މާފުކުރާށޭ ލޯބިވާ (45)

އަނާލް ފުންނޭވާއެއް ދޫކޮއްލިއެވެ. ކާރުން ފައިބާ އޭނާ ކިނާންއަށް ގުޅާލިއެވެ. ކިނާން ކިޔައިދިން ގޮތަށް ދިޔަ އަނާލްއަށް އެބުނާ ގެއެއް ފެނިއްޖެއެވެ. މަޑުމަޑުން އެތެރެއަށް ވަދެ އޭނާ ލިފްޓްކައިރީގައި މަޑުކޮއްލިއެވެ. ދާނީތޯ ނޫނީ ނުދާނީތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. ހިތް އެދުނީ އިޒިއަންއާ ބައްދަލުކުރަން ދިޔުމަށެވެ. އެހެންކަމުން އޭނާ ލިފްޓްގެ ފިތަށް އޮބާލަމުން ދެއަތް ދެއަތާ މޮޑެންފެށިއެވެ. އިޒިއަން ފެންނަން އުޅޭތީ ހިތުގައިވި އުފާވެރިކަން އޭނާގެ ނަފްސުގެ މައްޗަށް އަތްގަދަކުރަމުން ދިޔައެވެ. ހަމައެއާއެއްވަރަށް ކޮންމެވެސް ނުތަނަވަސްކަމެއް ވެސް މެއެވެ.

ލިފްޓް ހުއްޓުމާއެކު އަނާލް ލިފްޓަށް އެރިއެވެ. ކިނާން ބުނި ފްލޯއަށް އަރާ އަނާލް ބެލްއަޅާލިއެވެ. މަޑުކޮށްލަން ޖެހުނީ ކުޑައިރުކޮޅަކުއެވެ. ދޮރު ހުޅުވާލުމާއެކު އަނާލް ގެ ލޮލުގައި އަޅައިގަތީ ކިނާންއެވެ. އޭނާ ކިނާން ފެނިގެން ހިނިތުންވެލިއެވެ. ކިނާން ވެސް ހިނިތުންވެލިއެވެ. އެއްފަރާތަކަށް ޖެހިލާ އަނާލްއަށް އެތެރެއަށް ވަންނަން ތަން ދައްކަމުން ކިނާން ޝުކުރުއަދާކުރިއެވެ. އަނާލް ވަކިއެއްޗެއް ނުބުނެއެވެ.

"އިޒިއަން..... އިޒިއަން ކޮބާ؟" އަނާލް މަޑުމަޑުން އަހާލިއެވެ. ކިނާން އިޒިއަންގެ ކޮޓަރި ދައްކާލަމުން އެ ދިމާލަށް ހިނގައިގަތެވެ. ިއަނާލް އިރުކޮޅަކު ވސްނަން ހުރެފައި ހިނގައިގަތްއިރު އަދިވެސް އޭނާ އެނެގި ފިޔަވަޅާމެދު ޔަގީންކަމެއް ނެތެވެ. ކުރެވެނީ ރަނގަޅު ކަމެއްކަން ނޫނީ ނޫންކަން ވިސްނޭވަރަށް ވުރެ އެ ސިކުނޑީގައި ހިނގަމުންދާ ކަންތައް ވަރުގަދައެވެ. މަޑު ފިޔަވަޅުތަކެއްގައި ކިނާން އާއެކު ހިނގަމުން ގޮސް އަނާލް މަޑުކޮށްލީ އިޒިއަންގެ ކޮޓަރީގެ ދޮރުމަތީގައެވެ. އަނާލް އެތެރެއަށް ވަންނަންވެގެން ފިޔަވަޅެއް އަލާލިއެވެ. އޭނާގެ ލޮލުގައި އިޒިއަން އަޅައިގަތުމާއެކު ކުޑަކޮށް މަޑުޖެހިލެވުނެވެ. ރަޖާ އަޅައިގެން އޮތް އިރު އިރުއިރުކޮޅަކާ ކެއްސާލައެވެ. ހީވަނީ ހުންއައުމުގެ ސަބަބުން ހިސާބަކަށް ކަރުތެރެ ސަކަރާތްވެ ރޯގާޖެހިފައި ހުރިހެންނެވެ. ބަލާބެލުމަށްވެސް ބަލި ވައްތަރު ޖަހައެވެ. ދެލޯ މަރާލައިގެން އޮތް އިރު އޭނާގެ މޫނުމަތިން އަބަދާ އަބަދު ފެންނަ މާޔޫސްކަން ކުޑަވެފައި ވާހެން ހީވެއެވެ. އަނާލް މަޑުކޮށްގެން ހުރުމުން ކިނާން ވާހަކަދެއްކިއެވެ.

"އެތެރެއަށް ވަންނަން ވީނު. ދޮންބެ އަށް ނިދިފަ. އެހެންނޫނަސް ހުން އައިސް ހުރިވަރުން ވާނުވާ ނޭނގޭ ވަރުވެފައި އެ އޮތީ" ކިނާންގެ އަޑު އަނާލްގެ ކަންފަތުގައި ޖެހުމާއެކު އަނާލްއަށް ދިރުވާލެވުނެވެ. އިޒިއަން އެހާ ބަލިކަށިވެފައި އޮއްވާ އޭނާއަށް އެ ފެނުނީ އަލަށެވެ. އަބަދުވެސް އޭނާއަށް ފެންނަނީ ނެތް ހިތްވަރުކުރަން މަސައްކަތް ކުރާ އިޒިއަންއެކެވެ. ފުރަތަމަ ފަހަރަށް އިޒިއަންއަށް އޭނާގެ އެހީތެރިކަން ބޭނުންވާނެކަން އެ ހިތަށް ފަހުމްވެގެން ދިޔައެވެ.

