ޓެކްސީކުރާ ބިދޭސީންނަށް މެދު ފިޔަވަޅު އަޅަނީ

ޖެނުއަރީ 29، 2020: ވެލާނާ އެއާޕޯޓްގައި ޓެކްސީ ތައް ކިޔޫ ޖެހިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސީ ކުރާ ބިދޭސީންނާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ޓެކްސީ ކުރުމުގައި އުޅޭ ބިދޭސީންނާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން، ޓެކްސީ ގަވާއިދުގައި ބުނެފައިވާ ގޮތުން ބިދޭސީންނަށް ޓެކްސީ ކުރުމަށް ލައިސަންސް ދޫކުރަނީ ދިވެހި ދައުލަތުގެ ރެޒިޑެންޓް ވިސާލިބި، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭނަމައެވެ.

އެ ނޫން އިތުރު ގޮތަކަށް ބިދޭސީން ޓެކްސީ ކުރުމަކީ ގަވާއިދާ ޚިލާފު ކަމެކެވެ. އެފަދަ ބިދޭސީންނަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކަކީ ހުއްދަ ނެތް ފަރާތަކު ޓެކްސީ ކުރި ކަމަށް ނިންމައި 500 ރުފިޔާއިން ޖޫރިމަނާ ކުރުން ނުވަތަ ހުއްދަ ނެތް ފަރާތަކު ޕްރައިވެޓް ހަޔާއެއްގައި ޚިދުމަތް ދިނުން ކަމަށް ނިންމައި 750 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

މީގެއިތުރުން، ޓެކްސީތަކުގެ މައްސަލަ ހައްލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި ހޯމް މިނިސްޓްރީއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިތުރުން ފުލުހުން ގުޅިގެން އިއްޔެ ވަނީ ހަރަކާތްތެރިވެފައެވެ.

އަދި، ގަވާއިދާ ޚިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާ މެދު ފިޔަވަޅުއަޅަން ފަށާފައިވާ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ބިދޭސީން ޓެކްސީ ކުރުމުގައި ހަރަކާތްތެރި ވުމުގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފައެވެ. އެ ފަދަ ބިދޭސީން ވެސް ޓެކްސީ ފީގެ ގޮތުގައި ބޮޑެތި އަގުތައް ނަގައެވެ.

comment ކޮމެންޓް