ރޭ ބޮލީވިއާއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުން ފްރާންސް މޮޅު ކޮށްދިނުމަށް ފަހު، އަންނަ ސީޒަނުގައި ދާނެ ވަކި ކުލަބެއް އަދި ވެސް ނުނިންމާ ކަމަށް އެންޓޮއިން ގްރީޒްމަން ބުނެފި އެވެ.
ނިމިގެން މިދިޔަ ސީޒަނަށް ފަހު އެތުލެޓިކޯ މެޑްރިޑް ދޫކޮށްލާނެ ކަން ގްރީޒްމަން ވަނީ އިއުލާން ކޮށްފަ އެވެ. އެއާ އެކު ޔޫރޮޕުގެ ބޮޑެތި ކުލަބުތަކުން ދަނީ ގްރީޒްމަން ހޯދަން އޭނައަށް ބޮޑެތި އަގުތައް ހުށައަޅަމުންނެވެ. އެގޮތުން ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑު އަދި ލިވަޕޫލްގެ އިތުރުން ސްޕެއިންގެ ބާސެލޯނާ އިން ވެސް ދަނީ އޭނަގެ ސޮއި ހޯދަން މަސައްކަތް ކުރަމުންނެވެ.
ރޭ ފްރާންސްގެ ނަންޓޭސްގައި ކުޅުނު ރަހުމަތްތެރި ކަމުގެ މެޗުގައި ގްރީޒްމަން ވަނީ ބޮލީވިއާ ކޮޅަށް ގޯލެއް ޖަހައި ގޯލެއް ޖަހަން އެސިސްޓެއް ވެސްވެފަ އެވެ. ގައުމީ ޓީމާ އެކު ފަހުގެ ތާރީހުގައި ގްރީޒްމަން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރުގެ ވޯލް ކަޕުގެ ޗެމްޕިއަން ކަން ހޯދުމުގެ އިތުރުން 2016 ވަނަ އަހަރުގެ ޔޫރޯ ފައިނަލަށް އެ ޓީމު ގެންދިއުމުގައި ވެސް އޭނާ ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.
ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ގްރީޒްމަން ބުނީ އަދި ބަދަލުވާނެ ކުލަބެއް އޭނާ އަށް ވެސް ނޭނގޭ ކަމަށެވެ.
"އަދި ނުނިންމަން ދާނެ ކުލަބެއް. ހުރިހާ ކަމަކަށް ވެސް ވަގުތު ނަގާނެ. ދެން ބަލަމާ ހިނގާ،"
ގްރީޒްމަން މިހާތަނަށް ފްރާންސްގެ ގައުމީ ޓީމަށް ވަނީ 29 ގޯލު ޖަހައިދީފަ އެވެ. އޭނާ ބުނީ ފްރާންސްގެ ގައުމީ ޓީމަށް ކުޅުމަކީ ލިބޭ ޝަރަފެއް ކަމަށާއި މެޗުގައި ޖެހޭ ކޮންމެ ގޯލަކީ ވެސް ލިބޭ ފަޙުރެއް ކަމަށެވެ.
"އަހަރަމެން ރަމްޒު މި ކޮށްދެނީ މި ގައުމު. މިގައުމުގައި ކުޅެން ލިބޭ ކޮންމެ ފުރުސަތަކީ ވެސް އުފަލެއް،"