އަނާލް އަންނަ ކޮންމެ ފަހަރަކު އިޒިއަންގެ މޫނު ހިސާބަކަށް އުޖާލާވެގެން ދާތީ އަނާލްއަށްވެސް ފެނެއެވެ. އެހެންނަމަވެސް އަބަދުވެސް ބިރުވެރިކަމަކާއި ކަންބޮޑުވުމެއްވެސް އެ މޫނުމަތީގައި ވެއެވެ. އަމިއްލަ ހިތާ ސިކުނޑި އަދިވެސް ދެބަސްވާތީ އުނދަގޫވަނީއެވެ. އަނާލްއަށްވެސް މިހާރު އިޒިއަން ފެންނަ ހިސާބަށް އައުން އާދައަކަށްވެއްޖެއެވެ. އިޒިއަން ނުފެންނަންޏާ ދުވަސް ފުރިހަމަ ވާހެނެއްހިޔެއްނުވެއެވެ. އެހެންނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އަދިވެސް އިޒިއަންއަށް މާފުދީ އާފެށުމަކުން ފަށާކަށް އަނާލް ބޭނުމެއްނުވިއެވެ. އެރޭގެ ވަގުތުގައި އަނާލް އަނެއްކާވެސް އިޒިއަންއަށް ލުނބޯ ފަނިތައްޓެއް ހަދައިގެން ކޮޓަރިއަށް ގެންގޮސްދިނެވެ. އޭރު އިޒިއަން އޮތީ އެނދުގައި އޮށޯވެއެވެ. ކޮންމެވެސް ކަމަކާ ވިސްނާ ފިކުރުކުރާށެވެ. އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އޭރު އަނެއްކާވެސް އެ ދެމީހުންގެ ދިރިއުޅުން ބަދަލުވެދާނެކަމެއް ވެދާނެކަމަށް ދެމީހުން ކުރެ އެކަކަށްވެސް ހީކުރެވިފައެއް ނެތެވެ.

އަނާލް ގެނައި ލުބޯފަނި ތަށި ބޮއިލާފައި އޭނަ ދެން ދިޔައީ ފާހާނާއަށެވެ. ފެންވަރާ ހަދާލައިގެން ތުވާލި އޮޅާލައިގެން ނުކުތް ތަނާ އިޒިއަން އަނެއްކާވެސް ކޮށި އަރާގޮތްވިއެވެ. ޑްރެސިން ޓޭބަލް މަތީގައި އަތް އަޅުވާލަމުން އޭނާ ކެއްސަމުން ގުދުވިއެވެ. އެތައް އިރެއް ވީއިރުވެސް ކެއްސުން މަޑެއްނުވިއެވެ. އަނާލްވެސް ސިޓިން ރޫމްގައި ހުރެފައި އައީ އިޒިއަން ކެއްސާއަޑަށެވެ. ބުރަކަށީގައި ދެފަހަރަކު ޖަހާލުމުން ކުޑަކޮށް ކޮށިއެރުން މަޑުވިއެވެ. އެހާ ދުވަސްފަހުން އިޒިއަން ހުސްގަޔާ އެހާ ކައިރިން ފެނުމާއެކު އަނާލްއަށް ވެސް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. އަނާލްއާ ދިމާލަށް އެނބުރިފައި އިޒިއަން އެ މޫނަށް ފުންކޮށް ބަލާލިއެވެ. އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ނުކުރެވި އިތުރަށް ރޮވިދާނެތީ އިޒިއަން އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. އޭރު އޭނާގެ ދެލޯ ދިޔައީ ފެންކަޅިވެގެންނެވެ. އަނާލްއަށް ރީތިކޮށް އެ މަންޒަރު ފެނުނެވެ. އޭނާ ވެސް އިސްޖަހާލިއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވުމާއެކު އެތަނުގައި އިތުރަށް މަޑުކުރަން އަނާލްއަށްވެސް އުނދަގޫވިއެވެ.

އަނާލް ކޮޓަރިން ނުކުތުމާއެކު އިޒިއަން އެއްޗެހި ލާ ކުޑަކޮށް ރީތިވެލިއެވެ. އެއަށްފަހު ކޮޓަރި ދޮރު ހުޅުވާލިއެވެ. ސިޓިން ރޫމަށް ނުކުތްއިރު އަނާލް ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. އިޒިއަންގެ ދެލޮލުން ފެންނަ ރިހުމުން އޭނާގެ އެތެރެ ހަށިވެސް އަންދަމުން ދިޔައެވެ. އިޒިއަން ކިނާން ގާތު ކުރީ ދުވަހު ވާހަކަދެއްކި އަޑުއިވިފައި އޭނާއަށްވީ ގޮތްވެސް ބުނަން ނޭނގުނެވެ. އިޒިއަން އަމިއްލައަށް މަރުވާނީއްޔޭ ބުނީ ސަމާސާ އަކަށްވިނަމަވެސް އެ ބަހުގެ ސަބަބުން އޭނާގެ ހިތަށް ބިރުވެރިކަން ވެރިވެފައި ވެއެވެ. އިޒިއަން އެދުވަހު ބުނީ މަރުވުމުން އެންމެންވެސް ދެރަވާނެކަމުގައެވެ. އަނާލް ހުރީ ކޮޓަރިން ބޭރުގައެވެ. ކުއްލިއަކަށް އެ ހަނދާން އާވުމާއެކު އަނާލް އަށް ހިނގުން މަޑުޖައްސާލެވުނެވެ. އިޒިއަން ބަލަން ހުރި ގޮތުން ބޭއިޚްތިޔާރުގައި އިޒިއަންއާ ދިމާލަށް އަނާލްއަށް ދެވުނެވެ. އަދި އިޒިއަންގެ ގައިގައި ބައްދާލެވުނެވެ. އަނާލްގެ އެ އަމަލުން ސިހުނު އިޒިއަން ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ރައްދުގައި އަނާލްގެ ގައިގައި ކުޑަމިނުން އިނގިލި ކުރި ޖައްސާލާނެހާ ހިތްވަރެއްވެސް އޭނާއަކަށް ނުލިބުނެވެ. އޭނާ އަތްލާ ތަނުން އަނެއްކާ އަނާލް އޭނާއާ ދުރުވެއްޖެއްޔާ އެހިތަށް އަނެއްކާވެސް ލިބޭނީ އިތުރު އަނިޔާއެކެވެ. އެތައް އިރެއްވީއިރުވެސް އަނާލް އިޒިއަންއާ ދުރަށް ދާން ނޫޅުމާއެކު އިޒިއަންއަށް ދެލޯ މަރާލެވުނެވެ.

އިޒިއަންގެ އަތް މަޑުމަޑުން ހަރަކާތް ކުރިއެވެ. އަނާލްގެ ގައިގައި އެ އަތް ވަށާލިއެވެ. އެއާއެކު މާފަށް އެދުނެވެ. އެތައް ދުވަހަކު ދެމީހުން އެކަކު އަނެކަކާ ދުރުގައި ތިބުމަށްފަހު އެފަދަ ގޮތަކަށް ދިމާވުމުން ދެމީހުންގެ ހިތުގައިވެސް އެކަކު އަނެކަކަށްޓަކައި އަދިވެސް ފުން ލޯބިވާކަން އެނގުނެވެ. ދުރުވާން ނޭނގިފައި ދެމީހުންނަށްވެސް ތިބެވުނީ އެހެންވެ ކަންނޭގެއެވެ. ދެމީހުންގެ ދެމެދުގައި އޮތް ބޯ ފަރުދާ އެއްފަރާތްވެގެން ދިޔައީ އޭގެ ހިނދުކޮޅެއް ފަހުންނެވެ.

އަނާލް ގެއަށް ނައިސްގެން މަޒާޔާ ދެކޮޅަށް ހިނގަމުން ދިޔައެވެ. ކޮޓަރީގައި ހުރެގެން އޭނާއަށް އަނާލްގެ ފޯނަށް ގުޅުނު ވަރެއްވެސް ނޭނގެއެވެ. އޭރު ގަޑިން އެކެއްޖަހާ ބޮޑުވެއްޖެއެވެ.

"މަޒާ އަދިވެސް އަނާލް ގެއަށް ނާންނަނީދޯ؟ އަނެއްކާ އަހަރެމެންނަށް ނޭނގޭގޮތަށް ކަމެއް ހިނގަނީތަ؟" އައްމާރުވެސް ހާސްކަމާއެކު އެނދުން ތެދުވަމުން ސުވާލުކޮށްލިއެވެ. އަނާލްގެ އުޅުމަށް ބަދަލުތަކެއް އަންނަމުން ދިޔަކަން އައްމާރުއާ މަޒާޔާ އަށްވެސް އެނގެމުން ދިޔައެވެ. އެހެންނަމަވެސް އަނާލްއާ ސުވާލުނުކޮށް އެމީހުން ތިބީ އަނާލް އަށް ފެނިގެން އެއްވެސް ވާހަކައެއް އެމީހުންނާ ދައްކާތޯއެވެ.

"ކޮންމެ ރެއަކު އޮފީސްކަމަކު އަނާލް ދާހެނެއް އަހަރެންނަކަށް ހިޔެއްނުވޭ" އައްމާރު ބޮލުގައި އަތްހާކާލިއެވެ. އޭނާގެ ތޫނުފިލި ސިކުނޑީގެ ބާރުގައި ކަންތައްތައް ހިނގާފާނެ ގޮތަކާމެދު ވިސްނެން ފެށުނެވެ.

"ހަމަގައިމުވެސް އަހަރެމެންގެ އަނާލްއެއް ގޯސްގޮތަކަށް ނޫޅޭނެ. އެ ޔަޤީންކަން އަހަރެންނަށް އެބައޮތް" މަޒާޔާ ޔަގީންކަމާއެކު ބުނެލިއެވެ. އެއާއެކު އައްމާރުވެސް ބޯޖަހާލިއެވެ. އޭނާވެސް މަޒާޔާގެ ބަހާ އެއްބަސްވިއެވެ.

ކުއްލިއަކަށް މަޒާޔާގެ ފޯނު ރިންގު ވުމާއެކު އޭނާ ފޯން ނަގާ ބަލާލިއެވެ. ގުޅަނީ އަނާލްއެވެ.

"މަންމާ ވަރަށް ބޮޑަށް ސޮރީ. ވަރަށް ގާތް ކުއްޖެއްގެ އެކްސިޑެންޓެއްވެގެން ނުދެވިގެން މިއުޅެނީ. ހޮސްޕިޓަލްގަ....." މަޒާޔާ ފޯނު ނެގުމާއެކު އަނާލް ލަސްނުކޮށް ވާހަކަދެއްކިއެވެ.

މަޒާޔާ ފޯން ބާއްވަމުން އަނާލް ބުނި ގޮތަށް އައްމާރު ގާތު ބުނެލިއެވެ.

" ނާލް ގޯސްގޮތަކަށް ނޫޅޭނެ. ރޭގަނޑު ބޭރުގައި އުޅުނަސް އެއީ ވިޔާނުދާކޮށް އުޅޭނެ ކުއްޖެއްނޫން" އައްމާރު ބުނެލިއެވެ.

"މިދުވަސްކޮޅު ހަމަ ބިޒީ ކަމަށްވާނީ ދޯ... ދެން ހާސްނުވޭ" އައްމާރުދެންވެސް މަޒާޔާ އާ ވާހަކަދެއްކިއެވެ.

މާބޮޑަށް ހާސްނުވާން އަމިއްލަ ނަފްސަށް ވިސްނައިދެމުން މަޒާޔާވެސް އައިސް އެނދުގައި އިށީނީ އަނާލް ވީ ތަން އޮޅުން ފިލުމާއެކު ހަމަޖެހިފައިވާ ހިތަކާއެކުގައެވެ.

ގެއަށް އައި މަގުމަތީގައި ވެސް އަނާލްއަށް ވިސްނެމުން ދިޔައީ މިރޭ ހިނގާދިޔަ ހާދިސާތައް މަތިންނެވެ. ވިސްނަން ބޭނުންނުވިޔަސް އޭނާގެ ސިކުނޑީގައި ވަނީ އެ ހިޔާލުތައް ބަރާވެ ފުނިޖެހިފައެވެ. ދެފަރާތަށް ބޯ ހޫރާލުމުންވެސް އެ ހިޔާލުތަކުން މިންޖު ވެވުނު ކަމަކަށް ނުވިއެވެ.

ހެނދުނުގެ ވަގުތެވެ. ކޮފީއެއްހަދައިގެން އިޒިއަން ނުކުތީ ބެލްކަންޏަށެވެ. ކޮފީ ބޮމުން ދިޔައިރު އޭނާގެ ނަޒަރު ހުރީ ދުރަށް ހުއްޓިފައެވެ. ވިސްނުމަކަށް ގެއްލިފައެވެ. އެހެން ހުރެފައި ހޫނު ކޮފީތަށި ތުމުގައި ޖަހާ ދަމާލެވުނު ގޮތުން ދޫފިހި ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. އަތަށް ގެނެވުނު ހަރަކާތުގެ ސަބަބުން ކޮފީތަށިވެސް ވެއްޓި ތެޅިއްޖެއެވެ. އަނގަޔަށް ގޮތެއް ހަދާލެވުމާއެކު އޭނާ ފޯނު ނަގާ ނަޒަރު ހުއްޓާލިއެވެ. އަނާލްގެ ނަންބަރު ހުޅުވާލުމަށްފަހު ގުޅަންވީތޯ ނުވަތަ ނޫންތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. ޖަވާބު ނުލިބުމާއެކު ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން އިޒިއަންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ތެޅިފައި އޮތް ޖޯޑުގެ އެތި ކޮޅުތަކަށް ނާރާ ނުކުންނަންވެގެން އިޒިއަން ފިޔަވަޅު އެޅީ ވަރަށް ބަލައިގެންނަމަވެސް އޭނާގެ ނަސީބު ދެރައީ ކަންނޭގެއެވެ. އެކަތި ކޮޅު ފަޔަށް ހެރި ފައިކަފައިގެން ދިޔައެވެ. އެއްފައިން ކޮރަމުން ކޮރަމުން އައިސް އޭނާ ކޮޓަރީގެ އެނދުގައި އިށީނެވެ. ފުޅިތޮށި ކޮޅު ނައްޓާލަމުން ފަސްޓްއެއިޑް ބޮކްސް ގެނެސްގެން ބޭސް އަޅަން އިންދާ ކިނާން އައެވެ.

"ނާނު ކިހިނެތް ވަނީ؟" އިޒިއަންއަށް އަހާލެވުނެވެ.

"ހަނދާންނެތުނީތަ؟ ކޯޑު އިނގެޔޭ. އެނީ ވޭ ދޮންބެ ކިހިނެއް ހަދައިގެން ތިއުޅެނީ؟" ކިނާން ސުވާލުކޮށްލިއެވެ. އިޒިއަން ވީ ގޮތް އޮޅުން ފިލުވާދިނެވެ.

"ދޮންބެ ދައްތައަށް ގުޅަންވީދޯ! އޭރުން އަންނާނެއެއްނު......." ކިނާންގެ ޖުމްލަ ފުރިހަމަ ކުރެވޭ ގޮތް ނުވީ އިޒިއަން ފާޑަކަށް ބަލާލުމުންނެވެ. އޭނާ ވާހަކަ އޮޅުވާލަމުން ދެން ދައްކަން ފެށީ ދީމްގެ ބައްޕަގެ ވާހަކައެވެ.

އެރޭގެ ފަހުން އަނާލް އަނެއްކާވެސް އިޒިއަން ކައިރިއަށް ދިޔުން މަދުކޮށްލިއެވެ. އޭނާ ބިރުގަތީއެވެ. މަޒާޔާ ގުޅާ ކޮންމެ ރެއަކު އޭނާއަށް ދޮގެއްވެސް ނުހެދޭނެއެވެ. ރޭގައި މާގިނައިރުވެސް ވީއެވެ. އޭނާ ގެ އަށް އައީވެސް މެންދަމުން އަލިވެ ދޭއްޖެހިފަހުންވިއްޔާއެވެ. ދޮގުހެދުމަކީ އަނާލްއަށް ފަސޭހަކަމަކަށް ވެސް ނުވިއެވެ.

އަނާލް ކުއްލިއަކަށް ނާންނަން ފެށުމުން އިޒިއަންއަށް އަނެއްކާވެސް އެކަނިވެރިކަން އިހްސާސްކުރެވެން ފެށިއެވެ. މާ ބޮޑު ވާހަކައެއް ނުދެކެވުނަސް އަނާލް ގެއަށް އަންނާތީ ކޮންމެވެސް ވަރަކަށް ފަޅުކަން ފިލައެވެ. ހަމައެކަނި އެ ސޫރަ ފެނުމުންވެސް އޭނާ ހިންހަމަޖެހޭ ވިއްޔާއެވެ.

ވޭތުވެ މިދިޔަ ތިންމަސް ދުވަސްތެރޭގައި ޝާހީން އާއި ދާރިޔާވެސް ވަނީ އަލުން ކައިވެނިކޮށްފައެވެ. ދީމް އާއި ކިނާން އާއި ދެމެދުވެސް ގޮތް ނޭނގޭ ގުޅުމެއް ހިނގަމުން އެބަދެއެވެ. މަޑުމަޑުން ހުރިހާކަމެއްވެސް ރަނގަޅުވަމުން ދާކަމުގެ ކޮޅުމަތި ފެންނަން ފެށިއެވެ. އަނާލްގެ ފަރާތުން ފެނުނު އަމަލުތަކުން އިޒިއަންއަށް ހިސާބެއްގެ ހިންހަމަޖެހުމެއް ލިބުނެވެ. އަނެއްކޮޅުން މަންމަގެ މާފު ނުލިބުނަސް ބައްޕަގެ މާފު އޭނާއަށް ލިބިއްޖެއެވެ. އެވެސް ކިހާބޮޑުވަރެއްހެއްޔެވެ؟ އިޒިއަން ހިތްވަރުކުރިއެވެ. އަދި އިރާދަކުރެއްވިއްޔާ އެންމެންގެ މާފުވެސް އޭނާއަށް ލިބޭނެއެވެ. އިޒިއަން އަނާލްއަށް ގުޅާލިއެވެ. އަނާލް މަތިން ހަނދާންވާތީއެވެ. އެ އަޑު އަހަން ކެތްމަދުވީތީއެވެ. އެކޮޅުން ފޯން ނެގުމާއެކު އިޒިއަން ވާހަކަދައްކަން ފެށިއެވެ.

"ނާލް! ނާލް ކީއްވެ ނާންނަނީ؟ ނާލް! ކީއްވެ ވާހަކަ ނުދައްކަނީ؟" އެކޮޅުން އެއްޗެކޭ ނުބުނުމުން އިޒިއަންއަށް ކުޑަކޮށް މަޑުޖެހިލެވުނެވެ. އޭނާ ދެން ވެސް އަނާލްއަށް ގޮވާލިއެވެ. ފޯނު ނެގިނަމަވެސް އިރުކޮޅަކު އެއްޗެކޭ ނުބުނެ މަޑުކުރުމަށްފަހު ދެން އިވުނީ ފޯނު ކަނޑާލި އަޑެވެ. އިޒިއަން ދެކޮނޑު އަރުވާލަމުން ފޯން ސޯފާމައްޗަށް އެއްލާލިއެވެ. އެމީހުންގެ ގުޅުން ހާދަ 'ކޮންޕްލިކޭޓެޑްއެވެ'. ދެފަރާތަށް ބޯ ހޫރާލަމުން އޭނާ ގޮސް ފްރިޖުން އެކްސެލް ދަޅެއް ނަގައިގެން އައިސް އެ ބޯން ފެށިއެވެ.

އަނާލް ކައްކާބަޔަށް ވަންއިރު ކޮންމެވެސް އެއްޗެއް ކެއްކުމަށްޓަކައި ގެއަށް އަލަށް ގެނައި ނޯކަރު ރިމީ އާއި ސަރާ ހަރަކާތްތެރިވަމުން ދިޔައެވެ. އޭނާ ފްރިޖްކައިރިއަށް ހުއްޓި ދެތިން ކިވީ ނެގިއެވެ. އެވަގުތަކީ ރިމީ ކޮންމެވެސް އެއްޗެއް އުނދުން މައްޗަށް އުދައިގެން އުޅުނު ވަގުތެވެ. އޭގެ ވަސް އަނާލްގެ ނޭފަތުގައި ޖެހުމާއެކު އޭނައަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ. އާދަޔާ ހިލާފް ނުބައިވަހެއް އޭނާއަށް ދުވިއެވެ. ހޮޑުލަވައިގަތްލެއް ބޮޑުކަމުން އޭނާއަށް ދެން ނުވާނޭ ހިތާ ކިވީތައް ވެސް އުކާލާފައި ދުއްވައިގަތީ ސިންކާ ދިމާލަށެވެ. ދެވުނީ ކިރިއާއެވެ. ހޮޑުލެވިއްޖެއެވެ. އަނާލްއަށް ފެންފޮދެއް ރިމީ ދިނެވެ. އަދި އަނާލް ރަނގަޅުތޯ އަހާލިއެވެ. ހޮޑުލާ ނިމިގެން ހިންދެމިލިތަނާ އަނެއްކާވެސް އޯކާދެމެން ފެށުނެވެ.

"ކޯންޗެއްތަ ތިހަދަނީ؟" އަނާލް ރިމީ ގާތު އަހާލިއެވެ. އެވަގުތަކީ މަޒާޔާވެސް އައިސް ވަތް ވަގުތެވެ. އޭނާގެ މޫނުމަތިން ހިސާބެއްގެ ހައިރާންކަމެއް ފެންނަމުންދިޔައެވެ.

"ނާލް ބަލިވެތަ؟" އޭނާ އަވަސް އަވަހަށް އައިސް އަނާލްގެ ބުރަކަށީގައި ފިރުމަދޭންފެށިއެވެ. އަނާލް ކުޑަކޮށް ހަމައަކަށް އެޅިލުމާއެކު މަޒާޔާ އަނާލް ގެނެސް ކާމޭޒު ދޮށުގައި ބޭންދިއެވެ. އަދި އަނާލްގެ ބުރަކަށީގައި ފިރުމާލިއެވެ.

"ނާލް ކީއްވެ ހޮޑުލެވުނީ؟" އޯގާތެރިކަމާއެކު މަޒާޔާ ސުވާލުކޮށްލުމުން އަނާލް ބުނީ އޭނާ މިއަދު ނުކައިހުރީތީ ވީ ކަމެއް ކަމުގައެވެ. އެހެންނަމަވެސް ޝައްކުގެ އޮއިވަރެއް އޭނާގެ ހިތުގައި ހިގައިގަތެވެ. ފޯނަށް ބަލާލުމާއެކު އަނެއްކާވެސް އޭނާ ތުންފަތުގައި ދަތް އަޅާލިއެވެ. އެއަށްފަހު މަޒާޔާއަށް ބަލާލިއެވެ. އަނާލް އެދުނީ އޭނާ އަރާމްކޮށްލަން ބޭނުންވާކަމަށެވެ. މަޒާޔާވެސް ދެކޮޅެއް ނުހަދައެވެ. އަނާލްގާތު އޭނާ އެއްޗެއް ތައްޔާރުކޮށްގެން ގެންގޮސްދޭނަމޭ ބުނަމުން އަނާލް ފޮނުވާލާފައި އިރުކޮޅަކު ބަލަން ހުއްޓެވެ. އެއަށްފަހު އަނާލްއަށް ދޭން ނިކަން އަވަސް އަވަހަށް ޖޫސް ތައްޓަކާއި އެއްޗެހި ތައްޔާރުކުރީ އޭނާގެ އަތުންނެވެ.

އަނާލް ކޮޓަރިއަށް ވަދެ ދެކޮޅަށް ހިނގަންފެށިއެވެ. ބިރުވެރި ކަމެއްވެސް އޭނާގެ ހިތުގައިވެއެވެ. އޭނާ އަނެއްކާ ބަނޑުބޮޑީހެއްޔެވެ؟ މިދުވަސްކޮޅު އޭނާއަށް ވާގޮތްތަކަކީ އާއްމުގޮތެއްގައި މާބަނޑު ދުވަސްވަރު މީހުންނަށް ދިމާވާ އުނދަގޫތަކެވެ. މިހެން ދިމާވާތާ މިހާރު ހަފްތާއެއް ވީއެވެ. ހެނދުނު ހޭލާއިރު ބޮލަށް އެނބުރުން އެރުމާއި ބައެއް އެއްޗެހިން ނުބައި ވަސްދުވުން ހިމެނެއެވެ. އޭނާއަށް އެންމެ މީރުވެސް ދުވާ ސެންޓުންވެސް މިހާރު ނުބައިވަސް ދުވާތީ ޖެހޭގޮތެއްނުވެއެވެ.

