މީލާދީ ގޮތުން، 1601 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ފަރަންސޭސި ވިލާތުގެ ސޮން މަލޯއިން ދެ އޮޑި ދަތުރަށް ފުރީ މާ ބޮޑަށް އޭރު ގޮތް އެނގިފައި ނުވާ އިރުމައްޗާއެކު ވިޔަފާރި ކުރެވޭނެ ގޮތްތަކެއް ފެނޭތޯ ބަލާށެވެ. ފަރަންސޭސި ދަތުރުވެރިޔާ ފްރަންސުއާ ޕިރާޑުގެ އިސްވެ ހުރި އޮޑި، "ކޯބިން" ގެ މާލިމީ ކަމުގައި މި ދަތުރު ފެށިތާ މާ ގިނަ ދުވަހެއް ނުވެ ކުރިމަތިވީ ބަދުނަސީބެވެ. މި އޮޑިތަކަށް ކުރިމަތިވީ ބަދުނަސީބުގެ މައްޗަށް ބަދުނަސީބެވެ.
ދަތުރުގެ ފެށުންވެސް ދިޔައީ ގޯހުންނެވެ--"ކޯބިން"އޭ ކިޔުނު އޮޑީގެ ކުނބު ބިނދިއްޖެ އެވެ. އެއާއެކު، ފަޅުވެރިން ނާއުންމީދުވެ، އޮޑިތައް ދޫކޮށް ކަނޑަށް ފުންމާލާނެ ކަމަށް އެ މީހުން ބުނަން ފެށީ އެވެ. ދެން އޮތް ދެ އޮޑިއަށް މަގު އޮޅި ކަނޑަށް ބެހުނީ އެވެ. ދުވާލުގެ ގަދަ ހޫނުގައި ހުރިހާ އެއްޗެއް ހަލާކުވަނީ އެވެ. ވިލާތުން ގެނައި ކާބޯތަކެތީގައި ފުޅަ އަޅައި ނިމިއްޖެ އެވެ. ބަޓަރުކޮޅު ވިރި، ވީ ތެލަށެވެ. ކާނެ އެއްޗެއް ނެތް ތަނުގައި، ބަލިމަޑުކަން އޮޑިތެރޭ ފެތުރި، މީހުންތައް މަރުވާންވެސް ފަށައިފި އެވެ. އަދި އޭރު އިންޑިއާ ކަނޑުވެސް ހުރަސް ނުކުރެވެ އެވެ.
އުފަލެއް ލިބުނީ ދަތުރަށް ފުރިތާ އަހަރެއްހާ ދުވަސް ފަހުން، އިންޑިއާ ކަނޑުގެ ދެކުނުގައި އޮންނަ ކޮމޮރޮސް ޖަޒީރާގެ ރަށަކަށް މަޑުކުރެވުމުންނެވެ. ސާފު ވައިކޮޅެއް ނޭވާލާން ލިބުމުން، ގައި ބާރު ދެރަވެފައި ތިބި ފަޅުވެރިން ވަރު ޖައްސާލައިފި އެވެ. ދެން އަނެއްކާވެސް ދަތުރަށް ފުރީ، 1602 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭ އެވެ. މަހެއްހާ ދުވަސް ފަހުން މަހަލްދީބު، ނޫނީ ރާއްޖޭގެ އަތޮޅުތައް ފެންނާން ފެށި އެވެ.
ޖުލައި ދެވަނަ ދުވަހުގެ ރޭ އޮޑީގެ ކައްޕިތާނު އޮތީ ބަލި އެނދުގަ އެވެ. ފަޅުވެރިން މަސްތުގެ ހާލަތުގައި މަޖާ ނަގައި އުޅުމަށްފަހު އިސާހިތަކު "ދެމިއްޖެ"އެވެ. އޮޑީގެ ހުންގާނުގައި މީހަކު ނެތި، އޮޑި ބެހިގެން ދަނީ އެވެ. އެ ރޭ ފަތިހު "ކޯބިން"ގެ ފަޅުވެރިންނަށް ދަތުރުގެ އެންމެ ބޮޑު އާފާތް ލައްވާލި އެވެ. ކުރިމަތިން ފެންނާން އޮތް، ރާއްޖޭގެ ރަށެއްގެ ބޭރު ފަރަށް "ކޯބިން"އޭ ކިޔުނު ޕިރާޑްގެ އޮޑި އުރިއްޖެ އެވެ. އެއީ މާޅޮސްމަޑުލުގެ ދެކުނުން އޮތް ކުޑަ އަތޮޅުގެ، އުތުރެވެ. އެ މީހުން ކިޔާ ގޮތުން ނަމަ، އެ އޮޑި އުރުނީ ޕައުލާދޯއޭ ކިޔާ ރަށަކާ ކައިރިއަށެވެ.
