މާފުކުރާށޭ ލޯބިވާ (ފަހުބައި)

ދީމް ހޯލް ތެރެއަށް ވަނީ ކިނާން އާއެކުގައެވެ. އެމީހުންތިބެން ހަމަޖެހިފައިވާ ތަނުގައި ހުއްޓުނުއިރު ދެ މީހުންގެ މޫނުމަތީގައިވެސް ވަނީ ނުފިލާ ހިނިތުންވުމެކެވެ. ރަތްކުލައިގެ މާޓުކުރި ތަކުންނާއި ރަތްކުލައިގެ އެކި ވައްތަރުގެ ލައިޓްތަކުން މުޅިތަން ވަނީ ޒީނަތްތެރިކޮށްލާފައެވެ.

އަންނަމުންދިޔަ ހުރިހާ މެހެމާނުންވެސް ދިޔައީ އެ ޒުވާން ޖޯޑަށް ތައުރީފް ކުރަމުންނެވެ. ކޮންމެ މީހެއްގެ ދުލުންވެސް އިވެނީ ބާއްޖަވެރިކައިވެންޏަކަށް އެދެމުން ދުޢާ ކުރާ އަޑުތަކެވެ. ދީމް އެހެންހުރިއިރު ކިނާން ދީމްއާއި ލާނެއް ސަމާސާތައް ބައެއްފަހަރު ކޮށްލައެވެ. އެގޮތުން ބައެއްފަހަރު ދީމްގެ އުނަގަނޑުގައި އަތް އަޅުވާލާ ކައިރިކޮށްލަފާނެއެވެ. އަނެއްބައިފަހަރު ކޯތާފަތުގައި ފިރުމާލަފާނެއެވެ.

އިޒިއަން ހުރީ ކައިސްއާއެކު ތަންކޮޅެއް ދުރުގައި ވާހަކައެއް ދައްކާށެވެ. އޭނާގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ.

"ނާރެއްގެ ކަމަކަށް ވެދާނެބާއޭ ހިތަށް އަރަނީ. ފިޒިއޯ ނަގާއިރުވެސް އެގޮތަށް އެބަ ބައެއްފަހަރު ވާގި ދޭ. މިރޭ ދެފަހަރަކު ވެއްޖެ. އެހެންވެ އަހާމިލެވުނީ" އޭނާ ކައިސް އާ ސުވާލުކޮށްލިއެވެ. ކައިސްއަށް ޖަވާބެއްނުދެވި އުޅެނިކޮށް އަނާލް އައިސް އެ މީހުން ގާތަށް ހުއްޓުނެވެ. އިޒިއަން އަތުން އިޝާރާތް ކުރީ އެކަމާ ގުޅޭ ވާހަކައެއް ނުދެއްކުމަށެވެ. ކައިސް ވެސް ބޯ ޖަހާލިއެވެ.

"އެކްސް ކިޔުސް މީ" ކައިސްގެ ލޮލުގައި ރަމްޔާ އަޅައިގަތުމާއެކު އޭނާ އެ ދިމާލަށް ހިނގައިގަތެވެ. ރަމްޔާ އާމެދު އޭނާގެ ހިތުގައި ވެސް ބުނެދޭން ނޭނގޭ އިޙްސާސްތަކެއް ވެއެވެ. ހާމަ ކުރަން ނުކެރެނީ ރަމްޔާ ހީކޮށްފާނެ އެއްޗެއް ނޭނގޭތީއެވެ. މިރޭ ހާއްސަކޮށް ރަމްޔާ އޭނާއަށް ވަރަށް ރީއްޗެވެ. ރަމްޔާވެސް އަދި މީހަކާ ނީންނަކަން އެނގުނީއްސުރެ އޭނާއާ ދޭތެރޭ ކައިސްގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ.

"އެ ދެމީހުންވެސް ހީވޭ ކަމެއްހެން" އަނާލް ކައިސް ދިޔަދިމާލަށް ބަލަން ހުރެ ބުނެލިއެވެ.

"ދީމް ވެސް ކިހާ ލޯބިތަ ބުރުގާ އެޅީމަ. ނާލް ވެސް ބުރުގާ އެޅީމަ މާ ރީތިވާނެހެން ހީވަނީ" އަނާލްގެ ހުޅި ނައްޓާލާ އޭނާގެ ކަނދުރާ ފޮރުވާލަމުން އިޒިއަން މަޑުމަޑުން އަނާލްގެ ކަންފަތް ދޮށަށް ގުދުވެ ބުނެލިއެވެ.

"އިޒް ވެސް ބޭނުންވަނީ އަހަރެން ބުރުގާ އަޅަން ދޯ. މިހާރު ތި ހިޔާލެއް ގެންގުޅޭތާ ވެސް ދުވަސްގަނޑެއްވެއްޖެ....." އަނާލް އޭނާގެ ހިތުގައި އޮތް އެއްޗެއް އިޒިއަންއަށް ހާމަ ކޮށްލިއެވެ.

"ވީ އެންމެ އަވަހަކަށް އަޅަންވީ" އިޒިއަން އަނާލްގެ އަތުގައި ހިފާލިއެވެ. އެދެމީހުން އެތަނުގައި ތިއްބާ ތަނާހާ އައިސް ސަލާމް ގޮވާލިއެވެ. އަނާލްއާއި އިޒިއަންއާ ދެމީހުން ސަލާމަށް ޖަވާބުދެމުން ތަނާހާގެ ފިރިމީހާއަށްވެސް ހިނިތުންވެލިއެވެ. ތަނާހާ ވެސް އަނާލްމެން ގާތު ހުރެލާފައި ފިރިމީހާއާއެކު ދުރަށް ޖެހިލި ވަގުތު އެއްލި ނަޒަރަކުން ތަންކޮޅެއް ދުރުގައި ހުރި ދާއިން އެ ދެމީހުންގެ ލޮލުގައި އަޅައިގަތެވެ. އަތުގައި ހުރި ކޯކް ތަށި ބަހައްޓަމުން ދާއިން ހިނގައިގަތީ އެތަނުން ނުކުންނާށެވެ. އަނާލް އާއި އިޒިއަން އެކަކު އަނެކަކަށް ބަލާލާފައި ބޯ ޖަހާލުމަށްފަހު އެ ދިމާލަށް ހިނގައިގަތެވެ.

ދާއިން އެއައީ ކޮންމެހެން އަންނަ ހިތަކުން ނޫނެވެ. އަދިވެސް އަނާލް އާ ކުރިމަތިލާން އޭނާ ތައްޔާރެއްނޫނެވެ. ރާއްޖޭގައި ހުރެވުނު ވަގުތަކަށް ވުމާއެކު އާއިލާގެ އެންމެންގެ އެދުމާ އަދި ޝާހީންގެ އެދުމުގެ މަތިން އޭނާ އައީއެވެ.

ދޮރުން ނުކުމެ ނުކުމެ ހުއްޓާ އޭނާއަށް ސިހުން ގެނުވީ އިޒިއަން ގޮވާލުމާއެކުގައެވެ. ފަހަތަށް އެނބުރުނީ ފަހަރެއްގައިވެސް އަނާލް ފެނިދާނެކަމަކަށް ނޫނެވެ. އެހެންނަމަވެސް އަނާލް ފެނުމާއެކު އޭނާ މަޑުނުކޮށް ފިޔަވަޅުތަކަށް ބާރު ކޮށްލަމުން އަނެއްފަރާތަށް އެނބުރި ހިނގައިގަތެވެ.

"ދާއިން" ހުއްޓެން މަޖުބޫރުވީ އަނެއްކާވެސް އަނާލްގެ އަޑަށެވެ. ހުރި ފިޔަވަޅު މަތީ ހުއްޓާ ކުރިމައްޗަށް އައިސް ހުއްޓުނު ދެމީހުން ފެނި އޭނާއަށް އިސްޖަހާލެވުނެވެ. ޕާޓީ ފެށިގެން ކުރިއަށް ދާތީ ހޯލްވޭތެރެއިން ހާލަކުން މީހަކު ނޫނީ ނުފެނެއެވެ.

"ދާއިން.... " އަނާލް ދެވަނަ ފަހަރަށްވެސް ގޮވާލިއެވެ.

"އައި އެމް ސޮރީ. އޭރު އުޅެވުނީ ރަނގަޅަކަށް ނޫން. ބޭނުމެއްނުވި މިތަނަށް އަންނާކަށް މިރޭ... އެކަމަކު.... އައި އެމް ސޮރީ. ދެން ނާންނާނަން އެއްވެސް މީހެއް ފެންނަ ހިސާބަށް" ދާއިން ހުރީ ހާސްވެފައެވެ. ކިޔޭ ނުކިޔޭއެއްޗެއްވެސް އޭނާއަކަށް ނޭނގެއެވެ.

"އިޓްސް އޯކޭ. ވެދިޔަ ކަންތައް ބަދަލެއް ނުކުރެވޭނެ. އެކަމަށް ދާއިން އަދަބުވެސް ލިބިގެންފިން... " އަނާލް މަޑުމަޑުން ބުނެލިއެވެ.

"އަހަރެންނަށް އެ ކަންތައް މަތިން، އަދި އެ ހާދިސާ މަތިންވެސް ހަނދާންނައްތައެއް ނުލެވޭނެ. އެކަމަކު މާފު ކުރެވިދާނެ... ކުޑަބެގެ ހައްގުގަ، އެންމެނަށްވެސް އޮތީ އެކަން މަތިން ހަނދާން ނައްތާލުން. އެ ހަނދާންތަކާއެކުވެސް އެކަކު އަނެކަކަށް މާފުދީ އުޅެން ދަސްކުރުން... މާފު ދިނުމަކީ އަހަރެންނަށް ފަހަރެއްގައިވެސް ފަސޭހަކަމެއް ނޫން.... އެކަން މިކުރަނީ ވަރަށް އުނދަލުން..." އަނާން ބުނެލިއެވެ. އެ ހިސާބަށް ބުނެވުނުތަނާ އިޒިއަން އަނާލްގެ އަތަށް ކުޑަ ލުޔެއްދިންކަން އަނާލްއަށް އިޙްސާސްވިއެވެ. އޭނާ އަމިއްލައަށް އިޒިއަންގެ އަތަށް ބާރުކޮށްލިއެވެ.

"މާފުދޭން ފަސޭހައެއްނޫން. ހިތަށް އަރާފާނެ. އިޒް ވެސް އެހާ ދުވަހު އަހަރެންގެ ފަހަތުން އާދޭސް ކުރަމުން ދުވިއިރު އަހަރެން ހިތް ހަރުކޮށްގެން އުޅުނީ ހާދަ އަމިއްލަ އެދުން ބޮޑުވީމައޭ. އިޒް އަހަރެންގެ ގައިގައި ތެޅިއަސް އަހަރެން މާފުދޭނަން. އެކަމަކު އެ ވަރުގެ ފިނޑި އަމަލަކަށް ކިހިނެތް މާފު ދޭނީ އެހާ ފަސޭހައިން. އަހަރެން ގެ މުޅި ދިރިއުޅުން ގެއްލުނީ. އެންމެ މީހެއް ނޫން..... "އަނާލް ވާހަކަ ހުއްޓާލިއެވެ.

"ނާލް އިޓްސް އޯކޭ... އައި އަންޑަރސްޓޭންޑް..." އިޒިއަން މަޑުމަޑުން ބުނެލިއެވެ.

އިޓްސް އޯކޭ ދާއިން... އިޓްސް އޯކޭ... އަހަރެން މާފުކޮށްފިން... އައި އެމް އޯކޭ ނައު.... އިޓްސް އޯކޭ" ދެލޮލަށް ކަރުނަތައް ޖަމާވެ އެންމެ ފަހުން ފައިބާނެހެން ހީވުމާއެކު އަނާލް އަނެއްފަރާތަށް އެނބުރި ގޮސް ހޯލް ތެރެއަށް ވަނުމާއެކު އިޒިއަން ދާއިންގެ ކޮނޑުގައި ޖަހާލިއެވެ.

"އެހާ ބޮޑު ހިތެއް ނާލްއަށް ލިބުނީ ކިހިނެތް؟ އެ އަންހެން ކުއްޖާއަށް އަހަރެމެން ނުކުރަނީ ކީއް؟" ދާއިން އިޒިއަންއަށް އަޑު އިވޭވަރަށް ބުނެލިއެވެ. އިޒިއަންވެސްހީލުމަށްފަހު ދާއިންގެ ކޮނޑުގައި ހިފައްޓަމުން ދާއިންއާ އެކު އެތެރެއަށް ވަދެލިއެވެ.

އެންމެ ފަހުން ޕާރޓީ ނިމެންވެސް ގާތްވެއްޖެއެވެ. މެހެމާނުންތައްވެސް ދާން ފަށައިފިއެވެ. އެންމެ ފަހު ކަމަކަށް އޮތީ އާއިލީ ފޮޓޯ ޝޫޓެކެވެ.

ހަތްމަސް ފަސް

*****

ޑިސެންބަރު މަހުގެ ފިނިމޫސުމުގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ކެނެޑާގެ ފަރުބަދަމަތީ ރަށެއްގައި ހުރި އިޒިއަންމެންގެ އާއިލާގެ ކޮޓެޖްގެ ކުޑަ ދޮރު ކައިރީގައި އަނާލް މަޑުކޮށްލައިގެން ހޫނު ކޮފީތައްޓެއް އަތަށް ލައިގެން ހުރި އިރު އޭގެން އާވި އަރަމުން ދިޔައެވެ. ހުދުކުލައިގެ ކަފަކޮޅުތަކެއްފަދަ ސްނޯތަކުން ގަސްތަކުގެ ހޯލިތައް ފުރިފައިވާއިރު ގޯތިތެރޭގައި ވެސް ވަނީ ގަނޑުފެނުގެ ސާލެއް އޮޅާލެވިފައެވެ. ކުރިމަތިން ފެންނަމުން ދިޔަ ގެތަކުގެ ފުރާޅުމަތީގައި ސްނޯގެ ހުދު ދޫލަ ފެތުރި ބަރާވެފައިވާ މަންޒަރު ހިތްތަކަށް ފިނިކަން ގެނެސްދޭނެފަދަ މަންޒަރަކަށް ވެއެވެ. ދުރުދުރަށް ފެތުރިފައިވާ ވާދީތައް ފެންނަމުން ދިޔައީ ހުދުކުލައިގެ ކަފަކޮޅުތަކެއް ފަދައިންނެވެ. އަޖައިބެއްފަދަ މަޑުމައިތިރިކަމެއް މުޅި އެ މާހަލުގައިވެއެވެ. ބަލާފޫހިނުވާނޭ މަންޒަރެކެވެ. ހިތްތަކަށް ފިނިކަން ގެނެސްދީ ހިންހަމަޖައްސުވައިދޭނޭ މަންޒަރަކަށް ވާނެކަން ޔަގީނެވެ.

އަނާލް ލާފައިހުރީ ފިނިމޫސުމުގައި ލާ އުޅޭ ވައްތަރުގެ ހެދުމަކަށް ވިނަމަވެސް ކޮންމެވެސް ވަރެއްގެ ފިނިކަމެއް އޭނާގެ އެތެރެހަށީގައި ހިފާފައި ހުރުމުން ހީކަރުވާގޮތްވިއެވެ.

"ނާލް ކޮފީ ނުބޯށޭ ބުނީމަވެސް..... މަނާ އެއްޗެއްކަން އެނގޭއިރުވެސް..." އިޒިއަން އައި ގޮތަށް އައިސް އަނާލް އަތުން ކޮފީތަށި އަތުލަމުން ބުނެލިއެވެ.

"އަޅޭ! އިޒް އަށޭ ހަދައިގެން މިހުރީ. އެނގޭ މަނާ އެއްޗެއްކަން ދެން ކީކުރަންތަ ބޯންވީ. ކިތަންމެ މީރަސް ނުބޮވޭނެވިއްޔަ" އަނާލް ދެތުންފަތް އޫކޮށްލަމުން ބުނެލިއެވެ. މިދުވަސްކޮޅު އޭނާ އެންމެ ބޯ ހިތްވާއެއްޗަކީ އެއީއެވެ. ކޮފީއެވެ. ވަކިން ހާއްސަކޮށް ކަޅު ކޮފީއެވެ.

"ދޮގު... ނާލް އަކަށް ނޭނގޭ ދޮގު ހަދާކަށް" އިޒިއަން ބުނެލިއެވެ.

"އޯކޭ؟." ކޮފީތަށި ގެންގޮސް އެތެރޭގައި ހުރި މޭޒުމަތީގައި ބަހައްޓާފައި އަންނަމުން އަނާލް ބުނެލިއެވެ.

"ފިނިނުވޭތަ؟" އަނާލްގެ އުނަގަނޑުގައި އަތް އަޅުވާލަމުން އިޒިއަން އަހާލިއެވެ. އިޒިއަން މަޑުމަޑުން އޭނާގެ އަތް އަނާލްގެ ފަސްމަސްވެފައިވާ ބަނޑުގައި ޖައްސާލިއެވެ. ދަތްދޮޅު އަނާލްގެ ކޮނޑުގައި އަޅުވާލައިގެން އިރުކޮޅަކު ހުރެފައި އޭނާ ދުވެލާފައި ގޮސް ސިޑިން އަރާފައި ދެން އައީ ބޯ ރަޖައެއް ހިފައިގެންނެވެ. އައިސް އަނާލްގެ ގައިގައި އަޅާލަދިނެވެ.

"އޯކޭ... އެހާ ފިންޏެއް ނޫނޭ" އަނާލް އިޒިއަންއަށް ބަލާލަމުން ބުނެލިއެވެ.

"ނާލް އަށް ފިނިނުވާނެކަން އެނގެޔޭ... ޑެޑީގެ ލޯބި ލޯބި ބޭބީއަށޭ ދޯ މިގެއަނީ. އެކަން އެނގޭނެ ބޭބީއަށްވެސް" އަނާލްގެ ބަނޑަށް އިޝާރާތް ކޮށްލަމުން އިޒިއަން ބުނެލީ މަޑުމަޑުންނެވެ. އަނާލްގެ ލުއި ހުނުމުގެ އަޑު އިވި އިޒިއަން ބާރަށް ހީގަތެވެ.

އެއީ ދޮގެއް... ނާލްއާ ބޭބީއާ ދެމީހުން ވެސް ތިއީ ހަމަ މައި ލައިފް" އިޒިއަން ހުނުން މަޑުކޮށްލަމުން ބުނެލިއެވެ. އަނާލްގެ އަތުގައި ހިފާލައިގެން ގެނެސް ސޯފާގައި ބޭންދުމަށްފަހު އަލިފާންގަނޑު ރޯކޮށްލުމަށްފަހު އަނެއްފަރާތުގައި ހުރި ގޮނޑީގައި އިޒިއަންވެސް އިށީނެވެ.

"ކިހާއިރަކުތަ ފްލައިޓް އޮތީ..." އަނާލް ގަޑި ބަލާލަމުން އަހާލިއެވެ.

"މިރޭ ކެންސަލް ކޮށްލައިފިން... އަދި ތިން ދުވަސްފަހުން ފުރާ ގޮތަށް. އެކީ ރަނގަޅުވިނަމަވެސް އަދިވެސް އެއްފަހަރު ޗެކަޕެއް ހަދާލުން ރަނގަޅުވާނެއެއްނު... ދެން އަނެއްކާ މިރޭވެސް ވަރަށް ބޯކޮށް ސްނޯ ފައިބާ ވާހަކަ އޮތީ އެހެންވެ ބޭނުމެއްނުވި މިރޭ ފުރާކަށް" އިޒިއަން ބުނެލިއެވެ. އަނާލްވެސް ބުނީ އެގޮތް އެންމެ ރަނގަޅުވާނެ ކަމުގައެވެ. ދެމީހުން ރާއްޖޭން ބޭރަށް އައީ އިޒިއަންގެ ފައިގެ މައްސަލައަކާ ގުޅިގެންނެވެ. ޓްރާންޝިއެންޓް އިސްކީމިކް ޝޮކް ގެ ސަބަބުން އިޒިއަން ގެ ފައިން ބައެއްފަހަރު ވާގިގޮސް ޕެރަލައިޒް ވާތީ އެކަމުގެ ފަރުވާއަށް އެމީހުން ބޭރަށްއައީއެވެ.

އިޒިއަން އާއި އަނާލް އާ ދެމީހުން ފުރުން ފަސްކޮށްލާފައި އެ ދުވަހު އެކި ތަންތަނަށް ގޮސް އެކި ތަންތަން ބަލާލަން އުޅުނެވެ. ޖެހިގެން އައި ދެ ދުވަހުވެސް އެމީހުން އުޅުނީ އެފަދަ ގޮތަކަށެވެ. ޝޮޕިންގް ކުރުމުގައާއި ތަންތަނަށް ގޮސް އެކްސްޕްލޯރ ކޮށްލުމުގައެވެ. އެކަކު އަނެކަކަށްޓަކައި ވާ ލޯބި އެ ދެމީހުންގެ ކޮންމެ ހަރަކާތަކުން ފެންނަމުން ދިޔައެވެ. އަނާލް އާއި އިޒިއަންއާއި ދެމީހުން ރާއްޖެދާންވެގެން ހަމަޖެހުނު ދުވަހު ފެލައިޓް ކެންސަލް ވުމާއެކު އަނެއްކާވެސް އިތުރު ދުވަހަކު އެމީހުން މަޑުކުރަން ޖެހުނެވެ. އެކި ކައްތައްތައް ދިމާވެ މަޑުކުރަމުން އެންމެފަހުން ފުރޭ ވަރުވީ ޖެހިގެން އައި ހަފްތާގެ އާދިއްތަ ދުވަހުއެވެ.

ބޯޓު ތެރޭގައި އަނާލްގެ އަތުގައި ހިފާލާފައި އިޒިއަން ހިނިތުންވެލިއެވެ. އަނާލްވެސް މެއެވެ. އަނެއްކާވެސް އެމީހުންގެ ހަޔާތުގެ އާ ބާބޭއް ފެށުމަށް ތައްޔާރުވަމުން ދިޔަ ފަދައެވެ. އިތުރަށް އެ ހަޔާތަށް ހިތާމަވެރިކަމެއް ކުރިމަތި ނުވުމަށް ދުޢާ ކުރާ ހާލު އެކަކު އަނެކަކަށް ފުރިހަމައަށް އިތުބާރުކުރާ ހާލުއެވެ. މާފުދީ ހިތް އެކަކު އަނެކަކަށް ހުޅުވާލަމުންނެވެ. އެ ދެމެދުގައި އިތުރަށް ނުތަނަސްކަމެއް އުފެދުނަ ނުދިނުމަށް އެދޭ ހާލުގައެވެ. މާޒީން ލިބުނު ފިލާވަޅުތަކުގެ އަލީގައި މުސްތަޤްބަލް އުޖާލާ ކުރުމުގެ ބޭނުމުގައި ވެސް މެއެވެ. ހިތުގައި ވަނީ އަޒުމެވެ. އުންމީދެވެ. އެކަކު އަނެކަކަށްޓަކާ އިންތިހާ ލޯބިވެސް މެއެވެ.

ވައިގަދަ ދުވަހަކަށް ވުމާއެކު ފްލައިޓްވެސް އާދަޔާ ހިލާފަށް ޓާރބިއުލެންޓް ވަމުން ދިޔައެވެ. އެކި ފަހަރު މަތިން އަނާލް ބިރުން ނޭވާ ލާން އުނދަގޫވެގެން އުޅުނުނަމަވެސް ގާތުގައި އިނދެގެން އިޒިއަން ހިތްވަރު ދިނުން ވެގެންދިޔައީ އަނާލްއަށް ހަމަޖެހެން ލިބުނު އެންމެ މުހިންމު ފުރުސަތަށެވެ. އޭނާ ބިރުން އުޅޭ ކޮންމެ ފަހަރަކު އެންމެ ގާތުން ހިތްވަރުދެނީ އިޒިއަންއެވެ. އިޒިއަންފަދަ ހަޔާތުގެ ބައިވެރިއެއް ލިބުނުކަމީ އަނާލް މިއަދު އުފާކުރާކަމެކެވެ.

ފްލައިޓް ޖެއްސީ ރާއްޖެ ގަޑިން ހަވީރު ހަތަރެއް ޖަހަނިކޮށެވެ. އަނާލް އާއި އިޒިއަންއަށް މަރުހަބާ ކިޔުމަށްޓަކާ ދެއާއިލާގެ ހުރިހާ މެންބަރުންވެސް އެއާރޕޯޓަށް ޖަމާވެފައި ތިއްބެވެ.

އަނާލްއާއި އިޒިއަން އާ ދެމީހުން އެރައިވަލް ގޭޓުން ނުކުމެގެން އައިތަން އެންމެ ފުރަތަމަ ފެނުނީ ފަހީމްއަށެވެ. އޭނާ އެހެން އެންމެން ގާތު ބުނުމާއެކު އެންމެންވެސް އެ ދިމާލަށް ހިނގައިގަތީ ހިނިތުންވެފައިވާ މޫނަކާއެކުގައެވެ. ކިނާން ހުރީ ދީމްގެ އަތުގައި ހިފާލައިގެންނެވެ. ރަނާ އާއި ޝާދުވެސް ތިބީ އަނާލްމެން އަންނާތީ އެހާ އުފާވެފައެވެ. އަނާލް އައުމާއެކު އަކްނިޒާ އަނާލްގެ ގައިގައި ބައްދާލިއެވެ. އައްމާރުގޮސް އިޒިއަންގެ ކޮނޑުގައި ޖަހާލިއެވެ. އެންމެ ފުރަތަމަ ކޮންމެ މީހެއްގެ ލޮލުގައިވެސް އަޅައިގަންނަނީ އަނާލް ގެ ބަނޑެވެ. ކުރިއަށްވުރެ އަނާލް މާ ލޯބިކަމަށް ދައްކައެވެ.

އިޒިއަން އަނާލް ގާތަށް ޖެހިލުމާއެކު އަނާލް ލަދުން އިސްޖަހާލިއެވެ. އިޒިއަންގެ ތުންފަތް މައްޗަށް ވެރިވި ލާނެތްހިނިތުންވުމާއެކު އޭނަ އަނާލްގެ އުނަގަނޑުގައި މަޑުމަޑުން ހިފައްޓާލިއެވެ.

"މީހުނަށް ފެނިދާނެ" އަނާލް އިޒިއަންއަށް ބަލާލާ ލޯ އަޅާލަމުން ބުނެލުމާއެކު ދެއަތް މައްޗަށް ނަގާ ދައްކާލުމަށްފަހު ޖީބަށް ޖަހާލުމާއެކު އިޒިއަން ލުއިކޮށް ހީލިއެވެ.

"ފެނުނަސް ކީއްތަ؟ ތީ އަހަރެންގެ ހައްގަކޭ" އިޒިއަން އަނާލް ލަދުގަންނުވާލުމުގެ ބޭނުމުގައި ބުނެލިއެވެ.

އެންމެންވެސް ދިޔައީ ފަހީމްމެން ގެއަށެވެ. ހަވީރު ސައިއޮތީ އެގޭގައެވެ. ސްޓާރ ޕެލެސް ގޭގެ ގޯތި ތެރޭގެ ބިއްދޮށުގައިވާ މޭޒުގައި ތަފާތު ވައްތަރުގެ ކާނާ އަތުރާފައި ހުއްޓެވެ. ހަވީރުގެ ސަޔަށްފަހު މަޒާޔާމެންވެސް ގެއަށް ދިޔައީ އަނާލްވެސް އަރާމުކޮށްލަން ބޭނުންވެފައި ހުންނާނެތީއެވެ.

ވިއްސާރަ ދުވަހެކެވެ. ޔުމާން ހޮސްޕިޓަލަށް އައީ ދައުސްގެ ރިޕޯޓެއް ނަގާށެވެ. އޭނާ ނުކުންނަން ދަނިކޮށް ބާރު ބާރަށް ހިނގާފައި ދިޔަ އަންހެން ކުއްޖެއްގެ އަތުގައި ޖެހިފައި އެ ކުއްޖާ އަތުގައި އޮތް ރިޕޯޓެއް ވެއްޓުނެވެ. އެކަން ނޭނގި އެ އަންހެން ކުއްޖާ ބާރު ބާރަށް ހިނގާފައި ދިޔައިރު އެ ކުއްޖާގެ އަމަލުތައް ހުރި ގޮތުން ޔުމާން ހައިރާންވެސް ވިއެވެ. ހިގަމުން ދިޔަ އިރުވެސް ބައެއްފަހަރު ބޮލުގައި ހިފައްޓާލަފާނެއެވެ.

އޭނާ އެ ރިޕޯޓް ބަލާލީ ފަހަރެއްގައިވެސް އޭގައި ލިޔެފައިވާ އެއްޗެއް ކިޔާކަށް ނޫނެވެ. އެހެންނަމަވެސް އެއްލި ކަޅިއަކުން އޭނާއަށް ފެނުނީ ޒަހްވާގެ ނަމެވެ. އިސާހިތަކު އޭގައިވި އެއްޗެއް ބެލުމުގެ ޝައުގުވެރިކަން ޔުމާންގެ ހިތުގައި އުފެދުނެވެ. އޭނާ މަޑުމަޑުން އެ ގަނޑު އެކީ ނިއުޅުވާލާފައި އޭގައި އޮތް އެއްޗެއް ކިޔާލިއެވެ. އެއާއެކު އޭނާގެ ދެލޯ ވަގުތުން ބޮޑުވެގެން ދިޔައެވެ. އެ ގަނޑު އަތު ތެރޭގައި ބޮނޑި ކޮށްލެވުމާއެކު އޭނާއަށް ޒަހްވާ ދިޔަ ދިމާލަށް ބަލަން ހުރެވުނެވެ. އެހެން ހުރެފައި އިރުކޮޅަކުން ދެން ފެނުނީ ޔުމާންވެސް ބޮލުގައި އަތް އަޅާލިތަނެވެ.

ގާތުގައި ހުރި ގޮނޑީގައި އިށީނދެ އިނދެ އަދިވެސް އެއްފަހަރު އޭނާ އެ ރިޕޯޓަށް ބަލާލިއެވެ. ގަބޫލުކުރަން ދަތިވެފައިވާ ފަދަ ގޮތަކަށެވެ. އޭގައި ލިޔެފައިވި އެއްޗެއް އޭނާއަށް ފެނުނީ ރަނގަޅަށްބާއޭ ހިތަށް އަރަމުން ދިޔައެވެ. އެހެން އިންދާ ސިހުން ގެނުވީ އޭނާގެ ނަމުން މީހަކު ގޮވާލުމާއެކުގައެވެ. ކުރިމަތީގައި ހުރި މީހާ ފެނި ޔުމާން ކޮޅަށް ތެދުވެލާ އެ ރިޕޯޓް ފަތް ޖަހާލިއެވެ. އެއަށްފަހު ޖީބަށް ކޮށްޕާލިއެވެ. އިޒިއަން ފެނިގެން ޔުމާން ހިނިތުންވާން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ނުކުރެވުނީ ޒަހްވާގެ ރިޕޯޓް މަތިން ހަނދާންވާތީއެވެ. އޭރު އޭނާގެ ހިތުގައި ބިރުވެރިކަމެއްވެސް ދައުރުވަމުން ދިޔައެވެ. މިހާރު ޒަހްވާ އާ ގުޅުމެއް ނެތަސް ޒަހްވާ އަކީ މީގެކުރިން އޭނާގެ ވެސް އަންހެނުންނެވެ. އިޒިއަން އެދުނީ ކޮފީއަކަށް އެރުމަށެވެ. ދެކޮޅު ހަދާނެހާ ހިތްވަރު ނުލިބުމާއެކު ޔުމާންވެސް އެއްބަސްވިއެވެ. ހޮސްޕިޓަލާ މާދުރުނޫން ރެސްޓޯރެންޓަކަށް ގޮސް ދެމީހުން ކޮފީ އަކަށް އޯޑަރ ދިނެވެ.

"އިޒް ގާތު ވާހަކައެއް ދައްކާލަން އަހަރެންވެސް ބޭނުން... އެންމެ ފުރަތަމަ އެހަށް އަހަރެން ދައްކާ ވާހަކަ އަޑު އަހާލަދެވިދާނެތަ؟ އަދިވެސް އަހަރެންނަށް އެނގޭ އިޒްއަދި ނާލްގެ ހިތްވެސް އަހަރެންގެ މައްޗަށް ހެވެއްނުވާކަން. " ޔުމާން ވާހަކަފެށިއެވެ. އިޒިއަން އެއްޗެކޭ ނުބުނެ މަޑުކޮށްލީ ޔުމާން ދައްކާ ވާހަކައެއް ދައްކާ ނިމެންދެނެވެ.

"އަހަރެން ނާލް ދޫކޮށްލީ އަހަރެންގެ ހިތް އެކަމަށް އެއްބަސް ވެގެނެއްނޫން. މަޖުބޫރުވެގެން" ޔުމާންގެ ވާހަކައަޑުއަހާފައި އިޒިއަންއަށް ހައިރާންކަން ލިބުނެވެ.

"އާނ... އަހަރެންގެ އާއިލާ ގަބޫލެއްނުވި އަނާލް ނުކުޅެދޭ ކުއްޖަކަށް ވުމަށްފަހު އަނާލް އަހަރެންގެ ހަޔާތަށް ގެންނާކަށް. އަދި އަމްދުން އަނާލްއަށް އެފަދަ ހާދިސާއެއް ދިމާވުމުން އަނާލް އަހަރެންގެ ހަޔާތަށް ގެންނާކަށް. މަންމަމެން ގަބޫލުކުރީ އެ ހާދިސާގެ ސަބަބުން އަނާލްގެ އަބުރާ އިއްޒަތް ވެއްޔާ މޮޑެވުނުކަމަށް. އަދި އެއީ އަންހެން ކުއްޖަކަށް ލިބޭނެ އެންމެ ހުތުރު ނަންކަމަށް. އެހެންވެ މަންމަމެން ގަބޫލެއް ނުވި.... އަހަރެން ބޭނުންނުވެ ހުރެވެސް އަނާލް ދޫކޮށްލީ މަންމަމެންނާ ދެކޮޅަށް ދާން ނުކެރިގެން. މަންމަމެން ގެ އެދުމަށް އަހަރެން ޒަހްވާ އާ އިނަސް މާގިނަ ދުވަހެއްނުވެ ޒަހްވާގެ ކަންތައް ބޮޑުވެ މަންމަމެންނާ ވަކިން އުޅެން މަޖުބޫރުވީ. އެއަށްފަހު އާއިލާ އާއި އޮތް ގުޅުންވެސް މަޑުމަޑުން ކެނޑުނީ... ޒަހްވާ ވަރިކޮށް އެހެންމީހަކާ އިންފަހުން އާއިލާތެރޭގެ ކަންތައްތައްވެސް ވަނީ ހަމައަކަށް އެޅިފަ. އަނާލްއަށް އަހަރެންގެ ފޯނުން ޒަހްވާ ފާޑުފާޑު މެސެޖް ވެސް ކުރި. އެއިން އެއްވެސް ވާހަކައެއް އަނާލްއަކަށް ނޭނގޭނެ. އިޒިއަންއަށްވެސް އެނގޭނެ އަހަރެންވެސް މިހާރު މީހަކާ އިންކަން. އަދި މި އުޅެނީ އުފާވެރި ދިރިއުޅުމެއްކަން. އެކަމަކު އަހަރެން އަނާލްގެ މާފު ބޭނުން. މިހާރު އެނގޭ މިކަން އެނގިގެން އަނާލްގެ ހިތުން އިޒް ނޫން މީހަކަށް ޖާގައެއް ނުދެވޭނެކަން. އަދި އަހަރެންނާ މެދު އަނާލްގެ ހިތުގައި ވެސް އެއްވެސް އެކަހަލަ އިޙްސާސްއެއްނެތްކަން. އެހެންވީމަ މި ވަހަކަ ނާލް ގާތު ބުނެލަދީ. އަދި އަހަރެންނަށް މާފު ކުރުމަށް ބުނެދީ" ޔުމާން އިޒިއަންއަށް ނަޒަރު ހުއްޓާލިއެވެ.

"އަހަރެން ޔުމާން މިގެނައީވެސް އަހަރެމެން ދެމީހުންގެ ހިތުގައި ޔުމާންއަށް އެއްވެސް ހިތްބުރަކަމެއް ނެތޭ ބުނަންވެގެން. އަނާލްގެ ހިތުގައިވެސް އެއްވެސް އެއްޗެއް ނެތް ޔުމާން އާ ދޭތެރޭ. އަދި އަހަރެންގެ ހިތުގައިވެސް... ތި ހަޤީގަތް އެނގުމުން އަދި އަމްދުން ނާލް ޔުމާންއެއް ކުށްވެރިއެއް މިހާރަކު ނުކުރާނެ... އަހަރެމެން ދެމެދުގައި ދުޝްމަންކަން ނެތިއްޔާ އަހަރެން ގަބޫލު މިކުރަނީ ދެން ކޮންމެވެސް ވަރަކަށް އެކުވެރި ވެވުނީކަމަށް، މާ ގާތް ރަޙްމަތްތެރިންނަށް ނުވެވުނަސް..." އިޒިއަން ވާހަކަ ދެއްކީ ހިނިތުންވެލައިގެންއިނދެއެވެ. އޭނާ ޔުމާން އަށް އަތް ދިއްކޮށްލީ ސަލާމް ކޮށްލުމަށެވެ. ޔުމާންއަށްވެސް މާގި އިރު މަޑުކުރެވެން ނެތުމާއެކު އޭނާވެސް އިޒިއަންއާ ސަލާމް ކޮށްލުމަށްފަހު ހިނގައިގަތީ ކޮންމެވެސް މީހަކަށް ގުޅަމުން ފޯނު ކަންފަތުގައި ޖަހަމުންނެވެ. އިޒިއަންވެސް ޔުމާންގެ ފަހަތުން ގޮސް ރެސްޓޯރެންޓުން ނުކުތެވެ. ދެން އޭނާގެ މިސްރާބަކަށްވީ ގެއަށް ދިޔުމެވެ.

އެރޭ އިޒިއަން އެ ވާހަކަތައް އަނާލް އާ ހިއްސާކުރީ ނިދަން އޮށޯންނަމުންނެވެ. އަނާލް ޔުމާންއަށް މާފުކުރީ ހެޔޮ ހިތުންނެވެ. މިހާރު އޭނާގެ ހިތުގައި އެއްވެސް މީހެއްގެ މައްޗަށް ހިތް ބުރަކަމެއް ނެތް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ ބޭނުންވަނީ ބޭކާރު ކަންތަކާ ނުވިސްނާ އިޒިއަންއާއެކު އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅުމަށް ކަމަށް ބުންޏެވެ. މާޒީން އިބުރަތް ލިބިގަނެ ކުރިއަށް ދާން އަނާލް އަޒުމު ކަނޑައަޅައިފި ކަމުގައި ބުންޏެވެ.

"އަދި ވެސް ތަހުގީގަށް ކުރިއެރުމެއް ނުލިބޭ ދޯ" އަނާލް ސުވާލުކޮށްލިއެވެ.

"އާ. މިއަދި ފުލުހުން ބައްދަލުކޮށްފަ ބުނި އެ މީހަކީ އެ ބޭނުމުގަ އެތަނަށް ވަތް މީހެކޭ. ކޮންމެވެސް މީހަކު ބުނެގެން ކަމަށް ވަނީ އެކަމެއް ކުރީ. އޭނަ ބުނީ ކޮންމެވެސް ދިވެހިމީހެއް ބުނެގެނޭ އެކަން ކުރީ. ނަމެއް ނޭނގެޔޭ ބުނީ ލާރިދިނީމަ އޭނާވެސް އެކަން ކޮށްލީކަމަށްވަނީ... އޭނައަށް ހަމަލޮލަށް އެ ދެމީހުންވެސް ނުފެންނަކަމަށާއި ފެނުނު ދެފަހަރުވެސް ތިބީ މޫނު ނިވާ ކޮށްގެންކަމަށް ބުނި. ފުލުހުން ބުނީ ތަހުގީގަށް އިތުރު ކުރިއެރުމެއް އެ ނޫނީ ނުލިބެޔޭ. އަދި އެއްވާހަކަ އެބައޮތް... ބައްޕަ ބުނެފި ބޭރުގެ ހޮސްޕިޓަލާއި ގުޅިގެން އެމް.އެޗް.ޑީ.ސީއަށް ލިބުނު ގެއްލުން ފޫބައްދަން އެހީވާނެ ވާހަކަ" އިޒިއަން ވާހަކަ ދެއްކިއެވެ.

"އެމީހަކު އަވަހަށް އަތުލައިގަނެވޭނެ ނަމަ" އަނާލް އިޒިއަންއަށް ބަލާލާ ބުނެލިއެވެ. އެވަގުތު ދެމީހުންވެސް ނިޔާވި ދަރިފުޅުގެ މަތިން ހަނދާންކުރިއެވެ.

ހަލުވިކަމާއެކު ދުވަސްތައް ފާއިތުވަމުން ގޮސް ތިންމަސްދުވަސް ފާއިތުވެއްޖެއެވެ. އަނާލް އާއި އިޒިއަންއާއި ދެމީހުން އެމް.އެޗް.ޑީ.ސީގައި ތިއްބާ ޒައުނާ ވަދެފައި އަނާލްއަށް ބަލާލިއެވެ.

"ކިހިނެތްވީ ޒައު އާދޭ އިށީންނަން" ގޮނޑި ދައްކާލާފައި އަނާލް ބުނެލިއެވެ.

"ނާލް..... މީ..... ކޮންމެވެސް މީހަކު ނާލް އާ ބައްދަލުކުރަން އައިސް އެބަހުރި....." ޒައުނާ ބުނެލިއެވެ.

"ކާކުކަން އެނގޭތަ؟" އަނާލް އަހާލިއެވެ.

"ނޭނގޭ. އޭނަ ކައިރީ ބުނިން އެޕޮއިންޓްމެންޓެއް ހައްދަން. އެކަމަކު ހިލާ އެއްބަހެއްނުވި. ބުރުގާ އަޅާފަ ކަޅު ހެދުމެއް ލާފަ ހުރީ...." ޒައުނާ އެމީހާ ހުރިގޮތް ކިޔާ ދެމުން ދިޔައެވެ.

"މޫނު ބުރުގާ ތަ؟" ތަނާހާއާށް ވެދާނޭ ހިތާ އަނާލް ސުވާލުކޮށްލިއެވެ.

"ނޫން... މޫނު ބުރުގަލެއް ނޫން" ޒައުނާ ޖަވާބު ދިނުމާއެކު އަނާލް ބަލާލީ އިޒިއަންއަށެވެ. އެއީ އަނެއްކާ ކާކުބާއޭ އޭނާގެ ހިތަށްއެރިއެވެ. އިޒިއަން ބޯ ޖަހާލުމާއެކު އަނާލް އެދުނީ އެމީހަކު ގެނައުމަށެވެ. ޒައުނާ ދިޔުމާއެކު އަނާލް އިޒިއަން އަށް ބަލާލަމުން ވާހަކަދެއްކިއެވެ.

"އަނެއްކާ ކާކުބާ؟ އިޒްގެ ހަނދާނަށް އެއްވެސް މީހަކު އާދޭތަ؟" އަނާލް އެހިއެވެ.

"ނޫން ނާދޭ.... " އިޒިއަން ވެސް ދެފަރާތަށް ބޯ ހޫރާލިއެވެ. ފަސްވަރަކަށް މިނިޓް ފަހުން ޒައުނާ އައީ އެބުނާ ކުއްޖަކު ގޮވައިގެންނެވެ. އެތެއަށް ވަނުމާއެކު އަނާލްއަށް ލިބުނު ސިހުމުގައި ކޮޅަށް ތެދުވެވުނު އިރު އިޒިއަންވެސް ބަލަމުން ދިޔަ ފައިލުން ނަޒަރު ދުރުކޮށްލަމުން ދޮރާ ދިމާލަށް ބަލާލިއެވެ. އެއާއެކު އޭނާއަށްވެސް ލިބުނު ހައިރާންކަމުގައި ކޮޅަށް ތެދުވެވުނެވެ.

"ޒަހްވާ" އަނާލްއަށް އޭނާގެ ދުލުން ޒަހްވާގެ ނަން ބޭރުކޮށްލެވުނެވެ.

"އަނާލް" ޒަހްވާ ބުނެލިއިރު އެއަޑުގައިވަނީ ހިތާމަވެރިކަމެވެ.

އިޒިއަންއަށް ބަލާލާފައި އަނާލް އެދުނީ އެތެރެއަށް އައުމަށެވެ. ގޮނޑި ދައްކާލާފައި އެދުނީ އިށީންނާށެވެ.

"އަހަރެން މިއައީ އިށީންނާކަށް ނޫން. އިށީންދެގެން އިއްޒަތުގެ އިދެގެން އަނާލް އާއި އިޒިއަންއާއި ދެމީހުންނާ ވާހަކަ ދެއްކޭވަރަށްވުރެ އަހަރެން ނިކަމެތި. އަހަރެން މީ ވަރަށް ގޮތެއް ނެތް މީހެއް. އަހަރެންގެ ސަބަބުން އެތަކެއް ބަޔަކަށް ދެރަ ދެވިއްޖެ... އެތައް މައުސޫމު ބައެއްގެ ފުރާނަ މި ދުނިޔެއާ ވަކިވެއްޖެ..."

"ޒަހްވާ ކީކޭ ތި ކިޔަނީ؟" އަނާލްއަށް އަހާލެވުނެވެ.

"އާނ... އަނާލް، އަހަރެން އެކަން ކުރީ... އަހަރެން އިމާރާތުގަ ރޯ ކޮށްލީ. އެ އިންޒާރުގެ މެސެޖް ތައްވެސް ފޮނުވީ އަހަރެން. ކޮންމެ ފަހަރަކު ނާކާމިޔާބު ވަނީ އެތަނުގެ ސެކިއުރިޓީ ވަރުގަދަކަމުން. އެކަމަކު އެތަނަށް އަހަރެންގެ މީހަކު ވެއްދުމުން އެކަންކުރަން ފަސޭހަ...." ޒަހްވާގެ ވާހަކަ މިހިސާބަށް ދިޔަތަނާ އަނާލްގެ އަތުގެ ހޫނު ހަމަލާއެއް އޭނާގެ ކޯތާފަތަށް އަމާޒުވެގެން ދިޔައެވެ. އަނާލްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ނުދާންވީ އެއްވެސް ސަބަބެއްނެތެވެ. އޭނާގެ ދަރިފުޅު ދުނިޔެއާއި ވަކިވީ ޒަހްވާގެ ސަބަބުންނެވެ. ދެވަނަ ފަހަރު އޭނާ ޖަހަން މަޅާލި އަތް ތިރިކޮށްލަން މަޖުބޫރުވީ އިޒިއަން ކުރިއަށް ޖެހިލުމުންނެވެ. އޭނާ އައިސް އަނާލް ގާތަށް ހުއްޓުނެވެ. ޒަހްވާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.

"ނުބައި ނުލަފާ އަންހެނާ. ކަލޭއަކަށް ނޭނގޭތަ ކަލޭގެސަބަބުން އެތައް މައުސޫމް ފުރާނައެއް މިދުނިޔެއާ އަލްވަދާއު ކީކަމެއް. ނޭނގޭތަ އަހަރެންގެ ދަރިފުޅު މަރުވީ ކަލޭގެ ސަބަބުންކަމެއް؟. މިއަދު އަހަރެންގާތަށް އައިސް ތި ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ" އަނާލް ބާރަށް ބުނެލިއެވެ.

"އެނގޭ. އަހަރެން މިހުރީ ވަރަށް ލަދުގަނެފަ. އަހަރެން ކުރި ކުށުގެ ސަޒާ އަހަރެންނަށް ލިބިއްޖެ... މީހުން ބުނާތީ އަޑުއަހަރެން ދެ ދުނިޔޭންވެސް އެމީހަކު ކުރި ކުށުގެ ސަޒާ ލިބޭނޭ. މިއަދު އަހަރެން އެކަން ގަބޫލުކޮށްފިން... ތައުބާވެއްޖެއިން. އަހަރެންނަށް ވަނީ... އަހަރެންނަށްވަނީ....." ވާހަކައިގެ މިހިސާބަށް ދެވުނު އިރު ޒަހްވާގެ ދެލޮލުންވެސް ހޯސްލާފައި ކަރުނަ ފައިބަން ފަށައިފިއެވެ. ޒަހްވާއަށް ވީ ގޮތުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން އިޒިއަން އަދި އަނާލް އަށްވެސް ދެނެގަނެވުނެވެ.

"އަހަރެންނަށް ވަނީ އެއިޑްސް..... އެއިޑްސް ޖެހިފަ...." ޒަހްވާގެ އަނގައިން ވޭނީ އާހް އަކާއެކު އެ އަޑު ނުކުތުމާއެކު އިޒިއަންއާއި އަނާލްއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ޒަހްވާގެ ދެފައިން ވާގި ދޫވެ ހުރިތަނަށް ތިރިވެވުނީ އެވަގުތުއެވެ.

އާނ... އެ ނުރައްކާތެރި ބަލީގެ ޝިކާރައަކަށް ވީ ހިސާބުން އަހަރެންނަށް ތެދު މަގު ފެނުނީ. އަހަރެންގެ މަރު ގާތްވެއްޖެ ކަމުގެ އިޙްސާސްކުރެވުނު... ނޭނގޭ ބިރުވެރިކަމެއް ހިތަށް ވަނީ އެހިސާބުން. އުޅެވުނީ ރަނގަޅަށް ނޫންކަން ވިސްނުނީވެސް އެހިސާބުން... އަދި...... އަހަރެންނަށް ގެއްލުން ދެވުނު އެންމެންނަށް ދެވުނު ގެއްލުމަކީ އެއިން އެކަކަށްވެސް ހައްގު އެއްޗެއް ނޫންކަން ވިސްނުނީވެސް އެހިސާބުން. ކުރެވުނު ފާފަތަކާމެދު ވިސްނަން ފުރުސަތު ލިބުނީ އެހިސާބުން. މާތް ﷲ ގެ ކުޅަދުންވަންތަ ކަމާމެދު ވިސްނަން ފެށުނު ހިސާބަކީވެސްއެއީ... ޔުމާން ގާތުން މާފަށް އެދެފިން.... އަހަރެންގެ ދަރިފުޅު ގާތުންވެސް.....ތަނާހާގާތުންވެސް... މިއީ އަހަރެންނަށް ކުރެވުނު ފާފަތަކުގެ ނަތީޖާ.... ޔުމާން ގާތަށް ގޮސް ޔުމާން ގާތު ބުނިން.... ޔުމާން އަހަރެންނާ އިދެގެން އުޅުނީތީ ޓެސްޓު ކުރުމަށް އެދުނިން. ޔުމާން ބުނީ އެނާ ޓެސްޓު ކުރިކަމުގައި.... ނެގެޓިވް ކަމުގައި. އޭނާއަށް އަހަރެންގެ ރިޕޯޓްތައް ފެނުނީކަމުގައި ކިޔާދިން... އަހަރެން ރައްޓެހިވެގެން އުޅުނު މީހާއަށް ގުޅަން އުޅި އުޅި ގުޅޭ ގޮތެއްނުވި... ބަލިވެގެން ޑޮކްޓަކަށް ދައްކާލީމަ ރޫޓިންކޮށް ހަދަން ދިން ޓެސްޓަކުގެ ތެރޭގައި އެޗްއައިވީއަށް ޓެސްޓްކޮށްލީ... އެކަމަކު އެ ނަތީޖާ ވީ އަހަރެންގެ ދުނިޔެ ހުއްޓުވާލި ނަތީޖާއަކަށް. ފުލުހަށް ގޮސް އަހަރެން މިއަދު އެއްބަސްވާނަން އެކަން ކުރީ އަހަރެންކަމުގައި. އަދި އަހަރެންނާއެކު އެކަމުގައި ބައިވެރިވި މީހުންވެސް އަހަރެން ހާމަކުރާނަން... އަހަރެންނަށް މާފުކޮށްފީ" ހުއްޓެމުން ހުއްޓެމުން ކަހަލަ ގޮތަކަށް ޒަހްވާ ވާހަކަ ދެއްކިއެވެ. އަނާލް އިޒިއަންއަށް ބަލާލިއެވެ. ހަދަންވީ ގޮތެއް ނޭނގުމުންނެވެ. އިޒިއަން ވެސް ހުރީ ޝޮކެއްގައެވެ. އޭނާގެ ދަރިފުޅުގެ މަރުގެ ޒިންމާ ވާން ޖެހޭނީ ޒަހްވާއެވެ. ވީއިރު އޭނާއަށް ޒަހްވާއަށް މާފުދެވިދާނެހެއްޔެވެ؟ އިރުކޮޅަކު ވިސްނަން ހުރެފައި އޭނާ އަނާލްއަށް ބަލާލާފައި ބޯ ޖެހުމުން އަނާލް ޒަހްވާ ކޮޅަށް ނެގިއެވެ. އިޒިއަންއަށް ބަލާލާފައި މާފުކޮށްފީމޭ ބުނެލިއެވެ. އިޒިއަން ވެސް ބޯ ޖަހާލިއެވެ. ޒަހްވާއަށް ވެސް އެވަނީ ތެދުމަގު ފެނިފައެވެ.

ޖެހިގެން އައި ދުވަހު ޒަހްވާ ފުލުހުންނާ ހަވާލުވުމާއެކު ސޯޝަލް މީޑިއާގައި ޒަހްވާއަށް ނިސްބަތްކޮށް ހަޑިހުތުރު އެއްޗެހި ކިޔުން އާއްމުވިއެވެ. އެންމެންގެ ނަފްރަތު ޒަހްވާއަށް އަމާޒުވިއެވެ. ޒަހްވާ އެއްބަސްވެ އޭނާއާއެކު އެކަމުގައި އުޅުނު މީހުން ހާމަވުމާއެކު ފުލުހުންގެ މަސައްކަކަތަށް ފަސޭހަވެގެން ދިޔައެވެ. އެމް.އެޗް.ޑީސީގައ ރޯކޮށްލި މީހުން އިސާހިތަކު ހައްޔަރުކުރެވުނެވެ. އިންސާފުލިބިގެން ހިގައްޖެއެވެ. އަލުން އެމްއެޗްޑީސީގެ ރޯވި އިމާރާތް ތަޅާލާ ނުވަ ބުރީގެ ފުރިހަމަ އިމާރާތެއް އެޅުމުގެ ޕްލޭން ކުރެވި އަމަލީ މަސައްކަތްވެސް ފެށިއްޖެއެވެ.

ދެ އަހަރު ފަސް

*****

އެމްއެޗްޑީސީގައި އަލަށް އެޅުނު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ އިއްޒަތްތެރިން ބައިވެރިވިއެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގެ ގިނަ އިއްޒަތްތެރިންނެވެ. އެ އިމާރާތް ހުޅުވުމަށްފަހު އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ހަނދާނުގައި ސުކޫތެއް ގެނެވުނެވެ. އިޒިއަންއާއި އަނާލް ވެސް ތިބީ އެންމެ ކުރީ ގޮނޑި ބަރީގައެވެ. އަނާލްގެ އުނގުގައި ދެއަހަރުގެ އޭނާގެ ތުއްތު ދަރިފުޅު އިޒާން އިނެވެ. ފަހަރަކު މީހަކު ވާހަކަދައްކަމުންދާއިރު އެ ތުއްތު ތުއްތު ކުއްޖާ ދިޔައީ އަތްތިލަބަޑި ޖަހަމުންނެވެ. އަނާލް އަދި އިޒިއަންގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. ތަން ހުޅުވުމަށްފަހު އިއްޒަތްތެރިން ގޮސް ނިމިއްޖެއެވެ. އިޒިއަންއާއި އަނާލް އެމީހުންގެ ތުއްތު ދަރިފުޅު އިޒާން ގޮވައިގެން ނުކުމެ މަޑުކޮށްލައިގެން ތިއްބާ އެދިމާލަށް ކިނާން އާއި ދީމް އަންނަތަން ފެނުނެވެ.

'ދީމް މެން އަދިވެސް ގެއަށް ނުދަން ދޯ. މަންމަމެން އެކަކުވެސް ނުދޭދޯ؟" އިޒިއަންމެން ގާތަށް އައިސް ދީމްއާއި ކިނާން ހުއްޓުމާއެކު އަނާލް އަހާލިއެވެ.

"އޭރު ކިނާންގެ ދެފަރާތުގައި ރަނާއާއި ޝާދު ތިއްބެވެ.

"ޝާދު ކޮބާ މަންމަމެން" އިޒިއަން އަހާލިއެވެ.

ޝާދުއާއި ރަނާ ފަހަތް ބަލާލާފައި އެބައާދެޔޭ ބުނެލިއެވެ.

ޖިދާއާއި ރަކީން އާއި ޝާހީން އާއި ދާރިޔާގެ އިތުރުން ކައިސް އާއި ރަމްޔާވެސް އެދިމާލަށް އާދެއެވެ. ރަމްޔާއާއި ކައިސްވެސް ވަނީ މިހާރު ޒަވާޖީ ހަޔާތެއް ފަށާފައެވެ. އެމީހުން އަދި ކައިވެނި ކުރީ އިހަށް ދުވަހު ކަމުން އެމީހުން އައުމާއެކު އެންމެންގެ ދިމާކުރުންތައް ފެށުނެވެ.

"މިހާރު ދީމް... ދެން އޮތީ ތި ދެމީހުންގެ ފަހަރުހެން ހީވަނީ؟" ދީމްގެ ބޮޑުވެފައިވާ ބަނޑަށް ބަލާލުމާށްފަހު އަނާލް ބުނެލީ ލާނެތް ގޮތަކަށެވެ. އިޒިއަން ވެސް ކިނާންއަށް ބަލާލާފައި ދީމް ލަދުގަންނާނެ ކަހަލަ ބަހެއް ބުނެލިއެވެ. ދީމްގެ އަށް މަސްވެފައިވާ ބަނޑުގައި ކިނާން އަތް ޖައްސާލިއެވެ.

"އަޑު އިވޭނެ އިނގޭ" ދީމް އަނާލްއަށް ލޯ އަޅާލިއެވެ.

"އޯކޭ އޯކޭ" އަނާލްވެސް ހޭން ފެށިއެވެ. އާއިލާގެ އެންމެން އައިސް އެމީހުންނާ އަރާހަމަވިއިރު ތަންކޮޅެއް ދުރުގައި ދާއިން އަންހެން ކުއްޖަކާ އެކު ހުއްޓާ ދާރިޔާގެ ލޮލުގައި އަޅައިގަތެވެ.

"މީ ދޯ މިވާ ގޮތަކީ... މަންމަ މިހާރު އެބަ ބުނެޔޭ މީނަ ކޮންމެ ރެއަކު ބޭރަށް ދާ ވާހަކަ" ދާރިޔާ އެހެންބުނުމާއެކު އެންމެންނަށް އޭނާގެ ނަޒަރު ހުއްޓިފައި ހުރި ދިމާލަށް ބަލާލެވުނެވެ.

"ދެން އޭނަވެސް މީހަކާ އިންނާނެތާ!" ޝާހީން ބުނެލިއެވެ. އަނެއްކާވެސް އިވުނީ އެންމެންގެ ހުނުމުގެ އަޑެވެ.

ފަހަރަކު ބަޔަކު ކާރަށް އަތަމުން ގޮސް އެންމެން ފަހުން އެތަނުގައި ތިބީ އަނާލްއާއި އިޒިއަންއެވެ. އަނާލްގެ އަތުގައި އިން އިޒިއަންއާއި އަނާލްގެ ތުއްތު ދަރިފުޅު އިޒާން އަތްތިލަބަޑި ޖަހާލިއެވެ. ކާރާ ދިމާލަށް ހިނގައިގަތްއިރު އިޒިއަންއާއި އަނާލްގެ ތުންފަތް މަތީގައިވެސް ވަނީ ހިނިތުންވުމެކެވެ.

*******

ހަޔާތުގައި ދިމާވި އެތައް ދަތި އުނދަގޫ ދުވަސްތަކަކަށްފަހު އަނާލްއާއި އިޒިއަންގެ ހަޔާތަށް މިހާރު ވަނީ އުފާވެރިކަމާއި ހިންހަމެޖެހުން ލިބިފައެވެ. ދެމީހުންގެ މަސައްކަތުން އެމް.އެޗް.ޑީ.ސީ ވެފައިވަނީ ދުނިޔޭގައި ފާހަގަކޮށްލެވޭފަދަ އިމާރާތަކަށެވެ. އެތަކެއް ހިދުމަތެއް އެއްތަނަކުން ލިބިދޭ ހިދުމަތް ހޯދަންފަސޭހަ ތަނަކަށެވެ. ހަމައެއާއެކު މިއަދު އެ މީހުންގެ މަސައްކަތުން އެތައް ޑްރަގް އެޑިކްޓުންނެއްވަނީ ފަރުވާކޮށް ރަނގަޅުކޮށް މުޖްތަމައުއަށް ނެރެދީފައެވެ. އެތައްކަހަލަ ނުކުޅެދުން ތެރިކަން ހުރި ކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހަދާދީފައެވެ. ސައިކޮލޮޖިކަލް މައްސަލަތަކެއް ހުރި އެތަކެއް ޒުވާނުންނަށް ވަނީ ފަރުވާދީ ރަނގަޅުކޮށްފައެވެ. އަނާލް ވަނީ އޭނާގެ ނުކުޅެދުން ތެރިކަމާއެކު ވެސް އެހާ ކާމިޔާބުކަމާއެކު އެ މަސައްކަތް ނިންމާލެވުނު ގޮތާ ބެހޭގޮތުން ފޮތެއްވެސް ނެރެފައެވެ. އެފޮތަށް ލިބުނު ތަރުހީބާއެކު އޭނާއަށް އަންނަނީ ތައުރީފް ވެސް އޮހެމުންނެވެ. އިޒިއަންވެސް ދަނީ މަސްތުގެ ދުނިޔޭން އޭނާ ހޭލިގޮތާ އެކަމުން އަރައިގަތް ގޮތާ ބެހޭގޮތުން ފޮތެއް ލިޔަމުންނެވެ.

*******

ރިސޯޓްގެ ބީޗްގައި ހުދު ދޮންވެލިގަނޑުގައި އަނާލް އިންއިރު އޭނާގެ ފައިމަތީގައި އިޒިއަން ބޯ އަޅާލައިގެން އޮތެވެ. އޭރު އެ މީހުންގެ ތުއްތު ދަރިފުޅު މައްޗަށް އުފުއްލާލައިގެން އިޒިއަންދިޔައީ މަޖާ ކުރަމުންނެވެ. އަނާލްވެސް ހިނިތުންވެލައިގެން އިނެވެ. އިޒިއަންގެ އެއްފައި ލަންބާލެވިފައިވާއިރު އޭނާގެ ތުންފަތް މަތީގައިވަނީ އުފާވެރިކަން ރަމްޒުކޮށްދެމުން ދިޔަ ފުރިހަމަ ހިނިތުންވުމެކެވެ. އިރުކޮޅަކުން އިޒިއަން އަނާލްގެ ފައިމަތިން ތެދުވެ އިޒާން ވެލިގަނޑުމަތީގައި ބައިންދާލިއެވެ. އެއަށްފަހު ދެމީހުން އިޒާންގެ ދެފަރާތުގައި ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ. އިޒާން ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ. އިޒިއަން ލާފައި ހުރީ ހުދުކުލައިގެ ޓީޝާޓަކާއި ގަދަ ފެހިކުލައިގެ ސޯޓެކެވެ. އެގޮތަށް ވެލިގަނޑުމަތީގައި އިނދެފައި ތެދުވުމުން ކޮންމެވެސް ވަރަކަށް ކަކުލާއި ފައިގައި ވެލި ހޭކިފައި ހުއްޓެވެ. ވަޔާ ވިހުރެމުން ދިޔަ އިސްތަށިގަނޑުގެ ތަރުތީބު ކޮންމެވެސް ފަރަކަށް ގެއްލިފައި ވިނަމަވެސް ހިތްގައިމެވެ. އަވި އައިނު ލޮލުގައި އަޅާލުމުން އެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އަވީގައި އެހެން އުޅުމުން ހިސާބަކަށް ހަންގަނޑު ޓޭންވެލާފައި ވެއެވެ.

އަނާލް ލާފައި ހުރީ ފްލޯރަލް ދިގު ސްކާރޓަކާއި ހުދުކުލައިގެ މައްޗެކެވެ. އަޅާފައިވާ ރަތާއި ފިޔާތޮށި ކުލައިގެ މާޖެހި ޝޯލް އަނާލްއާއި ނުހަނު ގުޅެއެވެ. ބުރުގާގެ މަތިން ތޮއްޕެއް އަޅާލާފައި ވާއިރު ވެސް ރީއްޗެވެ. ހުސްފަޔާ ހުރިއިރު އޭނާގެ ނަޒަރު ހުރީ އިޒާންއަށް ހުއްޓިފައެވެ. އިޒާން ވެސް ހުރީ އިޒިއަންއާއި އަނާލް އެކޭ އެއްގޮތަށް ހުދުކުލައިގެ ޓީޝާޓެއްލައްވާފައެވެ. ހުދުކުލައިގެ ސޯޓްގައި ވަނީ ފިޔާތޮށި، ރަތް އަދި ފެހިކުލައިގެ މާތަކެއް ޖަހާފައެވެ. އިޒާންއަށްވެސް ލިބިފައިވަނީ އިޒިއަންއަށް ލިބިފައިވާ ފަދަ ޖާދުވީ އަޅި ލޮލެކެވެ. އެހާ ކުޑައިރުވެސް މީހުން އެންމެ އަޅައިގަންނަނީ އިޒާންގެ ލޮލާއެވެ. ހީލުމުން ދެކޮލަށް އެޅޭ އަޑިކޮޅުގެ ސަބަބުން އެކަނިވެސް ހިތްތައް އެ ހިނިތުންވުމަށް ފިދާހާވެއެވެ.

"ޒާން... ޒާން... މަންމި ގާތަށް އާދޭ" އަނާލް އޭނާގެ އަތް އިޒާންއާ ދިމާލަށް ދިއްކޮށްގެން ހުރެ ކިޔަމުން ދިޔައެވެ. އިޒިއަންވެސް އެގޮތަށް ކަންތައް ކުރިއެވެ. މަޑުމަޑުން އިޒާން ވެލިގަނޑުމަތިން ތެވިއެވެ.

"ޑެޑީ ދޫނީ... ޑެޑީގެ ޕްރިންސް.... މިކޮޅަށް" އިޒިއަންވެސް އަނެއްފަރާތުގައި ހުރެގެން ގޮވިއެވެ. ފަހަރަކު މީހަކަށް ބަލާލާފައި އިޒާން ހުރިތާ ހުރީއެވެ. ހީގަނެފައި ދެން ދުއްވައިގަތީ އިޒިއަންއާ ދިމާލަށެވެ. އަނާލް ދެއަތް އުނަގަނޑުގައި ވިއްދާލިއެވެ. އަދި އަނގަޔަށް ގޮތެއް ހަދާލިއެވެ.

އިޒާން ދިޔުމާއެކު އިޒިއަން އިޒާން އުރާލިއެވެ. އެއަށްފަހު އޭނާ އިޒާން އުރާލައިގެން އަނާލްގެ ގާތަށް އައިސް ހުއްޓުނެވެ.

އިޒާން ވެލިގަނޑުމަތީގައި ބަހައްޓަމުން އިޒިއަން އެއްއަތުގައި ހިފާލިއެވެ. އަނެއް އަތުގައި އަނާލް ހިފާލިއެވެ. އިޒާންއަށް ފިޔަވަޅު ނެގޭވަރު ބަލަމުން ދެމީހުން ހިގައިގަތް އިރު އެ ދެމީހުންގެ ތުންފަތް މަތީގައިވެސް ވަނީ ހިންހަމަޖެހިފައިވިކަން ރަމްޒުކޮށްދެމުން ދިޔަ ފުޅާ ހިނިތުންވުމެކެވެ. އިރުއޮއްސެމުން ދިޔަ ވަގުތަށް ވުމާއެކު އިރުގެ އޮރެންޖެ ދޯދިތައް އެމީހުންގެ މޫނުމައްޗަށް އެޅިފައިވާއިރު ހިތްގައިމެވެ. ގޮނޑުދޮށަށް ފައިބާ އިޒާން އާއެކު ރާޅުޖަހާ ފަށުގައި ހިނގަމުން ދިޔަ އިރު އިރުކޮޅަކާ އަނާލްއާއި އިޒިއަންގެ ނަޒަރު ސީދާވެލައެވެ. ފައިގައި ބީއްސަމުން ދިޔަ ރާޅުތަކާ ސަކަރާތްޖަހަމުން އިޒާން ދިޔައީ ހެމުންނެވެ. އިޒިއަން އޭނާގެ އަވި އައިނު ނަގަމުން އިޒާންގެ ލޮލުގައި އަޅުވައިދިނެވެ. އެއާއެކު އައިނު ދޫކަމުން ވެއްޓުނެވެ. އިޒާންގެ ތުއްތު ހުނުމުގެ އަޑު މުޅިތަނުގައި ގުގުމާލިއިރު އިޒިއަންއާއި އަނާލްގެ ހުނުމުގެ އަޑުވެސް ގަދަވެގެން ދިޔައެވެ.

(ނިމުނީ)

އަލްޙަމްދުލިއް ﷲ ! ވާހަކަ ނިންމާލުމުގެ ހެޔޮ ތައުފީޤް ދެއްވިކަމަށްޓަކާ މާތް ﷲ އަށް ހަމްދުކުރަމެވެ. ވާހަކައަކީ ކިޔުންތެރިންނަށް ކަމުދިޔަ އެތައް ބައިވަރު މެސެޖްތަކެއް ލިބިގެން ދިޔަ ތަފާތު ރީތި ވާހަކައަކަށް ވީކަމަށް އުންމީދުކުރަމެވެ. ވާހަކައަކީ އަޅުގަނޑުގެ އަމިއްލަ ހިޔާލަށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. އަދި ހިނގާފައިވާ ނޫނީ ހިނގަމުންދާ ނުވަތަ ހިނގާފާނޭ ކަމަށް ލަފާކޮށްލިޔެފައިވާ ވާހަކައެއްނޫނެވެ. ވާހަކައަށް ތި ދެއްވި ތަރުހީބަށް ފަށްފަށުން ޝުކުރުދަންނަވަމެވެ. ޝުކުރިއްޔާ!

https://sun.mv/121682

comment ކޮމެންޓް