ނައިބު ރައީސްގެ އެހީގައި ހޮސްޕިޓަލަށް ގެންދިޔަ މީހާ މަރުވެއްޖެ

ނައިބު ރައީސް ފައިސަލްގެ ކާރުކޮޅުގައި ބަލި މީހާ ގެންދާއިރު، ފައިސަލް އަރިހުގައި -- ފޮޓޯ/ ދާންދޫ އާސިިފް

މިއަދު ހުކުރު ނަމާދަށް ހުއްޓާ އަނބުރައިގަނެގެން ވެއްޓުމުން ނައިބު ރައީސް ފައިސަލް ނަސީމު އެހީތެރެވި ހޮސްޕިޓަލަށް ގެންދިޔަ މީހާ މަރުވެއްޖެ އެވެ.

ޒިޔާރަތް މިސްކިތުގައި ނަމާދަށް ހުއްޓާ ވެއްޓުނު އެމީހާ މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ "ސަން" އަށް ކަށަވަރުކޮށްދީފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ 44 އަހަރުގެ އެމީހާ އައިޖީއެމްއެޗަށް ގެނައި ބޯއަނބުރައިގަނެގެން ވެއްޓިގެން ކަމަށެވެ. އޭނާ މަރުވެފައި ވަނީ ޓެސްޓްތަކެއް ހެދުމަށް ފަހު އިތުރު ފަރުވާދެމުން ދަނިކޮށް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ މަރުވާން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފު ނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މިއަދު ހުކުރު ނަމާދު ނިމެން ކައިރިވެފައި ވަނިކޮށް އެ މީހާ ވެއްޓުމުން އޭނާއަށް އެހީތެރިވީ ނައިބު ރައީސް ފައިސަލް އާއި އޭނާގެ ބޮޑީ ގާޑުން އެވެ. އެގޮތުން އެ މީހާ ހޮސްޕިޓަކަށް ފޮނުވާލީ ވެސް ހިލާލީގޭގައި އޮތް ނައިބު ރައީސްގެ ރަސްމީ ކާރުކޮޅުގައި އެމަނިކުފާނުގެ ބޮޑީގާޑުންނާ ވެސް އެކު އެވެ.

މަންޒަރުދުށް ބައެއް މީހުން ބުނެފައިވާ ގޮތުގައި އޭނާ ވެއްޓުނީ ސްޓްރޯކެއް ޖެހިގެން ކަމަށް ބެލެވެ އެވެ. ނަމަވެސް އެކަމާ ގުޅިގެން ހޮސްޕިޓަލުން އެއްޗެއް ނުބުނެ އެވެ.

https://sun.mv/120077

comment ކޮމެންޓް