ދޮންބައްޕައަކު ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރާ މައްސަލައެއް ފެންމަތިވެއްޖެ

ހުވަދު އަތޮޅުގެ ރަށެއްގައި ދޮންބައްޕައަކު 18 އަހަރުން ދަށުގެ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެކަމުގެ ފުރިހަމަ މައުލޫމާތު އެނގޭ އެރަށު ބައެއް މީހުން ވަނީ "ސަން" އަށް އެކަން ހިނގިގޮތް ހިއްސާކޮށް ތަފްސީލްތައް ކަޔައިދީފަ އެވެ.

"ސަން" އަށް މައުލޫމާތު ހިއްސާކުރި މީހުން ބުނި ގޮތުގައި ދޮން ބައްޕަގެ ފަރާތުން ތަކުރާރުކޮށް ތަފާތު އެކި ދުވަސް މަތިން ޖިންސީ ގޯނާ ލިބެމުން ދިޔަ ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކަށް މިހާރު ވަނީ 18 އަހަރު ފުރިފަ އެވެ.

ޖިންސީ ގޯނާ ލިބެމުންދާ ދެ ކުދިންގެ ބައްޕަ އެހެން ރަށަކަށް ނިސްބަތްވާ އިރު، އެ ކައިވެނި ރޫޅުމަށް ފަހު އޭނާ ވަނީ ދިރުއުޅުން އުފަންރަށަށް ބަދަލުކޮށްފަ އެވެ. ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ ދޮން ބައްޕަ އަކީ ވެސް އެއަތޮޅު އެހެން ރަށެއްގެ މީހެކެވެ. އޭނާ ދިރިއުޅެނީ އެ ދެ ކުދިންގެ މަންމަގެ ރަށުގައި އޭނާޔާއާ އެކު އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައި މިހާރު 18 އަހަރު ފުރިފައިވާ ކުއްޖާ ބަލިވެ ވެސް އިނެވެ. ނަމަވެސް އެ ދަރިފުޅު ވައްޓާލީ ކަމަށް އޭނާ ކިޔައިދިނެވެ.

އަށާރަ އަހަރު ފުރިފައި ހުރި ކުއްޖާ މިހާރު އުޅެނީ އެ އަތޮޅު އެހެން ރަށެއްގައި މަތީ ތައުލީމު ހާސިލުކުރުމަށެވެ. އަދި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާއަށް އެ ވާހަކަތައް ކިޔައިދިން ކަމަށް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

"ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާއަށް ކިޔައިދިނީ އޭނައަށް ދޮންބައްޕަ ޖިންސީ ގޯނާ ކުރި ވާހަކަ. އަދި މިހާރު 16 އަހަރުގެ ކޮއްކޮއަށް ވެސް ޖިންސީ ގޯނާ ކުރަމުންދާ ވާހަކަ. އެހިސާބުން އިތުރަށް މި މައްސަލަ ފަޅައިގެން ދިޔައީ،" އެރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

މި އަހަރުގެ ކުރީކޮޅު ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް އެ މައްސަލަ ހުށަހެޅި ކަމަށާއި ނަމަވެސް ވީ ކަމެއް ނެތް ކަމަށް އެމީހާ ކިޔައިދިނެވެ.

"ފުލުހުން ބުނަނީ މިހާރު 18 އަހަރު ފުރިއްޖެ ނޫންހޭ. ތިމަންނަމެން ނުސީދާކޮށް ސުވާލުކުރީމަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވުނޭ. އޭނައާ ސުވާލުކުރީމަ މާބޮޑު އެއްބާރުލުމެއް ނުދެއޭ. އެހެންވެ ކުރިއަށް ނުގެންދެވޭނީއޭ. މިއީކީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން. ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ކަމުގެ ތަޖުރިބާކާރުންގެ ކިބައިގައި ހުންނަންވާނެ އެފަދަ ހާލަތެއްގައި ވެސް އެކަމުގެ ހަގީގަތް ހޯދުމުގެ ގާބިލުކަން،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ މި އަހަރުގެ ކުރީކޮޅު ޖެންޑާ މިނިސްޓްރީއަށް އެ މައްސަލަ ހުށަހެޅި ނަމަވެސް އަދި ވެސް އެ މައްސަލަ ބެލުމަށް އެމިނިސްޓްރީގެ ޓީމެއް އެ ރަށް ގޮސްފައިނުވާ ކަމަށެވެ.

"މިރަށުގައި މިކަން ނޭނގޭ މީހަކު ވަރަށް މަދުވާނެ. މުޅި ރައްޔިތުންނަށް އެނގޭ ކަމެއް މިއީ. ދެން ކީއްވެގެންތޯ މި މައްސަލަ ނުބެލެންވީ،" އޭނާ ކިޔައިދިނެވެ.

އެހެން ނަމަވެސް، ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅި ބަލަމުން އަންނަ ކަމަށެވެ. ޖެންޑާ މިނިސްޓްރީ އިން ވެސް ބުނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެ މައްސަލަ ލިބިފައިވާ ކަމަށާއި ފުލުހުންނާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ރަށުން ވާހަކަ ދެއްކި މީހުން ތުހުމަތު ކުރާ ގޮތުގައި އެ ރަށު ކައުންސިލުން ވެސް އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތެއް ނުކުރެ އެވެ.

