ދިވެހީންނަކީ މުއްސަނދި ސަގާފަތަކާއި އާދަކާދައެއް އޮތް ބައެކެވެ. އީދުގެ މުނާސަބަތު ފަދަ ހާއްސަ ދުވަސްތަކުގައި ދިވެހިން އަދިވެސް ހިފަހައްޓައި ތިބި އާދަތަކުން ދިވެހިންގެ ސަގާފަތުގެ މުއްސަނދިކަން ބުނެދެ އެވެ. މިއަދު މި ފާހަގަކުރާ ކުޑަ އީދުގެ މުނާސަބާއާ އެކުވެސް ދޫކޮށް ނުލެވޭނެ ކިތަންމެ އާދައެއް އަހަރުމެންގެ ތެރޭގައި އާވެ އާވެ އެބަ ހުއްޓެވެ.
އާދަކާދައިގެ ގޮތުން އީދުގެ ހަރަކާތްތަކާއި އުފާފާޅުކުރުން ފެށިގެން ދަނީ ދުން ބަޑީގެ ސަލާމަކުންނެވެ. މިއީ ރަސްމީކޮށް އީދު އައިކަން ރައްޔިތުންނަށް އަންގައިދިނުމަށް ޒަމާނުއްސުރެ ކޮށްއުޅޭ ކަމެކެވެ. ރޯދައަށް ހަނދު ބެލުމާ އެކު އެންމެނަށްވެސް އިންތިޒާރުކުރެވެނީ މި ބަޑީގެ ސަލާމަށެވެ. އެއާއިއެކު އީދުގެ ފޯރިގަނޑު ދެން އެ ފެށުނީއެވެ.
އެއަށްފަހު ދެން އަންހެންވެރިން އަވަސްވެގަންނަނީ ބޯކިބާތައް ފިހުމަށެވެ. އީދު ބޯކިބާގެ ގޮތުގައި މަޝްހޫރުވެފައިވާ މި ބޯކިބަލަކީ އާންމުކޮށް ހަވީރު ސަޔަަށް ދިވެހިން މި ބޭނުން ކުރާ ބޯކިބަލާ ތަފާތު ގޮތަކަށްް ނުވަތަ ތަފާތު އެއްޗެއް ބޭނުންކޮށްގެން އަޅާ އެއްޗެއްކަން އެނގޭކަށް ނެތެވެ. ނަމަވެސް މިއީ އީދު ނަމާދަށްފަހު ހެނދުނުގެ ސައިގެ ގޮތުގައި ކެއުމަށް ބޭނުންކޮށް އުޅޭ ބާވަތެކެވެ. ގިނަ ގެތަކުގައި އާންމުކޮށް އީދަށް އަޅާ އުޅެނީ އާދައިގެ ކުޅި ބޯކިބާ އާއި ފޮނި ބޯކިބާ އެވެ.
މިފަދަ ތަފާތު އަދި މުއްސަނދި ސަގާފީ އެތަށްކަމެއް މަޑުމަޑުންގޮސް މިހާރު އަހަރެމެންގެ ތެރެއިން ދަނީ ނެތި އުވެމުންނެވެ. ސޯޝަލް މީޑީއާގައި މަދުންނަމަވެސް ބޯކިބާތަކުގެ ފޮޓޯތައް ދައުރުވަމުންދާއިރު، އެއްބަޔަކު އަހާ ސުވާލަކީ މިއީ ހަމަ ހަގީގަތުގައިވެސް އަޅުގަނޑުމެންގެ ތެރޭގައި އޮތް ސަގާފީ އާދައެއް ހެއްޔެވެ؟
މި ސުވާލަށް އާޓްސް މިނިސްޓްރީގެ ހިސްޓްރީ ރިސާޗް އެނަލިސްޓް އަދި އިސްލާމީ ޔުނިވާސިޓީގެ ލެކްޗަރާ އަހްމަދު އަލާ (އަލާ ދީދީ) ވިދާޅުވީ އީދު ދުވަހު ހެނދުނުގެ ނާސްތާއަށް ބޯކިބާ ފިހުމަކީ މިއީ ދިވެހި ސަގާފީކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބޯކިބާ ކައިއުޅެނީ އީދު ނަމާދަށްފަހު ސަލަވާތްކިޔެވުމަށްފަހު ސަޔާއެކު އެވެ.
ކޮންމެއަކަސް ބޯކިބަލަކީ ތައްޔާރުކޮށްލަން ފަސޭހަ އަދި އެހާމެ ރަހަމީރު އެއްޗެކެވެ. މިއީދުގައި ތިގޭގައި ބޯކިބާ ތައްޔާރު ނުކުރެވުނުނަމަ ދެން އަންނަ އީދަކަށް ކޮންމެހެންވެސް މިކަން ކުރަންވާނެ އެވެ.