ކިނާން އެދުނީ އެތެރެއަށް ވަނުމަށެވެ. މަޑުމަޑުން އެތެރެއަށް ވަދެ އަނެއްކާވެސް އަނާލް ހުއްޓުން އެރިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮއްލަމުން އޭނަ ގޮސް އިޒިއަންގެ އެއްފަރާތުގައި މަޑުކޮށްލިއެވެ. އެއަށްފަހު އިސްތަށިތައް އެއްފަރާތަކަށް ޖައްސާލިއެވެ. އިޒިއަންއަށް ވަރަށް ފުންނަޒަރަކުން އަނާލް ބަލާލިއެވެ. އެމޭގައި އޮތް ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އިޒިއަންގެ މޫނުން އޭނާއަށް ހިސާބެއްގެ އުދާސްކަމެއް ފެނުމާއެކު އެކީ އެ ކޮޓަރީގެ ހޫނުކަން އޭނާއަށް އިޙްސާސްކުރެވުނެވެ. އޭސީ ހުރީ ނިއްވާލާފައެވެ. މޫނުމަތިން ކޮންމެވެސް ވަރަކަށް ދަލުގެ އަސަރު ފެނުނަސް އިޒިއަން އޮތީ ހީކަރުވައިގަނެފައިހެން އޭނާއަށް ހީވިއެވެ. އެއްފަރާތު ފައިން ނެއްޓިފައި އޮތް ރަޖާގަނޑުން އިޒިއަންގެ ފައި ފޮރުވާލަމުން އަނާލް ކިނާން އަށްވެސް އަވަސް ނަޒަރެއްދިނެވެ. ސައިޑްކަބަޑަށް ނަޒަރު ހުއްޓުމާއެކު އެތަނުގައި ބަހައްޓާފައި ހުރި ބޭހާ ފެންތަށި އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާ ޖަވާބެއް ބޭނުންވާފަދަ ގޮތަކަށް ކިނާންއަށް ބަލާލިއެވެ. ކިނާން ދެފަރާތަށް ބޯހޫރާލީ ބޭހުން އަސަރެއް ނުކުރެޔޭ ބުނާފަދަ ގޮތަކަށެވެ.

"ބޭހަކުން ރަނގަޅެއް ނުވޭ. ހޮސްޕިޓަލަށް ދާ ވާހަކަ ބުނީމަ ގަބޫލެއް ނުވޭ." ކިނާން ގޮސްހުސްވެފައި ހުރި ފަދަގޮތަކަށް ބުނެލިއެވެ.

"ފެން ފޮތި ލީނަމަ. ހުން މަޑުވާނެ" މަޑުމަޑުން އަތް ގެންގޮސް އިޒިއަންގެ ނިތުގައި އަތް ޖައްސާލަމުން އަނާލް ބުނެލިއެވެ. އެނާގެ ފިނި އަތްތިލަ އިޒިއަންގެ ނިތުގައި ޖެހުމާއެކު އިޒިއަން މަޑުމަޑުން އެސްފިޔަތައް ތަޅުވާލިއެވެ. އިޒިއަންގެ ދުލުން ނުކުތް އަނާލްގެ ނަމާއެކު އަނާލްއަށް އަތް ދަމައިގަންނަމުން ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އިޒިއަން ވާހަކަދެއްކީ ނިދާފައި އޮވެކަން ޔަގީންވުމާއެކު އަނާލް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.

"ހީ ހޭޓްސް އިޓް. ކުޑައިރުވެސް ފެންފޮތި ލާކަށް އެއްބަހެއް ނުވާނެ. އަދި އަމްދުން މިހާރު....." ކިނާން ދެފަރާތަށް ބޯ ހޫރާލިއެވެ.

"ނުތެދުވެވޭ ހާލުގަވެސް ބަހެއް ގަބޫލު ކުރަނީކީ ނޫނޭ. ހިނގާބަލަ އައިސް ކިއުބް އާ އެއްޗެހި ދޭން" ދެފަރާތަށް ބޯ ހޫރާލަމުން އަނާލް ކިނާންއަށް ބަލާލާމުން ބުނެލިއެވެ. ކިނާންގެ ފަހަތުން އަނާލް ބަދިގެ ބަޔަށް ގޮސް ފްރިޖް ހުޅުވާލިއެވެ. އަދި އައިސްކިއުބް ނެގުމަށްފަހު ތައްޓަކަށް އަޅާލިއެވެ. ކިނާން ގާތު އެދުނީ ފޮތިކޮޅެއް އޭނާއަށް ދިނުމަށެވެ. ކިނާން ކުޑަ ތުވާލިކޮޅެއް ހިފައިގެން އައުމުން އަނާލް ތުވާލި ކޮޅާ އެކު ބިއްލޫރި ބޯތަށި ތަބަކެއްގައި ބަހެއްޓިއެވެ. އެއަށްފަހު އެ ހިފައިގެން އިޒިއަންގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ސައިޑް ކަބަޑްމަތީގައި ގެނައި އެއްޗެހި ބަހައްޓަމުން ޑްރެސިން ޓޭބަލް ކައިރީގައި ހުރި އިށީންނަ ގޮނޑި ގެނެސް އިޒިއަން އާ ދިމާ އެއްފަރާތުގައި ބަހައްޓާ އޭގައި އިށީނެވެ. އެއަށްފަހު އެ ފޮތިކޮޅަށް އައިސް ކިއުބް އެޅިއެވެ. އަދި އިޒިއަންގެ ނިތްކުރިމައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް އެއްފަރާތްކޮއްލިއެވެ. އޭރުވެސް އިޒިއަން ހުން އައިސް އޮތް ވަރު އޭނާއަށް އަންދާޒާ ކޮށްލެވުނެވެ. އިޒިއަންގެ ނިތުގައި ފެންފޮތިލާ ބޮނޑިތާން ކޮށްދޭން އެތައް އިރަކު އަނާލް އިނެވެ. ތައްޓަކަށް އަޅައިގެން އައިސް ފެންދިނެވެ. ދެފަހަރަކު އިޒިއަން އަނާލްއަށް ގޮވާވެސްލިޔެވެ. އެހެންނަމަވެސް އެއީ އިޒިއަން ހަމަހޭގައި ހުރެގެމް ކަމެއް ނޫނީ ނޫންކަމެއް އަނާލްއަކަށް ޔަގީނެއްނުވެއެވެ.

އައިސް ކިއުބްތައް ހުސްވިއިރު އިޒިއަންގެ ހުން ކުޑަކޮށް މަޑުވެފައިވެއެވެ. ކިނާންގެ ފޯން ރިންގްވީ އަނާލް ހިންދެމިލިވަގުތުއެވެ.

