ފިތުރު އީދުގައި ނުވަތަ ކުޑަ އީދުގައިވެސް ރާއްޖެއިން ބޭރަށް ދަތުރު ކުރުމަކީ ދިވެހިންގެ ތެރޭގައި އާދަވެފައިވާ ކަމެކެވެ. އެކަމަކު، މި ރާއްޖޭގައި ވެސް ދަތުރުކޮށް ކޮންމެހެން ބަލައިލަން ޝައުގުވެރި، ތަންތަން އެބަ ހުއްޓެވެ. އޭގެ ތެރޭގައި އިހުގެ ދިވެހިންގެ ކަވި މަސައްކަތްތައް ފެންނަ، ޝައުގުވެރި ތާރީހުތަކެއް ހުރި އާސާރީ މިސްކިތްތައް ބަލައިލަން ދާން ކިހިނެއް ވާނެ ހެއްޔެވެ؟ މިފަހަރު އެފަދަ އާސާރީ މިސްކިތްތަކެއް ބަލައިލަމާ ހިނގާށެވެ! ސަންގެ އީދު ގައިޑުގައި މިފަހަރު މި ގެނެސްދެނީ، އީދު ބަންދުގައި ކޮންމެހެންވެސް ބަލާލަން ޖެހޭ ފަސް އާސާރީ މިސްކިތެކެވެ.
ކޮޅުފުށީ ޣާޒީ މިސްކިތް
ކޮޅުފުށީ ޣާޒީ މިސްކިތަކީ، ވަރަށް އާސާރީ މިސްކިތެކެވެ. ތާރީހު ބުނާ ގޮތުން މި މިސްކިތަކީ ކަޅުއޮށްފުންމީގެ ލަކުޑިން ބޮޑުތަކުރުފާނު ބިނާ ކުރެއްވި މިސްކިތެކެވެ. އެރަދުން، ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އެނބުރި މާލެ ވަޑައިގަންނަވަނިކޮށް، ގަދަ ވިއްސާރައިގައި ޖެހިި ދިއްތުނޑީ ފަރަށް ކަޅުއޮށްފުންމި އަރައި ފުނޑުފުނޑުވި ކަމަށްވެ އެވެ. ކަޅުއޮއްފުންމި ފުނޑުފުނޑުވުމުން އެ އޮޑީގެ ލަކުޑިން ކޮޅުފުށީގައި ޣާޒީ މިސްކިތް ބިނާ ކުރެއްވި ކަމަަށް ކިޔާއުޅެ އެވެ.
ކޮޅުފުށީގައި މިހާރު އެހުރި ޣާޒީ މިސްކިތަކީ ބޮޑުތަކުރުފާނު އެޅުއްވި މިސްކިތެއް ނޫން ކަމަށް ބައެއް މީހުން ބުނެ އެވެ. އަދި އެއީ، ބޮޑުތަކުރުފާނު އެޅުއްވި މިސްކިތް އަނދާ ދިޔުމުން، ހަމަ އެތަނުގައި އެ ރަށުގެ ރައްޔިތުން އެޅި މިސްކިތެއް ކަމަށް ވެސް ބުނާވާހަކައެއް އޮވެ އެވެ. އެހެން ނަމަވެސް، މުސްކުޅިން ބުނާ ގޮތުގައި އަނދާ ދިޔައީ، މިސްކިތުގެ އެއް ބައެވެ. އަދި މިސްކިތް މަރާމާތު ކުރި އިރު ކަޅުއޮއްފުންމިން ކަނޑާނަގާފައިވާ ހިރިގާތަކެއްވެސް ފެނުނު ކަމަށް މުސްކުޅިން ބުނެ އުޅެއެވެ.
ސުނާމީގައި 2004 ވަނަ އަހަރު އެ މިސްކިތަށް ގެއްލުންވި އެތަނުގެ ހުޅަނގު ދެކުނު ފަރާތުން ފެންޑާއާއި މިސްކިތާ ގުޅޭ ކަނުން އުވަގަނޑު ވެއްޓުނެވެ. އުވަގަނޑު ވެއްޓުމުން އަލިފާނުގެ އަސަރުކޮށްފައިވާ ލަކުޑި އާއި ދޯންޏެއްގެ އިންނަފަތުގެ ބައެއްވެސް އެ މިސްކިތުން ފެނުނެވެ. އެ ބައިތައް އަދިވެސް އެގޮތަށް ފެންނާން އެބަ ހުއްޓެވެ.
ފުވައްމުލަކު ކެޑޭރެ މިސްކިތް
ތާރީހު ބުނާ ގޮތުން ފުވައްމުލަކަކީ ފަޅުވުމަށްފަހު ދެ ފަހަރެއްގެ މަތިން އާބާދުކުރެވިފައިވާ ރަށެވެ. ކެޑޭރެ މިސްކިތަކީ މީލާދީން 1555 ވަނަ އަހަރު ފުވަންމުލަކު ދެވަނަ ފަހަރަށް އާބާދު ކުރި އިރު ފަސް މީހަކު އެ ރަށުގެ ފަސް ސަރަހައްދެއްގައި އެޅި ފަސް މިސްކިތުގެ ތެރެއިން މިސްކިތެކެވެ. މި މިސްކިތް ބިނާ ކުރެއްވީ އަލީ އަޑަފި ކިލޭގެފާނު ނަމަކަށް ކިޔާ މީހަކު ކަމަށްވެއެވެ.
އަލީ އަޑަފި ކަލޭގެ ފަސްދާނު ލެވިފަައިވަނީ ކެޑޭރެ މިސްކިތު ހަރިންމަ ތެރޭގައި ކަމަށްވެއެވެ. އޭނާގެ އިތުރުން، މި މިސްކިތުގެ ސަރަހައްދުގައި، 40 ހާފިޒުން ފަސްތާނު ލާފާފައިވާ ކަމަށްވެއެވެ. އެ މީހުންނަކީ ފުވައްމުލަކުގައި ފެތުރުނު ބަލިމަޑުކަމެއްގައި ތެރޭގައި މަރުވި ހާފިޒުންތަކެއް ކަމަށްވެއެވެ.
އިސްދޫ އާސާރީ މިސްކިތް
ލ. އިސްދޫ އާސާރީ މިސްކިތަކީ މާލޭގައި ހުންނަ ހުކުރު މިސްކިތް ބިނާ ކުރުމަށްފަހު، ބާކީވި ތަކެތިން ހަދާފައިވާ މިސްކިތެއް ކަމަށްވެއެވެ. އެހެންކަމުން، މި މިސްކިތަށް ވެސް 300އަށް ވުރެ ގިނަ އަހަރު ވެފައިވާނެ ކަމަށް ލަފާ ކުރެވެއެވެ.
ދިވެހި ތާރީހާ ގުޅޭ މުހިންމު ކަންތައްތަކެއް އެނގިގެން ދިޔަ އިސްދޫ ލޯމާފާނު ފެނުނީ މި މިސްކިތުގެ ތެރެއިން އެވެ. އެހެންވީމާ މި މިސްކިތާ އަހަރުމެންގެ ތާރީހާ ވަކިވުމެއް ނެތެވެ.
ފުވައްމުލަކު ގެން މިސްކިތް
ގެން މިސްކިތަކީ ފުވައްމުލަކުގައި އެންމެ ފުރަތަމަ ބިނާ ކުރި މިސްކިތް ކަމަށްވެއެވެ. މި މިސްކިތަކީ ފުވައްމުލަކު ރައްޔިތުންނަށް އިސްލާމްދީނަށް ގޮވާލެއްވުމަށް ވަޑައިގެންނެވި އަބޫބަކުރު ނައިބު ކަލޭގެފާނު އިމާރާތް ކުރެއްވި މިސްކިތެއް ކަމަށްވެއެވެ. އަބޫބަކުރު ނާއިބު ކަލޭގެފާނު ފަސްދާނު ލެވުނީ ގެން މިސްކިތު އިރުމަތީ ފަރާތުގައި ހުރި ބިސްތާނުގެ ތެރޭގައިވާ ޒިޔާރަތުގައެވެ. މިހާރު މި މިސްކިތް ވަނީ ވަރަށް ބޮޑަށް މަރާމާތް ކުރެވި ޓިނު ޖަހާފައެވެ. މި މިސްކިތުގައި އެންމެ ފުރަތަމަ ޓިނު ޖެހީ 1987 ވަނަ އަހަރުއެވެ.
ގެން މިސްކިތު ވަޅުން ފެންބޮއެފި މީހަކު އަނބުރައި ފުވައްމުލަކަށް އަންނާނެ ކަމަށާއި އެމީހަކު ފުވައްމުލަކު މަތީން ހިތް ނުކެނޑޭނެ ކަމަށް ބުނާ މަޝްހޫރު ފުލޯކު ވާހަކައެއް ވެސް އޮވެ އެވެ. މި ވަޅުގެ ހަތަރު ކަނުގެ ފެނުގައި ލަނީ ހަތަރު ރަހަ ކަމަށްވެސް އިހުގެ މީހުން ބުނެއެވެ.
ކުޑަހުވަދޫ ހުކުރު މިސްކިތް
ކުޑަހުވަދޫ ހުކުރު މިސްކިތަކީ އެރަށުގައި ކުރިން އޮތް ހަތަރު އަވަށުގެ ތެރެއިން ވޭރު އަވަށުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. އެ މިސްކިތް އަޅާފައި ވަނީ، ކުޑަހުވަދޫ އިސްލާމްވުމުން، ރަށުގައި ހުރި ބުދިސްޓު ވޭރެއް ތަޅާލުމަށްފަހު އެތަނުގެ މަތީގައެވެ.
މި މިސްކިތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އެތަނަށް ވަންނަ ދޮރާއްޓެވެ. ތާރީހު ބުނާ ގޮތުން މި ދޮރާއްޓަކީ ތަަޅާލި ވޭރުގެ ދޮރާއްޓެވެ. މިތަން ހަދާފައި ހުންނަނީވެސް ކުރީގެ ބުދިސްޓު ތަންތަން ހުންނަ ގޮތަށެވެ. މި ދޮރާއްޓަކީ އެއްހާސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަނެއް ކަމަށް ބައެއް މާހިރުން ލަފާ ކުރެއެވެ.
ކުޑަހުވަދޫ ހުކުރު މިސްކިތުގެ ފާރުތައް ހެދީ ހިރިގަލުން ކަނޑައިފައްތާފައެވެ. އެތަނުގެ ތަނބުތަކާއި ބެރިތައް ވަރަށް ރީތިކޮށް ލާފެންކޮށްފައިވެއެވެ. މި މިސްކިތުގެ ގަބުރުސްތާނުގައި ކަނޑާނަގާފައި ހުންނަ ރީތި މަހާނަގާތައް ހުރެއެވެ.