އަނާލްއަށް ވސްނާލެވުނީ އަދިކިރިއާއެވެ. ހުރިހާކަމަކަށް ބަލާލާފައި ބަނޑުބޮޑުކަން ގައިގަނޑަކަށް ޔަގީން ކުރެވުނަސް އަނާލް ބޭނުންވީ ޓެސްހަދާށެވެ.

ޖެހިގެން އައިދުވަހު މަޒާޔާއަށްވެސް ނޭނގި އަނާލް ހޮސްޕިޓަލަށް ގޮސް ޓެސްޓް ހެދިއެވެ. ރިޕޯޓް ޕޮޒިޓިވް ވުމާއެކު އަނާލްއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އޭނާ މަންމައަށް ދައްކާނީ ކޮން މޫނެއްހެއްޔެވެ؟ މިވީ ދުވަސްތަކުގައި އޭނާ އިޒިއަންއާ އެތައް ފަހަރަކު ބައްދަލުކުރިކަން ދެން މި ވީ ގޮތުން ސިއްރެއް ނުކުރެވޭނެތާއެވެ. އެންމެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެވުމާއެކު ބޮލުގައި އަތްއަޅާލެވުނެވެ. އޭނާ ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ އެވަގުތު ފޯނަށް މެސެޖެއް އައިސްގެން ބަލާލިއިރު އިޒިއަންގެ މެސެޖެކެވެ. އަނާލް ނާންނާތީ އިޒިއަން އެކަމާ ކަންބޮޑުވާ ވާހަކައެވެ. ހަބަރެއްނުވާތީ ހާސްވާ ވާހަކައެވެ. އޭނާ އެ މެސެޖަށް ޖަވާބު ދޭހިޔާލެއް ނުކުރިއެވެ. ޓެސްޓުގެ ނަތީޖާއާއެކު އަނާލްގެ ސިކުނޑީގެ މަސައްކަތްތަކަށް ބުރޫއެރިފަދައެވެ. މަންމައާއި ބައްޕައަށް ސިއްރުން އިޒިއަން ކައިރިއަށް ދިޔުމުގެ ނަތީޖާ މިފެނުނީ ކިހިނެއްހެއްޔެވެ؟ ދުލުން އެއްވެސް އެއްޗެއް ނުބުނެ އެގުޅުން އެހާ ހިސާބަށް ދިޔުމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟ އޭނާގެ ހިތުގައި އިޒިއަން އާ މެދު ލޯބިވާކަން ޔަޤީނެވެ. އެހެންނަމަވެސް އަދިވެސް އިޒިއަންއަށް މާފުދޭން ހިތް ދެކޮޅު ހަދަނީކީއްވެހެއްޔެވެ؟ އޭނާގެ ހިތުން މާފު ނުދޭއިރު ބަނޑުގައި އުފެދެމުން އެދާ ކުޑަ ދަރިފުޅަކީ އެ ދެމެދުގައި އޮތް ލޯބީގެ ނިޝާން ނޫން ދެން ކޯންޗެއްހެޔެވެ؟ އަނާލްގެ އަތްފައި ފިނިވިއެވެ. ފަހަރެއްގައިވެސް ދަރިފުޅު ބައްޕައެއްގެ ލޯބިން މަޙްރޫމް ވާކަށް ނޭދެއެވެ. އެހެނެއްކަމަކު އެ ދަރިފުޅުގެ ބައްޕައަށް ހިތުން ރުހުމުން މާފުދޭކަށްވެސް ބޭނުމެއް ނޫނެވެ. އޭނާހުރިތާ އޭނާއަށް ދިމާވި ފަދަ ހާދިސާއެއް ދިމާވި މީހަކު ހުރިނަމަ ކަންތައް ކުރާނީ ކިހިނެއްހެއްޔެވެ؟ އަންހެން ކުއްޖަކަށް ލިބޭނޭ އެންމެ ބޮޑު އަނިޔާ އޭނާއަށް ލިބުނީ އެންމެ މީހެއް ދެމީހެއްގެ ފަރާތަކުން ނޫނެވެ. ބޮޑު ގްރޫޕެއްގެ ފަރާތުންނެވެ. ހަނދާން ނައްތާލަން ކިތަންމެ ބޭނުންވިނަމަވެސް ބިރުވެރި ހުވަފެނެއް ފަދައިން އަބަދުވެސް އެ ހަނދާންތައް އޭނާއާއެކު ވާނެއެވެ.