ފަރަންސޭސި ދަތުރުވެރިޔާ ފްރަންސުއާ ޕިރާޑުގެ ބޮޑު ބަދުނަސީބު ލައްވާލީ ރާއްޖޭގެ، ގޮއިފުޅަފެހެންދޫ އަތޮޅުންނެވެ. އެއީ ބ. ފުޅަދުއާ އެ އަތޮޅު އިންނަފުއްޓާ ދޭތެރޭގެ ހިސާބެކެވެ. ކޯބިން ފަރަށް އުރިި، ކަނޑުވާން ފެށި އެވެ. ކޯބިންގެ އެންމެ އަޑީ ކޮޓަރިއަށް ލައި ރައްކާކުރި މުދަލާއި، އަޑީގެ ދެފަރާތުގެ ބަނޑުފިލާގައި ހައްޔަރުކޮށް ރައްކާކޮށްފައި ހުރި މުދާވެސް ކަނޑުވީ އެވެ.
ފުޅަދޫއަށް އެރުން
އެ އޮޑިން ސަލާމަތް ކުރެވުނު ބައެއް ތަކެއްޗާއި ހަތިޔާރު، ހިފައިގެން އެ މީހުން މަސައްކަތް ކުރީ ކައިރީގައި އޮތް ރަށަށްް އަރައި ހިމާޔަތް ހޯދާށެވެ. ނަމަވެސް ޕިރާޑު ލިޔެފައިވާ އޭނާގެ ދަތުރުނާމާގައި ބުނާ ގޮތުގައި، ކޯބިން ފަރަށް އެރި ތަނާ އެންމެ ގާތުގައި އޮތް ފުޅަދޫއަށް އެރުމަށް ފުޅަދޫ މީހުން ހުއްދަ ދިނީ ޕިރާޑުމެންގެ އަތުގައި ހުރި ހަތިޔާރު ރަށު މީހުންނާ ހަވާލުކުރުމުންނެވެ. ރަށަށް އެރުމާއެކު ކޯބިންގެ ފަޅުވެރިންގެ މިލްކިއްޔާތު މުޅިން ގެއްލިއްޖެ އެވެ. ރަށު މީހުން އެ މީހުންގެ މުދާތައް ފޭރިގަތީ އެވެ.
"އެއަށްފަހު [އެމީހުން] އަހަރެމެން ގެނައި ފޮށިވައްޓާއި ހެދުންތައް، ރަނގަޅަށް ހޯދާ ބެލި އެވެ. އެއަށްފަހު، އަހަރެމެން ގެނައިހާ އެއްޗެއް ގެންދިޔައީ މިއީ ރަސްގެފާނުގެ މިލްކުވެރި ތަކެއްޗޭ ބުނެފަ އެވެ،" ޕިރާޑު އޭނާގެ ދަތުރުނާމާގައި ލިޔެފައިވެ އެވެ. އެ ޒަމާނުގައި ރާއްޖެއަށް ލައްވާ ނާ ފަހަރުގައި ހުންނަ މުދަލަކީ ރަސްގެފާނުގެ މުދަލަށް ވެއެވެ.
އެހެން ނަމަވެސް "ކޯބިން"ގައި ޕިރާޑުމެން ރައްކާކުރި ޚަޒާނާ، ފުޅަދޫއަށް އެރުވީ ވަގަށެވެ. އޭގެ ތެރޭގައި އަގުބޮޑެތި މުދަލާއި ރިހި ހިމެނެ އެވެ.
"އެނަވުގެ ފަޅުވެރިންގެ 500 ކްރައުންއާއި އަދި އެކި މީހުންގެ 500 ކްރައުން ހުއްޓެވެ. އެ ހުރިހާ އެއްޗެއް ރައްކާކުރީ އެކި މީހުންގެ ކަމަރުގައެވެ. އެކަމަކު އެންމެންގެ އަތަކު މި ޒާތުގެ ފައިސާ ރައްކާކުރާ ކަމަރެއް ނެތެވެ،" ޕރާޑު ލިޔެފައިވެ އެވެ.