"ކީކޭ މަންމާ. އާ. ކުޑަކޮށް ލަސްވެދާނެ ކުޑަކަމެއްގަ މިއުޅެނީ" ކިނާން ދުރަށް ޖެހިލަމުން ވާހަކަދެއްކިއެވެ. ކިނާން ބޭރަށް ނުކުތުމުން އަނާލް އިޒިއަންއަށް ފުންކޮށް ބަލާލިއެވެ. އެގޮތުގައި އޭނާ ކިތަންމެ އިރަކު އިނެވެ. އިޒިއަންގެ އެސްފިޔަތައް ތަޅުވާލިހެން ހީވެ އޭނާ ކުޑަކޮށް ހަށިގަނޑު ސީދާކޮށްލިއެވެ. އަދި ހިންދިރުވާލިއެވެ. އަމިއްލަ ނަފްސު އިޒިއަންއާ ވާހަކަދައްކަން ތައްޔާރުކުރުމަށް އޭނާއަދިވެސް ކުޑަވަގުތު ކޮޅެއް ބޭނުންވެއެވެ. ދެފަހަރަކު އެއްފިޔަތައް ތަޅުވާލުމަށްފަހުވެސް އިޒިއަން ހޭލާ ގޮތް ނުވުމުން އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އެކަމުން ހިންހަމަޖެހުނު އަނާލް ފުންނޭވާއެއް ދޫކޮށްލިއެވެ. ނިދީގެ ފޮނި އާލަމުގެ ތެރެއަށް އިތުރަށް އިޒިއަން ގެނބުނުކަން ޔަގީންވުމާއެކު އަނާލް އާފުރިލިއެވެ. އޭނާގެ އުނަގަނޑުގައިވެސް ހިސާބަކަށް ރިއްސަމުން ދިޔައެވެ. ގަޑިބަލާލިއިރު އެގާރަޖަހާ ބޮޑުވެއްޖެއެވެ. ގެއަށް ދާންވެސް ޖެހޭނެއެވެ. އެކަމަކު އޭގެ ކުރިން އޭނާ ވަރުބަލި ފިލުވާލަން ބޭނުންވިއެވެ. ބޭއިޙްތިޔާރުގައި އިޒިއަންގެ ބަނޑާދިމާ އެނދުގައި އަނާލް ބޯ ޖައްސާލިއެވެ. އަދި ދެލޯ މަރާލިއެވެ. ވަރުބަލިކަމާއި ލޮޑުކަމާހުރެ އަނާލްއަށް ނިދެން މާގިނަ އިރެއްނުނެގިއެވެ.

އިޒިއަން އެސްފިޔަތައް ތަޅުވާލާފައި ކުޑަކޮށް ދެލޯ ހުޅުވާލިއެވެ. ހުން މަޑުވިނަމަވެސް ބޮލުގައި އޭރުވެސް ހިސާބެއްގެ ބަރުކަމެއް ހުއްޓެވެ. ހަށިގަނޑުގައި ވަރެއްނެތެވެ. ނިތްކުރިމަތީގައި އަތްޖައްސާލެވުނީ ތެތްކަމެއް އޭނާއަށް އިޙްސާސްކުރެވުނީތީއެވެ. ނިތުގައި ބާއްވާލެފިވައި އޮތް ތުވާލިކޮޅު ނަގަމުން ބޮލުގައި އަތް އަޅާލަމުން ތެދުވަން އުޅުނު ވަގުތު އެއްފަރާތުގައި މީހެއް ހުރިކަމުގެ އިޙްސާސް ކުރެވުމާއެކު އިޒިއަން ބަލާލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ އެއްފަރާތަކަށް އޮވެ ނިދިފައި އޮތް އަނާލްއެވެ. އަނާލް ފެނި ގަބޫލުކުރަން ދަތިވެފައި ހުރެ އިޒިއަންދެލޯ މަރާލިއެވެ. އަލުން ދެލޯ ހުޅުވާލީ މަންޒަރު ބަދަލުވާނޭކަމަށެވެ. އެހެންނަމަވެސް އޭނާގެ ލޮލުގެ ކުރިމައްޗަށް ފެންނަމުންދިޔަ މަންޒަރު ބަދަލެއްނުވިއެވެ. މިއީ ލޯ މައްޗަށް އޮޅުވާލެވޭ އޮޅުވާލުމެއް ނޫންކަން ޔަޤީންވެ އިޒިއަން ކުޑަކޮށް ތެދުވެލިއެވެ. އެއްވެސް އަސަރެއް އިޒިއަންގެ މޫނުމައްޗަކުން ނުފެނުނެވެ. އޭނާ ބުރަކަށި ދަށަށް ބާލީހެއް ލައްވާލާ އިތުރަށް ހަށިގަނޑު ސީދާކޮށްލިއެވެ. އެއަށްފަހު އޭނާ ފުންކޮން އަނާލްގެ މޫނަށްބަލާލިއެވެ. އެހާ ކައިރިން އަނާލް ފެނި އިޒިއަން އަށް ވެސް ހިނިތުންވެވުނެވެ. ބޭއިޙްތިޔާރުގައި އޭނާ އަށްކުޑަކޮށް އަނާލް އާދިމާލަށް ގުދުވެވުނެވެ. އަނާލްގެ ނިތުގައި ބޮސްދީފައި ތެދުވަން އުޅުނު ވަގުތު ކިނާން އައިސް ބާރަށްވާހަކަ ދެއްކިއެވެ. އިޒިއަންގެ އެ އަމަލު ކިނާންއަށް ފެންނާނެކަން ޔަގީންވިނަމަވެސް އޭނާ އެކަމަކަށް ސަމާލުކަމެއް ނުދިނެވެ.

"ދޮންބެ ދައްތާ އަހަ...." އިޒިއަން ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލަމުން ހިމޭންވާން ކިނާންއަށް އެންގިއެވެ. ކިނާންވެސް އަނާލްއަށް ބަލާލަމުން ބޯ ޖަހާލިއެވެ. އިއިޒިއަންއަށް އިތުރުކަމެއް ނުކުރެވި އުޅެނިކޮށް އަނާލް ބޯ ހިއްލާލާފިއެވެ. އަދި ސިހިފައި ތެދުވެ ފޯން ބަލާލިއެވެ. ސުބްޙާނައްﷲ އެވެ. ގަޑިން ބާރަޖަހާ ބޮޑުވެއްޖެއެވެ. މަންމަގެ ވެސް ދެ މިސްކޯލް އޮތެވެ. އަވަސް އަވަހަށް މަޒާޔާއަށް ގުޅަމުން އަނާލް އޭނާ މަސައްކަތުގައި ގަޑިނުބަލާ އިނދެވުނީއޭ ބުނެލިއެވެ. އަދި މިހާރުގެއަށް ދަނީކަމަށް ބުނެ އިތުރުވާހަކަތަކެއް ނުދައްކާ ފޯންބޭއްވިއެވެ.

އޭނާ އިޒިއަންއަށް ބަލާލިއެވެ. ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. ހާސްވިއެވެ. އިޒިއަން ހީކުރާނީ ކީކޭހެއްޔެވެ؟

"ދޮންބެ އޯކޭތަ މިހާރު؟" ކިނާން އިޒިއަންއަށް ބަލާލަމުން ސުވާލުކޮށްލިއެވެ.