މިކަމާ ގުޅޭ ގޮތުން އެ ރަށު ކައުންސިލްގެ ރައީސް އަށް ގުޅާލުމުން ވިދާޅުވީ އެފަދަ ކަމެއް އެ ރަށުގައި ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އޭނާ އަށް އެއްވެސް ގޮތަކަށް އެނގިފައިނުވާ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ ތިޔަ ކަހަލަ ކަމެއް މިރަށުގައި ހިނގައިގެން އުޅޭ ކަމެއް. އަޅުގަނޑަކީ ތިޔަ ކަމުގެ މައުލޫމާތު ނޭނގޭ މީހެއް،" ތަކުރާރުކޮށް ސުވާލު ކުރުމުން ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އެކަމަކު އެ ވާހަކަތައް މުޅި ރަށުތެރެއަށް ބޭޒާރުވުމުން 16 އަހަރުގެ ކުއްޖާގެ ގައިގައި މިދިޔަ މަހުގެ ތެރޭގައި މަންމަ ތަޅައި އަނިޔާކުރި ކަމަށް ވެސް އެރަށުން ވާހަކަ ދެއްކި ބައެެއް މީހުން ތުހުމަތުކުރި އެވެ.

"މަންމަ 16 އަހަރުގެ ކުއްޖާގެ ގައިގައި ތަޅައި އަނިޔާކުރި މިދިޔަ މަހު. އޭރު އެ އަނިޔާގެ ނިޝާންތައް ވެސް ފެންނަން ހުރި. މަންމަ އެކުއްޖާއަށް އަނިޔާކޮށްފައި ބުނީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ސުވާލު ކުރިޔަސް ދޮން ބައްޕަގެ ވާހަކަ ކިޔައި ނުދޭށޭ. ކިޔައިދީފި ނަމަ ދޮންބަ އުމުރަށް ޖަލަށްލާނެއޭ. އެ އިރުން ތިމަންނަމެން ފައިސާ ހޯދާނީ ކިހިނެއްހޭ،" އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އެ ދެ ކުދިންގެ ބައްޕައަށް ވެސް އެ މައުލޫމާތު ލިބުނު ކަމަށާއި ނަމަވެސް މަންމަ އެކުދިންލައްވައި ބައްޕައަށް ގުޅުވައި އެ ވާހަކަތައް ގަބޫލުނުކުރުމަށް އެދުނު ކަމަށް ވެސް އޭނާ ބުންޏެވެ.

"އެކުދިންގެ މަންމަ ބުނީ ބައްޕައަށް ގުޅާފައި ބުނާށޭ އެއީ މިރަށު ތެރޭގައި ފަތުރާ ދޮގު ވާހަކަތަކެކޭ. އެ ވާހަކަތައް ގަބޫލުނުކުރާށޭ،" އެރަށުން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ޖިންސީ ގޯނާ ކުރި ވާހަކަ ފަޅާއަރުވާލި، މިހާރު 18 އަހަރުވެފައިވާ ކުއްޖާ، އެ ރަށުގައި އުޅުނު އިރު ނިދަނީ މަންމަ އާއި ދޮންބައްޕަ އާާއި އެގޭގެ ދެންތިބި ކުދިންނާ އެކު އެއް ކޮޓަރިއެއްގަ އެވެ. އަދި މިހާރު ރަށުގައި އުޅޭ 16 އަހަރުގެ ކުއްޖާ އާއި އެހެން ދަރިން ވެސް ނިދަނީ ދޮންބައްޕަ އާއި މަންމައާ އެކު އެއް ކޮޓަރިއެއްގައި ކަމަށް އޭނާ ބުންޏެވެ.

"މި މައްސަލަ ފެންމަތިވުމުން މަންމަ މިހާރު އުޅެނީ މޫނު ބުރުގާ އަޅައިގެން. އަދި ދަރިން ތިބެނީ ކަޅު ހެދުން ލައްވައިފައި. އަށާރަ އަހަރު ފުރުނު ކުއްޖާ ކައިރީ މޫނު އަޅަން ބުނުމުން ވަނީ އެކަމާ ދެކޮޅު ހަދައިފައި،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންނެޏެވެ.

ހުވަދު އަތޮޅުގެ ރަށަކުން ކުޑަ ކުއްޖަކާ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާ އިރު، މީގެ ދެ ހަފްތާ ކުރިން ހަމަ އެ އަތޮޅުގެ ރަށަކުން ވަނީ އުމުރުން ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ނުވަ އަހަރުގެ ކުއްޖާގެ މަންމަގެ ލޯބިވެރިޔާ ހައްޔަރުކޮށްފަ އެވެ. އުމުރުން 71 އަހަރުގެ އެމީހާގެ ބަންދަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަސް ބަންދަށް ޖަހަފަ އެވެ.

މީގެ އިތުރުން މިދިޔަ މަސްތެރޭ މެދު ރާއްޖެތެރެ އަަތޮޅުަކުން، 15 އަހަރުގެ އަންހެން ކުއްޖަކު ވިހެއި ދަރިފުޅު ވަނީ މަރުވެފަ އެވެ. މިހާރަކަށް އައިސް ކުޑަ ކުދިންނަށް ކުރާ ޖިންސީ އަނިޔާތަކުގެ މައްސަލަތައް ފެންމަތިވުން ވަނީ އިތުރު ވެފަ އެވެ.

comment ކޮމެންޓް