ރަށު ރައްޔިތުންނަށް މި ފެނިއްޖެނަމަ ވާނީ ރަސްގެފާނުގެ މިލްކިއްޔާތަށެވެ. އެހެންކަމުން ސިއްރިއްޔާތުގައި ރަށަށް އެތަކެތި އަރުވައި، ފުޅަދޫގައި އެ މީހުން އެތަކެތި ވަޅުލީ އެވެ.
މިހާރުވެސް ފުޅަދޫގައި އޮންނަ "ފައިސާ ވަޅުގަނޑެއް"ގެ ވާހަކަ މީހުން ދައްކައި އުޅެ އެވެ. އެކަމަކު އެވީތަނެއް އޭގެ ހަގީގަތެއް އެނގޭ މީހަކު މިހާރު ދުނިޔެއަކު ނެތެވެ.
"ގަސްދުކުރީ އަހަރެމެން އެންމެންނަށް ޖެހުނު ބޮޑު ބޭނުމެއްގެ ކުރިން، އެތަކެތި ނުނެގުމަށެވެ. އެކަމަކު މާ ގިނަ ދުވަހެއްނުވެ، އެބައިމީހުން ބަނޑަށް މަރުވާން ތައްޔާރުވެގެން އެ ވަޅުލާފައި ހުރި ތަކެތި ނެގުމަށް މަޖުބޫރުވެއްޖެ އެވެ. ދެން އެ ރަށު މީހުން ގާތު، ކާބޯތަކެތި ގެނެސްދީފިނަމަ ފައިސާ ދޭނެކަން އަންގައިފީ މެވެ. ރިހީގެ ބަދަލުގައި އެބައިމީހުން ކާބޯތަކެތި ދޭނެކަން ޔަގީނެވެ،" ޕިރާޑު ލިޔެފައިވެ އެވެ.
ނަމަވެސް ކާބޯތަކެތި ގަންނަން ޖެހުނީ ނުއަގުގަ އެވެ. ރިހީގެ އަގު މާ މަތިވުމުން، މާރުކުރެވޭނެ ގޮތެއް ނުވި އެވެ. އެންމެ ފަހުން ފުޅަދޫ މީހުންގެ އަތުން ޕިރާޑާއި އޭނާގެ ފަޅުވެރި ކާ ތަކެތި ގަތީ އަގުގެ ގޮތުގައި މީހަކަށް ހައެއްކަ ރިހި ފައިސާ ފޮތި ދީފަ އެވެ.
ކޯބިން ކޮބައިތަ؟
ޕިރާޑު ރާއްޖޭގައި ކުރި ތަޖުރިބާ އާއި، ދިވެހިބަހާއި ބައެއް އެހެނިހެން ކަންކަންވެސް ރާއްޖެއިން ދަސްކުރި އިރު، ފަރަށް އުރުނު އޭނާގެ އޮޑި ކޯބިންއަށް ވީ ކިހިނެއް ހެއްޔެވެ؟
ބ. ފުޅަދޫ ކައުންސިލުގެ ޒިންމާދާރު ވެރިޔާ، އަދި ތާރީހުވެސް ދިރާސާ ކުރައްވާ އެސިސްޓަންޓް ޑިރެކްޓަރު އަލީ އަޒްހަރު ވިދާޅުވި ގޮތުގައި، ކޯބިން ފަރަށް އެރި ތަނާ މެދުވެސް އޮތީ ހިލާފެއް އުފެދިފަ އެވެ.
"ދިވެހިބަހާ ތާރީހަށް ހިދުމަތްކުރާ މަރުކަޒަށްވެސް ނޭނގެ އެ ޕޮއިންޓެއް. އެމީހުން ދައްކަނީ މިތާގައި އަރާފައި އޮންނަ ދަގަނޑު ބޯޓެއް. އެކަމަކު ޕިރާޑުގެ ޒަމާނަކީ ލަކުޑި އޮޑީގެ ޒަމާނެއް. ޕިރާޑު އެކަން ލިޔެފައިވެސް އޮންނާނެ،" އަޒުހަރު ވިދާޅުވި އެވެ.
އަޒްހަރު ވިދާޅުވި ގޮތުގައި، މި ދަގަނޑު ބޯޓެއް އޮންނަނީ އިންނަފުށީގެ މާ ހުޅަނގުގައި އޮންނަ ޕޮއިންޓެއްގަ އެވެ.
ނަމަވެސް ކޯބިން އެރީ އިންނަފުށީގެ އިރުން އޮންނަ ހިސާބަކަށް ކަމަށް އަޒުހަރު ވިދާޅުވި އެވެ. އަޒްހަރު އެހެން ވިދާޅުވަނީ، އެ ދިމާލުގައި ވަރަށް ފަހަކާ ޖެހެންދެން ހައެއްކަ ފޫޓެއްހާ ދިގުމިނުގެ ސަންދޯކެއް ޒާތުގެ އެއްޗެއް އަޑީގައި ފެންނާން އޮންނާތީ އެވެ.
"އެ ދިމާލު ތޮށިމަތީގައި، އަޅުގަނޑުމެން މެދުބޭރޭ ކިޔާ ހިސާބު އެއީ. އެ ނާ ހަލާކުވެގެން ދިޔަ އިރު އޭގެ ތެރޭގައި އޮތް އެއްޗެއް ވިއްޔާ އެތަނަށް ވެއްޓޭނީ. ސީދާ ލޮކޭޓުކުރީ އެގޮތަށް. އެކަމަކު މިހާރު ނެތް. މިރަށު މީހުން ދޯނީގައި ކަނބާފައި ދާ ހިސާބުގައި ހުރި އެއްޗެއް އެއީ. ބައެއް މީހުން ވަޅިން ކާއްތާފައި ބުނޭ ރިހި ކުލައިގެ އެއްޗެއް ކަމަށް އެއީ. މިހާރަކު އެޔެއް ނެތް،" އަޒުހަރު ވިދާޅުވި އެވެ.
އަޒްހަރު ވިދާޅުވީ އެ "ސަންދޯކަކީ" އޭގެ ޒާތުގައި ބަރު އެއްޗެއް ކަމަށެވެ. އެ އުފުލޭނީ ގައިމުވެސް ސޭއްލާއެއް ކަހަލަ އެއްޗަކުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން އޭނާ ލަފާކުރައްވަނީ ބަޔަކު އެ ސަންދޯއެއް އެތަނުން ނެގީ އެވެ.
ޕިރާޑުގެ އެ ލަކުޑި އޮޑީގެ އެއްވެސް އަސަރެއް އެ ސަރަހައްދުގައި މިހާރު ނެތެވެ. ބައެއް މީހުން ބުނާ ގޮތުގައި އެ ދިމާލުގެ ކަނޑުއަޑިން ރިހި ފައިސާފޮތި މަދުމަދުން ފެނެ އެވެ. ނަމަވެސް މިއަށް ބާރުދޭ ހެއްކެއް ނުފެނުނެވެ.
ކޯބިން އުރުނު ސަރަހައްދުން ފެށިގެން ވަށައިގެން އެއް ކިލޯމީޓަރުގެ ސަރަހައްދަކީ 2011 ވަނަ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ހިމާޔަތްކޮށްފައިވާ ހާއްސަ ސަރަހައްދެކެވެ. މި ސަރަހައްދަށް މީހުން ފީނަންވެސް ގޮސް އުޅެ އެވެ. ނަމަވެސް މާ ގިނަ ވާހަކަތަކެއް މިތަނާ ބެހޭގޮތުން މީހުން ނުދައްކަ އެވެ.
އެހެން ނަމަވެސް، ޕިރާޑުގެ ދަތުރުނާމާގައި ރާއްޖޭގެ ވާހަކަތައް ލިޔެ ދިވެހި ތާރީހަށް މުއްސަނދި އެތަކެއް ވާހަކަތަކެއް ލިބުނީ މީގެ ހަތަރު ގަރުނު ކުރިން ކޯބިންއޭ ކިޔުނު އޮޑި، ގޮއިފުޅަފެހެންދޫގެ ފަރަށް އެރުމުގެ ހާދިސާ ހިނގީމަ އެވެ. ދަ ރެކް އޮފް ކޯބިންގެ ތާރީހީ މުހިންމުކަމުން އެތަނުގައި ފީނާލާ ހިތެއް ނުވޭހެއްޔެވެ؟ ދިވެހި ތާރީހުގައި މިފަދަ އެތައް ތަނެއްގެ ވާހަކަތައް ކިޔައިދެ އެވެ.