"އިޒިއަން" ފިޔަވަޅުތައް މަޑުޖައްސާލަން މަޖުބޫރުވީ ފަހަތުން އޭނާއަށް ކޮންމެވެސް މީހަކު ގޮވާލުމުންނެވެ. އަންހެން އަޑެކެވެ. ފަސްއެނބުރި ބަލާލުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ މޫނުބުރުގާ އަޅައި ގަޔަށް ދޫ ކަޅު ހެދުމެއް ލައިގެން ހުރި އަންހެނަކާއި އޭނާގެ އެއްފަރާތުގައި ހުރި ފިރިހެން މީހާއެވެ.

އެ ޒުވާނާގެ ތުނބުޅި ކޮންމެވެސް ވަރަކަށް ހުރިއިރު ދެލޮލުގައި ނަންބަރު އައިނެއް އަޅާލާފައިވެއެވެ. ލާފައިހުރި ހުދުކުލައިގެ ގަމީސް ހުރީ ބެގީކޮށްލާފައެވެ. އިސްތަށިގަނޑު ރީތިވަރަކަށް އެއްވަރަށް ކޮށާފައެވެ. ގާތުގައި ހުރި އަންހެން ކުއްޖާއަކީ ކާކުކަން ލަފާކޮށްލަން ނޭނގިއުޅެނިކޮށް އެ ކުއްޖާ އަނެއްކާވެސް ގޮވާލިއެވެ. އިޒިއަންއަށް ހައިރާންކަން ލިބުނީ އެ ކުއްޖާއަށް އޭނާގެ ނަން އެނގުނީމައެވެ. ހިސާބަކަށް ދަންނަ އަޑަކާވެސް ވައްތަރުވިއެވެ. ސިކުނޑިއަށް ކިތަންމެ ބާރުލިޔަސް އެ އަޑަކީ ކާކުގެ އަޑެއްކަމެއް އިޒިއަންއަކަށް ނޭނގުނެވެ.

އިޒިއަން ސުވާލުގެ ނަޒަރަކުން ބަލަން ފެށުމުން އެ ކުއްޖާ ގާތުގައި ހުރި އޭނާގެ ފިރިމީހާއަށް ބަލާލިއެވެ. އެއަށްފަހު އޭނާ ވާހަކަ ދައްކަން ފެށިއެވެ.

"އިޒިއަން އަހަރެންނަށް މާފުކުރޭ" އަންހެން ކުއްޖާ މާފަށް އެދުމުން އިޒިއަންގެ މޫނުމައްޗަށްއެރީ ތަފާތު ކުލަވަރެކެވެ. އަނެއްކާވެސް އޭނާ ސިކުނޑިއަށް ބާރުލާ އެ އަޑު ހަނދާންކުރަން އުޅުނެވެ. އެހެންނަމަވެސް މިފަހަރުވެސް އޭނާއަށް ކުރިމަތިވީ ނާކާމިޔާބީއާއެވެ.

"ތަނާހާ... ނޭނގުނު ދޯ!" ކުޑައިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު އެ އަންހެންކުއްޖާ ވާހަކަ ދެއްކުމާއެކު އިޒިއަންއަށް ވެސް ސިހުން ލިބުނެވެ. އިޒިއަން ބަލަން ހުއްޓާ ތަނާހާ ބޯ ޖަހާލިތަން ފެނުނެވެ. ތަނާހާއަށް އައިސްފައި ހުރި ބަދަލުން އިޒިއަންއަށް ބޮޑުހައިރާންކަމެއް ލިބުނެވެ. ބުނާނެ އިތުރު އެއްޗެއް ނޭގި ހުއްޓާ ތަނާހާ ދެވަނަ ފަހަރަށް އިޒިއަންއޭ ކިޔާ ގޮވާލުމާއެކު އޭނާއަށް ހަމަބިމަށް އާދެވުނެވެ.

