަނި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ވެލި އެޅުމަށާއި ވެލިން މުއްސަނދި ކުރުމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ވެލިނަގަން ބޭނުންވާ ތިން ތަން އެނގޭނެ ގޮތަށް މަސަތްކަތް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ތާވަލް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ. އަދި ވެލި ނެގުމަށް ހުށަހަޅާފައިވާ ތަންތަނުގެ ތެރެއިން ތަނެއް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާއިރު ހަ ޝަރުތެއް ފުރިހަމަ ވޭތޯ ބަލާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އޭގެ ތެރޭގައި ވެލިނަގާ ފަޅަކީ ތަރައްގީކުރަމުންދާ ރިސޯޓްތަކާ ދުރުގައިވާ ފަޅަކަށްވުން ހިމެނެއެވެ. މީހުން ދިރިއުޅޭ ރަށްރަށާ ދުރުގައި ވަކިން އޮންނަ ފަޅަކަށް ވެސް ވާންޖެހެއެވެ. ވެލި ނެގުމަށް ހުށަހަޅާފައިވާ ފަޅަކީ ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދަކަށް ވެގެން ނުވާނެއެވެ. ގުދުރަތީގޮތުން ވެލީގެ މުއްސަނދިކަން ލިބިފައިވާ ފަޅަކަށް ވާން ޖެހޭނެ ކަމަށް ވެސްޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ވެލިނެގުމަށް އެއް ފަރާތަކަށް ހުއްދަ ދެވޭނީ އަހަރަކު ދެ ފަހަރު ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެއްފަހަރާ އެންމެގިނަވެގެން ނެގޭނީ ފަހަރަކު ތިރީސް ހާސް ކިޔުބިކް މީޓަރުގެ ވެއްޔެވެ. ވެލިނެގުމުގައި ތިމާވެއްޓަށް ގެއްލުމެއް ލިބެއްޖެ ނަމަ އެކަމުގެ ޒިންމާ ވެލިނަގާ ފަރާތުން ނަގަން ވާނެ ކަމަށް ވެސް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

comment ކޮމެންޓް