ރާއްޖޭގައި ހަރަކާތްތެރިވާ އެޗްއާރު އެސޯސިއޭޝަންއެއް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) ރާއްޖޭގައި ފުރަތަމަ ފަހަރަށް ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސްއެއް ބާއްވަން ނިންމައިފިއެވެ.
މާޕް އިން ބުނީ އެ ކޮންފަރެންސް އޮންނާނީ އަންނަ އޮގަސްޓް ތިން ވަނަ ދުވަހު ގައުމީ ޔުނިވާސިޓީގެ މެއިން އޮޑިޓޯރިއަމްގައި ކަމަށެވެ.
ލާނިންގ އެންޑް ޑިވެލޮޕްމަންޓްއަށް ހާއްސަ ކޮންފަރެންސް އެއް ބާއްވަނީ އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވެފައިވާ މިންވަރު ދެނެގަނެވިފައި ވާތީއާއި ލާނިންގ އެންޑް ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުން އެއްތަނަކުން ދިމާވެ، މައުލޫމާތު ބަދަލުކުރެވި އެއްފަރާތް އަނެއްފަރާތާއި ރަނގަޅު ޕްރޮފެޝަނަލް ގުޅުމެއް އުފެއްދުމުގެ މަޤްސަދުގައި ކަމަށް މާޕްއިން ބުންޏެވެ.
އެ ކޮންފަރެންސްގައި "ބިލްޑިންގް އެން އެޖައިލް ކަލްޗާ" ތީމްގެ ދަށުން ޑިވެލޮޕްމަންޓް ސްޓްރެޓެޖީސް ތަކާއި ޓެކްނީކްސްތައް އަދި ޗެލެންޖަސްތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަންއިން ބުންޏެވެ.
އެ ކޮންފަރެންސްގެ ސްޕީކާސްގެ ގޮތުގައި ބައިވެރިވާ ބައެއް ފަރާތްތަކުގެ ތެރޭގައި ލީޑަޝިޕް ސްޕީކަރ، އޯތަރ އަދި ހައި ޕާފޯމަންސް ސްޓްރެޓެޖިސްޓެއް ކަމުގައިވާ ކެންނެތު ކުއާން ގެ އިތުރުން އެއިޓްކެން ސްޕެންސް ހޮޓެލްސްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ، ޓެލެންޓް މެނޭޖްމަންޓް އެންޑް ކޮލިޓީ އެޝުއަރެންސް، ތަރާކާ އަޕުހަމީ ހިމެނެއެވެ.
އޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ހެޑްއޮފް އެޗްއާރ ބިޒްންސް ޕާޓްނާރ އަހްމަދު އިބްރާހިމް އާއި ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޑައިރެކްޓަރ އޮފް އެޗްއާރ އެންޑް ޓްރެއިނިންގ އަހުމަދު ސައީދު ވެސް މި ކޮންފަރެންސް ގައި ވާހަކަ ދައްކުމަށް ހަމަޖެހިފައިވާ ކަމަށް މާޕް އިން ބުންޏެވެ.
މާޕްއިން ބުނީ އެ ކޮންފަރެންސްގައި ގާތްގަޑަކަށް 300 ފަރާތަކަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއ ކަމަށާއި އަދި މާޕްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ކޮންފަރެންސް އާއި ބެހޭ އިތުރު މައުލޫމާތުތައް ލިބޭނެ ކަމަށެވެ.
މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. ޖަމިއްޔާ އުފެދުނުތާ އެއް އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ޖަމިއްޔާއިން މިދިޔައަހަރު މާޗް މަހު ދަރުބާރުގޭގައި ބޭއްވި އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ގައި 400 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.