ހަޤީގަތް ސިއްރުކޮށްފައެއްވެސް ނުބޭއްވޭނެއެވެ. އޭނާއަށް ވެރިވަމުންދިޔަ ހާސްކާމާއި ސިކުނޑީގައި ތޮއްޖެހެމުންދިޔަ ހިޔާލުތަކުގެ ސަބަބުން އެ ފަދަ ހަބަރެއް ލިބިގެން ލިބެންޖެހޭ އުފާ އޭގެ އެންމެ ފުރިހަމަގޮތުގައި އަނާލްއަށް ލިބޭގޮތެއްނުވިއެވެ. ވަރިވާން ވަރިވާން ކިޔަ ކިޔާ ހުއްޓާ އެންމެ ފަހުން ކުރެވުނު އެންމެ ކުށެއްގެ ސަބަބުން ބަނޑުބޮޑުވީއެވެ. ތަޤުދީރު އޭނާއާ މިކުރަނީ ކޮންފަދަ ސަމާސާ އެއްހެއްޔެވެ؟ އިޒިއަންގެ ކިބައިން އޭނާ ނަގަންއުޅުނު ބަދަލު ދެން ނަގާނީވެސް ކިހިނަކުންހެއްޔެވެ؟ މިވީ ދުވަސްތަކުގައި އިޒިއަންއަށް މާފުކުރާނީ ބާއޭ ނޫނީ ނޫންބާއޭ ހިތަށްއަރާ ސިކުނޑީގައި ބަހުސެއް ކުރެވުނެވެ. ބައެއްފަހަރު މާފުދީ އަލުން އިޒިއަންއާއެކު ހަޔާތެއް ފަށަން ނިންމިނަމަވެސް އެރޭގެ ހާދިސާ ސިފަވާ ކޮންމެ ފަހަރަކު އޭނައަށް އިޒިއަންގެ ކިބައިން ބަދަލުހިފުމުގެ ރޫހު އާލާވެގެންދެއެވެ. އޭނާ ތަޙައްމަލް ކުރިފަދަ އިޙްސާސްކުރެވޭނީ އޭނާއަށް ދިމާވި ފަދަ ހާދިސާއެއްދިމާވި މީހަކަށެވެ.

ބޮލުގައި އަތް އަޅާލަމުން އަނާލް ތެދުވިއެވެ. އެ ހިނދު ކުރިމަތީގައި މަޑުކޮށްލައިގެން ހުރި މޫނު ބުރުގާ އެޅި އަންހެން މީހާ އަނާލްގެ ލޮލުގައި އަޅައިގަތެވެ. ކާކުކަން ނޭނގުމާއެކު އަނާލް މާ ބޮޑު ސަމާލުކަމެއް ނުދީ ދާން ވެގެން ތެދުވެ ހިނގައިގަތެވެ.

"އަނާލް'' ހުއްޓެން މަޖުބޫރުވީ އެ އަޑަކީ އޭނަ ދަންނަ އަޑަކަށް ވީތީއެވެ. ހައިރާންކަމާއެކު ފަހަތަށް އެނބުރިލާ އަނާލް މަޑުކޮށްލިއެވެ. ސިކުނޑިއަށް ބާރުލުމާއެކު އެއީ ކާކުކަން އަނާލްއަށް ދެނެގަނެވުނެވެ. އެއާއެކު އޭނާގެ ދުލުން ތަނާހާގެ ނަން ބޭރުވެގެން ދިޔައެވެ. ކިތަންމެ މަޑުންނަމަވެސް އެ އަޑު ތަނާހާއަށް އިވުނެވެ. އޭނާ އަނާލްއާ ސަލާމް ކޮށްލުމުގެ ނިޔަތުގައި އަނާލްއަށް އޭނާގެ އަތް ދިއްކޮށްލިއެވެ.

(ނުނިމޭ...)

https://sun.mv/120007

comment ކޮމެންޓް