ބްރައިޓް ޗެލެންޖް ކަޕް 2019: މިފަހަރުގެ ފައިނަލުގައި ޔަންގްސްޓާސް އަދި ލެޖެންޑުގެ ކުރިމަތިލުމެއް

މިހާރު ކުރިއަށްދާ ތޮއްޑޫގެ ބްރައިޓް ޗެލެންޖް ކަޕުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން --- ފޮޓޯ/ ބްރައިޓް ކުލަބް

ތޮއްޑޫގައި މިހާރު ކުރިއަށްދާ ބްރައިޓް ޗެލެންޖް ކަޕުގެ ސެމީ ފައިނަލުގެ މެޗުތައް މިއަދު ކުޅުނު އިރު އެންމެ ފަހުގެ ޗެމްޕިއަން ޔަންގްސްޓާސްއާއި ޓީމް ލެޖެންޑް ފައިނަލަށް ދަތުރު ކޮށްފި އެވެ.

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފޯރި ގަދަ މެޗު ޔަންގްސްޓާސްއިން ކާމިޔާބު ކުރީ ވާދަވެރި ޔުނިކް އެފްސީ 0-3 ގެ ނަތީޖާއަކުން ބަލިކޮށްގެނެވެ. އެ މޮޅާ އެކު ޔަންގްސްޓާސް އިން ފައިނަލަށް ދަތުރު ކޮށްފައިވާ އިރު އެ ޓީމާވާދަ ކުރުމަށް ނުކުންނާނެ ދެވަނަ ޓީމަކީ ލެޖެންޑެވެ.

މިހާރު ކުރިއަށްދާ ތޮއްޑޫގެ ބްރައިޓް ޗެލެންޖް ކަޕުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން --- ފޮޓޯ/ބްރައިޓް ކުލަބް

ޔަންގްސްޓާރސް އިން މުބާރާތުގެ ތަށި މިއަހަރުވެސް ދިފާއު ކުރަން ނުކުންނަ އިރު އެ ޓީމުން އަންނަނީ މިއަހަރުގެ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. މުބާރާތުގެ ފުރަތަމަ ކުޅުނު މެޗުން އެއްވަރުވި ނަމަވެސް އޭގެ ފަހުން ކުޅުނު ހުރިހާ މެޗެއް ވެސް ޔަންގްސްޓާސް އިން ވަނީ ފަސޭހަކަމާ އެކު ކާމިޔާބު ކޮށްފަ އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ވެސް ޔަންގްސްޓާސްއިން ވަނީ އެމީހުންގެ ފެންވަރު އިދިކޮޅު ޓީމަށް ދައްކާލައިފަ އެވެ. ފުރަތަމަ ހާފުގެ ގޯލުން ލިބުނު ހިތްވަރާ އެކު ދެވަނަ ހާފުގައި ޔަންގްސްޓާސް އިން ވަނީ އިތުރު ދެ ގޯލު ޖަހައި މެޗު ޔަގީން ކޮށްފަ އެވެ. އެ ޓީމަށް އެ މެޗުގައި ގޯލުތައް ޖަހައިދިނީ ހަސަން ރާއިފްއާއި މުހައްމަދު އިންޝާދުގެ އިތުރުން ހަސަން މުއާނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ހަސަން ރާއިފެވެ.

ޓީމް ލެޖެންޑުން މިރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުގައި ވޭތުވެ ދިޔަ އަހަރުގެ ރަނަރަޕް ހެލޯ ބޭބީސް ބަލިކުރީ ޕެނަލްޓީއިންނެވެ. ފުރިހަމަ ވަގުތު ހަމަވި އިރު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވުމުން ޖެހި ޕެނަލްޓީގައި ލެޖެންޑް ކުރި ހޯދީ 2-4 ގެ ނަތީޖާއަކުންނެވެ.

މިހާރު ކުރިއަށްދާ ތޮއްޑޫގެ ބްރައިޓް ޗެލެންޖް ކަޕުގައި މިރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން --- ފޮޓޯ/ބްރައިޓް ކުލަބް

ޓީމް ލެޖެންޑުން ފޮނުވާލި ހުރިހާ ޕެނަލްޓީއެއް އެ ޓީމުން ކާމިޔާބު ކުރި އިރު ހެލޯ ބޭބީއަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ އެވެ. ބޯ ވިއްސާރައިގައި ކުޅުނު ފޯރި ގަދަ އެ މެޗުން ލެޖެންޑް މޮޅުވި އިރު އެ ޓީމުން ފައިނަލުގައި ވާދަ ކުރާނީ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ފާހަގަ ވެފައި އޮތް ޔަންގްސްޓާސް އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ތޮއްޑޫގެ އުތުރު އަވަށު ދަގަބާ އެރީނާގައި މާދަމާ ރޭ 20:30 ގަ އެވެ.

މިއަހަރުގެ މުބާރާތުން އެއްވަނައަށް ދާ ޓީމަކަށް 45،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާ އިރު ރަނަރަޕް ޓީމަަށް ވަނީ 15،000 ރުފިޔާ ދޭން ނިންމާފަ އެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވޭ ކުޅުންތެރިއަކަށް 25،00 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް