އެމް.އެޗް.ޑީ.ސީގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ ގިނަފަރާތްތަކަކުން މުޅި އެސަރަހައްދުވަނީ ފުރާލާފައެވެ. ތަންކޮޅެއް ދުރުން އަންނަމުންދިޔަ ކަނޑު ނޫކުލައިގެ ކާރު ފެނުމާއެކު އެންމެންގެ އަޑު ގަދަވެގެން ދިޔައެވެ. ވަގުތުން ނޫސްވެރިން ހުޝިއާރުވެލިއެވެ. އާދައިގެ ދުވެއްޔެއްގައި އައި ކާރު މަޑުކޮށްލުމާއެކު ކޮންމެ މީހަކުވެސް އިންތިޒާރުކުރީ އެތެރޭން ފައިބާނެ މީހަކު ފެންނާނޭ އިރަކަށެވެ.

ކާރުގެ ދޮރުފަތް ހުޅުވާލުމާއެކު އެންމެންގެ ނަޒަރު އެދިމާލަށް ސީދާކޮށްލެވުނެވެ. އެމީހަކު ކާރުން ނުކުތުމާއެކު އަތްތިލަބަޑިން މުޅިތަން ގުގުމާލައިފިއެވެ. އަނާލްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. އަމިއްލަ ފައިމަތީގައި ކޮޅަށް ހުރެ އޭނާގެ އެތައް އަހަރެއްގެ ބުރަ މަސައްކަތަށް ނަޒަރު ހުއްޓާލިއިރު އިމާރާތުގެ މުވައްޒަފުންގެ މޫނުމަތިން ފެނުނު ކުލަވަރުތަކުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ހިނގައްޖެއެވެ. އިޒިއަން މަތިން ހަނދާން ވިއެއްކަމަކު އެކަން މޫނުމަތިން ދައްކާކަށް އަނާލް ބޭނުމެއްނުވިއެވެ. ޒައުނާ ދުވެފައި އައިސް އަނާލްގެ ގައިގައި ބައްދާލިއެވެ. އެ ކާރުގެ ފަހަތުން އައި ދެ ކާރުން އަނާލްގެ އާއިލާގެ މީހުންފޭބިއެވެ. އަނާލް ޒައުނާއަށް ބަލާލީ ޝުކުރުން ފުރިގެންވީ ބެލުމަލުންނެވެ. އަނާލްއަށް އޭނާގެ ފަޔާ ދިމާލަށް ނަޒަރެއް ދެވުނެވެ. ވަށައިގެން އަދިވެސް އެއްފަހަރު ބަލާލެވުނެވެ. ހިންދިރުވާލެވުނެވެ. އާއިލާގެ މީހުންވެސް ކާރުން ފައިބައިގެން އައިސް އަނާލްގެ ގާތަށް ހުއްޓުނެވެ. އަނާލް ފަހަރަކު މީހެއްގެ ގައިގައި ބައްދާލިއެވެ. ވަށައިގެން ތިބި މީހުންނަށް އަވަސް ނަޒަރެއްދެމުން އަނާލް ޝުކުރު އަދާކޮށްލިއެވެ. އޭނާއަށް މިހާ ހޫނު މަރުހަބާއެއް ކިޔާނެކަމެއް ކުރިއަކު ނޭނގެއެވެ. އޭނާގެ އުފާވެރިކަން ބަޔާންކޮށްދޭނީ ކިހިނަކުންކަމެއް ނޭނގުނެވެ.

އަނާލްއަށް ނޭނގުނުކަމަކީ އެ މަންޒަރު ބަލަން ދުރުގައި އިޒިއަން ބަލަހައްޓައިގެން ހުރިކަމެވެ. އަނާލްގެ ކޮންމެ ހަރަކާތަކަށް އިޒިއަން ފާރަވެރިވަމުން ދިޔަކަމެވެ. އަނާލް އޭނާގެ ފައިގައި ކޮޅަށް ހުރި މަންޒަރު އިޒިއަންއަށް ފެނުމާއެކު އޭނާގެ ލޮލުން އެއްވެސް އިޚްތިޔާރެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. މޭގައި އަތް އަޅާލެވުނީ ކުރެވެމުން ދިޔަ އިޙްސާސްތަކެއްގެ ސަބަބުންނެވެ. އަނާލްގެ ގައަގައި ބައްދާލަން ބޭނުންވިއެވެ. އަނާލްއަށް މި ލިބުނު އުފަލުގައި އަނާލް އާ އެންމެ ގާތުގައި ހުރެދޭން ބޭނުންވިއެވެ. އެއީ ހަމައެކަނި އަނާލްގެ އުންމީދެއް ނޫނެވެ. ހުދު އޭނާގެވެސް އުންމީދެވެ. އެހެންނަމަވެސް ދެރައީ މިއަދު އެ ފުރުސަތު އޭނާއަށް ނެތީތީއެވެ. އަނާލްގެ އެއްވެސް އުފަލެއްގައި ބައިވެރިވުމުގެ ހައްގު އޭނާގެ އަތުން އަނާލް ނިގުޅައިގަނެފައިވީތީއެވެ. ދުރުގައި މަންޒަރު ބަލަން ހުންނަން ޖެހުމުން އޭނާގެ ހިތަށް ކުރަމުން ދިޔަ އަސަރަކީ ދުލުން ބުނެދޭން ފަސޭހަ އަސަރެއްނޫނެވެ. ކެތްކުރަން ފަސޭހަކަމަކަށް ނުވިއެވެ.

"އަނާލް ގާތުގައި ހުރެވޭނެނަމަ. އަހަރެން ހާދަ ދެކެން ބޭނުންވި ދުވަހެކޭ. އެކަމަކު މިއަދު އަހަރެންނަށް މި ޖެހުނީ ދުރުން ބަލާލައިގެން ހިންހަމަޖައްސާލަން. ހިތަށް ކުރާ އަސަރު ކިހިނެތް ބަޔާންކޮށްދޭނީ. އަނާލްގެ ތި ހިނިތުންވުމުން އަހަރެންގެ ހިތަށް ފިނިކަން ގެނެސްދޭ. " އިޒިއަން ހިތާ ހިތާ ވާހަކަ ދެއްކިއެވެ.

"ހުއް. އެ އަންހެނާއަށް ދުރުދުރުން ބަލަހައްޓައިގެން ހިންހަމަޖައްސާލަނީތަ؟ ހަހަ. ކޮބާ ކިހާވަރެއްވީ؟. ކަލެއަށް އޭނައާއެކު އުފާވެރިދިރުއުޅުމެއް އުޅެވުނުތަ؟ ނޫޅެވުނެއްނު. އަހަރެން އޭރުވެސް ބުނިން އަހަރެންގެ ނަމަކީ ޒަހުވާ އޭ. ކަލޭމެން ދެމީހުންގެ ދިރިއުޅުމަށް ވިހަ ލާފައި ނޫނީ އަހަރެންހަމައެއް ނުޖެހޭނަމޭ. އަދި އެކަން އެގޮތަށް ނުކުރެވިއްޖެއްޔާ އަހަރެންގެ ނަމަކަށް ޒަހްވާއެއް ނުކިޔާނޭ" ސިހުނީ ދާދި ގާތުން މީހަކު ވާހަކަ ދެއްކި އަޑު އިވިފައެވެ. އިޒިއަންގެ ދެބުމަ ގޮށްޖެހުނެވެ. ފިރިހެނެއްގެ ގައިގައި ތަތްވެގެން ހުރި ޒަހްވާ ފެނި އިޒިއަންއަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ. ދަތްކުނޑިވިކި ދެއަތް މުށްކެވުނެވެ. އޭނާ އެއްޗެއް ނުބުނި ހުރެވޭތޯ ކަތުރުކަށިގަނޑަށް ވާން ކޮށްލިއެވެ. އެތެރެހަށީގައި އަނދަމުން ދިޔަ ރުޅިގަނޑު ކޮންޓްރޯލް ކުރަން އިޒިއަން މަސައްކަތް ކުރިއެވެ.

އިޒިއަން އެއްޗެއް ނުބުނުމުންވެސް ޒަހްވާ މަތަވާގޮތެއް ނުވިއެވެ. އޭނާ ދެންވެސް ވާހަކަ ދެއްކިއެވެ. ޒަހްވާގެ އެ އަމަލުން އޭނާއަށް ކެތްކުރެވޭނީ ކިހާ އިރަކު ބާއޭ އިޒިއަންގެ ހިތަށް އެރިއެވެ.

"ކަލޭ އަދިވެސް އޭނަގެ އިންތިޒާރުގަތަ؟ އޭނަ ދެން ނާންނާނެ. ކަލޭވެސް އެހެން މީހަކާ އިނދެގެން އިތުރު ދިރިއުޅުމެއް ފަށާ" ޒަހްވާ ބުނެލިއެވެ. އަދި ކައިރިގައި ހުރި ފިރިހެންމީހާއަށް ދޯ ދިނެވެ.

"ކަލޭއާ ކޮން ބެހޭކަމެއް. އެހެންމީހުންނަށް ނަސޭހަތް ދޭން ތީ ކާކު؟ އެ ފެންވަރު ހުރި އަންހެނެއްނޫންތީ. މީހަކާ އިނދެގެން އުޅޭއިރު އެހެން ފިރިހެނުން ގޮވައިގެން މަގުމަތީ ރޯމާދުވާލު ތި އުޅެނީ..... ލަދެއް ނުގަނޭތަ؟" އިޒިއަންއަށް އެންމެ ފަހުން ރުޅިއައިސްގެން ބުނެލިއެވެ. އެއްޗެއް ނުބުނަން ހުއްޓާވެސް ޒަހްވާ އެބަ އޭނާގެ ދުލުގައި ހިފާދަމައެވެ. މީހަކަށް އެއްޗެއް ނުބުނި ހުރެވޭ ވަރެއްވެސް ނޫނެވެ.

"ހަހަ. އަހަރެން މިހާރު ޔުމާން ގާތުންވަރިވެއްޖެއިން. ކޮން ދުވަހެއް......އެވެސް ކަލޭ ކަހަލަ ފިނޑިއެއް" ޒަހްވާ ހީގަތެވެ. މަލާމާތުގެ ހިނިގަނޑެކެވެ. އިޒިއަން އޭނާގެ އަތްމުއްކަވާލަމުން ޖީބަށް ޖަހާލިއެވެ. އަމިއްލަ ނަފްސުގެ ކޮންޓްރޯލް ދޫވެދާނެތީ އޭނަ ބިރުގަނެއެވެ.

"އޭތް. ބުނަންތަ އަދި ވާހަކައެއް. އަހަރެން ވަރިކޮށްފަ ޔުމާން ހުރި ވާހަކަ ބުނީމަވެސް ކަލޭގެ ސިކުނޑިއަށް އެއްވެސް އެއްޗެއް ނުވިސްނޭތަ؟ ޔުމާންވެސް އަނާލް ފަހަތުން ދުވަން ފަށާނެ އަދި. އިނގޭތަ ކީއްވެގެންކަން؟. ޔުމާންގެ ހިތުގައި އަބަދުވެސް ވަނީ އަނާލް. އެއްއިރެއްގައިވެސް އަހަރެންގެ ނަމެއް އޭނަގެ ހިތަކު ނުވޭ" ޒަހްވާ އެހެންބުނެލާފައި މަޑުކުރުމެއްނެތި ހިނގައިގަތީ ވިސްނަން އިތުރު ކަންތައްތަކެއް އިޒިއަންގެ ސިކުނޑިއަށް ދޫކޮށްލާފައެވެ. ޔުމާންގެ ހިތުގައި އަބަދުވެސް އަނާލް ވަނީ އޭ އެބުނީ ކީއްވެހެއްޔެވެ؟ އޭނާ އަނާލް ދޫކޮށްލީ އަނާލް ނުކުޅެދޭ އަންހެން ކުއްޖަކަށް ވީމަ އެއްނޫންހެއްޔެވެ؟ އަނާލްގެ ހިތަށްއެހާ އަނިޔާ ދީފއި ދޫކޮށްލީ ހަމަ ލޯބިވާތީހެއްޔެވެ؟ މިކަމުގެ އަޑީގައިވެސް އަނެއްކާ ނޭނގޭ ސިއްރެއް ވަނީހެއްޔެވެ؟ އިޒިއަން އަށް އަނާލް އަށް ބަލާލެވުނެވެ. ތަނުގެ މުވައްޒަފުން މާފަތިތައް އޭނާގެ ކަރުގައި އަޅުވަން ފުރުސަތު ދެމުން އަނާލް އުފަލުން ހުރިއިރު އޭނާގެ ހިތުގައި ހިނގަމުން މިދާ ހައިޖާނުގަނޑުގެ ކުޑަ ހިލަމެއްވެސް އަނާލްއަށް ނުވަނީހެއްޔެވެ؟ އަނާލް ހަމަ އެހާ އަމިއްލަ އެދުން ބޮޑީހެއްޔެވެ؟ އޭނާގެ މަތިން އަނާލް ހަނދާންނެތީހެއްޔެވެ؟.

އަނާލް އަންނަ ހަބަރު ލިބުމުން ކިތަންމެ އުފާވިއެއްކަމަކު އަނާލް ފެންނަ ހިސާބަށް ދިޔުން ރަނގަޅުނުވާނެކަންވެސް އިޒިއަން އަށް އެނގެއެވެ. އެހެންނަމަވެސް އޭނާއަށް އަނާލް ގެ ސޫރަ ދެކިލާހިތުން ހިތަށް ކެތްނުވީއެވެ. ދުރުންނަމަވެސް އަނާލް ދެކޭހިތުން އަންނަން އެ ހިތުގައި އަނާލް އާ މެދު ވާ ލޯބި މަޖުބޫރުކުރުވީއެވެ. ދެލޯ މަރާ ފިއްތާލުމާއެކު ގަހަށް ލެނގިލެވުނެވެ.

ފަހަތުން އޭނާގެ ކޮނޑުގައި މީހަކު ހިފައްޓާލުމުން އިޒިއަން އުނދަގުލުން ބަލާލިއެވެ. އައެއާއެކު އޭނާގެ ކޮނޑުގައި އަތް ޖައްސާލައިގެން ހުރި ޔުމާން ފެނ އިޒިއަން އަށް ދެބުމަ ގާތް ކޮށްލެވިއްޖެއެވެ. ޔުމާން މިތަނުގައި ކީއްކުރަނީހެއްޔެވެ؟ ޔުމާންގެ ގާތުގައި ހުރި ފިރިހެން ކުއްޖާއަކީ އޭނާގެ ދަރިފުޅުކަން އިޒިއަންއަށް އެނގުނެވެ. ޔުމާން މިތަނުން ފެނުމާއި ޒަހްވާ ދެއްކި ވާހަކަ ސިކުނޑީގައި ގުގުމަން ފެށުމާއެކު އިޒިއަންއަށް ޔުމާންގެ އަތް ފޮޅުވާލެވުނެވެ.

"އިޒިއަން؟" ޔުމާން އިޒިއަންއަށް ގޮވާލިއެވެ. އޭނާ ޔުމާންދެކެ ހިންހަމަނުޖެހުނެވެ. ޔުމާން އިޒިއަންއަށް ގޮވާލިނަމަވެސް އެ އަޑަށް އިޖާބަދޭން އިޒިއަން ބޭނުމެއްނުވިއެވެ. ޔުމާންއަށް ވެސް ހަދަންވީ ގޮތެއް ނޭނގުނެވެ. އިޒިއަން ހިނގައިގަތީ ޔުމާން އާ ދުރަށެވެ. ޔުމާން އިޒިއަން ދިޔަ ދިމާލަށް ބަލަން ހުރެ އަނާލް އާ ދިމާލަށް ބަލާލިއެވެ. އެތައް ދުވަހަކަށްފަހު އަނާލް ކޮޅަށް ހުރިތަން ފެނި އޭނާއަށްވެސް ހިނިތުންވެވުނެވެ.

"ޑެޑީ އެއްކަލަ ދައްތަ އަށް މިހާރު ހިނގޭ ދޯ" ދައުސް ޔުމާންއަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު ޔުމާން ބޯ ޖަހާލިއެވެ. އޭނާވެސް ހުރީ ވަރަށް އުފާވެފައެވެ. މީހުންތައް ގިނައެވެ.

އެއްވެފައިވާ މީހުންގަނޑުގެތެރޭގައި ބަސީމްއާއި ހާމިޒްވެސް ހުއްޓެވެ. ހާމިޒް އަންނަން ބޭނުންނުވިޔަސް ބަސީމް ބޭނުންވެގެން އައީއެވެ. ޝަފޫންއަށް ބަސީމް ފެނުނީ މީހުންގަނޑުގެ ތެރޭންނެވެ. ލިބުނު ހައިރާންކަމާހެދި އޭނައަށް ގާތުގައި ހުރި ދީމްގެ އަތަށް ބާރުކޮށްލެވުނެވެ. ދީމްއަށް ޝަފޫންއަށް ބަލާލެވުނެވެ. އޭނާ ޝަފޫންގެ ނަޒަރު ހުރި ދިމާލަށް ބަލާލިއެވެ.

މީހުންގަނޑުގެ ތެރޭން ޝަފޫންގެ ލޮލުގައި ބަސީމް އަޅައިގަތް އިރު ބަސީމް އިނީ އޭނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާ އިނީ ފުރޮޅު ލީ ގޮނޑީގައެވެ. ޝަފޫން ގާތުގައި ހުރި ދީމް ޝަފޫންއަށް ގޮވާލިއެވެ. މަންމައަށް އައި ކުއްލި ބަދަލުގެ ފަހަތުގައިވި ސަބަބު އެނގުމުން އޭނާ ބޭނުންވީ މަންމަގެ އެންމެ ގާތުގައި ހުންނަ މީހަކަށް އޭނާވާށެވެ. އޭނާ ހިތްވަރު ކުރަން މަސައްކަތް ކުރިއެވެ. ޝަފޫން ވެސް ހިތްވަރު ކުރަމުން ދީމްއަށް ބަލާލީ ދީމްގެ ހިތުގައިވެސް ހިނގާނެ އިޙްސާސް އޭނާއަށް އެނގޭނެ ފަދަގޮތަކަށެވެ.

"އިޓްސް އޯކޭ" ޝަފޫން ދީމްއަށް ހިތްވަރު ދިނެވެ. އަނާލް އެތެރެއަށް ވަނުމާއެކު މީހުންގަނޑުވެސް ފުދޭވަރަކަށް އެހިސާބުން މަޑުވިއެވެ. ޝަފޫން އާއި ދީމްވެސް އުޅުނީ އެތެރެއަށް ވަންނާށެވެ. އެހެންނަމަވެސް އެދެމީހުންގެ ފިޔަވަޅުތައް ހުއްޓުނީ ޝަފޫންގެ ނަމުން މީހަކު ގޮވާލިއަޑުއިވިފައެވެ. ޝަފޫންމެން ނާންނާތީ އަފާޒުވެސް މަޑުޖެހިލިއެވެ. އެއާއެކު ޝފޫން އާއި ގާތަށް އަންނަމުން ދިޔަ ދެ މީހުން އޭނާގެ ލޮލުގައި އަޅައިގަތެވެ. ހިސާބަކަށް ހައިރާން ވިއެވެ. އޭނާ ކައިރިއަށް ޖެހިލިއެވެ. ފުރޮޅު ލީ ގޮނޑީގައި އިނީ ކާކުކަން ދެގަނަންނަން ކުޑަވަގުތުކޮޅެއް އަފާޒުއަށް ނެގިއެވެ. އޭނާ އަށް ބަލާލެވުނީ ދީމް އަށެވެ. އެއަށްފަހު ޝަފޫން އަށެވެ. އެ ދެމީހުންގެ ކައިރިއަށް ޖެހިލާ އޭނާ މަޑުކޮށްލިއެވެ. އެ ދެމީހުންގެ ހިތުގައި ހިނގާނެ އިޙްސާސް އެނގޭނެ ހަމައެކަނި މީހަކީ އަފާޒުއެވެ.

"ޝަފޫން" ބަސީމް ޝަފޫންއަށް ގޮވާލިއެވެ.

"ހޫމް" ޝަފޫން މަޑުމަޑުން ބުނެލިއެވެ. ބަސީމް ގާތަށް އައިސް ހުއްޓުމުން އޭނާ އުޅުނީ އެތަނުން ދާށެވެ. އެހެންނަމަވެސް އަފާޒު ބުނީ ކެރިގެން ކުރިމަތިލުމަށެވެ. މިއަދު ނޫނީ މާދަން ކުރިމަތިލާން ޖެހޭ ހަޤީގަތެއްކަމުގައި ބުންޏެވެ. އޭނާއަށް ހިނދެއް ހިނދަކަށް ދީމްގެ އަތަށް ބާރުކުރަމުން ދެވުނެވެ. ދީމްވެސް ޝަފޫންގެއަތުގައި އޭނާގެ ކަނާއަތުން ހިފައްޓާލިއެވެ. އަދި ބާރުކޮށްލިއެވެ. ޝަފޫން އަފާޒުއަށް ބަލާލިއެވެ. އޭރު އޭނާގެ ހިތުގައި ހިސާބެއްގެ ބިރުވެރިކަމެއް ވިއެވެ. އަފާޒު ބޯ ޖަހާލީ އޭނާ އަބަދުވެސް ޝަފޫން ގާތު ހުންނާނަނޭ ބުނަމުންނެވެ.

"މާފުކުރޭ ޝަފޫން" ބަސީމްގެ އަޑު ޝަފޫންގެ ކަންފަތުގައި ޖެހުމާއެކު އޭނާއަށް އަފާޒުއަށް ބަލާލެވުނެވެ. ޝަފޫން އެއްޗެކޭ ނުބުނުމުން ބަސީމް ބަލާލީ ޝަފޫން ގާތުގައި ހުރި ދީމްއަށެވެ.

"މީ ޝަފޫން އަދި އަފާޒުގެ ދަރިފުޅުތަ؟ މާޝާ ﷲ " ބަސީމް ބުނެލިއެވެ. ދީމް އަކީ އޭނާއާއި ޝަފޫންގެ ދަރިއެއްކަން ބަސީމްއަކަށް ނޭނގެއެވެ. އެއީ އަމިއްލަ ލޭ ކަމުގައި ކުޑަވެސް ޝައްކެއް އޭނާއަކަށް ނުކުރެވުނެވެ. އޭނާ ހީކުރީ އެއީ އަފާޒުމެން ދެމަފިރިންގެ ދަރިއެއްކަމަށެވެ.

ޝަފޫންއަށް ކެތް ކުރެވުނީ އެހާ އިރުވަންދެނެވެ. އަފާޒުއަށް ބަލާލުމަށްފަހު ޝަފޫން އެއްޗެއް ނުބުނެ ހިނގައިގަތުމުން އަފާޒުވެސް ދީމްއަށް ބަލާލާ ހިނގައިގަތެވެ. އެހެންނަމަވެސް ދީމް މަޑުކޮށްލީއެވެ. އޭނާ ސުވާލުތަކުގެ ޖަވާބު ބޭނުމެވެ. މިއޮތީ ފުރުސަތު ލިބިފައެވެ.

"އަހަރެންގެ މަންމައަށް އެހެން ހެދީ ކީއްވެ؟" ދީމްގެ ސުވާލު ބަސީމް އާއި އަމާޒުވެގެން ދިޔައެވެ. އޭނާގެ ބަހުން ނުރުހުންތެރިކަން ބަސީމްއަށް ފާހަގަކުރެވުނެވެ. ބަސީމް ހާމިޒްއަށް ބަލާލިއެވެ. އޭރު ހާމިޒްގެ މޫނުމަތިންވެސް ފެންނަނީ ހައިރާންކަމެވެ.

"އެއީ އަހަރެންނަށް ކުރެވުނު ކުށެއް. ޝަފޫން އެހާ ރަނގަޅުއިރުވެސް އަހަރެންނަށް ނުވިސްނުނީ. މިއަދު އެކަމަކު އަހަރެން ތައުބާވެއްޖައިން. އަހަރެން އުފާކުރަން ޝަފޫންއަށް ރަނގަޅު ދިރިއުޅުމެއް ލިބުނީތީ..." ބަސީމް ވާހަކަދެއްކިއެވެ. ދީމްއަށް އިތުރު ފުރުސަތެއްނުދީ ބަސީމް އެދުނީ އޭނާ ގޮވައިގެން ދިޔުމަށެވެ. އޭނާ މާފަށް އެދެން ޖެހޭ މީހުން ބައިވަރެވެ. އޭނާގެ ސަބަބުން ދުނިޔޭން ބައިވަރު މީހުން ހަލާކުވެގެން ގޮސްފިއެވެ. އަނާލްއަކީވެސް އޭގެ ކުއްޖެކެވެ. އެހެންނަމަވެސް އަނާލް އަކީ އެހެން ކުދިންނާ ތަފާތު ކުއްޖެއްކަން މިއަދު ސާބިތު ކޮށްދީފިއެވެ. އޭނަ ފަދަ މަސްތުވާތަކެތި ވިއްކާ ބޭނުންކުރާ މީހުން ހެޔޮމަގަށް އެޅުވުމަށްޓަކައި އަނާލް ކުރަމުން އެގެންދާ މަސައްކަތަށް އޭނާ ޝުކުރުވެރިވިއެވެ. ދީމްވެސް ދުރަށް ހިނގައިގަތެވެ. އޭނާ އަކީ ކާކުކަން ބުނެދިނުން މުހިންމެއްނުވިއެވެ.

ރޭގަނޑުގެ ވަގުތެވެ. އެމް.އެޗް.ޑީސީ އިމާރާތުގެތެރޭގައި ކެބިންގައި ހުރި އޭނާގެ މޭޒުދޮށުގައި މަޑުކޮށްލައިގެން އަނާލްއިނެވެ. އޭނާ މިރޭ މާބޮޑަށް އިޒިއަން މަތިން ހަނދާންވަނީއެވެ. އޭރު ސޯފާމަތީގައި މާ ބޮނޑިއެއް ބާއްވާލެވިފައިވެއެވެ. މަޑުފިޔަވަޅުތަކެއްގައި ގޮސް އަނާލް އެ މާބޮނޑި ނެގިއެވެ. އަދި އޭގައި ލިޔެފައިވާ ލިޔުންކޮޅު ނަގާ ކިޔާލިއެވެ.

"މިއަދު އަހަރެން ވަރަށް އުފާވެއްޖެ. އަނާލްގެ ތި އުފަލުގައި ހިއްސާވާން އަނާލް ގާތު އަހަރެންނަށް ނުހުރެވުނު ކަމުގައިވިނަމަވެސް އަބަދުވެސް ނާލް ދެކެ ލޯބިވަން. މިއަދު އަހަރެންގެ އުންމީދު ފުރިހަމަވެއްޖެ. އެތައް އަހަރެން ވަންދެން އަހަރެން ކުރަމުން އައި ދުޢާ މާތް ﷲ އިޖާބަކުރައްވަވައިފި. އަނާލްއަށް ނޭނގުނަސް އަނާލްއަށްޓަކައި އަހަރެން ކޮންމެ ރެއަކު ދުޢާ ކުރަން. އަނާލްގެ މާފުދެއްވާތޯ އަހަރެން ދުޢާ ކުރަން... އަހަރެންނަށް ކުރެވުނު ކުށަށް ތައުބާވީން. ދުނިޔޭގައި ކިތަންމެ އެކަނިވެރިވެގެން ދިޔަޔަސް މާތް ﷲ އަށް ޝުކުރުވެރިވިން. އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެއްޖެ. ނާލް! އަހަރެން ނާލްއަކަށް ނަފްރަތެއް ނުކުރަން. ނާލް އަހަރެންނާ މެދު ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް އަދިވެސް އަހަރެން ނާލް ދެކެ ލޯބިވަން. އަހަރެންދެކެ ނާލް ނަފްރަތުކުރާކަން އެނގޭ. އެހެންކަމުން ނާލްގެ ތި އުފާވެރިކަން ގެއްލިދާކަށް އަހަރެން ނޭދެން. ނާލްއާއި ބައްދަލުކުރާހިތުން އަހަރެންގެ ހިތް ބޭޤަރާރުވަމުން ދާއިރުވެސް ނާލް ގެ ތި އުފާވެރިކަން ގެއްލިދާނެތީ އަހަރެން ނާލްގެ ކުރިމައްޗަށް ނާރަން އަމިއްލަ ނަފްސަށް ވައުދުވެއްޖެއިން. މިއަދު އަހަރެން ވަރުބަލިވެއްޖެ. މާފަށް އެދި އެދި ވަރުބަލިވެއްޖެ. އާއިލާގެ މީހުންގެ ކިބައިން. ނާލްގެ ކިބައިން. ނާލްގެ އާއިލާގެ ފަރާތުން. އަހަރެން ނިކަމެތިވެއްޖެ. ނާލް އަހަރެންނަށް ތި ދިން ސަޒާ މިއަދު އަހަރެން އުފަލާއެކު ބަލައިގަންނަން. އިތުރަށް އަހަރެން މިހެން އުޅެން ވެއްޖެނަމަ މަރުވެދާނެ. އަހަރެން ގާތުން ވަރިވާން ނާލް މިއަދު އެދުނަސް..... އަހަރެން އެކަންތައް ނާލްއަށް ކޮށްދޭނަން. ދުވަހަކު ނާލް ފެންނަ ހިސާބަށް ނާންނަން ބުނެފިނަމަ ނުގޮސް ހުރެދާނަން. އެއީ އަހަރެންނަށް ހައްޤު ސަޒާއެއްކަމަށް ޤަބޫލުކޮށްފިން. އިތުރަށް އަހަރެން ނާލްގެ ފިރިއެއްގެ ގޮތުގައި ހުރެ އަމިއްލަ ހިތަށް އަނިޔާ ދޭކަށް ބޭނުމެއްނޫން. އަހަރެން ބުނި ހަނދާންވޭތަ؟ އަހަރެން ދުވަހަކުވެސް ނާލް ދުލެއްނުކުރާނަމޭ. ނާލް އަހަރެން ދޫކޮށްލަންދެން އަހަރެން ނާލް އާއެކު ހުންނާނަމޭ. އައި އެމް ސޮރީ އަހަރެންނަށް އެވައުދުވެސް ފުއްދައެއްނުދެވުނު. އަހަރެން ހިތްވަރުކުރަން ވަރަށް މަސައްކަތް ކޮށްފިން. އެކަމަކު ދެން ނުވާނެ. އަހަރެން މިހެން އަނާލްގެ ފިރިއެއްގެ ގޮތުގައި ހުންނަހާ ދުވަހަކު ނާލްއަށް އެހެންމީހަކާ އެކީވެސް ދިރިއުޅުމެއްނުފެށޭނެ. ހަމަޔަގީނުންވެސް އެއީ ބޭ އިންސާފަކަށް ވާނެ. ނާލް އަހަރެންނަށް މާފުކުރޭ. އަހަރެންގެ މައްޗަށް ހިތް ސާފުނުވާނެކަން އެނގިހުރެވެސް އަދިވެސް އަހަރެންނަށް އުންމީދެއްކުރެވެނީ. މީ އަހަރެންގެ ފަރާތުން އަނާލްއަށްޓަކާ ދޭ އެންމެ ފަހުގެ ހަދިޔާ ކަމަށް ހިކޮށްލާ. ދުވަހަކުވެސް މިހިތަކުން ތިޔަ ލޯތްބެއް ފުހެވިގެން ނިދާނެ. އަހަރެން އަބަދުވެސް އަނާލް ދެކެ ލޯބިވޭ

"ގާތުން ދިޔަސް އަދި ރޮއްވާލިޔަސް މާފުކުރާށޭ ލޯބިވާ

ދޫކޮށްލިޔަސް މިއަތުންމިއަދު މާފުކުރާށޭ ލޯބިވާ "

ލިޔުންކޮޅުގެ ފަހަތުގައި ލިޔެފައިއިން ޅެން ބައިތު ކިޔާލިއިރު އަނާލްގެ ދެލޮލުންވެސް ހޯސްލާފައި ކައުނަ އޮހޮރެން ފަށައިފިއެވެ.

"ޔޫ ގޭވް އަޕް ފައިނަލީ" އަނާލްއަށް ހިތާހިތުން ކިޔާލެވުނެވެ. އޭނާއަށް ސޯފާމައްޗަށް ތިރިވެވުނެވެ. އިޒިއަން ދެން ދުވަހަކު އޭނާގެ ކުރިމައްޗަށް ނާރާނީހެއްޔެވެ؟ އޭނާ ގެ ހަޔާތުން އިޒިއަން ދުރަށް ދިޔައީހެއްޔެވެ؟. ހިތަށް ގޮތެއްވެގެން ދިޔައެވެ. އިޒިއަންއަށްޓަކައި އެހިތުގައިވި ވިންދެއްހޭލައްވާލައިފިއެވެ. ބޭއިޚްތިޔާރުގައެވެ.

އަނާލް އޮފީސްނިންމާލާފައި ގެއަށް ގޮސް ފެންވަރާ ހަދާލައިގެން ނުކުމެ ނިދަން ޖައްސާލިއެވެ. އޭރު ރޭގަނޑު ނުވަގަޑި ބަޔައް ވުރެ ބޮޑުވެއްޖެއެވެ. ފޯނު ނަގާ އޭގައި އިން އިޒިއަންގެ ނަންބަރަށް ގުޅާލަން ހިތަށް އެރިއެވެ. އެހެންނަމަވެސް އެ ހިތްވަރެއް ނުލިބުނެވެ. ސިކުނޑިއަށް ބާރުވާން ފެށުމުން އެންމެފަހުން އޭނާ ޓެރެސްއަށް އަރާ ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ހިންހަމަޖެހުން ހޯދަން މަސައްކަތް ކުރިއެވެ.

އަނެއްކޮޅުން އިޒިއަން އޮތީ ހުމާއި ފިހިފައެވެ. މިއަދުވެސް އޭނާ އަނާލް އައި ތަނަށް ދިޔައީ ބަލިވެ އުޅެމުންނެވެ. އެތަނުން އައި ފަހުން ހުން ގަދަވަމުން ގޮސް އެންމެ ފަހުން އޭނާއަށް ކެތް ނުވީއެވެ. އެހެންކަމުން ކިނާންއަށް ގުޅައިގެން ގެނައީވެސް ތުރުތުރު އަޅާވަރުންނެވެ. ކިނާން އައިސް އިޒިއަން ގާތު ހޮސްޕިޓަލަށް ދާން ބުނުމުންވެސް އިޒިއަން އެއްބަސްހެއްނުވިއެވެ. ހުމާ ފިހިފައި އޮވެ އިޒިއަން އެދުނީ އަނާލް ގެނައުމަށެވެ. އޭނާއަށް މިއަދު ޖަޒުބާތުގައި ޖެހި އަނާލްއަށް ސިޓީއެއްފޮނުވިއްޖެކަމާއި އޭގައި ހުންނާނީ ހުސް ތެދުނޫންކަމަށް ބުންޏެވެ. އޭނާ އަނާލް ހޯދަން ދެން ނުދާނެކަމަށް ބުނެފައިވާ ބުނުމަކީ ތެދެއްނޫންކަމަށް ބުންޏެވެ. އަނާލްއަށްޓަކައި އޭނާ ހާދަ ދުވަހަކު އިންތިޒާރުކޮށްފިއެވެ. އަދިވެސް އޭނާއަށް އިންތިޒާރުކުރެވޭނެއެވެ. މުޅިއުމުރަށްވިޔަސް ހެވެ.

އިޒިއަން ހުމާ ފިހިފައި އޮވެ އެފަދަ ވާހަކަތަކެއް ދައްކަން ފެށުމުން ކިނާން ހާސްވިއެވެ. މަންމައަށް ގުޅަން ބުނުމުން އިޒިއަން ގަބޫލެއްނުވިއެވެ. މަންމަ ދުވަހަކުވެސް އޭނާއަށް ހިތްހެޔޮ ނުކުރާނެކަމަށް ބުންޏެވެ.

ހުމާހެދި އިޒިއަން އޮތީ ހަމަހޭގައިނޫންކަން ދެނެ ކިނާން އެންމެ ފަހުން އަނާލްއަށް ގުލާލިއެވެ.

ޓެރެސްގައި އަނާލް މަޑުކޮށްލައިގެން ހުރީ އިޒިއަންގެ ހިޔާލުގައެވެ. އޭނާގެ ދެލޮލަށް މިރޭ އެއްގޮތަކަށްވެސް ނިންޖެއް ނާދެއެވެ. އޭރު އޭނާގެ އަތުގައި އިޒިއަން ދީފައި އޮތް ގަނޑުކޮޅު އޮތެވެ. ފޯނެއް އައުމާއެކު އޭނާ ފޯނުނަގާ ބަލާލިއެވެ. ގުޅަނީ ކިނާންއެވެ. އޭރު ރޭގަނޑު ދިހަގަޑި ބަޔަށް ވުރެ ބޮޑުވެއްޖެއެވެ. އަނާލް ފުންނޭވާއެއް ދޫކޮށްލިއެވެ. ކިނާން މިގަޑީގައި މިގުޅަނީ ކީކުރަންބާއޭ އަނާލްގެ ހިތަށް އެރިއެވެ. އަނާލް ފޯންނަގާ ހަލޯއޭ ބުނެލިއެވެ.

"ދޮންބެ ދައްތާ" ކިނާންގެ އަޑުގައި ހުރީ ޖެހިލުން ވުމެވެ. ކަންބޮޑުވުމެވެ. ހާސްކަމެވެ.

"ދޮންބެ ދައްތާ! ސޮރީ މިގަޑީގައި އުނދަގޫކުރެވުނީމަ... އެކަމަކު ދެން ވާހަކދައްކާލެވޭނެ އިތުރު މީހެއްނެތް. ދޮންބެ... ދޮންބެ ވަރަށް ބަލިވެ އުޅެނީ. މިރޭ..... ދޮންބެދައްތަ ގެނެސްދޭށޭ ކިޔާވަރުން. " ކިނާން ވާހަކަކޮޅު ހުއްޓާލިއެވެ.

"އަހަރެން ނޫން މީހަކު ނެތްތަ އިޒިއަންއަށް ކަމެއްވީމަ ގުޅަން. މަންމަމެންވެސް ތިބޭނެއެއްނު" އަނާލްގެ ހިތް އަވަސްވިއެވެ. އެ ހިނދު އިޒިއަންގާތަށް ދާން ހިތް އެދި ގޮވާ އެކަމަށް އިޖާބަދޭން ބޭނުންވިޔަސް ދުލުން ނުކުތީ އެހެންބަހެކެވެ.

"ދޮންބެދައްތާ! ދުވަހަކު ކަމެއް ކޮށްދެންޏާ އައިސްލަދޭން ވީނު. ދޮންބެ އުޅެނީ އެކަންޏޭ. ހުރިހާ އެންމެނާ ވަކިންނޭ." ކިނާން ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ ބުނެދޭން ނޭނގޭފަދަ ހުސްކަމެވެ.

"އެކަމަކު....." އަނާލް ވާހަކަދައްކަން އުޅުނެވެ. އޭނާގެ އަޑަށް ހަރުކަށިކަން ގެންނަން މަސައްކަތް ކުރަނިކޮށް އެކޮޅުން ވާހަކަދައްކަން ފެށިއެވެ.

