ސޫދާނުގައި މުޒާހަރާ ކުރާ މީހުން މަދަނީ ބަސްނޭހުމަކަށް

ސޫދާނުގެ ސަރުކާރާ ދެކޮޅަށް ގިނަ އަދަދެއްގެ މީހުން ދަނީ މުޒާހަރާ ކުރަމުން -- ފޮޓޯ: އޭޕީ

ޚަރުތޫމް (ޖޫން 9): ސޫދާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކުން މަދަނީ ބަސްނޭހުމުގެ ކެމްޕޭނެއް ފަށައިފި އެވެ.

ސޫދާންގެ ކުރީގެ ރައީސް އުމަރުލްބަޝީރާ ދެކޮޅަށް މުޒާހަރާ ކުރަން ފުރަތަމަ ފެށި ސޫދަނީސް ޕްރޮފެޝަނަލް އެސޯސިއޭޝަން (އެސްޕީއޭ)އިން އެކެމްޕޭން ފެށީ މިދިޔަ ހަފްތާގައި މުޒާހަރާއެއް ރޫޅާލުމަށް އަސްކަރިއްޔާއިން ބާރުގެ ބޭނުންކޮށް، ގިނަ އަދަދެއްގެ މީހުން މަރާލުމުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި މުޒާހަރާއަކަށް އަމާޒުކޮށް އެހަމަލާތައް ދިނީ ޕެރެމިލިޓަރީ ޔުނިޓެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސެސް (އާރުއެސްއެފް)އިންނެވެ. އަދި އޭގެ ސަބަބުން މަރުވީ 61 މީހުން ކަމަށް ހެލްތް މިނިސްޓްރީން ބުނި ނަމަވެސް މުޒާހަރާގެ ބައިވެރިންނަށް ފަރުވާ ދިން ޑޮކްޓަރުން ބުނާ ގޮތުގައި ހަމަލާތަކުގައި 113 މީހުން މަރުވި އެވެ.

އެސްޕީއޭއިން ވަނީ އެކެމްޕޭން ފެށުމުން އަސްކަރިއްޔާއިން ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި ހުކުރު ދުވަހު އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާ ބައްދަލު ކުރި ދެ އިދިކޮޅު ލީޑަރުންވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުން ވީތަނެއް ނޭނގޭ ކަމަށް ބުނެފަ އެވެ.

އަބީ އަހުމަދު ސޫދާނަށް ވަޑައިގެންނެވީ ވެރިކަން ކުރާ ޓްރާންޒިޝަނަލް މިލިޓަރީ ކައުންސިލް (ޓީއެމްސީ) އާއި އިދިކޮޅު ފަރާތްތަކާ މެދު މަޝްވަރާތައް ބޭއްވުމަށް މެދުވެރިއެއްގެ ރޯލު އަދާ ކުރެއްވުމުގެ ގޮތުންނެވެ.

ސޫދާނުގެ އަސްކަރިއްޔާއިން ވަގުތީގޮތުން ކަމަށް ބުނެ ވެރިކަމަށް އައީ، މިދިޔަ ޑިސެމްބަރު 19އިން ފެށިގެން އެގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ރައީސް އުމަރުލްބަޝީރު ވެރިކަން ދުރުކުރުމަށް ފަހުގަ އެވެ. އޭނާ މިހާރު ހުންނެވީ ޖަލުގަ އެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ އަސްކަރިއްޔާއިން ވެރިކަމުގެ ބާރުތައް މަދަނީ ސަރުކާރަކާ ހަވާލުކުރުމަށް ގޮވާލައި އަދިވެސް މުޒާހަރާ ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް