"މަންމާ އަހަރެން ވެސް ވިސްނަން އެބަ ތިކަމާ. އެނގޭ އަބަދަކު މިހެން ޝާހީންގެ އިންތިޒާރުގައި ނުހުރެވޭނެކަން. އަހަރެންނަކީ ވެސް އަދި ޒުވާން ކުއްޖެއް. ބިރުގަންނަނީ. އަހަރެންގެ ހިތުން ޝާހީންއަށް ދެވިފައިވި މަޤާމް އެހެންމީހަކަށް ނުދެވިދާނެތީ. އަނެއްކޮޅުން ޝާދު. " ދާރިޔާގެ އަޑުވެސް އޭނާގެ ކަންފަތުގައި ޖެހުނެވެ. ފުރަތަމަ ފަހަރަށް ދާރިޔާ މުޅި އުމުރަށް އޭނައަށް ގެއްލިދާނެކަމުގެ ހިޔާލުން އެކަނިވެސް އޭނާގެ މޭގައި ރިހުމެއް އުފެދިއްޖެއެވެ.

އޭނާއިރުކޮޅަކު މަޑުކޮށްލުމަށްފަހު ވާހަކަ ހުއްޓުމުން ފޮތިގަނޑު ދަމާލާ އެތެރެއަށް ބޯ ދިއްކޮށްލިއެވެ.

"ކިހިނެތްތަ މިހާރު ޝާދު؟" ދާރިޔާއަށް ބަލާލަމުން ޝާހީން އަހާލިއެވެ. އެއާއެކު ދާރިޔާ ބުނެލީ ހުން މަޑުކަމުގައެވެ. އެ ޖަވާބު އަހާފައި އޭނާއަށް ހިންހަމަޖެހުމެއް ލިބުނު ނަމަވެސް ދެންމެ އިވުނު ވާހަކައެއްގެ ސަބަބުން އޭނާގެ އެތެރެހަށި ގަނޑުބަނޑު ކޮށްލައިފއެވެ. ޝާދު ކައިރިއަށް ޖެހިލާ ނިތުގައި ބޮސް ދިންތަނާ ޝާދު ލޯ ހުޅުވާލައިފިއެވެ.

"ޑެޑީ" ޝާދު ވަރުބަލި އަޑަކުން ގޮވާލިއެވެ.

"ޑެޑީގެ. ޕްރިންސް ބަލިވީތަ؟" ޝާހީން ޝާދުގެ ބޮލުގައި ފިރުމާލިއެވެ. އެއާއެކު ޝާދު ބޯ ޖަހާލިއެވެ.

ޝާދުއާ ޝާހީންއަށް ބަލަން އިން ދާރިޔާއަށް އިސްޖަހާލެވުނެވެ. އޭނާ މީހަކާ އިނދެގެން އުޅޭނަމަ ޝާހީން އަށާއި ޝާދުއަށް މިހާ މިނިވަން ކަމާއެކު އުޅެވިދާނެހެއްޔެވެ؟ ބައްޕައާއި ދަރިފުޅުގެ ލޯތްބަށް ހީނަރުކަމެއް އަންނާނެ އެއްވެސް ކަމެއް ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ދެންމެ މަންމަ ދެއްކި ވާހަކަތަކުން އެކަނިވެސް އޭނާގެ ހިތަށް ގޮތެއްވިއެވެ.

އެރޭ ޝާދުގާތުގައި މަޑުކުރާގޮތަށް ނިމުނީ ޝާހީން އާއި ދާރިޔާއެވެ. ޝާދުވެސް އެއްޗެއް ކައިގެން ނިދުމުން ޝާހީންވެސް އާއިލާގެ މީހުންނަށް ވެގެން އުޅޭގޮތް އަންގާލިއެވެ. ދަންވެފައި ހުރުމުން ގޭ މީހުން ބުނީ މާދަމާ އެމީހުން ޝާދުއަށް ޒިޔާރަތް ކުރާނެކަމުގައެވެ.

އާމިރާ މެން ދިޔުމުން ޝާހީން އާއި ދާރިޔާ އެކަނިވިއެވެ. ދާރިޔާ ޝާދުއަށް ބަލަހައްޓައިގެން އިނެވެ. ޝާހީން ވެސް އިރުއިރު ކޮޅަކާ ދާރިޔާއަށް ބަލާލައެވެ. ހީވަނީ ދައްކާނެ ވާހަކައެއް ނޭނގިގެން އުޅޭހެންނެވެ. ދާރިޔާ އޭނާގެ އަތުން މުޅި އުމުރަށް ގެއްލި އެހެން މީހެއްގެ ހައްޤަކަށް ވެދާނެކަމަށް ހީވުމުން އޭނާގެ ހިތުގައި ދާރިޔާއާ މެދު އަދިވެސް ލޯބި ވާކަން ޔަޤީންވިއެވެ. ހިތަށް ވެރިވި ބިރުވެރިކަމާއެކު އޭނާ ދާރިޔާ ގާތު އެވާހަކަ ބުނަން ބޭނުންވިއެވެ. އޭނާގެ ހަޔާތުން ޝާދުއާއި ދާރިޔާއަށް ޖާގައެއް އޮތް ކަމަށާއި ކުރިން ކުރެވުނު ކުށަށް މާފަށް އެދެން ބޭނުންވިއެވެ. އޭނާ މަޑުމަޑުން ދާރިޔާގެ އަތުގައި ހިފީ އޭނާގެ އަތުން ދާރިޔާ ގެއްލި ދާނެކަމުގެ ބިރު ބޮޑުވީ ވަރުންނެވެ.

"ދާރިޔާ! އައި އެމް ސޮރީ!" ޝާހީން ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ. ޝާހީން މާފަށް އެދުމުން ދާރިޔާ ކޮންކަމަކަށް ހޭ އަހާލިއެވެ.

"އައި އެމް ސޮރީ ދާރިޔާ އާ ދޭތެރޭ އެހެން ކަންތައް ކުރެވުނީމަ. އަހަރެންނަށް ވިސްނާ ނުލެވުނީ. އައި ރުޅީގަ އެހެން ކަންތައް ކުރެވުނީ. އޭގެފަހުން އެތަނެއް އަހަރު ފާއިތުވެދިޔަނަމަވެސް، އެހެން މީހަކު އަހަރެންގެ ހަޔާތަށް ގެންނަން ނުކެރުނީ ދާރިޔާއާ މެދު އަދިވެސް ހިތުގައި ލޯބިވާތީ. އަހަރެންގެ ހިތަށް އުނދަގޫވާތާ ވަރަށް ދުވަސްވެއްޖެ. ދާރިޔާ. އަހަރެންނަށް އެއް ފުރުސަތު ދީ. އަހަރެމެންގެ މި ދަރިފުޅަށްޓަކާވެސް. ދާރިޔާގެ އެއްވެސް ކުށެއްނުވާއިރު ދާއިން ކުރި ކުށަކަށް ދާރިޔާއަށް އަހަރެންނަށް ދެވުނީ ހައްޤު ސަޒާއެއްނޫން. އަހަރެންނަށް މާފުކުރޭ. އަހަރެންނަށް ކުރެވުނީ ކުށެއް. އެކުށުގެ ބަދަލުދޭނަން. އަހަރެންނާ އަހަރެމެންގެ މި ލޯބި އާއިލާ އުޅޭނީ ވަރަށް އުފަލުން. އަހަރެން ދާރިޔާ ބޭނުން. ދެރަވާކަހަލަ ކަމެއް އަހަރެން ދެން ދުވަހަކުވެސް ނުކުރާނަން. ދާރިޔާ!. އަހަރެންގެ ހަޔާތަށް އެނބުރި އައިސްދީ. ޝާދުއަށް ޓަކާވިޔަސް" ޝާހީން ވާހަކަ ދެއްކިއިރު އޭނާގެ ލޯވެސް ދިޔައީ ފެންކަޅިވަމުންނެވެ. އަނެއްކޮޅުން ދާރިޔާއަށް ގިސްލާ ރޮވިއްޖެއެވެ.

"ޝްޝްޝް. ޝާދު ހޭލަފާނެ، ދާރިޔާ ނުރޮއިބަލަ. އައި އެމް ސޮރީ އޭ" ޝާދު ދެފަރާތަށް ކުޑަކޮށް ފުރޮޅިލުމާއެކު ޝާހީން ބުނެލިއެވެ. ދާރިޔާވެސް ޝާދުއަށް ބަލާލަމުން ކަރުނަފޮހެމުން ރުއިން މަޑުކުރަން މަސައްކަތް ކުރިއެވެ. އެ ޖުމްލަ ތަކަކީ ދާރިޔާ ޝާހީންގެ ފަރާތުން ހާދަ އުންމީދުކުރި ޖުމްލަތަކެކެވެ. އެ އަޑު އިވުމުން އޭނާގެ އެތެރެހަށީގައި އުފެދުނު ޖަޒުބާތުތަކަކުން ކަރުނަ އައީމެވެ. އޭގައި އުފާވެރިކަމާއި ހިތްދަތި ކަންވެސް ވެއެވެ.

ޝާހީން ތެދުވެ ދާރިޔާ ކޮޅަށް ނެގިއެވެ. އިރުކޮޅަކު ދާރިޔާގެ ދެލޮލަށް ބަލަން ހުރުމަށްފަހު ޝާހީން ދެފަރާތަށް ބޯ ހޫރާލީ ނުރޯށޭ ބުނަމުންނެވެ. އެއަށްފަހު އޭނާ އޯގާތެރިކަމާއެކު ދާރިޔާގެ ކަރުނަފޮހެދިނެވެ.

"މިހާރުން މިހާރަށް ޖަވާބެއް ނުދިނަސް އެންމެ ރަނގަޅޭ. ދާރިޔާ ވިސްނާލާފަ ޖަވާބެއް ދީ. އަހަރެން އިންތިޒާރުކުރާނަން... އައި ޕްރޮމިސް ދާއިންގެ ސަބަބުން އަހަރެމެން ދެމީހުން ގެ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެކަމަށް" ޝާހީން ދާރިޔާ ގެނެސް މޭގައި ޖައްސާލިއެވެ. ދާރިޔާގެ ހިތުގައިއޮތް ސުވާލަށް ކޮންމެވެސް ވަރެއްގެ ޖަވާބެއްލިބި އޭނާގެ ހިތަށް ހިސާބެއްގެ ތަސައްލީއެއް ލިބިއްޖެއެވެ. އެތައް ދުވަހަކަށްފަހު ޝާހީންގެ އަތުގެ ހިމާޔަށް ލިބި ދާރިޔާވެސް ހުރީ ދުރަށް ދާން ބޭނުންނުވެފައެވެ. އެތައް އަހަރަކަށްފަހު ފުރަތަމަ ފަހަރަށް އެ ތިންމީހުންގެ ހަޔާތް އުފާވެރި ވެދާނެފަދަ އިޝާރާތެއް ލިބުމުން އޭނާއަށް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. ދާރިޔާވެސް ޝާހީންގެ އަތުގެ ހިމާޔަތަށް ބޭނުންވެފައި ހުރި ފަދައަކުން ހުރީއެވެ.

އެހެންހުރިއިރު ޝާހީންގެ ހިޔާލަށް ދާއިން އޭނާ އާ ބައްދަލުކުރި ދުވަހުގެ ހަނދާންތައްވެސް އައެވެ.

*****

ދާއިން ގުޅާފައި ބައްދަލުކުރަން ބުނުމުން ޝާހީން ނުދާން ހުރެފައިވެސް އެއްބަސްވިއެވެ. ދެމީހުން ބައްދަލުކުރީ ރެސްޓޯރެންޓަކުންނެވެ. ދާއިން އެދުނީ ދާރިޔާއަށް އުފާވެރިކަން ހޯދައިދިނުމަށެވެ. އޭނާ ކުރި ކުށެއްގެ އަދަބު ދާރިޔާއަށް ނުދިނުމަށެވެ. އޭނާ އަކީވެސް މިހާރު ބަދަލުވެފައިވާ މީހެއްކަމެވެ. މާޒީ ދޫކޮށްލަން ވެއްޖެކަމާއި ހަޤީގީ އުފާވެރިކަން ހޯދޭނީ އޭރުންކަމުގައެވެ. އޭނާ އެކަމާ ދެރަވާކަމުގައެވެ. ދާރިޔާ ރޯ އަޑު އޭނާ ގެ ދެ ކަންފަތުން އަހާކަމުގައެވެ. ހަތް އަހަރު ވީއިރުވެސް ދާރިޔާއަށް އެހިތާމައިން އަރާނުގަނެވޭ ކަމުގައެވެ. އޭނާ ޝާހީން ބޭނުންނަމަ ދުވަހަކު އެ އާއިލާ ނުފެންނަ ހިސާބުގައި ވެސް ހުރެދާނެކަމުގައެވެ. އެދުވަހު ދާއިން ދެއްކި ވާހަކަތަކަށް ފަހު ޝާހީންއަށް ވެސް ދާއިން އާމެދު ވިސްނާލަން މަޖުބޫރުވިއެވެ. ދާއިން ބަދަލުވެފައިވާވަރު އޭނާއަށް ވެސް ފެނުމުން އޭނާ ދާއިންއަށް މާފުކުރަން ނިންމީ ދާރިޔާގެ ވެސް ހައްގުގައެވެ. ޝާދު ބޮޑުވަމުން އަންނައިރު ޝާދުގެ ގާތުގައި ހުރެ ބައްޕައެއްގެ ލޯބި ދިނުމަށެވެ.

******

ދާރިޔާ ޝާހީންއާއި ދުރުވެލިއިރު އޭނާ ހުރީ ހިސާބަކަށް ހަމަޖެހިފައެވެ. ކަރުނަތައް ފޮހެލަމުން އޭނާ ޝާހީންއަށް ބަލާލިއެވެ. ޝާހީން ލުއިގޮތަކަށް ހިނިތުންވެލިތަން ފެނުނެވެ. އަދި ބޯޖަހާލީ އޭނާ އިންތިޒާރު ކުރާނަމޭ ބުނަމުންނެވެ.

"އަހަރެން ބޭނުން..." އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު ދާރިޔާގެ އަޑު ޝާހީންގެ ކަންފަތުގައި ޖެހުނެވެ. އޭރު ދާރިޔާ ހުރީ ޝާހީންއަށް ފުރަގަސްދީގެންނެވެ.

އެހާ އަވަހަށް ދާރިޔާގެ ޖަވާބު ލިބިދާނެކަމަށް ޝާހީން ހިޔެއްނުކުރިއެވެ.

"ކީކޭ" ދާރިޔާގެ ކުރިމައްޗަށް އެރުމަށްފަހު ޝާހީން އަހާލިއިރު އޭނާގެ އަޑުގައި ހިސާބެއްގެ ތުރުތުރު އެޅުމެއްވީތީ ދާރިޔާއަށްވެސް ދެނެގަނެވުނެވެ.

"އާނ. އަހަރެން ތައްޔާރު. ޝާހީން އާއެކީ އާ ހަޔާތެއް ފަށަން" ދާރިޔާ ދެންވެސް ޝާހީންއަށް ޔަގީންކަންދިނެވެ.

"ކީކޭ" ޝާހީންއަށް އަހާލެވުނެވެ. އިވުނު އަޑު ގަބޫލު ނުކުރެވުނު ފަދައަކުން އޭނާއަށް ސުވާލުވެސް ކޮށްލެވުނެވެ.

"އާނ... އަހަރެން ބޭނުމޭ ޝާން ވެސް ބޭނުންވާ ގޮތް!" އެތައް އަހަރަކަށްފަހު ދާރިޔާ ޝާން އޭބުނުމުން ޝާހީންއަށް ހިނިތުންވުން ފުޅާކޮށްލެވުނެވެ. އޭނާއަށް މޭގައި އަތް އަޅާލެވުނެވެ. އަނެއްކާވެސް ދާރިޔާ ގެނެސް އޭނާގެ މޭގައި ލައްކޮށްލިއެވެ. ޝާދު ކުކުރާލުމާއެކު ދެމީހުންނަށްވެސް އެދިމާލަށް ދެވުނެވެ. އަދި ދެފަރާތުން ޝާދުގެ ގައިގައި ހިފައްޓާލިއެވެ. އޭރު ދެމީހުންގެ މޫނުމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ.

*****

ދީމްއާއި ޝަފޫންއާއި ދެމެދު އޮތް ނުތަނަވަސްކަމަށް ނިމުމެއް އައުމުން އެކަމާއެންމެ ބޮޑަށް އުފާވި އެކަކީ އަފާޒުއެވެ. އަފާޒުއެކޭ އެއްވަރަށް އާއިލާގެ އެހެން މީހުންނަށްވެސް އާދަޔާހިލާފް އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ދީމްއާއި ޝަފޫންގެ ގުޅުން ބަދަހިވީ ކިހިނެތްކަން ނޭނގުނު ނަމަވެސް އެ ގުޅުން ރަނގަޅުވީތީ އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ.

ހޫނު ގަދަދުވަހެއްގެ މެންދުރުގެ ވަގުތެވެ. ދީމްއާއި ޝަފޫން އާއި ތިބީ ޝަފޫންގެ ކޮޓަރީގައެވެ. އެކަކު އަނެކަކާ ވާހަކަތައް ހިއްސާކުރަމުން ދިޔައެވެ. ފުރަތަމަ ފަހަރަށް ދީމްގެ އަސްލު ބައްޕައަކީ ކާކުކަން ބުނެދޭން ޝަފޫން ނިންމީ އަފާޒުއާ ވެސް ވާހަކަ ދެއްކުމަށްފަހުއެވެ. އަބަދަކު ހަޤީގަތް ސިއްރުކޮށްފައެއްވެސް ނުބޭއްވޭނެތާއެވެ.

ޝަފޫން ދީމް އެނދުމަތީގައި ބެއިންދުމަށްފަހު ގޮސް އައީ އަލަމާރިތެރެއިން ކުޑަވަރެއްގެ ލަކުޑި ފޮއްޓެއް ހިފައިގެންނެވެ. ދީމްއަށް ބަލާލަމުން އޭނާ އެ އެނދުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު އިތުރު އެއްޗެއްނުބުނި އޭނަ ގޮސް ޑްރެސިންޓޭބަލް ވަތްގަނޑު ހުޅުވާލާ ކުޑަ ތަޅުދަނޑި އެއްނެގިއެވެ. ޝަފޫންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ދީމް އިންއިރު ޝަފޫން އެ ދައްކަން އުޅޭއެއްޗަކަށް އޭނާގެ ޝައުގުވެރިކަން ހުއްޓެވެ. އެފޮޓޯގައި ވަނީ ތަޅެއް އަޅުވާލެވިފައެވެ. ދީމް ފޮއްޓަށް ރަނގަޅަށް ބަލާލިއެވެ. އާސާރީ ގޮތެއް އެ ފޮށީގައި ހުއްޓެވެ. އޭނާ ބަލަހައްޓައިގެން އިންދާ ޝަފޫން އައިސް ފޮށީގެ އަނެއް ފަރާތުގައި އިށީނދެ ތަޅުދަނޑި ޖެހިއެވެ. އެއަށްފަހު އޭނާ އެ ފޮށި ހުޅުވާލިއެވެ. އޭރު އެ އަތުގައި ހިސާބެއްގެ ތުރުރުތުރު އެޅުމެއް ހުރީތީ ދީމްއަށް ފާހަގަ ކުރެވުނެވެ. ޝަފޫންގެ މޫނުމަތިން ހިސާބެއްގެ ހިތްދަތިކަމެއް ފެނިލިއެވެ.

"މަންމާ. މަންމައަށް ހާރޓް ވަންޏާ އަހަރެން ބޭނުމެއް ނޫން ތީގައޮތް އެއްޗެއް ބަލާކަށް..." ދީމް ބުނެލިއެވެ. އެއާއެކު ޝަފޫން ދެފަރާތަށް ބޯ ހޫރާލިއެވެ. އެ ފޮށި ހުޅުވާލާ އޭނާ އޭގައި ހުރި އެއްޗެހި ދީމްއަށް ދައްކާލިއެވެ. ބައެއްކަހަލަ ފޮޓޯތަކާއި އެއްޗެހި ހުއްޓެވެ. ޝަފޫން އެތަނުން ފޮޓޯގަނޑެއް ނަގާ ދީމްއަށް ދިނެވެ. އެއަށްފަހު އެ ބަލާލުމަށް އެދުނެވެ.

ދީމް މަޑުމަޑުން ފޮޓޯގަނޑުގައި ހިފަމުން އެއަށް ބަލާލިއެވެ. މަންމަގެ އުނަގަނޑުގައި ކުޑަކޮށް އަތް އަޅުވާލައިގެން ހުރި ފިރިހެންމީހާ ފެނި ދީމްއަށް ޝަފޫން އާދިމާ ބަލާލެވުނެވެ. ފޮޓޯގަނޑުގައި ދެމީހުންވެސް ތިބީ ނުހަނު ހެވިލާފައެވެ. ނުލާހިކު ލޯބިންނެވެ. އެހެންކަމަށް ވާނަމަ ދެމީހުން ވަކިވީ ކީއްވެހެއްޔެވެ؟ އަނެއްކޮޅުން އެ ފޮޓޯގަނޑު ފެނި ދީމްގެ މޫނުމައްޗަށް އެހެން ކުލަވަރެއް ވެރިވިއެވެ. ކޮންމެވެސް ތަނަކުން ފެނުނު މީހެއްގެ ސިފަތަކަކާ ވައްތަރުވީއެވެ. އެހެންނަމަވެސް ވަގުތުގެ ގޮތުން އޭނާ އެކަން ވަންހަނާ ކުރަން މަސައްކަތް ކުރިއެވެ.

"ދަރިފުޅު ހިތުގައި ވަރަށް ބައިވަރު ސުވާލު އުފެދޭނެކަން އިނގޭ. މަންމަ ބޭނުން ހުރިހާ ވާހަކައެއްވެސް ކިޔައިދޭން. އެކަމަކު ދަރިފުޅު ބޭނުންވާނަމަ" ޝަފޫން ދީމްއަށް ބަލާލިއެވެ.

"ދީމް އިރުކޮޅަކު ވިސްނަން އިނދެފައި ބޯޖަހާލިއެވެ. ޝަފޫން ވާހަކަފެށީ ފުންނޭވާއެއް ދޫކޮށްލަމުންނެވެ.

"މަންމައާއި ބަސީމް އާއި ދެމީހުން ދިމާވުމަށްފަހު ދެމީހުން ލޯބީގެ ގޮތުން ގުޅުނީ ސިއްރު ގުޅުމަކުން. އެއް އަހަރު ވަންދެން މަންމަމެން އުޅުނިން. އޭގެ ފަހުން މަންމައަށް އެނގުނީ އޭނާއަކީ މަސްތުވާތަކެއްޗާ ރާ ބޭނުންކުރާ މީހެއްކަން. އަދި އެ މަސްތުވާތަކެއްޗަކީ އޭނަ ލާރި ހޯދަން ބޭނުންކުރާ ވަސީލަތްކަން. އޭނަ އަކީ އެކަނި އުޅޭ މީހެއްވީމަ އޭނަ އުޅޭ އެޕާރޓްމެންޓަށް މަންމަ ދަނީ ސިއްރުން. އެހެން ދިޔަރެއެއްގެ އޭނަ އައީ މަސްތުވެގެން ހުރެ. މަންމަ ވަރަށް ރުޅިއައިސް ދެން އޭނާ އާއެކު ނޫޅޭނެ ކަމަށް ބުނިން. އެރޭ އޭނަ ފުރަތަމަ ފަހަރަށް މަންމަ ގައިގައި ޖެހި. މަންމަ ވަރަށް ރުއިން. ގެއަށް އައުމުން ދަރިފުޅުގެ މާމަ ވަރަށް ސުވާލުކުރި. އޭރު މާމަ ދުނިޔޭގައިން. މަންމަ އެއްވެސް އެއްޗެއްނުބުނަން. އެންމެ ފަހުން މަންމަގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށުމުން މާމަމެން ސުވާލުކުރަން ފެށި. މަންމަ އެވާހަކަ އޭރުވެސް ނުބުނަން. އެއްރޭ މަންމަ އެގެއަށް ދިޔައިރު އޭނަ ސިޓިން ރޫމްގައި ޕިއްޒާ އެއްކައިރިއަށް ލައިގެން އެ ކަމުން ރެޑްބުލް އެއް ބޯން އިން. މަންމަ އައިސް އިށީނުމުން މަންމަގެ ގައިގައި އަތްލަން އޭނާ މަސައްކަތް ކުރި. މަންމަ ދެކޮޅު ހެދުމުން އޭނާ ބުނީ ލޯބި ވަންޏާ އޭނަ ބުނާކަމެއް ކުރާނެކަމަށް. މަންމަ ބުނިން ލޯބީގެ މާނަ އަކީ އެޔެއްނޫނޭ. އޭނަ ގަބޫލެއް ނުކުރި. އެންމެ ފަހުން ގަދަކަމުން އޭނާ މަންމަގެ އިއްފަތް ފޭރުގަތީ. ކުށް މަންމަގެ ވެސް އެބައޮތް. މީހެއްގެ ފަރާތުން މަންމަ މަސްތުވާތަކެތި ވިއްކާ މީހަކާ ގުޅުން ބާއްވާކަން އެނގިގެން އޭގެ ފަހުން ދަރިފުޅުގެ މާމަމެން މަންމަގެ ކައިވެނި އެހެން މީހަކާ ހަމަޖެއްސި. މަންމައަކަށް ނޭނގުނު ހަދާނެ ގޮތެއް. ހުރިހާ ކަމެއް ނިމިފަ އޮއްވާ މަންމަ ބަނޑު ބޮޑުވި. މަންމައަށް ހަދާނެ ގޮތް ހުސްވި. މަންމަގެ ކައިވެނި އަފާޒުއާ ހަމަޖެހުމުގެ ފަހުން އެކަން އެގޮތަށް ދިމާވުމުން މާމަމެން މަންމަދެކެ ރުޅިއައިސް ގޭން ނެރުނު. ހުރިހާކަމެއް އެނގިހުރެ އަފާޒު މަންމައަށް އެހީވި. ވިހާ ގަދަވަންދެން ތަނެއްގައި ބެހެއްޓި. ކައިވެނި ކުރާނީ އެއަށްފަހު ކަމަށް ބުނި. ކޮންމެ ގޮތެއްވިޔަސް ބަލިވެ އިނދެ ކުރާ ކައިވެނި ސައްހަ ނުވާނެތީ މަންމަވެސް އެގޮތް ބޭނުންވީ. އެއަށްފަހު ކައިވެނި ކުރެވުނު. އަފާޒު ދަރިފުޅަށް އެދުވަހަށްފަހު ބައްޕައެގެ ލޯބިދިނީ ހިތުން ރުހުމުން. ދީމް ބޮޑުވަމުން އައި ވަރަކަށް އަހަރެންގެ ހިތުގައި ބަސީމްއަށް އުފެދިފައި އޮތް ނަފްރަތު ދީމްއަށް ބޭލެން ފެށުނީ. ދީމްއަށް އެ ރުޅިގަނޑު ދެއްކެން ފެށުނީ. އެކަމަކު އަފާޒު ދީމްއަށް ބައްޕައެއްގެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން އަދި ހިމާޔަޔް ދިނީ އަފާޒުއާ ދީމްއާއި އެއްވެސް ގުޅުމެއް ނުވާކަން އެނގިހުރެ. އެކަމަކު މި މަންމައަކަށް އެވަރުވެސް ނުކޮށްދެވުނު" ޝަފޫން ވާހަކަ ދައްކާނިމުނު އިރު އޭނާއަށް ގިސްލެވެމުން ދިޔައެވެ.

ދީމް ޝަފޫން ހަމައަކަށް އަޅުވަން އެތައް ވާހަކައެއް ދެއްކިއެވެ. ދެމައިންގެ ވާހަކަތައް އަޑުއަހަރެން ހުރި އަފާޒުގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. އޭނާ ދޮރުން ބޭރުގައި މަޑުކޮށްލައިގެން ހުރެފައި އެ ދެމީހުންނަށް އުނދަގޫ ނުކުރަން ވެގެން ދިޔައީ ތިރިއަށެވެ.

*****

ދީމް އަށް ވިސްނެނީ އެ ފޮޓޯގަނޑުން އޭނާއަށް ފެނުނު ފިރިހެންމީހާއާ މެދުގައެވެ. އެންމެ ފުރަތަމަ އޭނާއަށް އެމީހާ ފެނުނީ ކޮންތާކުންތޯ އަމިއްލަ ހިތާ ސުވާލުކޮށް ސިކުނޑިއަށް ވާން ކުރަމުން ދިޔައެވެ. ކޮޓަރީގައި ހުރި ސޯފާގައި އެކަނި މާއެކަނި އިން އިރު މިއަދު ޝަފޫން ދެއްކި ވާހަކަތައް ވެސް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.

އެހެން ވިސްނަމުންދިޔަ ފަހަރެއްގައި އޭނާގެ ސިކުނޑިއަށް ފަނޑުފަނޑުކޮށް މަންޒަރެއް ފްލޭޝް ވެގެން ދިޔައެވެ. އެއީ އެންމެ ފުރަތަމަ އޭނާ ކިނާން އާއި ބައްދަލުކުރަން ދިޔަ ދުވަހެވެ. އެ ދުވަހު ކިނާންގެ ރޫމުން ނުކުތް ފިރިހެންމީހާގެ ސޫރަ ލޯ މައްޗަށް ސިފަވުމާއެކު ދީމްއަށް ފުންމައިގެން ސޯފާއިން ތެދުވެވުނެވެ. ހާސްކަމާއެކު ދެކޮޅަށް ހިނގެން ފެށުނެވެ.

"އެއީ އޭނަ ބާ؟ އެއީ އެ ބަސީމް ބާ؟ އާނ. އެއީ އޭނާ" އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދެކޮޅަށް ހިނގަމުން ދިޔަ ދީމްގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. އިރުކޮޅަކުން އޭނާއަށް ހުރިތަނަށް ހުއްޓެވުނެވެ. ސިކުނޑީ މަސައްކަތް ކުރަން ފެށީ ދެނެވެ. އަވަސް އަވަހަށް ތައްޔާރުވެގެން ދީމް ނައްޓާލީ ހޮސްޕިޓަލަށް ދިޔުމަށެވެ. އޭނާގެ ސުވލުތަކުގެ ޖަވާބު ދެން ދެވޭނީ ކިނާންއަށެވެ. ހިތް އަވަސްވެފައި ހުރިވަރުން ދީމްގެ ނޭވާވެސް ހުރީ ކުރުވެފައެވެ. ރީތިކޮށް އެ ފިރިހެން މީހާގެ ސޫރަ ހަނދާންވުމާއެކު އެއީ ބަސީމްކަން ގާތްގަނޑަކަށް ދީމްއަށް ޔަގީންވިއެވެ.

"ކިނާން. ހޮސްޕިޓަލުގަތަ؟ އަހަރެން އެބަ ދަން" ކިނާންއަށް ގުޅާލާ ދީމް ފުރަތަމަވެސް ސުވާލުކޮށްލިއެވެ. ކިނާންއަށް ބުނެވޭ ވަރުވީ އާނއެކޭ އެކަންޏެވެ. އިތުރު އެއްޗެއް ބުނަން ފުރުސަތު ނުދީ އޭނާ ފޯން ކަނޑާލިއެވެ. ކާރުގައި ހޮސްޕިޓަލަށް ދިޔުމަށް ހޭދަވި ފަނަރަ ވަރަކަށް މިނިޓް ހީވީ އެއީ މިހާތަނަށް ދީމްއަށް ދަތުރަކު ހޭދަކުރެވުނު އެންމެ ދިގު ވަގުތުހެންނެވެ. އެހެނީ ޑްރައިވަރާ ދިމާލަށް އަވަސްކުރާށޭ ބުނެލާނެއެވެ. ފޯނުން ގަޑި ބަލާލާނެއެވެ. ކިނާންއަށް ގުޅަންވީތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލާނެއެވެ.

ކާރު ހޮސްޕިޓަލަށް ހުއްޓާލުމާއެކު އޭނާ ފޭބިއެވެ. އެއަށްފަހު ހަރު ފިޔަވަޅުތަކެއްގައި އެތެރެއަށް ވަދެގެންދިޔައެވެ. ލިފްޓަށް ފިތާލައިގެން ހުރެފައިވެސް ލަސްކަމުން އޭނާ ސިޑިން ކިނާން އިންނަ ފްލޯއަށް އެރިއެވެ. އެއަށްފަހު ކިނާންގެ ކެބިން އާ ދިމާލަށް މިސްރާބުޖެހިއެވެ. ކެބިންގެ ދޮރު ހުޅުވާލާފައި ވަތް އިރު ކިނާން އިނީ މޭޒު ދޮށުގައެވެ. މޫނުމަތިން ހިސާބަކަށް ވަރުބަލިވެފައި ހުރި ވައްތަރު ޖަހައެވެ.

"ކިނާން" ދީމް ގޮވާލިއެވެ. އޭނާ ހުރީ ނުހަނު ހިތްއަވަސްވެފައެވެ. ކިނާންއަށް ވެސް ދީމްގެ ނުތަނަވަސްކަން ދެނެގަނެވުނެވެ.

"ދީމް. ކިހިނެތްވީ؟ ވަޓް ހެޕެންޑް" ކިނާން ދީމްއަށް ބަލާލާ ތެދުވަމުން ސުވާލުކޮށްލިއެވެ. އޭނާ ދީމް އާއި ދިމާލަށް މިސްރާބުޖެހިއެވެ. ދީމްގެ މޫނުމަތިން ފެނުނު ހާސްކަމުން އޭނާގެ ހިތަށް ވެސް އުނދަގުލެއް ވިއެވެ.

"ކިނާން. އަހަރެންނަށް ކަމެއް ކޮށްދީބަލަ" ދީމް ޖެހިލުންވުމަކާއެކު އަހާލިއެވެ. ކިނާން އައިސް ހުއްޓުމާއެކު ނިކަން އަވަހަށް ކިނާންގެ އަތުގައިވެސް ހިފާލައިފިއެވެ. ކިނާން ދީމް ހިފެއްޓި އަތަށް ބަލާލިއެވެ.

"ކޮންކަމެއް؟. އަހަރެންނަށް ކޮށްދެވޭ ވަރުގެ ކަމެއް ވިއްޔާ ކޮށްދޭނަން" ކިނާން ބުނެލީ ދެބުމަ އަރުވާލަމުންނެވެ. ދީމްގެ ލޮލަށް ބަލާލުމަށްފަހު ނަޒަރު ވަކިކޮށްލަމުން އޭނާ އަނެއްކާވެސް ދީމް ހިފައްޓާފައިވާ އަތަށް ބަލާލިއެވެ.

"ސޮރީ" ވަގުތުން ދީމް ކިނާންގެ އަތުން ދޫކޮށްލިއެވެ. އޭނަ ލަދުގަތީއެވެ.

ކިނާން އަވަސް އަވަހަށް ޖީންސްގެ ޖީބަށް އަތް ޖަހާލިއެވެ. އޭނާ ދެން ދީމްއަށް ބަލާލަމުން ސުވާލުކޮށްލީ ސީރިއަސްކަމާއެކުގައެވެ.

"ކިނާން. ހަނދާންވޭތަ އަހަރެން އެންމެ ފުރަތަމަ ދުވަހު ކިނާން ކައިރިއަށް އައިރު އިރު މި ރޫމް އިން ނުކުތް ފިރިހެން މީހާ ބަސީމް؟" ދީމް ކިނާންއާ ނަޒަރު ވަކިކޮށްލަމުން ސުވާލުކޮށްލިއެވެ. ކިނާންއަށް ހައިރާންކަމާ އެއްވަރަށް ސިހުންވެސް ލިބުނެވެ. އަނެއްކާ އެއީ ކާކުކަން ދީމްއަށް އެނގުނީހެއްޔެވެ؟ އަވަސް އަވަހަށް މޫނުމައްޗަށް އަރަމުންދިޔަ ކުލަވަރުތައް ވަންހަނާ ކުރަމުން ކިނާން ވެސް ވާހަކަ ދެއްކިއެވެ.

"އެއީ ކީކުރަން ދީމް؟ އަހަރެންގެ ޕޭޝަންޓެއް އެއީ. އެއްވެސް މައުލޫމާތެއް އިތުރު މީހަކާ ހިއްސާކުރުން މަނާވާނެ، ދީމް!" ކިނާންއަށް ދީމްއަށް އޮޅުވާނުލެވޭނެކަން އެނގުނީ ދީމްގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރުންނެވެ. އެހެންކަމުން އޭނާ އިތުރަށް ވާހަކަ ހޯދުމުގެ ނިޔަތުގައި ބުނެލިއެވެ.

"ކިނާން އެކަން އަހަރެންނަށް ވަރަށް މުހިންމޭ. އަހަރެންގެ ފަރާތުން އިތުރު އެއްވެސް މީހަކަށް ނޭނގޭނެ" ދީމް އިސްޖަހާލިއެވެ. އޭނާގެ ސިކުނޑިއަށް ޝަފޫންގެ ވާހަކަތައް ވަދުނީއެވެ. ދީމްގެ ގިސްލުމުގެ އަޑު އިވުމުން ކިނާން ދީމް ގެނެސް އެ މޭގައި ޖައްސާލިއެވެ.

"އެނގޭތަ ނާނު. އެނގޭތަ އެއީ ކާކުކަން. އާދޭސްކޮށްފަ މިބުނީ އަހަރެންނަށް އެއީ ކާކުކަން ބުނެދީބަލަ. ޔަގީން ކޮށްދީބަލަ. ޕްލީސް" ދީމްގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ.

"ދީމް ހުއްޓާނުލާ. އަހަރެންނަށް އެނގޭ ދީމް ތިއައީ ހަޤީގަތް އެނގިގެންކަން. އައި އެމް ސޮރީ. ހުރިހާކަމެއް ވެސް އޯކޭ ވާނެ. ދީމް. އިހަށް ނުރޮއި ހުއްޓާލާ! ދީމް ތިހާ ބަލިކަށި ނުވާނެ. އަވަސް އަރުވާލައިގެން ކަންތައް ކުރަން ނޫޅޭ ދީމް، އަހަރެންނަށް އނގޭ ދީމްގެ އެތެރެހަށީގައި ތަފާތު ޝުއޫރުތައް ދައުރުވަމުން ދާކަން، އެމީހާއާމެދު ދީމްގެ ހިތުގައި ނަފްރަތު އޮތުން ވެސް އެކަށީގެންވޭ. ދީމްގެ ބައްޕަގެ ހަޤީގަތް އަހަރެންނަށް ވެސް އެނގޭ. އޭނައަކީ ކުރިން ކިހިނެތް އުޅުނު މީހެއްކަން. އެކަމަކު އެއީ ދީމްގެ ބައްޕަކަން އަހަރެންނަށް ވެސް އެނގުނީ އަދި އިހަށް ދުވަހަކު. ދޮންބެ ކިޔައިދނުމުން. އަހަރެންވެސް އެކަމާ ހާސްވެފަ މި ހުންނަނީ. ދޮންބެމެންނަށް ޑްރަގް ފޯރުކޮށްދިނީ ދީމްގެ ބައްޕައޭ ބުނުމުން ހައިރާންވެސްވި. ދީމް! އެއީ ދީމްގެ ކުށެއްނޫން. ދީމްގެ ބައްޕަ މިހާރު އެއީ ކުރީގެ ބައްޕައެއް ނޫން. އޭނައަކަށް ނޭނގޭނެ ހެން ހީވަނީ ދީމް ކިޔާ ދަރިއަކު އޭނާގެ ހުންނަކަންވެސް. އޭނަގެ އެކަމަކު އިތުރު ދަރިން ތިބޭ ދީމް. އޭނަ ފަރުވާ ނަގަން އަންނަ އިރު އޭނައާއެކު އަންނަނީވެސް އޭނަގެ ދަރިއެއް" އެމޭގައި ޖައްސާލައިގެން ހުރެ ކިނާން ހަޤީގަތް ކިޔައިދިނެވެ. އޭނާއަށް އެނގޭ މިންވަރަށް ދެން ހުރި ވާހަކަތައްވެސް ކިޔައިދިނެވެ.

ކިނާންގެ ވާހަކަތަކުން ދީމްއަށް ހިތްވަރު ލިބި އަވަސް އަރުވާލައިގެން ކަންތައް ކުރުން ރަނގަޅުނުވާނެކަން ވިސްނުމުން އޭނާ ހަމަޖެހެން މަސައްކަތްކުރިއެވެ. ދީމްގެ ރުއިން ކެނޑުނެވެ. އެހެންނަމަވެސް ދީމް ކިނާން އާ ދުރުވާކަށް ނޫޅުނެވެ. އެމޭގައި ބޮނޑިވެލައިގެން އެހިމާޔަތުގައި ދީމް ހުރީއެވެ.

ތިންމަސް ފަސް

އެމް.އެޗް. ޑީ.ސީ ގެ އިމާރަތް ވަނީ ނުހަނު ރީތިކޮށް ޒީނަތްތެރިކުރެވިފައެވެ. އެކިކުލަކުލައިގެ ފުއްޕާހަމާއި މާކޯނިތަކާއި މާޓުކުރި ތަނުން ޒީނަތްތެރިކޮށްފައިވާއިރު ހިތްގައިމެވެ. ތަނުގެ ތީމް ކުލައަކަށް ނަގާފައިވަނީ ފިޔާތޮށިކުލައާއި ހުދުކުލައެވެ. ތަނުގެ މުވައްޒަފުން ލާފައި ތިބީވެސް ފިޔާތޮއްޓާއި ހުދުކުލަ އެކުލެވޭ ހެދުންތަކެކެވެ. ހީވަނީ ކުޑަވަރެއްގެ ޕާރޓީއެއްހެންނެވެ. އިމާރާތުގެ ގޯތިތެރޭގައިވެސް މުވައްޒަފުން ހޭލަމޭލިވެ އުޅެމުން ދެއެވެ. އިމާރާތުގެ އެތެރެވެސް ހަމައެފަދައެވެ. ވަންވައިރު ފެންނަ ގޮތަށް ބެނާއެއް ހަރުކޮށްފައިވާއިރު އޭގައި ކޮންމެވެސް ލިޔުންކޮޅެއް ލިޔެފައިވެއެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ނުފިލާ ހިނިތުންވުމެކެވެ. އާދަޔާހިލާފް ޖޯޝަކާއާއި ފޯރިއެއްގައި ތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުން ދިޔައެވެ. ޚާއްސަކޮށް ޒައުނާގެ މޫނުމަތީގައިވި އުފާވެރިކަން ވަނީ ދެގުނަވެފައެވެ. އޭނާ ތަނުގެ މުވައްޒަފުންނަށް އިރުޝާދުދެމުން ދިޔައެވެ. އޭނައަކީ މި ކަންތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ރާވާ ހިންގުމުގައި ހަވާލުވެ ހުރި މީހާއެވެ. ހުރިހާކަމެއްވެސް ހުންނަންޖެހޭނީ އެންމެ ފުރިހަމައަށެވެ. ނިއުސް ރިޕޯޓަރުންނާއި ކެމެރާމަނުންވެސް ހަރަކާތްތެރިވަމުން ދިޔައެވެ. ބައެއް ފަހަރު ތަނުގެ ބައެއް މުވައްޒަފުންނާއި އިންޓަރވިއު ކުރާތަންވެސް ފެނެއެވެ. ކެމެރާތަކުގެ ލެންސް އެކި ދިމަދިމާލަށް އަނބުރަމުން ދިޔައީ އެންމެ މަންޒަރެއްވެސް ކަސިޔާރުވެގެސްދިޔަ ނުދޭވޭތޯ މަސައްކަތް ކުރާ ފަދައަކުންނެވެ.

އެމް.އެޗް.ޑީ.ސީ ގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ ގިނަފަރާތްތަކަކުން މުޅި އެސަރަހައްދުވަނީ ފުރާލާފައެވެ. ތަންކޮޅެއް ދުރުން އަންނަމުންދިޔަ ކަނޑު ނޫކުލައިގެ ކާރު ފެނުމާއެކު އެންމެންގެ އަޑު ގަދަވެގެން ދިޔައެވެ. ވަގުތުން ނޫސްވެރިން ހުޝިއާރުވެލިއެވެ. އާދައިގެ ދުވެއްޔެއްގައި އައި ކާރު މަޑުކޮށްލުމާއެކު ކޮންމެ މީހަކުވެސް އިންތިޒާރުކުރީ އެތެރޭން ފައިބާނެ މީހަކު ފެންނާނޭ އިރަކަށެވެ.

(ނުނިމޭ...)

https://sun.mv/119615

comment ކޮމެންޓް