"ނާލް... ބޭބީ.... ބޭބީ. ސަލާމަތެއް ނުކުރެވުނު... އެމީހުން ވަރަށް މަސައްކަތް ކުރި.... އެކަމަކު އެކަމެއް ނުވި.... އައި އެމް ސޮރީ ނާލް އަށް ދޮގު ހެދުނީތީ........ އަވަރ ލިޓްލް ބޭބީ އިޒް ނޯ މޯރ" އިޒިއަންގެ އަޑުކުރެހުނެވެ. އެ އަޑު އަހާފައި އަނާލްގެ ލޮލުގެ ތެރެއަށް ވަގުތުން ކަރުނަތައް ޖަމާވަގެން ދިޔައެވެ. ލިބުނު ޝޮކުގެ ސަބަބުން އޭނާގެ ހަރަކާތްތައް މަޑުޖެހުނެވެ. ހަރަކާތެއްނެތް ބުދަކާ އެއްވެސް ތަފާތެއް ނެތެވެ.

އަނާލްގެ އަތަށް ބާރަކަށް ފިތާލުމާއެކު އިޒިއަން ގޮވާލުމުންވެސް އޭނާއަށް ހޭވެރިކަމެއް ނުވިއެވެ. އެހެންކަމަށް ވުމާއެކު އިޒިއަން ގޮނޑިން ތެދުވެލާ އަނާލްގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ދެވަނަ ސިކުންތުގައި އޭނާއަށް ސިހުން ލިބިގެން ދިޔައީ އަނާލް އޭނާގެ އުނަގަނޑުގައި އަތް ވަށާލާ ބާރަށް ރޯން ފެށުމުންނެވެ. އަނާލްގެ ރުއިމުގެ އަޑުން އިޒިއަންގެ ހިތްވެސް ކުދިކުދި ވަމުން ދިޔައެވެ.

"ކޮބާތަ ދަރިފުޅު؟" ކުއްލިއަކަށް ދުރުވެލަމުން އަނާލް އަހާލީ ބިރުގަނެފައިވާ ފަދައަކުންނެވެ. އޭރު އޭނާގެ ދަރިފުޅު އޭނާއަށް ނުފެނި މާދުރަށް ދިޔަކަމުގެ ބިރާ ސިހުމުގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް ކޮންޓްރޯލް ދޫވަމުން ދިޔައެވެ.

"ނާލް... ޔޫ ޕްރޮމިސްޑް މީ، ދެޓް ޔޫ ވިލް ބީ ބްރޭވް" އިޒިއަންއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ.

"ކޮބާހޭ މަގޭ ދަރިފުޅު؟" އިޒިއަންގެ އަތް ފޮޅުވާލަމުން އަނާލް ހަޅޭއްލަވައިގަތެވެ. އިސްތަށިގަނޑުގެ ތެރެއަށް އަތްލަމުން އަނާލްއަށް އަނެއްކާވެސް ބާރަށް ރޮއިގަނެވުނެވެ.

"ނާލް... "

"ކޮބާހޭ؟" އިޒިއަންގެ ވާހަކަ ހުއްޓުވާ އަނާލް ދެވަނަ ފަހަރު ހަޅޭއްލަވައިގަތުމާއެކު އިޒިއަންވެސް މަޑު މަޑުން އަނެއްކާވެސް އަނާލްގެ ގައިގައި އަތް ވަށާލީއެވެ. އިޒިއަންއާ ދުރަށް ދާން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ނުވުމާއެކު ހަތިޔާރު ބަހައްޓާ އިޒިއަންގެ ގައިގައި ބާރަށް ބައްދާލަމުން އަނާލް ގިސްލަން ފެށިއެވެ. އެ ވޭނީ ގިސްލުމުގެ އަޑު އަހާފައި އިޒިއަން ތުންފަތުގައި ދަތް އަޅާޅިއެވެ. އޭނާ އަނާލްގެ އިސްތަށިގަނޑު ރީތިކޮށްލަމުން ބޮލުގައި ފިރުމާލިއެވެ. ހިތްވަރުދިނުމުގެ ގޮތުން އެތަކެއް ވާހަކައެއްދެއްކިނަމަވެސް އަނާލް ހަމައަކަށް ނޭޅޭނެކަން ޔަގީންވެ ރޯލާނެ ވަރަކަށް ރޯލަންދެން އޭނާ އަނާލްގެ ގާތުގައި މަޑުކޮށްލައިގެން އިނެވެ.

އަނާލްގެ ގިސްލުމުގެ އަޑު މެދު ނުކެނޑެއެވެ. އެ ދަރިފުޅު އޭނާއާއި އެ ވަކިވީ އެ ދަރިފުޅު ދުނިޔެއަށް އައުމުގެ ކުރިން ބުނެވުނު ބަދު ބަސްތަކެއްގެ ސަބަބުންނެވެ. އެދަރިފުޅު ބޭނުމެއްނޫނޭ ބުނީވެސް އޭނާގެ ދުލުންނެވެ. އެ ދަރިފުޅު އެބޯޓްވެސް ކުރެވިދާނޭ ބުނެވުނީ ވިސްނާނުލައެވެ. އެ ދުވަހު އެހެން ބުނި ކަމުގައި ވިނަމަވެސް އޭނާގެ ހަޔާތަށް އަލުން އުފާވެރިކަން ގެނެސްދިން ފަރާތެއްކަމުގައި ބަނޑުގައި އޮތް އިރު ވެސް އެ ދެރިފުޅު ވިއެވެ. އެހާ ދެރަވަނީ އެހެންވެއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީވެސް އެހެންވެއެވެ.

"ދެން ކިހިނެތްހެދީ؟" ދެފަހަރަކު ނޭފަތް އެތެރެއަށް ދަމާލަމުން އަނާލް އަހާލުމާއެކު އިޒިއަން ފުންނޭވާއެއް ދޫކޮށްލިއެވެ.

އިޒިއަން ދަރިފުޅު ވަޅުލި ވާހަކައާއި އަނާލް ހޭ އަރާތޯ ވަޅުނުލާ މަޑުކުރި ވާހަކަ ވެސް ބުންޏެވެ. އެއާއެކު އަނާލްގެ ރުއިމުގެ އަޑު ބާރުވެގެން ދިޔައެވެ.

"ސްޓޮޕް އިޓް" އިޒިއަންއަށް ބުނެވުނެވެ. އޭނާ އަނާލް މެއާލާ ބޮނޑިކޮށްލައިގެން ހުރީ ހިތުގެ އުދާސްތައް އަނާލްއަށް ބޭރުކުރެވެންދެނެވެ. މާ ގިނަ އިރު ވާން ފެށުމުން އޭނާ އަނާލް ދުރުކޮށްލަމުން ނިތުގައި ބޮސްދިނުމާއެކު ވާހަކަދެއްކިއެވެ. އެ އަޑުގައިވި އޯގާތެރިކަމުން އަނާލްއަށް އަނެއްކާވެސް ލިބުނީ އިތުރު ހިތްދަތިކަމެކެވެ.

"އައި އެމް ސޮރީ" އޭނާއަށް ބުނެވިފައިވާ ބަސްތައް ހަނދާންވުމާއެކު އަނެއްކާވެސް އަނާލްއަށް ބުނެވުނެވެ. އެއާއެކު އިޒިއަން ދެފަރާތަށް ބޯހޫރާލީ އެއީ އެއްވެސް ކަމެއް ނޫނޭ ބުނާފަދައަކުންނެވެ. އެކަމުގައި އަނާލްގެ ކުށެއްނެތޭ ބުނާފަދައަކުންނެވެ.

"ނޫން. މިހުރިހާ ކަމަކީވެސް އަހަރެންނާ ހެދި ވާހާ ކަންތައް. އަހަރެން ދޯ ބުނީ މި ދަރިފުޅު ބޭނުމެއް ނޫނޭވެސް. އަހަރެން ކަހަލަ މީހަކު އިޒިއަން ޑިޒާވް އެއްނުވޭ... މީ ހަމަ އަހަރެންގެ ބަދުބަހުގެ ސަބަބުން ވީ ކަންތައް" އަނާލް އެވަރަށް ރޮމުން އެދާ ސަބަބު އެނގުމާއެކު އިޒިއަން މަސައްކަތް ކުރީ އަނާލް އަމިއްލަ ނަފްސު ކުށްވެރިކުރާ ކުރުން ހުއްޓުވޭތޯއެވެ. އެތައް ވާހަކައެއްދައްކާފަހުން ކުޑަކޮށް ރުއިންމަޑުވެދާނެއެވެ. އަނެއްކާވެސް އިރުކޮޅަކުން ބާރަށް ރޯންފަށާފާނެއެވެ.

އަނާލް ކުޑަކޮށް ހަމައަކަށް އެޅިލުމާއެކު އެނދުގައި އަނާލްގެ އެއްފަރާތުގައި އިޒިއަން އިށީނދެ އޭނާގެ ކޮނޑުގައި އަނާލްގެ ބޯ ބާއްވާލިއެވެ. އެއަށްފަހު ފޯނުން އޭނާ ގެލެރީ ހުޅުވާފައި ދަރިފުޅުގެ ފޮޓޯއެއް ހުޅުވާލިއެވެ. އަނާލްއަށް ގޮވާލާ ފޯނު ދައްކާލަމުން އެއީ އެމީހުންގެ ފުރަތަމަ ދަރިފުޅޭ ބުނެލިއެވެ. އެއާއެކު އަނާލް ފޯނުގައި ހިފަމުން ރަނގަޅަށް ފޮޓޯގަނޑަށް ބަލާލިއެވެ. އެ ދެލޯ އަނެއްކާވެސް ފުރިގެންއައީ ތާޒާ ކަރުނައިންނެވެ. މަޑުމަޑުން އެއްއަތް ނަގާ ފޮޓޯގަނޑުގައިވި އެ ތުއްތު ދަރިފުޅުގެ މޫނުގައި ފިރުމާލީ ގާތުގައިވީ ނަމަވެސް އެ ދަރިފުޅު ގައިގައި ފިރުމާލާނެހާ ލޯބިންނެވެ. އިޒިއަންވެސް އެ މަންޒަރު ބަލަން އިނދެފައި އަނާލް އާއި އިތުރަށް ގާތް ވެލުމަށްފަހު ހިތްވަރު ދިނުމުގެ ގޮތުން ދެތިން ބަހެއް ބުނެލިއެވެ.

އަނާލް ގެއަށް ދޫކޮށްލެވުނީ ޖެހިގެން އައި ދުވަހުއެވެ. ދަރިފުޅުގެ މަރާއެކު އަނެއްކާވެސް މަޑުމޮޅިކަން މުޅި އާއިލާ ތެރެއަށް ފެތުރިފައިވެއެވެ. އެކަން ހަމައަކަށް އެޅެން ދުވަސް ގަނޑެއް ނަގާނެކަން އެންމެނަށް އެނގެއެވެ. އާއްސަކޮށް އަނާލްއެވެ.

އަބަދާ އަބަދު ކޮންމެވެސް ފިކުރެއްގައި އަނާލް އިންނާތީ އިޒިއަންވެސް ވީހާވެސް ގިނަ ވަގުތު އަނާލް ގާތުގައި ހޭދަކުރެވޭތޯބެލިއެވެ. އަކްނިޒާ އާއި ގޭގައި އުޅޭ އެހެން މީހުންވެސް ބެލީ އަނާލް ހިންހަމަޖައްސުވައިދީގެން އުޅެވޭތޯއެވެ. އިޒިއަން އާއި އަނާލްގެ ހަޔާތް އުފާވެރިކޮށްދީ ބާއްޖަވެރި ކޮށްދެއްވާތޯ ކޮންމެ މީހަކުވެސް ދިޔައީ ދުޢާ ކުރަމުންނެވެ. މަޒާޔާގެ އިތުރުން ދީމްއާއި ޝަފޫންމެންވެސް ގިނަ ވަގުތު އެގޭގައި ހޭދަކުރަމުން ދިޔައީ އަނާލްގެ އެކަނިވެރިކަންވެސް ފިލުވައިދެވޭތޯއެވެ. އަނެއްކޮޅުން އަހްސަންއާއި ޝަޒްނާވެސް ދިޔައީ ވީހާވެސް ބޮޑަކަށް އާއިލާގެ އެންމެންނަށް ހިތްވަރުދެމުންނެވެ.

އަދިވެސް ފުލުހުންގެ ތަހުގީގަށް ކުރިއެރުމެއް ނުލިބެއެވެ. އަނާލްގެ ބަޔާނެއް ނަގަންވެގެން އަނެއްކާވެސް ފުލުހުން އެދުމުން އަނާލް ގޮވައިގެން ދިޔައީ އިޒިއަންއެވެ. އަނާލްއަށް ލިބުނު މެސެޖުތަކާ އެއްޗެހި ބަލާފައި ތަހުގީގު އަވަސްކުރެވިގެން ދިޔައެވެ.

އެމް.އެޗް.ޑީ.ސީގެ އެއްވެސް ކަމަކާ އުޅޭނެހާ ހިތްވަރު އަނާލްގެ ނެތުމާއެކު އިޒިއަން އެކަންކަމާ ހަވާލުވިއެވެ. އަދި ފުނި ޖެހިފައި ހުރި މަސައްކަތް ފަށައިގަނެ ހަލުވިކަމާއެކު ކުރަން ފެށުމާއެކު ތަންވެސް މަޑުމަޑުން ހަމައަކަށް އެޅެމުން ދާން ފަށައިފިއެވެ. އެއީވެސް އެފަދަދުވަހެކެވެ. އޮފީހުގައި ވަރަށް ބުރަކޮށް އުޅެފައި ގެއަށް އައިއިރު ގޭގައި އޭރު އެންމެންވެސް ތިއްބެވެ. އަނާލް ވެސް ސޯފާގައި އިނެވެ. ކޮންމެވެސް މަޖާ ވާހަކައެއް ދައްކާފައި އެންމެން ހެމުން ދިޔައިރު އެ ހުނުމުގައި އަނާލް ބައިވެރިވަމުން ދިޔަތަން ފެނުމުން ކޮންމެވެސް ވަރަކަށް އަނާލް ހަމައަކަށް އެޅެމުން ދާކަން އިޒިއަންއަށް އެނގުނެވެ. އެއާއެކު އޭނާ ﷲ އަށް ޙަމްދުކުރިއެވެ. އަލުން އެ ދެމީހުންގެ ހަޔާތް އުޖާލާ ވެގެން ދާފަދަ ގޮތަކަށް ކަންތައްތައް ބައްޓަން ވެގެން ދޭތޯ ހިތުގެ އެންމެ ފުން މިނުން ދުޢާ ކުރިއެވެ.

ދާރިޔާ ގެ ދަރިފުޅު ޝާދުއާއި ޖިދާ ގެ ދަރިފުޅު ރަނާ އާއި ދެކުދިން ހީހީފައި ސަކަރާތް ޖަހާފައި އުޅެމުން ދިޔައީތީ ގޭތެރެ ފަޅު ފިލަމުންދިޔައެވެ. އަނެއްކޮޅުން ކިނާންވެސް ކުޑަ ކުއްޖަކަށް ދޫނުކުރެއެވެ. އެ ކުދިންގެ ސަކަރާތުގައި އޭނަވެސް ދިޔައީ އެއްވަރަށް ބައިވެރިވަމުންނެވެ.

"މީނަ މީހަކާ އިނަސް... މިހެން ކަންނޭގެ އުޅޭނީ. ދީމް ޖެހޭނީ ތައްޔާރުވެގެން ހުންނަން...." ކުއްލިއަކަށް އިޒިއަން އައިސް ކިނާންގެ ކަންފަތުގައި ހިފަމުން ބުނެލުމާއެކު އެތަނުގައި އަނެއްކާވެސް ހުނުމުގެ އަޑު ގަދަވެގެން ދިޔައިރު ދީމްގެ މޫނު މައްޗަށް ވެރިވީ ލަދުވެތިކުލަވަރެކެވެ. ދެކޯތާފަތައް ޖަންބު ކުލައެއް ވެރިވެގެން ދިޔައެވެ.

"ލާނެއް ސޮރެކޭ...." ދެފަރާތަށް ބޯ ހޫރާލަމުން އަކްނިޒާ ބުނެލިއެވެ.

"އެ ވާހަކަ އެއްނޫނޭ! މިހާރު މި ދެމީހުންގެ ކައިވެނި ކުރުވަން ވެއްޖެއެއްނޫންތަ؟ ދެމީހުން މިހާރު ވަކި ނުވޭ ވިއްޔަ. މަންމަ މާ އަވަހަށް ކަންނޭގެ ތި ހުއްދަ ދިނީ... އަދި ދެމީހުން ދުރުގަ ބޭތިއްބިނަމަ...." އިޒިއަން ބުނެލުމާއެކު ކިނާން ލޯ އަޅާލަމުން އިޒިއަން ކޮށްޕާލިއެވެ.

އެއާއެކު އިޒިއަން ނުވެއްޓުނީ ކިރިއާއެވެ.

"އިޒް... " އަކްނިޒާއަށާއި އަނާލްއަށް އެއްފަހަރާ ގޮވާލެވުނެވެ. ރަނގަޅަށް ހަމަޖެހިލާ އަނާލްގެ އެއްފަރާތުގައި އޮފީސް ދަބަސް ބައިންދަމުން އިޒިއަން ކިނާން ފަހަތުން ދުއްވައިގަތެވެ. ކިނާންވެސް މެއެވެ. ދެމީހުން ސޯފާތަކުގެ ފުރަގަހުގައި ޖަހަމުންދިޔަ ސަކަރާތުގެ ސަބަބުން އަނެއްކާވެސް ބޮޑު ކޮޓަރީގެ ތެރޭގައި އެންމެންގެ ހުނުމުގެ އަޑު ހިފާލިއެވެ.

"އިޒް ވެސް ދޫ ނުކުރޭ ވިއްޔަ... "ދެފަރާތަށް ބޯ ހޫރާލަމުން ފަހީމް ބުނެލިއެވެ. އައްމާރުވެސް ހީލިއެވެ.

"ދެމީހުން އެއްތަން ވެއްޖެއްޔާ އެ ނިމުނީ... " އަކްނިޒާވެސް ބުނެލިއެވެ. އެތައް ދުވަހަކަށްފަހު ގޭތެރެއަށް ދިރުން ލިބިގެން ދިޔަފަދަ އިޙްސާސްއެއް ކުރެވިގެން ދިޔައެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ.

ދުވަމުން ދަނިކޮށް ކިނާންގެ ފައި ކައްސާލައިގެން ވެއްޓުމާއެކު ސިހިފައި ތެދުވެވުނީ ދީމްއަށެވެ. އޭނާ ނާނު އޭ ކިޔާ ބާރަށް ދުވެފައި ގޮސް ކިނާންގެ ގާތުގައި އިށީނދެ ތަނަކަށް ތަދުވިތޯ ސުވާލުކުރަން ފެށީ އިނދެވުނީ ކޮންތަނެއްގައި ކަންވެސް ވިސްނާނުލައެވެ. އެތަނުގައި އެވަގުތު ތިބި މީހުންނާމެދު ވިސްނާލާކަށްވެސް އޭނާގެ ސިކުނޑި ތަން ނުދިންފަދައެވެ.

"އިޒް... މި ދެމީހުންގެ ކައިވެނި އަވަހަށް ރާވަން އުޅޭ... " އަނާލް ވެސް ހީގަންނަމުން ބުނެލިއެވެ. އެއާއެކު ދީމްއަށް ސިހިފައި އަނާލްއަށް ބަލާލެވުނެވެ. އޭރު އެންމެންގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރީތީ ދީމް ލަދުން އިސްޖަހާލިއެވެ. ކިނާން ނަގަނަގާހުރެފައި ކުއްލިއަކަށް ދީމް ދޫކޮށްލުމާއެކު ކިނާން ގޮސް އަނެއްކާވެސް ޖެހުނީ ޓައިލްސްތަކު މަތީގައެވެ. އެއާއެކު އަނެއްކާވެސް އެތަނުގައި ހުނުމުގެ އަޑު ގުގުމާލިއެވެ. ދީމް އަވަހަށް ތެދުވަމުން ގޭގެ ބިއްދޮށައް ދުއްވައިގަތް އިރު ކިނާން ދީމް އޭ ކިޔާފައި ގޮވާލިއެވެ.

"ދީމް" ކިނާން ގޮވާލުމާއެކުވެސް ދީމް ހުއްޓޭ ގޮތެއް ނުވިއެވެ.

"ދޮންބެ ދައްތާ. ޔޫ ހޭވް ޓު ޕޭ ފޯ ދިސް އިނގޭ" ކިނާން އުނދަގުލުން ތެދުވަމުން އަނާލްއަށް ބަލާލާ ދީމް ފަހަތުން ކޮރު ޖަހަމުން ދުއްވައިގަތުމާއެކު އަނާލްއަށް އަނެއްކާވެސް ހެވިއްޖެއެވެ. ވަރުބަލިވެ ދާ ހިއްލާފައި ހުރުމުން އިޒިއަންގެ މޫނުމަތީގައި ދާތިކިތައް ވިދަމުން ދިޔައެވެ. އޭނާ އައިސް އަނާލްގެ އެއްފަރާތުގައި އިށީންނަމުން އަނާލްއަށް ބަލާލިއެވެ. ހިނިތުންވަމުން އަނާލްގެ އަތުގައި ހިފާލިއެވެ. އަނާލް ވެސް މެއެވެ.

އެތައް ދުވަހަކަށްފަހު އަނާލްގެ މޫނުމަތިން ފެނުނު ހިނިތުންވުމުގެ ސަބަބުން އިޒިއަންގެ ހިތަށް ތަފާތު ޝުއޫރުތަކެއް ވެރިވެފައި ވެއެވެ. އިޒިއަން ބަލަން އިނުމުން އަނާލް ވެސް ލަދުން އިސްޖަހާލީއެވެ.

އެތައްދުވަހަކަށްފަހު އާއިލާތެރެއަށް ވެރިވި އުފާވެރިކަމާއެކު ކޮންމެ މީހަކުވެސް ދުޢާ ކުރަމުން ދިޔައީ މި އުފާވެރިކަން އެ ގޮތުގައި ދެމި އޮތުމަށެވެ.

*****

ރޭގަނޑުގެ ވަގުތެވެ. އިޒިއަން ފެންވަރާ ހަދާލައިގެން ނުކުމެ ލޯ ގަނޑު ކުރިމަތީގައި ހުއްޓުނުތަނާ އަނާލް ޓީޝާޓަކާ ޖީންސް އެއް ގެނެސް ދިނެވެ.

"ނާލް. ވާހަކަ އެއް ދައްކަން އުޅޭހެން ހާދަ ހީވެޔޭ. އަވަހަށް ބުނެބަލަ މައި ލަވް" ރީތިވެ ނިންމާލަމުން އިޒިއަން އައިސް އަނާލްގެ އަތުގައި ހިފާލަމުން އަހާލިއެވެ. އެމޫނުމަތިން އޭނާއަށް ފެނުނު އަސަރުތަކުގެ މާނަ ނަގަން ނޭނގުނީއެވެ.

"އިޒް. އަހަރެން ހިތަށް އަރަނީ... މިހާރު ދެން ދަރިފުޅު ނިޔާވިތާ ވެސް އެތައް ދުވަސްތަކެއް ވެއްޖެ. ގޭތެރެވެސް ކިހާ ފަޅުކޮށްތަ މިދިޔަ ދުވަސްތަކުގަ މިއޮތީ. އަލުން އުފާވެރިކަން ލިބޭނީ ދެއާއިލާ ގިނަ ގިނައިން ބައްދަލުވެ އެކަކު އަނެކަކާ ވާހަކަ ދައްކާލާ ސަކަރާތް ޖަހަން ފުރުސަތު ލިބުނީމަހެން ހީވަނީ. އަބަދު އެ ހިތާމައިގަވެސް ނޫޅެވޭނެއެއްނު. އެހެންވެ... އަހަރެން ވިސްނަނީ... އަނެއްކާވެސް ކޮންމެވެސް ކަމެއްގައި އެންމެން މަސްއޫލުވެ އުޅޭނެ ފަދަ ކަމެއްކުރަން..." އަނާލް ވާހަކަ ބެހެއްޓީ ދުރު ދުރުންނެވެ. އިޒިއަން އަނާލް ގޮވައިގެން ގެނެސް އެނދުގައި ބައިންދަމުން އޭނާ އިށީނީ ޓައިލްސްތަކު މަތީގައި އަނާލްގެ ކަކުލުގައި އަތް ޖައްސާލައިގެންނެވެ. ބޯ ޖަހާލަމުން އަނާލްގެ ހިޔާލަކަށް އިޒިއަން އިންތިޒާރުކުރިއެވެ.

"އަހަރެން ވިސްނަނީ ކިނާންގެ ކައިވެނި ކުރުވަން... އެހާ ދުވަސް ވީއިރު އެމީހުން މަޑުކުރީ އިޒް ކޯމާގަ އޮތީމަ. މިހާރު ހުރިހާ ކަމެއްވެސް ހަމައަކަށް އެޅެމުން ދަނީ. އެހެންވީމަ އެހިތާމަތަކުން އަރައިގަނެ އަނެއްކާވެސް އުފާވެރި ވަގުތު ތަކެއް ހޭދަ ކުރެވޭނެ ގޮތަކީ އެއީ. ކައިވެނީގެ ވާހަކަ ދައްކަން ވީނު. ބުނަން ނުކެރުނަސް ދެމީހުންވެސް މިހާރު ބޭނުންވެފަ ތިބޭނީ ކައިވެނިކުރަން. ހާދަ ދުވަހަކު އެ ދެމީހުންވެސް އިންތިޒާރުކޮށްފިއޭ. އިތުރަށް ދެން އިންތިޒާރު ކުރުވާނެ ކަމެއް ނެތެއްނު. ދެއާއިލާތެރޭގަ ވީ މައްސަލަވެސް މިހާރު މިއޮތީ ހައްލުވެ ނިމިފައެއްނު. " އަނާލް އޭނާގެ ހިޔާލު ފާޅުކުރިއެވެ. އިޒިއަން އެ ހިޔާލަކާ ދެކޮޅެއް ނުހަދައެވެ. އޭނާވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ.

"އަހަރެން ނާނު އާ ވާހަކަ ދައްކާނަން، އަދި މި ހަފްތާ ތެރޭގައި ބައްޕައާއިވެސް ވާހަކަ ދެއްކޭތޯ ބަލާނަން. އެހާ ތަނަށް ކައިވެންޏާ މެދު ދީމްގެ ހިޔާލެއްވެސް ނާލް ހޯދާލާފަ ބަހައްޓާ" އިޒިއަންގެ ޖަވާބުން އަނާލް ހިންހަމަޖެހުނެވެ. މަޑުމަޑުން އަނާލްގެ ކޯތާފަތުގައި އިޒިއަން އަތް ޖައްސާލިއެވެ.

******

ބުރަކޮށް ހޮސްޕިޓަލުގައި އުޅެފައި ގެއަށް އައި ކިނާން ފެންވަރައިގެން ނުކުތްތަނާ އޭނާއަށް އިޒިއަންގެ ފޯނެއް އައެވެ. މެސެޖުގައި އޮތީ މިރޭ ޓެރެސްއިން ބައްދަލުކުރުމަށެވެ. މުހިންމު ވާހަކައެއް ދައްކަން ވެއްޖެޔޭ ބުނެފައި އޮތުމުން އޭނާކުޑަކޮށް ވިސްނާލިއެވެ. މެސެޖަށް ރިޕްލައިކޮށްލުމަށްފަހު ރީތިވެގެން މާ ބޮޑު ވިސްނުމަކާ ނުލާ އޭނާ ގޮސް ޓެރެސްއަށް އެރިއެވެ.

"ދޮންބޭ" އިޒިއަންއަށް ގޮވާލުމާއެކު ރެއިލިން ގާތުގައި ހުރެފައި އިޒިއަން ފަހަތް ބަލާލާފައި އޭނާ ގާތަށް އައުމަށް އިޝާރާތް ކޮށްލިއެވެ.

"ވޯހް. ދެޓް ލުކް. ބިރުގަނެއްޖެ. ހީވަނީ ވޭންޕަޔަރެއްހެން. އަނެއްކާ ކައި ނުލައްޗޭ.... އަހަރެން އަދި ޖެހޭ މީހަކާ ވެސް އިންނަން..." ކިނާން އަނގަ ގަދަ ކޮށްގަތުމާއެކު އިޒިއަން ކޮންމެވެސް އެއްޗެކޭ މަޑުން ބުނެލިއެވެ. އެހެންނަމަވެސް ކިނާންއަށް އަޑެއް ނީވުނެވެ.

