ގުރައިދޫ މެމްބަރު ރިޒާ ހުވާކުރެއްވުން މާދަމާ

ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް ހޮވުނު މެމްބަރު އިބްރާހިމް ރިޒާ، މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރެއްވުން މާދަމާ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ގާނޫނީ ވަކީލު އިބްރާހިމް ރިޒާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ކ. ގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި މެމްބަރެވެ.

އެހެން ނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލިސް ހުވާކުރެއްވި ދުވަހު، ރިޒާ ހުންނެވީ އުމްރާގެ އަޅުކަން ފުރިހަމަކުރެއްވުމަށް ސައުދީ އަރަބިއްޔާގައެވެ. އެހެންކަމުން އެ ދުވަހު ރިޒާ، މެމްބަރުކަމުގެ ހުވައެއް ނުކުރައްވައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ރިޒާ މިހާރު ރާއްޖެ ވަޑައިގެން ހުންނެވުމާއެކު، އޭނާ ހުވާކުރެއްވުން މާދަމާ އޮންނާނެ ކަމަށެވެ.

އެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ކަމަށާއި، ހުވާލައިދެއްވާނީ އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ކަމަށް ނިއުޝާ ވިދާޅުވިއެވެ. އަދި އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ނިއުޝާ ވިދާޅުވިއެވެ.

ގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ރިޒާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަނުކުރެއްވި މެމްބަރެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާގެ އިތުބާރު ނެތްކަމަށް މަޖިލީހުން ނިންމައި، އޭނާ ޖޭއެސްސީ މެމްބަރުކަމުން ވަކިކުރިއެވެ. އޭނާގެ ބަދަލުގައި ޖޭއެސްސީއަށް އެ މަޖިލީހުން އައްޔަނުކުރީ ދިއްގަރު ދާއިރާގެ އޭރުގެ މެމްބަރު އަހްމަދު ފާރިސް މައުމޫނެވެ.

comment ކޮމެންޓް