"އާނ! ހަމައެކަނި ކުޑަކޮށް ބޮލުގަ ރިއްސަނީ. އޯކޭ" އިޒިއަން ކިނާންއަށް ބަލާލަމުން ބުނެލިއެވެ.

އަހަރެން ދަނީ ދެން ނާނު. ލަސްވެއްޖެ" ތެދުވަމުން ކިނާންއަށް ބަލާލާ އަނާލް ވާހަކަދެއްކިއެވެ. އޭރުވެސް އިޒިއަންގެ ނަޒަރު ހުރީ އޭނާއަށް ހުއްޓިފައެވެ. އެކަމުން އަނާލްއަށް އުނދަގޫވިއެވެ. އަވަސް އަވަހަށް ސައިޑް ކަބަޑްމަތީ އޮތް އޭނާގެ އަތްދަބަސް ނަގަމުން ތެދުވެ ދޮރާ ދިމާލަށް ހިނގައިގަތްއިރު އޭނާ ހުރީ އިސްޖަހާލައިގެންނެވެ. ނުކުމެވުމާއެކު ދޮރުގެ އެއްފަރާތެއްގައި މަޑުކޮށްލާ އޭނަ މޭގައި އަތްއަޅާލިއެވެ.

"ނާނުތަ ނާލްއަށް ގުޅީ؟" އެހެން ހުއްޓާ އިޒިއަންގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ.

"ހޫމް. ދޮންބެ ގޮވީ ނާލް ގެންނާށޭ ވިއްޔަ،" އިޒިއަންގެ ސުވާލާއެކު ކިނާން ބޯ ކަހާލިއެވެ.

"ކީއްވެ ނާލް ގެނައީ. މާދަންވެސް ދެމީހުން ވަކިވާންޖެހިދާނެ. ކައިރިއަށް އައިސް އެގޮތަށް ދާނަމަ މާބޮޑަށް ހިތަށް ވެސް ތަދުވާނެ. އެހެންވީމަ ދެން ފަހަރަކު ނާލް ނުގެންނައްޗޭ. އަހަރެން ކިތަންމެ ބޭނުންވިޔަސް ނާލްއަށް އިތުރު ބުރައަކަށް ވާކަށް ހިތެއް ނޭދެން. ނާނުވެސް ދިޔަޔަސް އެންމެ ރަނގަޅު. މިހާރު އޯކޭ. މާދަން އާދޭ ދެން. " އިޒިއަން ބުނެލިއެވެ. އޭނާ ރަޖާގަނޑު އެއްފަރާތް ކޮށްލާފައި ތެދުވިއެވެ.

"މާދަން ވޯރކްޝޮޕެއްވެސް އެބައޮތް. އެހެންވީމަ ފަހަރެއްގަ ލަހުން އާދެވޭނީ. ރޭގަނޑުވެސް އާދެވިދާނެ. ބޭސް ކާތި. މާދަން ކާނެ އެއްޗެއް އޯޑަރުކޮށްލީމަ އޯކޭވާނެތަ؟ ދެން ފްރިޖްގަ ހުންނާނެ ބައެއް އެއްޗެހި ގަނެފެ" ކިނާން އިޒިއަންއަށް ބަލާލަމުން ބުނެލިއެވެ. ދެމީހުންގެ ވާހަކަ އަޑު އަހަން ހުރި އަނާލް ހިން ދިރުވާލިއެވެ. ކިނާޏް ނުކުތުމުގެ ކުރިން އޭނާ އަވަސް އަވަހަށް ގޮސް އެގޭން ނުކުމެއްޖެއެވެ.

ކިނާން ދިޔުމާއެކު އިޒިއަންއަނެއްކާވެސް އެނދުގައި އޮށޯތީ އެވެ. އަނާލް ފެނުމާއެކު ނިދި އޭނާގެ ލޮލާ އެކީ ވަކިވެއްޖެއެވެ. ކަރު ދޮށުގައި އަމިއްލައަށް އަތް ޖައްސާލީ ހުން ހުރިތޯ ބަލާލާށެވެ. ބޭރަށް ހުން ހުރިކަމަކަށް ނުދައްކައެވެ. އޮށޯވެލުމާއެކު އެހާ ފަސޭހައިން އަނެއްކާވެސް އިޒިއަންއަށް ނިދުނީ އޭނާގެ ހަށިގަނޑުގައި ވަރުބަލިކަން ހުރީތީއެވެ. ދެން ހޭލެވުނީ ފަތިސްނަމާދުވަގުތަށެވެ. މިސްކިތައް ދާނެހާ ހިތްވަރު ނެތުމުން އިޒިއަން ގޭގައި ނަމާދުކޮށްލިއެވެ. ބޮލަށް އެނބުރުން އަރާ ގޮތް ވާތީ އޭނަ ޤުރުއާން ކިޔަވާކަށްވެސް މިރޭ މަޑެއް ނުކޮށްލައެވެ. އައިސް އޮށޯތީއެވެ. ނިނީގެ ފޮނިއާލަމަށް އަނެއްކާވެސް ގެނބުނީއެވެ.

*****

ހެނދުނުގެ ވަގުތެވެ. ކޮޓަރީގައި ދެފަރާތަށް ހިނގާލަ ހިނގާލާ ހުރި އަނާލް އެންމެ ފަހުން ގޮތެއްނިންމިއެވެ. އޭނާ ޒައުނާއަށް ގުޅާ ހުރިހާކަމަކާ ހަވާލުވާން އެނގިއެވެ.

"ޒައު. އަހަރެން ކުޑަ ކަމެއް ޖެހިގެން މިއަދު ދެވޭކައް ނެތް. ހުރިހާ ކަމަކާ ހަވާލުވެދީ މިއަދު. ކަމެއް ޖެހިއްޖެއްޔާ ގުޅައްޗޭ. އަދި އިތުރު އެއްވެސް މީހަކު ކައިރީގައި އަހަރެން އޮފީހަށް ނުދާ ވާހަކަ ނުބުނައްޗޭ. ފައިލްތައް ރެޑީ ކޮށްފަ ބަހައްޓާ. އަހަރެން ކޮންމެވެސް ވަގުތަކު ކައިރިކޮށްލާނަން ޗެކް ކޮށްލަން" އަނާލް ފޯނު ބާއްވަމުން ފަހަތަށް އެނބުރުނުއިރު އޭނާއާ ދިމާލަށް ބަލަހައްޓައިގެން މަޒާޔާ ހުރިތަންފެނި އަނާލްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހާސްވީވަރުން ބުނާނެއެއްޗެއް ނޭނގުނު އިރު އޭނާ މަޒާޔާއަށް އޭނާގެ އަޑު އިވުނުކަމެއް ނޫނީ ނޫންކަމެއް ވެސް އަނާލްއަކަށް ނޭނގުނެވެ.