"ކީކޭ؟" ދީމް އޭ ކިޔާފައި އެއްޗެއް ބުނިހެން ހީވެ ކިނާން އޭރު ހުރީ ނިކަން ވަރުއަރާފައެވެ.

"މި ބުނީ އަނގަ ގަދަ މިތުރު މިތަނަށް އައިކަން އެނގިއްޖެޔޭ!" އިޒިއަން ބުނެލިއެވެ. ކިނާން އައިސް އެއްފަރާތުގައި މަޑުކޮށްލުމާއެކު އިޒިއަން އޭނާގެ މައުޟޫއަށް ވާހަކަ ބައްޓަން ކުރަން ފެށިއެވެ.

"ކިހާ ދުވަހެއް ވެއްޖެތަ ދީމް ކޮން އިރަކުން ބާއޭ ތިމަންނަގެ ހައްގަކަށް ވާނީ ހިތަށްއަރާތާ؟" އިޒިއަން އަހާލިއެވެ. އެއާއެކު ކިނާން ދެބުމަ އަރުވާލިއެވެ.

"ކިހިނެތްވީ؟" ކިނާންއަހާލީ މަޑުންނެވެ. ކަރުޖެހިލަމުން އޭނާ ދުރުބަލާލިއެވެ.

"ކައިވެނީގެ ވާހަކަ ބައްޕަ ގާތު ނުދައްކާނަންތަ؟" ހާދަ ދުވަހެއްގެ އިންތިޒާރަކޭ. އަދިވެސް ލަސް ކުރަނީތަ؟" އިޒިއަން ސުވާލުކޮށްލިއެވެ.

"ބައްޕަ ގާތު. ބުނާކަށް ނުކެރޭނެ. ދޮންބެ.،. ދޮންބެ ބުނެދޭން... ވީނު. ކައިވެނި ވީމަ ދެން...." ކިނާންގެ އަނގަ އޮޅެން ފެށިއެވެ.

"ދޮންބެ ބުނާހެން މިގޭ އަނގަ ގަދަ މިތުރު ހަމަ ހަޤީޤީ ފިރިހެނަކަށް ވާންޖެހޭ ތަންތަނުގަ ފިނޑީއޭ ދޯ!" ކުއްލިއަކަށް ކިނާންމެންގެ ފަހަތުން ފަހީމްގެ އަޑުއިވުމާއެކު ދެމީހުންނަށްވެސް ސިހިފައި ބަލާލެވުނެވެ. ފަހީމްގެ މޫނުމަތީގައިވި ކުލަވަރުން ދެންމެ ދެއްކި ހުރިހާ ވާހަކައެއްވެސް އޭނާއަށް އެނގިއްޖެކަމުގައި ދެމީހުންނަށްވެސް ޔަގީން ކުރެވުނެވެ.

"ކައިވެނި ހަމަ ކުރަންވީ؟ އެކަމަކު ކުޅޭ ކުޅޭ ކުޅިވަރެއް ގޮތަކަށްނޫން. އެކަކު އަނެކަކަށް ފުރިހަމައަށް އިތުބާރު ކުރަންވާނެ. ބައްޕައަށްވެސް ނާނު ގާތުގައި ދެއްކޭނީ ހަމަ ދޮންބެ ކައިވެނި ކުރަން އުޅުނު އިރު ދެއްކި ވާހަކަ... ދޮގަކާ އޮޅުވާލުމުގެ މައްޗަކަށް ކައިވެންޏެއް ބިނައެއް ނުކުރެވޭނެ. ބައްޕައަކަށް ނާނު އެކޭ އިޒް އެކޭ ތަފާތެއްނެތް. އެންމެ ކުޑައިރުއްސުރެ ނާނު މި ގެންގުޅުނީ ބައްޕަމެން. އަދި އަދަށް ދާންދެންވެސް ނޭނގެ ނާނުގެ މައިންބަފައިންނަކީ ކޮންބައެއްކަމެއް. ޔަތީމު ހާނާއަކުން ލިބުނު ރަންގަނޑެއް ތީ ހަމަ. ނާނު ފަހަރެއްގައި ވެސް ނާނުގެ ހަޤީގަތާ ބެހޭގޮތުން ދީމްއަށް ދޮގެއް ހަދައިގެން ނުވާނެ، މިހެން މި ބުނަނީ ނާނުއާއި އިޒް އާ ތަފާތު ކުރާތީއެއްނޫން. އެކަމަކު ހަޤީގަތް ބަދަލެއްނުވާނެ، ބައްޕަމެންނަށް ނާނު ތިއީ ހަމަ ބައްޕަމެންގެ ދަރިއެއް، އެކަމަކު ދީމްއަށް ފަހުން ހަޤީގަތް އެނގިއްޖެނަމަ އެކަން ގަބޫލުކުރަން އުނދަގޫވެދާނެ، އެއާއިލާއަށްވެސް. އެހެންވީމަ ކުރިން ޖެހޭނީ އެކަން ވެސް އޮޅުން ފިލުވަދީފަ ބާއްވަން. ބައްޕަ މިއަދާ ކުރަނީ ދަރިއަކަށްޓަކާ ބައްޕައަކު އަދާ ކޮށްދޭންޖެހޭ ޒިންމާއެއް. ނާނު ދެރަކުރަނީކީ ނޫން. އިޒްއަށް ނަސޭހަތެއް ދީފިއްޔާ ނާނުއަށްވެސް އޮންނާނީ އެ ނަސޭހަތެއް ދީފަ. އިޒްއަށް އެއްޗެއް ގަނެދީފިއްޔާ ނާނުއަށްވެސް ގަނެދިނިން. ދެކުދިންނަށްވެސް ދިނީ އެއް ތަރުބިއްޔަތެއް. ނާނު މިއަދު ބޮޑުވެ ކިޔަމަންތެރި ދަރިއަކަށް ވީތީ އުފާކުރަން. މައިންބަފައިންނަކަށް ދުވަހަކުވެސް ދަރިން ބޮޑެއްނުވާނެ... ކިތަންމެ ބޮޑުވިޔަސް ނަސޭހަތްދީ ހެޔޮމަގު ދައްކައިދޭން ތިބޭނީ ހަމަ މައިންބަފައިން. ބައްޕަމެންނަށް ވަނީ އެތަކެއް ތަޖުރިބާތަކެއް ލިބިފަ. ދުނިޔޭގައި ކަން ހިނގާ އުސޫލު އެންމެ ބޮޑަށް އެނގޭނީ ބައްޕަމެންނަށް." ފަހީމްގެ ވާހަކަތަކުން ކިނާންއަށް ކުރި އަސަރުން އޭނާގެ ލޮލަށް ވަގުތުން ކަރުނަތައް ޖަމާވެގެން ދިޔައެވެ. ނުރޯން ހިތްވަރު ކުރަމުން ދުރުބަލާލިއެވެ.

"އޭތް. މައި ލިޓްލް ބްރޯ ރޮނީތަ؟" އިޒިއަން ކިނާންގެ ކޮނޑުގައި ޖަހާލާފައި އަހާލަމުން ހީގަތެވެ. އެއާއެކު ކިނާން ދެބުމަ ގޮށްޖަހާލަމުން ބަލާލިއެވެ. އެއާއެކު އިޒިއަން ދެއައް މައްޗަށް ހިއްލާލާ އަމާން ދިނެވެ.

"ބައްޕަމެންނަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގެ. އައި އެމް ސޮރީ. އެކަމުގެ އަގު ދުވަހަކުވެސް..."

"ނާނު ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ. ތީ ބައްޕަގެ ދަރިއެކޭ. އެކަމަކު މި ބުނީ ހަޤީގަތް އެ ފެމެލީއަށް ކިޔާދެއްޗޭ!. ތީ މިގޭ ސަންތި މަރިޔަނބެއްނު" ކިނާން ދެރަވެފައި ހުރީތީ ހެއްވާލަން ފަހީމްވެސް ބޭނުންވިއެވެ. އިޒިއަން ކިނާން ރުޅިއަރުވަން އެންމެ ކުޑައިރުއްސުރެ ބޭނުންކުރާ ބަސް ފަހީމް ބޭނުންކޮށްލުމާއެކު އިޒިއަންއަށް ބާރަށް ހީގަނެވިއްޖެއެވެ.

"އެއީ އަންހެނެއް.... ސަންތި މަރިޔަނބު އެއީ އަންހެނެއް" ކިނާންއަށް ބޭއިޙްތިޔާރުގައި ބުނެވުނެވެ. އޭރު އޭނާގެ އަނގަޔަށް ވަނީ ގޮތެއް ހަދާލެވިފައެވެ. ފަހީމްގެ ހިނިގަނޑު ފަޅައިގެން ދިޔައީ ދެނެވެ.

"އެހެންތަ؟ އެހެންވިއްޔާ ދީމް އެއީ ސަންތި މަރިޔަނބު... ތިއީ ފޫޅުދިގުހަންޑި އޯކޭ! ޑަން!" އިޒިއަން ބުނެލުމާއެކު ކިނާން ލޯ އަޅާލަމުން އިޒިއަންގެ ފަހަތުން އަނެއްކާވެސް ދުއްވައިގަތެވެ.

"ހުރެބަލަ. ތީ ހަސަންތަކުރު ދޮންބެ ދައްތައަކީ ސަފަރުކަތްދަ؟" ކިނާން ބާރަށް ބުނެލީ އިޒިއަން އާ ދިމާލަށް ބަލާލާ ދޫ ނެރިލަމުންނެވެ.

"އޭތް ކީކޭ ސަފަރުކަތްދަ އޭ! ހުރެބަލަ ކުޅި ދައްކާލާނަން" އެވަގުތު އެތަނަށް އެރި އަކްނިޒާ އާއި އަނާލްގެ ކަންފަތުގައިވެސް އެއަޑުޖެހުނެވެ. އަނާލް އެހެން ކިޔާ ކިނާން ފަހަތުން ދުއްވައިގަތެވެ. ދެފަރާތުން ކިނާން ހައްޔަރު ކޮށްލަމުން އިޒިއަން އާއި އަނާލް ދެން ކޮންތާކަށްހޭ ދާނީ ބުނެލީ އެކު އެކީގައެވެ.

"ނާލް އަކީ ޕަރީއެއް ހަމަ. ދީމް އެކަމަކު....." އިޒިއަން ވާހަކަ ދައްކަން އުޅުނެވެ.

"ދީމްއާ ދިމާލަށް ތިހެން ކިޔަންޏާ ދޮންބެ ދައްތަ ވާނީ ހަމަ ސަފަރުކަތްދައަށް..." އިޒިއަންގެ ބަސްހުއްޓުނީ ކިނާން ބުނެލި ގޮތުންނެވެ. އެއާއެކު އެންމެންގެ ހުނުމުގެ އަޑުން އެތަން ގުގުމައިގެން ދިޔައެވެ.

"އޭތް. ދީމް އަށް ޕްރޮޕޯސް ކުރަން ރަނގަޅު ގޮތެއް ރާވަބަލަ. ފިރިހެނަކަށް ވެބަލަ ދެން ނިކަން" ފަހީމްއާއި އަކްނިޒާއާއި ދެމީހުން ދިޔުމާއެކު އަނާލް ކިނާންއަށް ބަލާލަމުން ބުނެލިއެވެ.

"ދޮންބެ ދައްތަ އައިޑިއާއެއް ދީފާނަންތަ؟" ކިނާން އެދުނެވެ.

ތިންމީހުން ވެގެން ނިންމީ ދީމް ގާތު ކައިވެނީގެ ވާހަކަ ނުދައްކާށެވެ. އެކަން ދީމްއަށް ސަޕްރައިޒަކަށް ހަދަން އެމީހުން ބޭނުންވީއެވެ.

"ކުރާނެ ކަމެއް ނޭނގެންޏާ ދެން އެޓްލީސްޓް މާބޮޑިއެއް ދީފަ ޕޮރޮޕޯޒް ކޮށްލާ! އޭރުން ވެސް ކަމެއް ކުރި ކަމަށް ވާނެތާ. ހުވާ މި ފިރިހެނާ ބޮލުގެ ތެތްކަމެއް ނުހުންނާނެ. ނާލް ހިނގާ ދާން" އަނާލްގެ އަތުގައި ހިފަމުން އިޒިއަން ހިނގައިގަތީ ކިނާންގެ ބުރަކަށީގައި ޖަހާލާފައެވެ.

"އައްދޯތް....." ބާރަށް ބުނެލި ކިނާން އިޒިއަންއާ ދިމާލަށް އަތް ހޫރާލިއެވެ. އިޒިއަންވެސް ކިނާންއަށް ބަލާލާފައި ދޫ ނެރެލިއެވެ.

"ދެން އިޒް ވެސް އޭނައަށް ދޫނުކުރާތި" އަނާލްވެސް މަޑުން ނުހުރެވިގެން އެއްޗެކޭ ބުނެލިއެވެ. ކިނާން ތިރިއަށް ފޭބީ ދީމްއަށް ޕްރޮޕޯޒް ކުރާނެގޮތެއް ނެޓުން ހޯދަމުން ހޯދަމުންނެވެ.

"އަނެއްކާވެސް މިގެއަށް އެހެން އަންހެން ކުއްޖަކު އަންނަނީ ދޯ. ދެން ނާލްވެސް އެކަންޏެއް ނުވާނެތާ.... އަނެއްކޮޅުން ގޭތެރޭގެ ފަޅުކަންވެސް ފިލާނެ. އިންޝާ ﷲ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް.... ދެން މަޑުމަޑުން ކަންތައްތައް ހަމައަކަށް އެޅެމުން ދާނީ" އަކްނިޒާގެ އަޑު ސިޑިން ފޭބި ކިނާންގެ ކަންފަތުގައި ޖެހުނެވެ. އަކްނިޒާއާއި ފަހީމްއާއި ދެމީހުން ވާހަކަ ދައްކަން ތިބީ ސިޓިން ރޫމުގައެވެ. ކިނާން ފެނިގެން ފަހީމް ހީލަމުން ކިނާންއަށް ގޮވާލިއެވެ.

ކިނާންވެސް އައިސް ސޯފާގައި ޖައްސާލިއެވެ. އަކްނިޒާއަށް ބަލާލުމަށްފަހު ފަހީމް ވާހަކަ ދައްކަން ފެށީ އިރުކޮޅަކު ވިސްނަން އިނދެފައެވެ.

"ނާނު.... ބޭނުންވޭތަ ނާނުގެ ހަޤީޤީ މައިންބަފައިންނަކީ ކޮންބައެއްކަން އެނގެން... ހޯދަން ބޭނުންތަ؟ ނާނު ބޭނުމިއްޔާ ބައްޕަމެން އެކަން ކޮށްދީފާނަން" ފަހީމް އަހާލިއެވެ.

"ނޫން. ބޭނުމެއްނޫން. އަޅުގަނޑުގެ އާއިލާ އަކީ މީ. އެއީ ގަބޫލުކުރަން ބޭނުންވާ ގޮތަކީ. އަޅުގަނޑުގެ އުމުރުން މި ވީހާދުވަހެއްވީ އެމީހުންގެ އެއްވެސް ހިއްސާއެއް އޮވެގެނެއްނޫން. ވީމަ މިއަދު އެކަން އެނގުކަމުން އަދި ނޭނގުމަކުން އަޅުގަނޑަށް ލިބޭނެ ދެރައެއް ނެތް" ކިނާން މަޑު މައިތިރިކަމާއެކު ޖަވާބުދިނެވެ. އޭނާގެ ހަޤީޤީ މަންމައާއި ބައްޕައަކީ ކޮބައިކަން އެނގެން ކިނާން ބޭނުމެއް ނުވެއެވެ. އެހެނީ އެކަން އެނގިގެން އޭނާއާށް ކުރާނެ ފައިދާއެއް ވެސް ނެތެވެ. ގެއްލުމެއްވެސްނެތެވެ. ކިނާން ގަބޫލުކުރާ ގޮތުގައި ބޭނުންނެތިގެން އޭނާ އެއްލާލި މައިންބަފައިންނަކީ ކޮބައިކަން އެނގުމަކީ މުހިންމު ކަމެއް ނޫނެވެ. ފަހީމްއާއި އަކްނިޒާވެސް އިތުރަށް އެ ވާހަކަ ނުދެއްކީ ކިނާންގެ ވިސްނުން އެނގުނީތީއެވެ.

"ދަރިފުޅު ހީ ނުކުރައްޗޭ ބައްޕަމެން މިހެން ބުނީމަ ދަރިފުޅާ ހެދި އުނދަގޫވަނިއްޔޭ. އެހެނެއްނޫން. މިހާރު ނާނު ވެސް ތިހުރި ހުރިހާކަމެއް ވިސްނޭ ވަރުވެފަ. އެހެންވެ ބައްޕަމެން ހަމަ އެނގެން ބޭނުންވީ ނާނު އެކަން އެނގެން ބޭނުންވޭތޯ! އަދި ނާނު ބޭނުންވާ ނަމަ އެއީ ކޮންބައެއްކަންވެސް ބައްޕަމެން ހޯދައިދިނީމުސް...." ފަހީމް ބުނެލިއެވެ.

"އެންމެ ރަނގަޅޭ ބައްޕާ. އެފަދަ އެއްޗެއް ކީއްވެތޯ އަޅުގަނޑު ބައްޕައާ މެދު ހީކުރަންވީ. " ކިނާން ހިނިތުންވެލިއެވެ. އޭނާ އަކްނިޒާގެ އިޒުނަ ނަގައިގެން ތެދުވެ ހިނގައިގަތެވެ.

ކޮޓަރީގައި ވަނީ ފަނޑު އަލިކަމެކެވެ. އެނދުގައި އިޒިއަން އޮށްވައި އަނާލް ބޭސްހިފައިގެން އައިސް އިޒިއަންއަށް ބޭސްދީފައި އަނެއްފަރާތުގައި އައިސް އިށީނދެލިއެވެ. އެއަށްފަހު އޭނަ އުނަގަނޑު ސީދާކޮށްލާ ހެޑް ބޯޑުގައި ލެނގިލިއެވެ. އިޒިއަން ކުޑަކޮށް އަނާލް އާއި ގާތަށް ޖެހިލާ އަނާލްގެ ކޮނޑުގައި އަތް އަޅުވާލަމުން ގާތް ކޮށްލިއެވެ. އަނާލް އިޒިއަންއަށް ބަލާލިއެވެ. އެ އަޅިކުލައިގެ ދެލޮލުގެ ތެރެއަށް ފީނައިގަންނަން ބޭނުންވާފަދަ ބާރެއް އިޒިއަންގެ ދެލޮލުގައި ވެއެވެ. އެއާއެކު އޭނާ އަވަސް އަވަހަށް އިސްޖަހާލިއެވެ.

"އިޒްއަށް އެނގޭތަ؟ އެންމެ ފުރަތަމަ ކައިސްގެ ހަޤީގަތް އެނގުނު ދުވަހު އަހަންނަށް ވީ ގޮތް. އެއީ އިޒް ކޯމާގަ އޮތްއިރު، އެދުވަހު ހަމަ ހަޤީގަތުގައިވެސް ހިތަށް އެރި އިޒްއަށް ކުރެވުނުކަމަށް ހާދަ ބޮޑަކަށް ރިގްރެޓް ކުރެޔޭ. ހާދަ ދެރަވާނެޔޭ އިޒް، އަހަރެން ރަނގަޅުކުރަން ވެގެން ކައިސް ގެނެސް... ހުރިހާ ކަމެއް އިޒް ކުރަމުން ދިޔައީ.... އަހަރެންނަށް ސިއްރު ކުރީ ކީއްވެބާއޭ ހިތަށް އެރި. " އަނާލް ވާހަކަ ދައްކަން ފެށީ އިރުކޮޅެއް ފަހުންނެވެ. އިޒިއަން ގެ ލުއި ހުނުމާއެކު އަނާލްއަށް އިޒިއަންއަށް ބަލާލިއެވެ.

"އެއްއިރެއްގައިވެސް ބޭނުންވިކަމެއްނޫން އެއީ އެފަދަ ކަމެއް ކޮށްފައި ފިލައިގެންދާކަށް..... އެކަމަކު ހާލަތު ނިޔާކުރި ގޮތް. ކުރެވުނުކަމާމެދު އަހަރެން ހުރީ ވަރަށް ދެރަވެފަ. އެރޭ ނޫނީ އެފަދަ އަމަލެއްގައި ދުވަހަކުވެސް ބައިވެރިއެއްނުވަން... ގެއަށް އައުމުން ބައްޕަމެން ސުވާލުކުރުމުންވެސް ތެދަށް ޖަވާބުދޭން ނުކެރުނީ. ބައްޕަމެންނަކަށް ނޭނގޭނެ އަހަރެން އެ އަމަލު ހިންގުމުގައި ބައިވެރިވިކަމެއް. އަހަރެން އިތުރަށް ހަލާކުވެދާނެތީ ބައްޕަމެން އަހަރެން ގޮވައިގެން ބޭރަށް ބަދަލުވީ.... އޭގެ ފަހުން އެއްމެ ދުވަހަކުވެސް އަހަރެން ނާލް މަތިން ހަނދާން ނައްތައެއް ނުލަން. ކިތަންމެ ރެއަކު އެ މަންޒަރު ހުވަފެނުގައި ފެނިގެން ތެދުވެވޭ. އަހަރެންގެ ފަރާތުން އެފަދަ ދެރައެއް އަންހެން ކުއްޖަކަށް ދެވުނީތީ ހިތާމަކުރިން. އެތައްފަހަރަކު ހިތަށްއެރި އަމިއްލައަށް އެ ކުށަށް އިރުތިރާފް ވެދާނަމޭ ވެސް. އެކަމަކު އަހަރެންގެ ފިނޑިކަމުން އެކަން އެހެންކުރަން ވެސް ނުކެރުނީ. އެރޭގެ ފަހުން އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔަ... އަހަރެން ރިހެބްގައި ހޭދަ ކުރި ދުވަސްތަކަކީ ދުވަހަކު ހަނދާނުން ފިލައިގެން ދާނެ ދުވަސްތަކެއް ނޫން. އަހަރެން އޭރު ހުރި ހަމަ ރަނގަޅަށްވެސް އެޑިކްޓްވެފަ. އެ ނުލިބިއްޖެއްޔާ އަހަރެންނަށް ނުވެސް ނިދޭނެ. ނުވެސް ކެވޭނެ. ރޭގަނޑަށް ފިނިވެ މީހާ ދާހިތްލާ ތުރުތުރު އަޅާ ވަރުން އަހަރެންނަށް ކެތްވެސް ނުކުރެވޭނެ، އެކަމަކު އެނގޭތަ އަހަރެން ހިތްވަރު ހޯދީ ކިހިނެތްކަން... ހިތަށް އެރީ ދެން އަހަރެން މަސްތުވާތަކެތި ބޭނުންކޮށްފިއްޔާ އެރޭ ނާލްއަށް ދެވުނު ފަދަ ގެއްލުމެއް އަނެއްކާވެސް އަހަރެންގެ ފަރާތުން އެހެން ކުއްޖަކަށް ދެވިދާނެޔޭ... އެއީ އަހަރެންނަށް ލިބުނު އެންމެ ބޮޑު ހިތްވަރު.... ބޭނުމެއްނުވި އެހެން އަންހެން ކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށް އެފުށް މިފުށަށް ޖަހާލާކަށް... އޭރަކު އަހަރެންނަށް ނޭނގެ ނާލް ދުނިޔޭގަ ހުރިކަމެއް. އެރޭ އަހަރެންނަށް އެންމެ ފަހުން ނާލް ފެނުނީ ފަތިހު... ޕޮލިސް ވޭނުގެ އަޑާއެކު އަހަރެންނާ ދާއިން ފިލީ. އެފަހުން އަހަންނަށް ނާލް ފެނުނީ ދި ގްރޭންޑް ކުންފުނީގެ ދޮރުމަތިން. އެނގޭތަ؟ އެ ދުވަހު އަހަރެންނަށް ވީ ގޮތް. ނާލް ފެނި އަހަރެންގެ ހިތަށްވީ ގޮތް ބުނެދޭކަށްވެސް ނޭގެ. ނަފްސަށް ވެރިވި ހަރުކަށިކަމާއި އަހަރެން އަމިއްލަ ނަފްސަށް މަލާމާތް ކުރިވަރު ނާލް އަކަށް ނޭނގޭނެ. އެކަމަކު އަހަރެން އުފާކުރިން. ނާލް ދުނިޔޭގަ ހުރިކަން އެނގުނީމަ. އެކަމަކު އެނގޭތަ އެންމެ އުފާވީ ކީއްވެކަން؟.... އެމް.އެޗް.ޑީ.ސީ ފަދަ ބޮޑު ޕްރޮޖެކްޓެއް ހިންގަން ނާލް ފަދަ ނުހިނގޭ ކުއްޖަކު އިސްނެގީތީ. އެދުވަހުގެ ފަހުން އަހަރެންވެސް އަޒުމު ކަނޑައެޅިން އެ މަސައްކަތް ކާމިޔާބުކުރުމަށް. އެއީ އަހަރެމެންފަދަ މީހުންނަށްވެސް ލިބޭނެ ފައިދާކަށް ބަލާފަ.... އޯލްރެޑީ ޑްރަގް އެޑިކްޓުންގެ ފަރާތުން ހާދަ ގެއްލުމެއް ލިބެޔޭ.... އެންޑް އަދި އެއްވާހަކަ.... ނާލް! އައި އެމް. ޕްރައުޑް އޮފް ޔޫ... މިއަދު އެމް.އެޗް.ޑީ.ސީ އެ ހުރި ހިސާބުގައި އެ ހުރީ ނާލްގެ ހިތްވަރުން ...... މެންޓަލް ހެލްތް އެންޑް ޑިސެބިލިޓީ، ކޯޕިން ވިތް އެމޯޝަންސް........ ނާލް! ނާލް ސާބިތުކޮށްދިނިން ހާއްސަ އެހީއަށް ބޭނުންވާ ކޮންމެ ކުއްޖަކީ ވެސް ކޮންމެވެސް ގޮތަކުން މުޖްތަމައުއަށް ހިދުމަތެއް ކޮށްދެވިދާނެކުއްޖެއްކަން. ނާލްގެ ސަބަބުން އެފަދަ އެތަކެއް ކުއްޖަކަށް އެހީވެދީފިން. އެ ކުދިންނަށް އެތައް ވަޒީފާއެއް ފަހިވެގެން ހިނގައްޖެ. ކޮންމެ ކުއްޖަކީވެސް މުޖްތަމައުއަށް ބޭނުންތެރި ކުއްޖެއްގެ ގޮތުގައި އަހަރެމެން އެންމެން ބަލައިގަންނަންޖެހޭ. އެކުދިންގެ މުސްތަގްބަލް ވެސް އަނދިރިކޮށްލުމުގެ ބަދަލުގައި ނޫނީ ކޮންމެވެސް ކޮއްޓެއްގައި ބަންދުކޮށްފައި ބޭންދުމުގެ ބަދަލުގައި އެ ކުދިންގެ ޓެލެންޓްތައް ހޯދާ އެބަޖެހޭ މުޖްތަމައުއަށް ނެރެން..... އައި ރިއަލީ އޭމް ޕްރައުޑް އޮފް ޔޫ" އިޒިއަން އަނާލްގެ ނިތުގައި ބޮސްދިނެވެ. އަނާލް ހިނިތުންވެލިއެވެ.

*****

ޖެހިގެން އައި ހަފްތާގައި ދީމްއާއި ކިނާންގެ ކައިވެނީގެ ތާރީޚް ކަނޑައެޅުނެވެ. އެއަށްފަހު ދިޔައީ ނުހަނު ބިޒީ ދުވަސްތަކެކެވެ. ކެނޑި ނޭޅި އެކި ކަންކަމުގައި އުޅެން ޖެހުމުގެ ސަބަބުން މަޑުމަޑުން ހިތާމަތައް ފިލާ ހަމައަކަށް އެޅިލައިފިއެވެ.

އެންމެ ފަހުން ކައިވެނީގެ ދުވަސްވެސް އައިސް ޖެހުނީއެވެ.

"އައި އެމް ނާވަސް" މޭކަޕް ކުރަންވެގެން އުޅުނު ޒައުނާއަށް ބަލާލަމުން ދީމް ބުނެލިއެވެ. ޒައުނާ އަކީ މޭކަޕް ކޯސް ހަދާފައި ހުރި ކުއްޖަކަށް ވުމާއެކު އެމީހުން އެކަމަށް ޒައުނާ ނެގީ އޭނާގެ ވެސް އެދުމާ އެކުގައެވެ. ކައިވެނީގެ ކުރިން ދީމް ބޭނުންވީ ބުރުގާއަޅަންކަމަށް ވުމާއެކު މިރޭ އޭނާ ކައިވެނީގެ ހަފްލާގައިވެސް ފެނިގެންދާނީ ބުރުގާ އަޅައިގެންނެވެ.

"ހުރިހާ ކުދިންނަށްވެސް ވާނެޔޭ އެހެން" އަނާލް ބުނެލިއެވެ. އޭނާ ދީމްއާ ދިމާކޮށްލަން ލާނެތް ޖުމްލައެއް ބުނެލިއެވެ. ދީމް ހީލިއެވެ. ދީމްގެ ވެޑިން ޑްރެސް ހުރީ އެހެން ގިނަ ކުދިންނާ ހިލާފަށް ރަތް ކުލައިގައެވެ. ބުރުގާ ވެސްމެއެވެ. އެ ހެދުމުގައި ވަނީ ރީތި މިނާ ޒާރުގެ ރޭންދާ ތަކަކުން ރޭންދާ އަޅާ ރީތި ގޮތަކަށް ޑިޒައިން ކޮށްލާފައެވެ. މޭކަޕް ކޮށްނިމުމާއެކު ބުރުގާ ޑިޒައިން ކުރަން އިތުރު އެހެން ކުއްޖެއްވެސް ގެނެވުނެވެ. ބުރުގާ އަޅާނިމުމާއެކު ދީމް ތެދުވަން އަނާލް އާއި ޒައުނާ އާއި ދެމީހުން އެހީތެރިވެދިނެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި ހުރެ ދީމް އޭނާގެ ސޫރައަށް ރީތިކޮށް ބަލާލިއެވެ. ބުރުގާ އެޅުމުން އޭނާގެ ރީތިކަން ދެގުނަވިހެން ހީވިއެވެ. އެއާއެކު އޭނާގެ މޫނުމައްޗަށް ލަދުވެތި ކަމުގެ ކުލަވަރު ވެރިވީ ކިނާންގެ މަތިން ހަނދާންވެފައެވެ.

އައްދޭ.... ކޮން ބްލަޝްއެއްތަ ތިވަނީ؟. މިރޭ ނާނު އެނބުރުން ނާރާގަތިއްޔާ ވެދާނެ..... އަންނާނަން އެ މީހުންގެ ހަބަރެއް ބަލާލާފަ" އަނާލް އޭނާ ލާފައި ހުރި ހެދުމުގެ ފަސްބައި އަތަށް ނަގާ ހެޔޮވަރުކުރަމުން ޖަވާބުދިނެވެ. އެމީހުން ތިބީ ސްޓާ ހޯލްޑާސް އިމާރާތުގައެވެ. ކައިވެންޏަށްޓަކައި އެތަނުގެ އެންމެ ބޮޑު ހޯލް ވަނީ ޒީނަތްތެރިކުރެވިފައެވެ. އެންމެންނަށް ޒީނަތްތެރިވެވޭނެ ގޮތަށް ތަންވެސް ވަނީ ތައްޔާރުކޮށްފައެވެ. އެމީހުން ތިބި ފްލޯގެ އެއްފަރާތް ފިރިހެންވެރިންނަށް ހާއްސަ ކުރެވިފައިވާއިރު އަނެއްފަރާތް ހާއްސަކުރީ އަންހެން ވެރިންނަށެވެ.

އަނާލް ފައިދޮށަށް ބަލަމުން ހިނގައިގަތީ ވަރަށް މަޑުންނެވެ. އުސް ފައިވާނަށް އެރުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމެކެވެ. ހިނގަމުން ހިނގަމުން ދަނިކޮށް މީހަކު އޭނާގެ އަތުގައި ހިފާ ދަމައިގަނެ ގޮސް އެތަނުން ރޫމަކަށް ވައްދާ ތަޅުލައިފިއެވެ.

މޭގަނޑު އަނގަޔަށް އައި ފަދަ އިޙްސާސްއާއެކު އޭނާ ހަޅޭއްލަވައިގަންނަން އުޅުނުނަމަވެސް އެމީހަކު އަނގަމަތީގައި ހިފައްޓާފައި ހުރިލެއް ބާރުކަމުން އޭނާއަށް ހަޅޭއްވެސް ލަވައިގަނެވޭގޮތެއް ނުވިއެވެ.

"ހޭ ނާލް!. އިޓްސް މީ އޭ... މިއަދު ހަތަރު ދަމު ފިލައިގެން އުޅެފަ އެންމެ ފަހަރަކު އަހަރެން ނާލް ފެންނަ ހިސާބަށް ގެނައިމަވެސް ތި ހަޅޭއްލަވަނީ" ކަންފަތް ދޮށަށް އިވުނީ އިޒިއަންގެ އަޑެވެ.

"އިޒް" މޭގައި އަތް އަޅާލަމުން ދުރަށް ޖެހިލާ ހަމަނޭވާލަމުން އަނާލް ބުނެލިއެވެ.

އިޒިއަން އަނާލްގެ ފައިން ފެށިގެން ބޮލާ ހިސާބަށް ތޫނު ނަޒަރެއް ދިނެވެ.

"ގޯރޖަސް..." އިޒިއަންގެ ދުލުން ބޭރުވިބަހާއެކު އެނަޒަރުގެ ސަބަބުން އަނާލް ލަދުގަންނަ ގޮތްވިއެވެ.

އަނާލް ލާފައިހުރީ ރަތްކުލައިގެ އެއްކޮށް ދިގު ހެދުމެކެވެ. އެ ހެދުމުގެ އަތް ދިގު ނަމަވެސް އަތުގައި ވަނީ ލޭސްފޮތިގަނޑެކެވެ. މެއާ ދިމާ ކުރިމަތިންނާއި ފުރަގަހަތުން ވެސް ބޮޑު ރޭނދާގަނޑެއް އަޅާފައިވައިރު ރޭނދާ ގަނޑު ނިމޭހިސާބުން ވަނީ ކުދި ކުދި ރޫތަކެއް ޖައްސާފައެވެ. އެ ރޫތައް ތިރިއަށް ގޮސްފައިވާއިރު ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އަނާލްގެ އިސްތަށިގަނޑު ރީތި ގޮތަކަށް ހުޅިއެއް ޖަހާލާފައިވާއިރު ކުޑަ އިސްތަށިކޮޅެއް އެއްފަރާތުން ވައްޓާލާފައިވެއެވެ. އަތުގައި ހެދުމާ ގުޅުވައިގެން ރަތްކުލައިގެ ބްރޭސްލެޓެއް އަޅާފައިވާއިރު އަނގޮޓިވެސް ވަނީ ރަތް ކުލައިންނެވެ. ތުންފަތުގައި ޖައްސާފައިވަނީ އަނާލް އާއްމުކޮށް ޖައްސާ ނޫޅޭ ގަދަ ރަތް ކުލައެވެ. މޭކަޕް ގެ ސަބަބުން އެ މޫނުމަތި އިތުރަށް ފުރިހަމަ ވެފައި ވާއިރު ހިތްގައިމެވެ. އިޒިއަންއަށް ހުރެވުނީ ނަޒަރު ވަކިކޮށްލަން ނޭނގިފައެވެ. އޭނާ އެހެން ހުރެފައި ހިނގައިގަންނަން އުޅުނު ވަގުތު ވައަތް ފައިން ވާގި ކުއްލިއަކަށް ދޫވުމާއެކު އެއްފަރާތަކަށް އަރިއަޅާލިއެވެ.

"އިޒް" އަނާލް ހާސްކަމާއެކު އިޒިއަންއަށް ގޮވާލަމުން ދުއްވައިގަތެވެ. ނަސީބަކުން އިޒިއަން ވެސް ހަށިގަނޑު ސީދާކޮށްލާ ބެލެންސް ކޮށްލިއެވެ. އަނާލް އައިސް އިޒިއަންގެ ގައިގައި ވެސް ކުޑަކޮށް ހިފައްޓާލިއެވެ.

"ކުރިން ދުވަހަކުވެސް މިހެންވިއެއްނު. ޑޮކްޓަރަށް ދައްކަން ވީނު. ކަމެއް ނޫނޭ އިޒް ބުންޏަސް ގައިމު....." އިޒިއަން އަނާލްގެ އަނގަމަތީގައި އަތް އަޅަމުން އެ ދެލޮލާ ނަޒަރު ސީދާކޮށްލިއެވެ.

"ނާލް ތިހުރީނު. ދެން ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ" އިޒިއަން މިހާރު ރަނގަޅުވެފައިވާ އޭނާގެ ފައި ދެފަހަރަކު ތަޅުވާލަމުން ބުނެލިއެވެ. އެހެންނަމަވެސް އެހެން ބުނި އިރުވެސް އޭނާއަށް އެ މައްސަލަ ކުރިމަތިވަނީ ކޮންމެވެސް ގޯހެއް އުޅޭތީކަން އެނގެއެވެ. އެކަމަކު އޭނާ މިވަގުތު ބޭނުންވީ އަނާލް ހިންހަމަ ޖައްސައިދޭށެވެ.

"އޯކޭ... ވެޑިން ނިންމާފަ އަހަރެންނަށް ފެނޭ ރާއްޖޭން ބޭރަށް ދާން...." އަނާލް ގޮތް ދޫ ނުކުރިއެވެ. އިޒިއަންވެސް އެއްބަސްވީ އިތުރު ގޮތެއް ނެތީތީއެވެ.

އިޒިއަން ލާފައި ހުރީ ނޫ ކުލައިގެ ކޯޓް ފަޓްލޫނެވެ. އަޅާފައިހުރީ ރަތް ޓައީއެވެ. ކޯޓްގެ ގޮށް ނާޅުވާހުރިއިރު އަޑިން ލާފައިވާ ހުދުކުލައިގެ ގަމީސް ހުރީ ހާމައަށެވެ. އޭނާގެ ހަށިގަނޑުގެ ބައްޓަން ރީތިކޮށް އެނގޭހާވެއެވެ. ކޯމާއިން ހޭލިފަހުން އަނެއްކާވެސް ހަށިގަނޑު ވަރުގަދަވެ މަސްޖަހަން ފަށައިފިއެވެ. އަނާލް އިޒިއަންއަށް ބަލާލާފައި އިޒިއަންގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. އެއަށްފަހު އޭނައަށް މިވަގުތު ހުރެވެން ނެތްކަމަށް ބުންޏެވެ.

"އިޒް. ކަމެއް ވަންނާ ނުބުނެ ނުހުންނައްޗޭ!" އަނާލް ނުކުމެ ދޮރު ލައްޕާލަމުން ބުނެލިއެވެ.

"އެހެމް. އެހެމް..." ދޮރު ލައްޕާ ނުލެވި އުޅެނިކޮށް ކިނާން އައި ގޮތަށް އައިސް ދޮރު ހުޅުވާލާފައި ކަރު ކެހިލިއެވެ.

"ދޮންބެ ހޯދާ ހޯދާ ވަރުބަލިވެއްޖެ... މި ދެމީހުން އަދިވެސް ރޮމޭންސް ކުރުމުގަ. ސާބަހޭ! ކައިވެނި އަހަރެންގެ، އެކަމަކު ރޮމޭންސިން ބައި ދޮންބެމެންގެ" ކިނާންގެ ސަމާސާއިން އަނާލް ރަކި ވީވަރުން ކިނާންގެ ކޮނޑުގައި ތަދުވާވަރަށް ޖަހާފައި ހިނގައިގަތް އިރު އިޒިއަން ވެސް ބޯ ކަހާލިއެވެ.

ކިނާން އެތެރެއަށް ވަދެ އޭނާ ހާސްވަނީ އޭ ބުނެލުމާއެކު އިޒިއަންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އޭނާއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް އެތަނަށް ފިރިހެން ގްރޫޕް އައެވެ. ޝާހީންއާއި ރަކީންގެ އިތުރުން ކައިސް އާއި ދާއިންވެސް ހުއްޓެވެ.

"މީނަ ބިރުގަންނަނީ އޯ... " އިޒިއަން ހެމުން ބުނެލިއެވެ. އިޒިއަން އާ ބައިވެރިވެގެން އެހެން އެންމެންވެސް ހޭން ފެށުމުން ކިނާން ހުރީ ފާޑަކަށް އަނގަސަކަރާތްވެ ރަކި ވެފައެވެ.

"އޯކޭ އޭ.... އެންމެން ނުހުނަސް...." ކިނާން އެންމެ ފަހުން ބުނެލިއެވެ. އެތަނުގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ކިނާން ފުންނޭވާއެއް ލިޔެވެ.

އިޒިއަން އައިސް ކިނާން ގާތަށް ހުއްޓެމުން ކިނާންގެ ކޮނޑުގައި ޖަހާލިއެވެ. ބޭބެއެއްގެ ހައިސިއްޔަތުން އޭނާ ދޭންޖެހޭ ނަސޭހަތްދިނެވެ. އޭނާއަށް ތަޖުރިބާ ކުރެވުނު ކަންތައްތަކުގެ އަލީގައެވެ. ކިނާން ވަނީ އޭނާގެ ހަޤީގަތްވެސް ކައިވެނީގެ ކުރިން ދީމްގެ އާއިލާގެ އެންމެނަށްވެސް ކިޔައިދީފައެވެ. ކައިވެންޏައިގެން ކުރިއަށް ދިޔައީ އެ އާއިލާގެ ވެސް އެއްވެސް އިއުތިރާޒެއް ނެތީމައެވެ.

"އޭތް އަވަސްކުރޭ....." ދީމްގެ އަތުގައި ހިފަމުން އަނާލް ތެދުވިއިރު އޭނާއަށް އެހީތެރިވުމަށް ދާރިޔާއާއި ޖިދާ އާއި ރަމްޔާ އާއި ޒައުނާގެ އިތުރުން އެހެން ދެ ކުއްޖަކު ވެސް ހުއްޓެވެ. ދީމް ތެދުވެ ހިނގައި ގަތްތަނާ އެތަނަށް އަކްނިޒާގެ އިތުރުން މަޒާޔާވެސް އައެވެ. ޝަފޫންއާއި ޝަޒްނާވެސް އައިސް ހުއްޓުނެވެ. އެންމެންވެސް ލާފައިތިބީ ރަތްކުލައިގެ ދިގުހެދުމެވެ. މަޒާޔާއާއި ޝަފޫންއާއި ޝަޒްނާގެ އިތުރުން އަކްނިޒާގެ ހެދުން ވަނީ އެއްގޮތަކަށެވެ. ރަތްކުލައިގެ ދިގުހެދުމުގެ ފަސްބައިގައި ވަނީ ކަޅުކުލައިގެ ވިދާ ރޭންދާ އަޅާފައެވެ. އެންމެންއަޅާފައިވާ ބުރުގާވެސް ހުރީ އެއްގޮތަކަށެވެ. ބުރުގަލުގެ މަތިން ވަކި ހިސާބަކުން ކަޅުކުލައިގެ ރޭނދާގަނޑެއް އިންއިރު ހިތްގައިމު ގޮތެއް ހުއްޓެވެ. ދާރިޔާއާއި ޖިދާގެ އިތުރުން އަނާލް އާއި ރަމްޔާގެ ހެދުން ހުރީ އެއްގޮތަކަށެވެ. ދާރިޔާ ބުރުގާ އަޅާތީ ލޭސްއަތުގެ ބަދަލުގައި އޭނާގެ ހެދުމުގައި ވަނީ އެތެރެ ނޭނގޭ ފަދަ ފޮއްޗެކެވެ.

ދީމްއަށް ބަލާލާފައި ޝަފޫން އައިސް ދީމް ގާތަށް ހުއްޓުނެވެ. ދީމް ގޮވައިގެން ހިނގައިގަތް އިރު އެންމެ ގާތުގައި ހުރީ ޝަފޫންއެވެ. ވަކި ހިސާބަކުން އޭނާގެ ލޮލުގައި އަފާޒު އަޅައިގަތުމާއެކު އަފާޒުއަށް ގޮވާ ގެނައެވެ. ކަމެއް ހަނދާންވާ ފަދައަކުން އޭނާ އެދުނީ ދީމްއާއި އޭނާއާއި އަފާޒުގެ ފޮޓޯއެއް އެކަނި ނެގުމަށެވެ. ކެމެރާމަން ގެނެސް ދީމްގެ އެންމެ ފުރަތަމަ ނެގޭ ފޮޓޯއަކީ އެ ފޮޓޯއަށް ހެދިއެވެ. ދީމްގެ ލޮލުގެ ތެރެއަށް ޖަމާވެފައިވަނީ އުފާވެރިކަމުގެ ކަރުނައެވެ. އޭނާގެ އުންމީދުވެސް ފުރިހަމަވީއެވެ. އެންމެ ފަހުން އެންމެންގެ ހިނިތުންވެފައިވާ މޫނަކާއެކު އޭނާގެ އާއިލާގެ ފުރިހަމަ ފޮޓޯއެއްވެސް ނެގުނީއެވެ.

އިޒިއަންގެ އިތުރުން ދެން ތިބި ފިރިހެން ގްރޫޕްވެސް ތިބީ އެއްގޮތަކަށް ހެދުން އަޅާފައެވެ. ފަހީމް އާއި އައްމާރުގެ އިތުރުން ނަސީމް ތިބީ ކަޅުކުލައިގެ ކޯޓް ފަޓްލޫނުގައި ރަތްޓައީ އަޅައިގެންނެވެ.

ކިނާން ހުރީ ކަޅުކުލައިގެ ކޯޓް ފަޓްލޫނުގައި ކަމަށްވިޔަސް ފަހީމްމެންނާ ހިލާފަށް އޭނާ އަޅާފައިވަނީ ރަތާ ކަޅުކުލައިގެ ޑިޒައިން ހިމެނޭ ޓައީއެކެވެ. އިސްތަށިގަނޑު ވަނީ ޒަމާނީ ސްޓައިލަކަށް ހަދާލާފައެވެ. އަރާފައިހުރީ އޮފްކަން ގަދަ ކަޅު ބޫޓަކަށެވެ. ބަލާބެލުމަށް ސްމާޓްއެވެ. ޝަހުސިއްޔަތު ވަރުގަދައެވެ.

ދީމް ހޯލް ތެރެއަށް ވަނީ ކިނާން އާއެކުގައެވެ. އެމީހުންތިބެން ހަމަޖެހިފައިވާ ތަނުގައި ހުއްޓުނުއިރު ދެ މީހުންގެ މޫނުމަތީގައިވެސް ވަނީ ނުފިލާ ހިނިތުންވުމެކެވެ.

(ނުނިމޭ...)

https://sun.mv/121537

comment ކޮމެންޓް