މާޕްގެ އެޗްއާރް އެކްސެލެންސް އެވޯޑު ދިނުމުގެ ހަފުލާ ބާއްވައިފި

މާޕްގެ އެޗްއާރް އެކްސެލެންސް އެވޯޑު ދިނުމުގެ ހަފުލާގެ ތެރެއިން --

މޯލްޑިވްސް އެސޯސިއޭޝަން ފޯ އެޗްއާރް ޕްރޮފެޝަނަލްސް (މާޕް)ގެ ހިއުމަން ރިސޯސް އެކްސެލެންސް އެވޯޑް ދިނުމުގެ ހަފުލާ ބާއްވައިފިއެވެ.

މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ޕަބްލިކް ޕޮލިސީ ގެ ރައީސް ނާޒިމް އިބްރާހިމްއެވެ. މިރޭގެ އެވޯޑު ދިނުމުގެ ހަފްލާގައި ދާއިރާތަކުން އައުޓްސްޓޭންޑިން އެޗްއާރު ލީޑާސް އޮފްދަ އިޔާ، އިމާޖިން އެޗްއާރު ލީޑާސް އެވޯޑް އަދި އެކްސެލަންސް އިން ވިމެން އެޗްއާރު ލީޑާގެ އެވޯޑު ވެސް ދިނެވެ.

މުވައްޒަފުންނާ ގުޅޭ ކަންކަން ހަރުދަނާ ކުރަން އިސްކަންދީގެން ހިންގާ ކުންފުނިތަކަށް ޚާއްސަ ކޮށްގެން ދިން އެވޯޑުތަކުގެ ތެރޭގައި:

  • އެކްސެލެންސް އިން އެޗްއާރު އިނޮވޭޝަން
  • އެކްސެލެންސް އިން ވޯކްޕްލޭސް ކަލްޗާ
  • އެކްސެލެންސް އިން ޓެލެންޓް ޑިވޮލަޕްމަންޓް
  • އެކްސެލެންސް އިން އެމްޕްލޯއީސް ވެލްނަސް އެންޑް ވެލްބީން
  • އެކްސެލެންސް އިން އިކުއިޓީ ޑައިވާސިޓީ އެންޑް އިންކްލޫޝަން
  • އެކްސެލެންސް އިން އެޗްއާރު ޓެކް
  • މޯސްޓް ޕީޕަލް ފޯކަސް ލީޑާ

މާޕްގެ އެޗްއާރް އެކްސެލެންސް އެވޯޑު ދިނުމުގެ ހަފްލާ ބާއްވައިފި-- ފޮޓޯ: މާޕް

މި ހަފުލާގައި ފަނޑިޔާރުންގެ ޓީމަށް ވެސް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

މިރޭ ބޭއްވި އެވޯޑު ދިނުމުގަ ހަފުލާގައި މާޕްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ މި އެވޯޑުތަކަކީ ހިއުމަން ރިސޯސް ގެ ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ފަރުދުންނާއި މުއައްޒިފުންނާގުޅޭ ކަންކަން ހަރުދަނާ އުސޫލަކުން އިސްކަންދީގެން ހިންގާ ކުންފުނިތަކަށް ހާއްސަ ކޮށްގެން ދެވޭ އެވޯޑެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެކުންފުނީގެ އަމާޒަކީ އަމިއްލައަށް ފަރުދުންގެ ކާމިޔާބީ ފާހަގަކުރުމާއި، އިންސާނީ ވަސީލަތްތަކުގެ އުސޫލުތައް ކުރިއެރުވުމާއި، ޒުވާން ޖީލަށް މި ދާއިރާއިން ފުރުސަތުތައް މަގުފަހިކޮށްދިނުން ކަމަށެވެ.

ހަފުލާގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހެމާނު ޕަބްލިކް ޕޮލިސީ ގެ ރައީސް ނާޒިމް ވަނީ އެވޯޑު ހާސިލްކުރެއްވި ފަރާތްތަކަށް މަރުހަބާ ދަންނަވާފައެވެ.

ނާޒިމް ވިދާޅުވީ ހިއުމަން ރިސޯސް މެނޭޖްމަންޓަކީ މީހުންނާއި، އެމީހުންގެ ކުރިއެރުން ހަރުދަނާކޮށް، އެމީހުން ބާރުވެރިކޮށް، އެމީހުންގެ ހުނަރު މެދުނުކެނޑި ކުރިއެރުވުން ކަމަށެވެ.

"މީހުން ކުރިއަރުވަން މަސައްކަތް ކުރުމަކީ ކާމިޔާބީގެ ތަޅުދަނޑި. ދުނިޔޭގައި ފާހަގަކޮށްލެވޭ ބިޒްނަސް ލީޑަރެއްކަމަށްވާ ލޯރެން ބޮސެޑީ ވިދާޅުވެފައިވޭ، އޭނާ ގަބޫލެއް ނުކުރަމޭ މީހުން ކުރިއެރުވަން މަސައްކަތް ކުރުމަށްވުރެ މުހިންމު ކަމެއް އޮންނާނެ ކަމަކަށް،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިސާޗުތަކުން ވެސް މި ބުނުމުގެ ތެދުކަން ހާމަވެފައި ވާކަމަށެވެ. އެހެނަކަމުން މީހުން ކުރިއެރުވުމާއި މުވައްޒަފުންގެ ހުނަރުތައް އިތުރުކުރުމަކީ އެމީހުންގެ އުފެއްދުންތެރިކަން އިތުރުވާ ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

މާޕްއަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. ދެހާސް އަށާރައިގައި ރެޖިސްޓާކުރި މާޕްއިން އިންސާނީ ވަސީލަތުގެ ދާއިރާއާ ގުޅުން ހުރި ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގައިފައިވެއެވެ.

comment ކޮމެންޓް