"ނާލް. އޮފީހަށް ނުދާ ދުވަހަކީތަ؟ ސައިބޯން ނުދާތީ ލަސްވެގެން މިއައީ" މަޒާޔާ އަނާލް އާ ވާހަކަދެއްކިއެވެ. އޭނާ ދެއްކި އެއްވެސް ވާހަކައެއް މަޒާޔާއަށް ނީވޭކަން ޔަޤީންވުމާއެކު އަނާލް ހަމަޖެހުމުގެ ނޭވާއެއްދޫކޮށްލިއެވެ.

"ނޫނޭ ދަން އޮފީހަށް. ހިނގާ ދަމާ" އަނާލް ދޮރާ ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ. ސައި ބޮއި ނިންމައިގެން އަނާލް ގޭން ނުކުންނަން ޖެހުނީ ޝާހީން އާއެކުގައެވެ. އެހެންކަމުން އޭނާ ހަދާނެގޮތަކާ މެދު ވިސްނާލިއެވެ. އެންމެ ފުރަތަމަ އަނާލް ދިޔައީ އެމް.އެޗް.ޑީ.ސީއަށެވެ. ޝާހީން ދިޔުމާއެކު އޭނާ ޓެކްސީއެއް ނަގާ މިސްރާބުޖެހީ އިޒިއަންގެ ގާތަށް ދިޔުމަށެވެ.

ކާރުމަޑުކޮށްލުމުން ޑްރައިވަރު އަތަށް ލާރި ހަވާލުކޮށްފައި އަނާލް ފޭބިއެވެ. ހިތުގެ ތެޅުން ނުހަނުބާރެވެ. ހިތްވަރުކޮށްފައި އޭނާ ގޮސް ލިފްޓަށް އެރިއެވެ. އިޒިއަންގެ ހާލުބަލަން އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ. ހިތްހަރުކޮށްގެން ހުންނަން މިއަދު ކުޅަދާނައެއްނުވިއެވެ.

ބެލް އަޅާލިއަޑަށް އިޒިއަންއަށް ދެލޯ ހުޅުވާލެވުނެވެ. އޭރު އޭނާއަށް އޮތީ ސިޓިން ރޫމް ސޯފާގައި ކުޑަކޮށް ނިދިޖެހިފައެވެ. ބޭރުންއޯޑަރު ކޮށްގެން ގެނައި ކާއެއްޗެހި ސޯފާތަކުގެ ކުރިމަތީގައި ހުރި ބިއްލޫރިބޭޒުމަތީގައި ހުއްޓެވެ. ހުސްގަޔާހުރެ ސޯޓެއްލައިގެން ހުރި އިޒިއަން ގޮސް ދޮރުހުޅުވާލިއެވެ. ކަންނެތްވެފައި ހުރެ ކާކުތޯވެސް ބަލާލުމެއްނެތި އޭނާ ދޮރުހުޅުވާލާފައި ވާހަކަދައްކަން ފެށިއެވެ.

"ނާނު ނާންނާނަމޭ ކިޔާފަ އަނެއްކާ...." ވާހަކަ ދައްކަން ފަށާފައި އިޒިއަންއަށް ހުއްޓާލެވުނީ ކުރިމަތީގައި އަނާލް ހުރީތީއެވެ. މިގެއަށް ހަމައެކަނި އަންނަ މީހަކީ ކިނާންއަށް ވީ ހިނދު އިތުރު މީހަކު އަންނާނޭކަމަށް އޭނާ ހީކުރާނީ ކިހިނަކުންހެއްޔެވެ؟ އެވެސް އަނާލްއެވެ. މީ ހުވަފެނެއް ކަހަލަ ކަމެކެވެ. ދެ ފަހަރަކު އަވަސް އަވަހަށް އެއްފިޔަ ޖަހާލެވުނީ ހުވަފެނީ ދުނިޔޭން ނުކުންނަން ބޭނުންވެފައި ހުރި މީހެއް ފަދައިންނެވެ.

"ނާލް. ކީކުރަނީ މިތާ؟" އިޒިއަންއަށް ސުވާލުކޮށްލެވުނެވެ. އަނާލް އޭނާގެ ބުމަ އަރުވާލިއެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.

"ކީއްކުރަން ތިއައީ؟" އަނާލް އެއްޗެއް ނުބުނުމުން އިޒިއަން މި ފަހަރު ތަންކޮޅެއް ބާރަށް އޭނާ ކުރިން ކުރި ސުވާލު ތަކުރާރު ކޮށްލިއެވެ.

"އަހަރެންގެ ފިރިމީހާކަމަކަށްނު އަދިވެސް އިޒިއަން ވަނީ. އެހެންވީމަ އާދެވޭނެއެއްނު. އައީމަވެސް އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟ ފަހަރުގައި އަހަރެން މިއައީ ވަރީގެ ވާހަކަދައްކަން ކަމަށްވެސް ވެދާނެއެއްނު" އަނާލް އިޒިއަންގެ ދެލޮލަށް ބަލާލާމުން ބުނެލިއެވެ. އިޒިއަން އިސްޖަހާލިއެވެ. އޭނާ ދޮރާ ދިމާލުން އެއްފަރާތް ވެލަމުން އަނާލް ވަންނަން ތަންދެއްކިއެވެ. އަނާލް ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ އައީ އެފަދަ އެއްޗެއް ބުނެ އިޒިއަން ދެރަކުރާކަށް ނޫނެވެ. އެހެންނަމަވެސް އޭނާގެ ދުލުން ފުރަތަމަވެސް ބޭރުވީ އިޒިއަން ދެރަ ވާފަދަ ލަފުޒުތަކެކެވެ. ތުންފަތުގައު ދަތް އަޅާލަމުން އެތެރެއަށް ވަނުމަށްފަހު އަނާލް ވަށައިގެން ބަލާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ބޭރުން ގެނެސްފައި ހުރި ކާއެއްޗެހު ހުރި ތަށިތަކެވެ. ބޯން ހުރީ ކޯކް އާއި އެކްސެލް ދަޅުތަކެވެ. ތުންފަތުގައި ދަތް އަޅާލަމުން އޭނާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އައިސް އިށީނީ ސޯފާގައެވެ. އަދި އިޒިއަންއަށް ނަޒަރު ހުއްޓާލިއެވެ. އިޒިއަން ހުރީ ކޮޅަށެވެ.