"ސޮރީ. ވަރަށް ބޮޑަށް ސޮރީ ގުޅުނީމަ. އަހަރެން ހަނދާން ނެތުނީ ތި ދެމީހުންނަކީ ދެމަފިރިންނަށް ވިޔަސް އެއްވެސް ގުޅުމެއް ނެތް ދެމީހުންކަން. އަހަރެންވެސް މިގުޅީ ގުޅަން ބޭނުންވެގެނެއްނޫން، އެކަމަކު ދޮންބެ ކިޔާވަރުން... ދޮންބެ އުޅޭ ގޮތްވެސް އެންމެ ގާތުން ފެންނާނީ އަހަރެންނަށް. މަންމައެއްނެތް. ބައްޕައެއްނެތް. ހުރި ހަމައެކަނި މީހަކީ އަހަރެން. ދޮންބެ ކިތަންމެ ހަމަޖެހިފައި ހުރިކަމަށް ދެއްކިނަމަވެސް ދޮންބެއެއް ވެސް ރަނގަޅެއްނޫން. ރޭގަނޑު ގިނައިން އުޅެނީ ނުނިދާ. ދޮންބެ ދައްތަވެސް ދޮންބެ އިތުރަށް ނުތަޅުވާ ވަރިވަންޏާ ވަރިވާން އުޅޭ. އެހެންނޫނީ ދޮންބެގެވެސް އިތުރަށް ހިތް ހަލާކުވާނީ. ދޮންބެ މިރޭވެސް ކީ މުޅިއުމުރަށްވެސް އިންތިޒާރުގައި ހުންނާނަމޭ!. ދޮންބެދައްތަ ވިސްނާލަބަލަ. ވަރިވާނަމޭ ކިޔާ ވަރިނުވެ ތިހެން ހުންނާތީ ދޮންބެއަށް އެދެވެނީ ކިހާބޮޑުދެރައެއްތަ؟ ކިހާ ބޮޑު އަނިޔާއެއްތަ؟ ދޮންބެއަށް ފެނިގެން ދޮންބެއެއް ދުވަހަކުވެސް ދޮންބެދައްތަ ވަރިއެއްނުކުރާނެ. ދޮންބެ ދައްތައަށް އެހާ ޔަޤީންކަން އޮތީމަތަ އަދިވެސް ވަރިނުވެ ހުރެ ތިހެން ތި ކަންތައް ކުރަނީ..... ދޮންބެ ހާސްވެހުރެ ދެރަވެގެން ގޮސް ކޮންމެވެސް ނޯޓެއް ވެސް ފޮނުވީމޭ ކީ. އެކަމަކު އެއްވެސް އެއްޗެއް މީން އެއްނުކުރަމޯ ކީ. މިހާރުވެސް ހުމާ ފިހިފަ. މަންމައަށް ރޭގަވެސް ގުޅިން އެކަމަކު މަންމައެއް އަންނާކަށް ގަބޫލެއް ނުވި. އިތުރަށް ގުޅާނެ މީހެއް ނެތީމަ އަހަރެން ދޮންބެދައްތައަށް މިގުޅީ. ދެން އަޅާ ނުލާ!. މިހާރު އެނގިއްޖެ އެއްވެސް މީހަކު ނެތްކަން ދޮންބެއަށް އަޅާލާނެ. އަވަހަށް ވަރިވާން އުޅޭ!" ކިނާންއަށް އާދެވުނު ރުޅީގައ ފޯނު ކަނޑާލެވިއްޖެއެވެ. އޭނާއަށް ބުނަން ބޭނުންނުވާ ކިތަންމެ އެއްޗެއް އަނާލް އާ ދިމާލަށް ކިއިއްޖެއެވެ.

ކިނާން ފޯނު ކަނޑާލުމުން ފޯނަށް ބަލަން އެތައް އިރަކު އަނާލް ހުއްޓެވެ. ހިތަށްވީ ގޮތް ބަޔާންކޮށްދޭކަށް ނޭނގުވެ. އިޒިއަންގެ އާއިލާ އަދިވެސް އިޒިއަންއަށް މާފުނުކުރަނީހެއްޔެވެ؟ އިޒިއަން ހާދަ އެކަނިވާނެއެވެ. އަނެއްކޮޅުން އޭނާވެސް އިޒިއަންއަށްދެނީ ހުސްއަނިޔާއެވެ. ކިނާން އޭނާދެކެ ރުޅިއައުން ހައްގެވެ.

ބުނަން ނޭނގޭ އަސަރުތަކެއް ހަށިގަނޑުގައި ދައުރުކޮށްލިއެވެ. އިޒިއަންއަށް އޭނާގެ އެހީތެރިކަން ބޭނުންވާނެއެވެ. އާއެކެވެ. ޖަޒުބާތުގައި ޖެހި އަނާލްއަށްވެސް ހިތުގެ މައްޗަށް ބާރު ފޯރުވަން މިފަހަރު ކުޅަދާނަކަމަކަށްނުވިއެވެ. އޭނާ ފޯނުން ކިނާންއަށް ގުޅާލިއެވެ. މާބޮޑު ވާހަކައެއްނުދައްކާ އޭނާ ހަމައެކަނި ހޯދީ ގޭގެ އެޑްރެހެވެ. އިޒިއަންއަށް ޓަކައި އެހިތުގެ ކަނެއްގައި ރައްކާތެރިށޮށްފައި އޮތް ލޯބި ހޭލައްވައިލަން އޭނާގެ ސިކުނޑި މަސައްކަތް ކުރަން ފަށައިފިއެވެ.

އާދައިގެ ފިޔަވަޅުތަކަށްވުރެ ބާރަށް އަނާލް ސިޑިން ފައިބަން މަސައްކަތް ކުރިއެވެ. ހިނގުނެއްކަމަކު އަދިވެސް އޭނާއަށް އުނދަގޫކުރިމަތިވެއެވެ. މާގިނަ އިރު ކޮޅަށް ހުންނަން ވެއްޖެނަމަ ވަރުބަލިވެ ދެފައި ކޮޅު ތުރުތުރު އަޅާގޮތްވިއެވެ. އެހެންކަމުން އަދިވެސް ކައިސް ގާތުން ފިޒިއޯ އޭނާ ކުރިއަށް ގެންދަން ޖެހެއެވެ. ހިސާބަކަށް އުނދަގޫކަމެއް ހުރިނަމަވެސް އާއްމުދިރިއުޅުމަށް ބުރޫއަރާގޮތެއް ނުވެއެވެ. އަނާލް އެންމެ ތިރިއަށް ފައިބާ ޑްރައިވަރަށް ގުޅާލިއެވެ. ޑްރައިވަރު އަންނަކަމަށް ބުނުމާއެކު އޭނާ ފޯނަށް ނަޒަރު ހުއްޓާލިއެވެ. އަދި ގަޑިބަލާލިއެވެ. އެހެން ހުއްޓާ މަޒާޔާ ނުކުމެ އަނާލްއާ ސުވާލުކޮށްލިއެވެ.

"ނާލް. ކޮންތާކަށް ދާން؟" މަޒާޔާގާތު ބުނެވެސް ނުލާ އަނާލް ތަނަކަށް ދާން އުޅޭހެން ހީވެ މަޒާޔާއަށް ސުވާލުކޮށްލެވުނީ ހިސާބެއްގެ ހައިރާން ކަމަކާއެކުގައެވެ. މަޒާޔާގެ އެ ސުވާލަށް ދޭނެ ޖަވާބަކާ ދޭތެރޭ ވިސްނަން އަނާލްއަށް ކުޑަ ވަގުތުކޮޅަކު މަޑުކޮށްލެވުނެވެ.

"މަންމާ...... މީ އަނެއް...... އޮފީހުން ރާއްޖޭން ބޭރަށް އިތުރު ތަމްރީނަކަށް ފޮނުވަން ޖެހޭ ދެ ކުއްޖެއްގެ ޑޮކިއުމެންޓްތަކެއް މެއިލް ނުކުރެވި އިނީމަ ކޮންމެހެންވެސް އެ މެއިލް ކޮށްލަން ދާން ޖެހިގެން މިއުޅެނީ....." އަނާލް އޮޅުވާލިއެވެ. އޭނާ މޫނުމަތިން ހާސްކަން ފޮރުވަން މަސައްކަތް ކުރިއެވެ.

އަނާލް އެ އަސަރުތައް ފޮރުވަން މަސައްކަތް ކުރިނަމަވެސް އެމޫނުމަތީގައިވި އުދާސްކަން މަޒާޔާއަކަށް ނުފޮރުވުނެވެ. އެހެންނަމަވެސް އަނާލްއާ އެކަމާ ގުޅޭގޮތުން މަޒާޔާ ސުވާލުނުކުރީ އަނާލް ހާސްވެފައި ހުރީ އެކަމާ ގުޅުވައިގެންކަމަށް ޔަގީންކޮށްފައެވެ.

"ކާކާ އެއްކޮއްތަ ދަނީ؟ ޑްރަވަރާ އެކީތަ. ދޮންބެ ނޫނީ ކުޑަބެވެސް ނޫޅެނީތަ؟" އެކަނި ރޭގަނޑުގެ ވަގުތެއްގައި އަނާލް ފޮނުވާކަށް މަޒާޔާގެ ހިތެއް ނޭދުނެވެ.

"ދޮންބެވެސް އެހާ ލަހުން މިއަދު ގެއަށް އައީ އެހެންވީމަ ދެން ނުބުނަން ކަމަށް، މަންމަ ހާސްނުވޭ... އަޅުގަނޑު މިހާރު ހަމަ ރަނގަޅު، އަލްޙަމްދު ލިއްﷲ" އަނާލް ބުނެލިއެވެ. އަނާލްގެ އަޑަށް ވެރިވި ޖޯޝުން މަޔާޒާއަށް ހިނިތުންވުން ފުޅާކޮށްލެވުނެވެ. އެތައް ދުވަހެއްގެ ފަހުން އަނާލްގެ މޫނުމަތިން ފެނުނު ފުރިހަމަ ހިނިތުންވުން އޭނާގެ ހިތަށްވެސް ފިނިކަން ގެނެސްދީފިއެވެ. އޭނާ ކަންބޮޑުވަނީ އެންމެ ކަމަކުއެވެ. އަނާލް އަދިވެސް އިޒިއަންގެ ކިބައިން ވަރިނުވެ އެ ހުންނަނީ ކީއްވެހެއްޔެވެ؟. އަނާލް ގެ ހިތުގައި އިޒިއަން އާމެދު އަދިވެސް ހަމްދަރުދީ އެއްނޫނީ ލޯތްބެއް ވަނީހެއްޔެވެ؟ އެކަމާ ގުޅޭގޮތުން އަނާލްއާ ވާހަކަ ދައްކަން ބޭނުން ވިނަމަވެސް އޭނާ މަޑުކޮށްގެން އެ ހުންނަނީ އައްމާރު ބުނީތީއެވެ. އައްމާރުބުނީ އަނާލް އެކީ ހަމައަކަށް އެޅުމުން އެ ވާހަކަ ދައްކާނޭ ކަމުގައެވެ. އޭނާ ވެސް އެހުރީ އައްމާރުގެ ބަހަށް ކިޔަމަންވެގެންނެވެ. އެހެންނަމަވެސް މިހާރު މާގިނަ ދުވަސްވަނީއެވެ.

އެފަދަ ހިޔާލްތަކެއްގައި މަޒާޔާ ހުއްޓާ ޑްރައިވަރު ކާރުނެރެގެން އައިސް ދޮރުމައްޗަށް ހުއްޓާލިއެވެ. އަނާލް ކާރަށް އަރަމުން މަޒާޔާއަށް އަތުން ހަނާ އަޅާލިއެވެ. އަދި ހިނިތުންވެލިއެވެ. އެހިނިތުންވުމާއިއެކު އޭނާ މަޒާޔާ ކަންބޮޑުނުވުމަށް ބުނެލިއެވެ. ކާރަށް އަރާ ހަމަޖެހިލެވުމާއެކު އަނާލްގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. ފުރަތަމަ ފަހަރަށް ދޮގެއް ހަދާފައި ދާންޖެހުމުން ހިތް ނުތަނަވަސްވެފައި ވަނީ އެހާ ވަރަށެވެ. އެކަމަކު ތަދަށް ބުނެގެން އޭނާ ފަހެ ކުރާނީ ކީއްހެއްޔެވެ؟ މަންމަގެ ރުހުން އޭނާ އިޒިއަންގެ ގާތަށް ދާކަށް ނުދޭނެއެވެ. ކާރުގައި އިން އިރު އޭނާގެ ހިތުގެ ތެޅުން ބާރުވިއެވެ. ސީދާ އެ އެޑްރެސް ޑްރައިވަރަށް ނޭނގޭތީ އޭނާ ކިނާންއަށް ގުޅާފައި އެ ހިސާބު އޮޅުން ފިލުވާފައި ބުނީ އެތަނުގެ ކައިރީގައި ހުރި ތަނެއްގެ ނަމެވެ. އެހިސާބަށް އައިސް ކާރު މަޑުކޮށްލުމާއެކު އަނާލް ޑްރަވަރާ ވާހަކަދެއްކިއެވެ. އެއްވެސް މީހެއްގާތު ބުނުނާތި އަހަރެން އައި ތަނުގެ ވާހަކަ. އަހައިފިއްޔާ ބުނޭ އޮފީހަށޭ" އަނާލް ޑްރައިވަރަށް އަންގާލިއެވެ. އޭނާ އެދުނީ އެއްފަރާތުގައި އިތް ޕާރކުކުރާ ޖާގައިގައި އޭނަ އަންނަން ދެން ޕާރކުކޮށްފައި ކާރު ބޭއްވުމަށެވެ. ޑްރައިވަރ ބޯ ޖަހާލިއެވެ.

އަނާލް ފުންނޭވާއެއް ދޫކޮއްލިއެވެ. ކާރުން ފައިބާ އޭނާ ކިނާންއަށް ގުޅާލިއެވެ. ކިނާން ކިޔައިދިން ގޮތަށް ދިޔަ އަނާލްއަށް އެބުނާ ގެއެއް ފެނިއްޖެއެވެ. މަޑުމަޑުން އެތެރެއަށް ވަދެ އޭނާ ލިފްޓްކައިރީގައި މަޑުކޮއްލިއެވެ. ދާނީތޯ ނޫނީ ނުދާނީތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. ހިތް އެދުނީ އިޒިއަންއާ ބައްދަލުކުރަން ދިޔުމަށެވެ. އެހެންކަމުން އޭނާ ލިފްޓްގެ ފިތަށް އޮބާލަމުން ދެއަތް ދެއަތާ މޮޑެންފެށިއެވެ. އިޒިއަން ފެންނަން އުޅޭތީ ހިތުގައި ވި އުފާވެރިކަން އޭނާގެ ނަފްސުގެ މައްޗަށް އަތްގަދަކުރަމުން ދިޔައެވެ. ހަމައެއާއެއްވަރަށް ކޮންމެވެސް ނުތަނަވަސްކަމެއް ވެސް މެއެވެ.

(ނުނިމޭ...)

https://sun.mv/119724

comment ކޮމެންޓް