ޗައިނާގެ ރައީސް ރަޝިޔާގައި، ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

މޮސްކޯ (ޖޫން 7) : ޗައިނާގެ ރައީސް ޝިޖިންޕިން ރަޝިޔާއަށް ކުރައްވާ ދަތުރުފުޅުގައި ދެގައުމުގެ މަސްއޫލުވެރިން ގިނަ އިގްތިސާދީ، ޓެކްނޮލޮޖީ އަދި އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި އެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި ޗައިނާގެ ހުވާވޭ ކުންފުނީގެ އުފެއްދުންތައް ރަޝިޔާއިން ގަތުމާއި ޗައިނާއިން ގާއިމްކުރާ ޓެކްނޮލޮޖީގެ ގޮތުން މަތީ ފެންވަރުގެ ފައިވް ޖީ ނެޓްވާކުގައި ރަޝިޔާ ބައިވެރިވުމުގެ އެއްބަސްވުންތައް ވެސް ހިމެނެ އެވެ. ހުވާވޭ ގެ މޯބައިލް ފޯންތަކަށް ހާއްސަކޮށްގެން ޗައިނާއިން ގާއިމްކުރާ ފައިވް ޖީ ނެޓްވޯކަކީ މިހާރު ލިބޭވަރަށްވުރެ 20 ގުނަ އަވަސްމިނުގައި އިންޓަނެޓް ބޭނުންކުރެވޭ ނެޓްވޯކެކެވެ. ފައިވް ޖީ ނެޓްވާކުގައި ސިކުންތަކު 20 ގެގަބައިޓް ގެ ޑޭޓާ ލިބޭނެކަމަށް ތަޖްރިބާކާރުން ބުނެ އެވެ. އެމެރިކާވަނީ 5-ޖީ ނެޓްވާކާއި ހުވާވޭގެ އުފެއްދުންތައް ބޮއިކޮޓްކޮށް އެ ކުންފުނީގެ މޯބައިލް ފޯނުތައް މާކެޓްކުރުމުގައި ޗައިނާއަށް އެއްބާރުލުން ދޭ ގައުމަތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދީފަ އެވެ.

ޝިޖިންޕިން މިދިޔަ ބުދަ ދުވަހުން ފެށިގެން ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ދިގު ދަތުރުފުޅުގައި ރައީސް ވުލަޑީމީރު ޕޫޓިންނާ ބައްދަލުކުރައްވައި ފުޅާދާއިރާއެއްގައި ސިޔާސީ އަދި އިގްތިސާދީ އަދި އަސްކަރީ މަޝްވަރާތައް ވަނީ ކުރައްވާފަ އެވެ.

ރަޝިޔާއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުންތައް ގާއިމް ކުރިތާ ހަތްދިހަ އަހަރު ފުރުމާ ގުޅިގެން މޮސްކޯ ގެ ބޮލްޝްވީ ސްޓޭޖްގައި ބޭއްވުމަށް ރާވާފައިވާ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެއް ބައްލަވާލެއްވުންވެސް ޝީގެ އެޖެންޑާގައި ހިމެނެ އެވެ. މީގެއިތުރުން އިއްޔެއާއި މިއަދު ރަޝިޔާގެ ސެންޕީޓާސްބާގް ގައި ކުރިޔަށްދިޔަ ބައިނަލްއަގްވާމީ އިގްތިސާދާބެހޭ ފޯރަމްގެ ސެޝަންތަކުގައިވެސް ރަޝިޔާގެ ރައީސް ވްލަޑީމީރު ޕޫޓިންނާއެކު ޝީ ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ޗައިނާގެ ރައީސް ރަޝިޔާއަށް ވި ވަޑައިގެންނެވީ ދުނިޔޭގެ މާލީ ނިޒާމުގައި އެމެރިކާއަށް ލިބިފައިވާ ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން އެތަށް ގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ބައެއް ގައުމުތަކުގެ ސިޔާސަތުތައް އެމެރިކާ ބޭނުންވާ ގޮތަށް ބަދަލުކުރުވުމަށްޓަކައި އެގައުމުތަކާ ދެކޮޅަށް މާލީގޮތުންނާއި އިގްތިސާދީގޮތުން ބިރު ދެއްކުމުގެ ހަރަކާތްތަކެއް އެމެރިކާ ކުރިޔަށް ގެންދާ ދަނޑިވަޅެއްގައި ކަން ޗައިނާގެ މީޑިއާއިން ފާހަގަ ކުރެ އެވެ. (އާރުޓީ)

comment ކޮމެންޓް