"ކޮބާ ވަރީގެ ކަންތައް ކިހާ ހިސާބެއްގަ އޮތީ؟" އިޒިއަންގެ ސުވާލާއެކު އަނާލްއަށް އިޒއަންއަށް ބަލާލުމަށްފަހު އިސްޖަހާލެވުނެވެ. އިޒިއަންހުރި ގޮތުން އޭނާވެސް ދެރަވީއެވެ. ހުސްގަޔާ ހުރުމުން ވަކިން ބޮޑަށް އިޒިއަން ހިކިކަމަށް ދައްކައެވެ. މޭކަށިގަނޑު ކޮންމެވެސް ވަރަކަށް އަރާފައެވެ. އިޒިއަން ހާދަ ހިއްކެވެ. ދެން އަނެއްކާވެސް އެތަނަށް ވެރިވެގެންދިޔަ ހަމަހިމޭން ކަމަށްފަހު ފުރަތަމަ ވާހަކަދައްކަން އިސްނެގީ އިޒިއަންއެވެ.

"ރޭގައި ކީއްކުރަން އައީ؟ ކިނާން އެހެން ބުންޏަސް އަނާލްއަށް ދެކޮޅު ހެދުނީހެއްނު. ކޮން ވާހަކައެއް ދައްކަންތަ ނާލް ތިއައީ" އިޒިއަން އަނާލް އާ ސުވާލުކޮށްލިއެވެ.

"ކައިފިންތަ؟" އިޒިއަންގެ ސުވާލަށް ޖަވާބުދިނުމެއްނެތި އަނާލް މޭޒުމަތީގައި ހުރި އެއްޗެއްސަށް އިޝާރާތް ކޮށްލަމުން އަނާލް .ބުނެލިއެވެ. އިޒިއަން ދެފަރާތަށް ބޯހޫރާލިއެވެ. އަދި އައިސް ސޯފާގައި އިށީނެވެ. އެއަށްފަހު އަނާލް އައި ސަބަބު އޮޅުން ފިލުވަން އަނެއްކާވެސް މަސައްކަތް ކުރިއެވެ. އަނާލް ވަކި އެއްޗެއް ނުބުނެއެވެ.

"ކާއެއްޗެހި އެބަހުރިތަ؟" އަނާލް އަހާލިއެވެ. އިޒިއަން ވަކި އެއްޗެއްނުބުނެއެވެ. އަނާލް ސޯފާއިން ތެދުވެގެން ކައްކާ ބަޔާ ދިމާލަށް ހިނގައިގަތުމުން އިޒިއަންވެސް ހިނގައިގަތެވެ.

"ނާލް ކީއްކުރަން ތިއުޅެނީ؟" އިޒިއަން ސުވާލުކޮށްލިއެވެ. އެހެންނަމަވެސް އަނާލް އިތުރު އެއްޗެއް ނުބުނެއެވެ ފްރިޖް ހުޅުވާލާ އޭގައި ހުރީ ކޯންޗެއްސެއްތޯ އޭނާ ބެލިއެވެ. އެއަށްފަހު ތަރުކާރީއާ ބައެއްކަހަލަ މޭވާ ނަގައިގެން އައިސް ތައްޓަކަށް އެޅިއެވެ. ކަޓިން ބޯޑުނަގާ އޭނާ އެއްޗެހ ކޮށަން ތައްޔާރުވިއެވެ. އަނާލް އެއްޗެއްނުބުނުމުން އެކުރަން އުޅޭކަމެއް ބަލާނީއޭ ހިތާ އިޒިއަން އައިސް މޭޒުދޮށުގައި އިށީނދެ ހަމަޖެހިލިއެވެ. ހުރިހާއެއްޗެއް ކޮށާ ނިންމާފައި އަނާލް ދޮވެލިއެވެ. އެއަށްފަހު ތައްޓަކަށް އަޅާ އެ އެއްޗެހި ބެހެއްޓިއެވެ. ދެން އުނދުން މައްޗަށް ތެލި އުދާފައި ފިޔާކޮށާ ފިޔާ ރަތްކުރިއެވެ. ތަރުކާރީ ސޫޕެއް އަނާލް ތައްޔާރުކޮށްލިއެވެ. އެއަށްފަހު އެ ސޫޕް ބޯ ތައްޓަކަށް އެޅުމަށްފަހު ދެން އޭނާއަވަސްވެގަތީ ފްރުޓް ސެލެޑެއް ތައްޔާރުކުރާށެވެ. އެކަން ކޮށް ނިމި އޭނާ ލުނބޯ ޖޫސްތައްޓެއްވެސް ހެދިއެވެ. އަދި ތައްޓަކަށް އެޅިއެވެ. އަނާލްގެ ހަރަކާތްތަކަށް ބަލަން އިން އިޒިއަން ތުންފަތުގައި ދަތް އަޅާލިއެވެ. އަނާލް އެ އެއްޗެހި ގެނެސް އިޒިއަންގެ ކުރިމަތީގައި ބެހެއްޓިއެވެ. އަދި ދުރަށް ޖެހިލިއެވެ. ޒިންކުގައި ހުރި ތަށިތައް ދޮވެލުމަށް އުޅުނު ވަގުތު އިޒިއަން ވާހަކަދެއްކިއެވެ.

"އަހަރެން ކާއެއްޗެހި ގެނެސްފީމޭ. ނާލް. މިހުރިހާކަމެއް ކުރާކަށް ނާލްއަކަށް ނުޖެހޭނެ" އިޒިއަން ތަށިތައް ދުރަށް ޖައްސާލަމުން އަނާލްއަށް ބަލާލިއެވެ. ދެން އޭނާ ބަލާލީ އޭނާ އޯޑަރުކޮށްގެން ގެނެސް ހުރި އެއްޗެއްސާ ދިމާލަށެވެ. އަނާލްގެ އަމަލުތަކުގެ މާނަ އޭނާއަށް ނަގަންވީ ކިހިނެއްކަމެއް ނޭނގުނެވެ.

