ހުކުރަށް ހުއްޓާ ވެއްޓުނު މީހަކަށް އެހީވުމުގައި ނައިބު ރައީސް ނަމޫނާ ދައްކަވައިފި

ނައިބު ރައީސް ފައިސަލްގެ ކާރުކޮޅުގައި ބަލި މީހާ ގެންދާއިރު، ފައިސަލް އަރިހުގައި -- ފޮޓޯ/ ދާންދޫ އާސިިފް

މިއަދު ޒިޔާރަތް މިސްކިތުގައި ހުކުރު ނަމާދު ކުރަން ހުރި މީހަކު އަނބުރައިގަނެގެން ވެއްޓުމުން ނައިބު ރައީސް ފައިސަަލް ނަސީމް އެމީހާއަށް އެހީވެ، ދެއްކެވި ނަމޫނާއަށް އާންމުންގެ ތައުރީފު އޮހެން ފަށައިފި އެވެ.

ޒިޔާރަތް މިސްކިތް ހުންނަނީ، ނައިބު ރައީސް ފައިސަލްގެ ރަސްމީގެކޮޅު ހިލާލީ ގެ ގައިރީގަ އެވެ. ނައިބު ރައީސް ފައިސަލް ވެސް މިއަދު ހުކުރަށް ވަޑައިގެން ހުންނެވީ އެ މިސްކިތަށެވެ.

މަންޒަރު ދުށް މީހަކު "ސަން"އަށް ބުނީ ހުކުރަށް ސަލާމް ދިން ތަނާހެން މީހަކު އަނބުރައިގަނެގެން ވެއްޓުމުން އާންމުން އެ މީހާއަށް އެހީވާން އުޅުނުތަން ފެނި، ނައިބު ރައީސް އެތަނަށް ވަޑައިގެން ކަމަށެވެ. އަދި ސެކިއުރިޓީއިންގެ އެހީގައި ވެއްޓިފައި އޮތް މީހާ ނަގައި ހިލާލީގޭގައި އޮތް ނައިބު ރައީސްގެ ރަސްމީ ކާރުކޮޅު ގެންނަވައިގެން އޭގައި އެ މީހާ ހޮސްޕިޓަލަށް ފޮނުއްވި ކަމަށް ވެސް ބުންޏެވެ.

"ހިލާލީގޭގައި އޮތް ކާރުގައި ނައިބު ރައީސުންގެ ބޮޑީގާޑުންނާއެކު އެމީހާ ހޮސްޕިޓަލަށް ފޮނުވާލީ،" މަންޒަރުއް މީހާ ކިޔާދިނެވެ.

އޭނާ ބުނިީ، ވެއްޓުނު މީހާ ސީރިޔަސް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގޭ ކަމަށާއި ނަމަވެސް ބައެއް މީހުން ބުނިގޮތުގައި އެ މީހާ ވެއްޓުނީ ސްޓްރޯކެއް ޖެހިގެން އެވެ.

ނައިބު ރައީސްގެ ކާރު ކޮޅުގައި ބަލި މީހަކު ހޮސްޕިޓަލަށް ގެންދިޔުމުން އާންމުން އެކަން ސިފަ ކުރީ އެއީ، "ރައްޔިތުންގެ ވެރިންގެ" ގައިގާ ހުންނަޖެހޭ ފުރިހަ ސިފައެއްގެ ގޮތުގަ އެވެ.

"ނައިބު ރައީސް ފައިސަލް ނަސީމްއާއި ސެކުރިޓީންގެ ފަރާތުން ފެނުނީ، ވެރިންގެ ފަރާތުން ފެންނަ ޖެހޭ ވަރަށް ފުރިހަމަ މިސާލެއް،" ފޮޓޯއާއެކު މީހަކު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުންޏެވެ.

ބަލި މީހަކަށް އެހިތެރިވުމުގައި ނައިބު ރައީސް ފައިސަލް ނަމޫނާ ދެއްކެވި އިރު، އެމަޖެންސީ ހާލަތުގައި ތިބޭ ބަލިމީހުން ޓެކްސީ ތަކަށް ނާރުވާ ކަމުގެ ޝަކުވާ ވަރަށް ވެސް ބޮޑެވެ. އަދި އެފަދަ ޑްރައިވަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް މީގެ ކުރިން ޓްރާސްޕޯޓް އޮތޯރިޓީއިން ބުނެފައިވެސްވެ އެވެ.

comment ކޮމެންޓް