"އެނާރޖީ ޑްރިންކާއި ކޯކަކީ އިޒިއަންއަށް އެންމެ ކަމުދާ އެއްޗެހިތަ؟ ބަލިވެ އުޅޭއިރު ވެސް އެންމެ ބޯން ކަމުދާ އެއްޗެއްހި ދޯ އެއީ. ރަނގަޅު އެއްޗެއް ތައްޔާރުކޮށްދިނީމަވެސް ކާކަށް ނޭނގުނު. އަނެއްކާ އަހަރެން ހެދީމަތަ ނުކާން ތިއުޅެނީ؟. އެންމެ ރަނގަޅޭ އަހަރެންގެ މައްސަލައެއްނެތް. މި އުކާލަފާނަން" އިޒިއަންއަށް ބަލާލަމުން އަނާލް ބުނެލިއެވެ. އަދި އެދިމާލަށް ހިނގައިގަތެވެ. އަނާލް ތަށިތައް ނަގަން އުޅުނު ވަގުތު އިޒިއަން އެ އަތުގައި ހިފެއްޓިއެވެ.

"ނާލް ކީކުރަން ތި އަންނަނީ އަހަރެންނަށް އެހީވާން. ތިހެން ނާދޭ. " އިޒިއަން އެދުނެވެ. އެ އަޑުގައިވި އަސަރުން އެކަނިވެސް އަނާލްއަށް އިސްޖަހާލާ ތުންފަތުގައި ދަތް އަޅާލެވުނެވެ.

އަނާލް އަތް ފޮޅުވާލުމުން އިޒިއަން ތަށިތައް ކައިރިއަށް ޖައްސާލާ ސޫޕްތަށިން ރަހަބަލާލިއެވެ. ގަދަ ލޮލު ރަހައިގެ ސަބަބުން އިޒިއަންއަށް އެ އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. އެހެންނަމަވެސް މޫނުމައްޗަށް ވެރިވި ކުލަވަރުތައް ވަންހަނާ ކުރަން މަސައްކަތް ކުރަމުން އެއިން ފަހަރަކު ސަމްސަލެއް އަނގަޔަށް ލަމުން ދިޔައެވެ. އިޒިއަންއަށް ވެފައި އިން ގޮތުން އަނާލް ތުންފަތުގައި ދަތް އަޅާލިއެވެ. އޭނާއަށް ހެވިދާނެތީއެވެ. ބައެއްފަހަރު އަނގަޔަށް ލާފައި އިޒިއަން ހަދާލާގޮތް އޭނާއަށް މަޖާވަނީއެވެ. އެ ނުބައި ވާނެކަން އޭނާ އަށް ވެސް އެނގެއެވެ. އެކަމަކު ގައިގައި ވަރުޖެއްސުމަށް އެއީ ރަނގަޅު އެއްޗެކެވެ.

ސޫޕް ތަށި ހުސްކޮށްލާފައި އިޒިއަން މަޑުޖެހިލިއެވެ. ލުނބޯފަނި ތަށިން ކޯވަރެއް ދަމާލިއެވެ. އެއަށްފަހު ސެލެޑްތަށިން ވެސް އެތިކޮޅެއް ކެއެވެ. އެހެންނަމަވެސް ހުހެއްނުކުރެވުނެވެ. އޭނާ ލުނބޯ ފަނިތަށި ހުސްކުރަން ވާއިރަށް އަނާލް ބޭހާ ފެނާ ގެނެސްދިނެވެ. ބޭސްކައިގެން އިޒިއަން ހަމަޖެހިލިއެވެ. އޭރު އަނާލް އުޅުނީ ތަށިތައް ދޮންނާށެވެ. އެމޫނުމަތިން އެއްވެސް ކަހަލަ ކުލަވަރުތަކެއް އިޒިއަން އަކަށް ނުފެނުނެވެ. އިޙްސާސްތައް ފޮރުވާލަން ހަމަ މޮޅީއެވެ.

އިޒިއަން ގޮސް ސޯފާގައި އިށީނދެ މަޑުކޮށްލިއެވެ. އަނާލްވެސް އައިސް ކުރިމަތީގައި ހުރި ސޯފާގައި އިށީނެވެ. އެއްޗެއްނުބުނެ އިރުކޮޅަކު އިނދެފައި އަނާލް ތެދުވެ މިސްރާބުޖެހީ ކޮޓަރިއަށެވެ. ވަދެފައި ފަސްވަރަކަށް މިނިޓް ވީއިރުވެސް އަނާލް ނުނިކުތީތީ އިޒިއަން ސޯފާއިން ތެދުވިއެވެ. އެހިނދު ކޮޓަރިން އޭނާގެ ބައެއް އަންނައުނާއި އެއްޗެހި ހިފައިގެން އަނާލް އައިސް އިސްތިރިކުރާ މޭޒުދޮށަށް ހުއްޓެނީއެވެ. އަދި އިސްތިރި ކަރަންޓަށް ޖަހާ އިސްތިރިކުރަން ފެށިއެވެ.

އަނާލްގެ އަމަލްތައް ހުރިގޮތުން އިޒިއަންއަށް ވެސް މަޑަކުން ނުހުރެވުނެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލަމުން ގޮސް އަނާލްގެ އަތުގައި ހިފާ ހުއްޓުވިއެވެ.

"ނާލް ކިހިނެތްތަ ތިއުޅެނީ؟ ނާލް ނުކޮށްދިނަސް އަހަރެންނަށްވެސް ވާނެޔޭ. އަހަރެމެންގެ ގުޅުން އޮތީ ނާލް އަހަރެންނަށް ތިފަދަ ކަންތައްތައް ކޮށްދޭ ހާލަތެއްގައެއްނޫން. މިއަދުވެސް ބުނީ ވަރިވާ ވާހަކަ ދައްކަންނޭ. ކިޔާފަ އައިސް އަހަރެންނަށް ހިދުމަތް ކޮށްދޭން ނާލް ޖެހޭނެތަ؟" އިޒިއަން ހިންހަމަ ނުޖެހުނުކަމުގައި ވިނަމަވެސް އެ އަސަރު ހިތާމައިން ފަރުދާވެފައި ވުމުން އަޑު ނުކުތީ އެހާ މަޑުންނެވެ. އިޒިއަންއަށް ބަލާލުމަށްފަހު އަނާލް އިޒިއަންއާ ދުރަށް ޖެހިލިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލުމަށްފަހު ގޭން ނުކުނަން މިސްރާބުޖެހިއެވެ. އިޒިއަން އެ ދިމާލަށް ބަލަން ހުރެ އިސްތިރި ކަނޑާލިއެވެ. އަނާލް ނުކުމެގެން ދިޔަތަން ބަލަން ހުރިއިރު އޭނާއަށް ނިތުގައި އަތް ހާކާލެވުނެވެ. އެއެއްޗެހި ހުރިގޮތަށް ބަހައްޓާފައި އަނެއްކާވެސް އިޒިއަންއަށް ގޮސް ސޯފާމައްޗަށް ވެއްޓިގަނެވުނެވެ.

އަނާލްއެ އުޅެނީ ކިހިނެއްހެއްޔެވެ؟ އޭނާ އެއުޅެނީ އެގުޅުމަށް ދޭނެނަމެއް ނޭނގިގެންނެވެ. މިހެން އޭނާ ތެޅިތެޅިހުންނަން ވީ ހެއްޔެވެ؟ އުމުރު ދުވަހު އަނާލްއަށް އިންތިޒާރު ކުރަންވީހެއްޔެވެ؟ އަނާލްގެ މަޤްސަދަކީ އިތުރަށް އޭނާ ރޮއްވާ ދެރަކުރުންހެއްޔެވެ؟ އެހެންވެއްޖެކަމަށް ވާނަމަ އަނާލްއަށް އެކަން ކާމިޔާބުވެއްޖެއެވެ. އޭނާ ބަލިކަށިވެއްޖެއެވެ. ނިކަމެތިވެއްޖެއެވެ. އަނާލްގެ ކުރިމަތީގައި އޭނާއަކީ އެއްވެސް އަގެއްހުރި މީހެއްނޫނެވެ. އަނާލް ވަރިކުރަން ހިތަށް އެރި ނަމަވެސް އެހިތްވަރެއްވެސް ނުލިބެއެވެ. އަމިއްލަ ހިތަށް އަނިޔާ ދީދީ އިޒިއަންއަށް ހުރެވެނީ އެހެންވެއެވެ.

އެހަފްތާގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަނާލް އައުން އާދައަކަށްވެއްޖެއެވެ. އިޒިއަން އެއްވެސް އެއްޗެއްނުބުނެއެވެ. އަނާލް ފެންނަ ކޮންމެފަހަރަކު އެހިތަށް އާދަޔާހިލާފް ދިރުމެއްލިބިގެން ދާން ފަށައިފިއެވެ. އަނާލްގެ މޫނުމަތީގައި ހުންނަ ރުންކުރުކަން ވެސް ފޮހެވޭހެންހީވާން ފަށައިފިއެވެ. އިޒިއަންގެ ހިތުގައި ބިރުވެރިކަންވީ އެ އުފާ އޭނާއަތުން މަހްރޫމްވާނެ އިރެއްނޭނގޭތިއެވެ. އަނާލް ބައެއްފަހަރު ޑްރާމާއެއް ކުޅެނީއޭވެސް އޭނާގެހިތަށް އަރައެވެ.

އެއީވެސް އެފަދަ ދުވަހަކެވެ. އަނާލް އައުމުން އިޒިއަން ގޮސް ސޯފާގައި އިށީނެވެ. އަނާލް އިޒިއަން ގާތަށް ގޮސް އިޒިއަން ގާތު އިށީނެވެ. އިޒިއަން އަނާލްއަށް ބަލާލިއެވެ. އޭރު އޭނާގެ މޫނުމަތީގައި ކޮންމެވެސް ކަހަލަ އުދާސްކަމެއް ހުއްޓެވެ. ވަރުބަލިކަން ފާޅުވެގެން ދެއެވެ. ހުންއައިސް ރަނގަޅު ވިކަމުގައި ވިނަމަވެސް އޭނާގެ ހަށިގަނޑުގައި ބަލިކަށިކަން ވިއެވެ. މިހާރު ކެއްސަން ފެށުމުން އޭނާ އަށްވަނީ ނުހަނު އުނދަގޫވެފައެވެ. ކަރުތެރެއަށް ތަދުވާތީވެސް އެހާ އުނދަގޫވެއެވެ. އަނާލް ލުނބޯއާ އެއްކޮށް އިނގުރު ފަނިތައްޓެއްހަދައިގެން އައިސް އިޒިއަންއަށް ދިނެވެ. އިޒިއަން އެއްނޭވާއިން އެދަމާލިއެވެ.

"ނާލްގެ މަންމަމެންނަށް ނޭނގި އަހަރެންނާ ބައްދަލުކުރަން އައުން އެއީ ރަނގަޅު ކަމެއްކަމަކަށް އަހަރެންނަކަށް ނުފެނޭ....." އިޒިއަންބުނެލިއެވެ. އޭރު އެ އަޑުގައި މާޔޫސް ކަމެއްވިއެވެ.

އަނާލް އަންނަ ކޮންމެ ފަހަރަކު އިޒިއަންގެ މޫނު ހިސާބަކަށް އުޖާލާވެގެން ދާތީ އަނާލްއަށްވެސް ފެނެއެވެ. އެހެންނަމަވެސް އަބަދުވެސް ބިރުވެރިކަމަކާއި ކަންބޮޑުވުމެއްވެސް އެ މޫނުމަތީގައި ވެއެވެ. އަމިއްލަ ހިތާ ސިކުނޑި އަދިވެސް ދެބަސްވާތީ އުނދަގޫވަނީއެވެ. އަނާލްއަށްވެސް މިހާރު އިޒިއަން ފެންނަ ހިސާބަށް އައުން އާދައަކަށްވެއްޖެއެވެ. އިޒިއަން ނުފެންނަންޏާ ދުވަސް ފުރިހަމަ ވާހެނެއްހިޔެއްނުވެއެވެ. އެހެންނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އަދިވެސް އިޒިއަންއަށް މާފުދީ އާފެށުމަކުން ފަށާކަށް އަނާލް ބޭނުމެއްނުވިއެވެ. އެރޭގެ ވަގުތުގައި އަނާލް އަނެއްކާވެސް އިޒިއަންއަށް ލުނބު ފަނިތައްޓެއް ހަދައިގެން ކޮޓަރިއަށް ގެންގޮސްދިނެވެ. އޭރު އިޒިއަން އޮތީ އެނދުގައި އޮށޯވެއެވެ. ކޮންމެވެސް ކަމަކާ ވިސްނާ ފިކުރުކުރާށެވެ. އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އޭރު އަނެއްކާވެސް އެ ދެމީހުންގެ ދިރިއުޅުން ބަދަލުވެދާނެކަމެއް ވެދާނެކަމަށް ދެމީހުން ކުރެ އެކަކަށްވެސް ހީކުރެވިފައެއް ނެތެވެ.

(ނުނިމޭ...)

https://sun.mv/119884

comment ކޮމެންޓް