"އިޒިއަން. މީ ތަނާހާ. ކުރިން އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. އެކަމާ މާފަށް އެދެން. އަހަރެންނަށް އެނގޭ އިޒިއަންގެ ދިރިއުޅުމުގެ ނައުވެސް ދަނީ ކަނޑުގެ އޮޔާއެކު ވިއްސަވިއްސައިގެންކަން. ތި ނައުގެ ދަތުރު އޮމާން ނޫންކަން އެނގޭ. އެކަމާ އަހަރެން ދެރަވަން. އަހަރެން ދުޢާ ކުރާނަން އިޒިއަންއަށް ރަނގަޅު ގޮތެއް މިންވަރު ކުރައްވާތޯ" ތަނާހާ ވާހަކަދެއްކިއެވެ. އިޒިއަންއަށް އަނެއްކާވެސް ހައިރާންކަމެއް ލިބުނެވެ. ތަނާހާ އެހާ ފަށުވި ބަސްތަކަކުން އޭނާގެ ދިރިއުޅުން ސިފަކޮށްދިން ގޮތުން މޮޅު ޝާއިރަކަށްވެސް ދޫނުކުރޭތާއޭ ހިތަށް އެރިއެވެ. އެއްޗެކޭ ނުބުނެ އިޒިއަންއަށް އެ ފިރިހެން މީހާއަށް ބަލާލެވުނީ ތަނާހާއަށް އައި ކުއްލި ބަދަލުގެ ފަހަތުގައި ހުރި ޒުވާނާއަކީ އެޒުވާނާތާއޭ ހިތަށް އަރާހާލުގައެވެ.

"އަދި ނުބުނެވިގެން ދޯ މިއުޅެނީ. މީ އަހަރެންގެ ފިރިމީހާ ސާއިދު. " ތަނާހާއަށް އިޒިއަންގެ ހިތުގައިވި ސުވާލުތައް ދެނެގަނެވުމާއެކު ނިކަން އަވަސް އަވަހަށް ބުނެވުނެވެ. އޭނާއަކީ މިހާރު ކުރީގެ ތަނާހާއެއްނޫނެވެ. އޭނާވަނީ މުޅިން ބަދަލުވެފައެވެ. ސާއިދު އަކީ ހެޔޮލަފާ އޯގާތެރި ފިރިއެކެވެ. ސާއިދުއާ ބައްދަލުވުމަށްފަހު އޭނާގެ ދިރިއުޅުންވެސް ބަދަލުވީއެވެ. އޭނާގެ ހިތްބަދަލުވެ އެހިތަށްވެސް އޯގާތެރިކަމާއި އީމާންތެރިކަން ވަނީއެވެ. މަޑުމައިތިރިކަން އިސްކުރެވުނީއެވެ. އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ސާބިތުވުމަށް ހިތްއެދި ދީނާ މެދު ލޯބި އުފެދިގެންދިޔައީއެވެ.

ސާއިދު ކުރިއަށް ޖެހިލާ އިޒިއަންއަށް ސަލާމަށް އަތްދިއްކޮށްލިއެވެ. އިޒިއަން ހިނިތުންވެލަމުން އެ އަތުގައި ހިފިއެވެ. ސާއިދުގެ ސަލާމަށް ޖަވާބުދެމުން އޭނާ ވައަލައިކުމުއް ސަލާމޭ ވެސް ބުނެލިއެވެ.

ތަނާހާވެސް ހުރީ ހިސާބަކަށް ހައިރާންވެފައެވެ. އިޒިއަންހާދަ ބޮޑަކަށް ބަދަލުވެއްޖެއެވެ. ފުރަތަމަ ފެނުމުން އޭނާއަށް އެއީ އިޒިއަންކަން ޤަބޫލެއްވެސް ނުކުރެވުނެވެ. މުޅީމީހާގެ ހަށިގަނޑު އެކީ ހިކި އަނަރޫފަވެފައިވާއިރު މީހާގެ ހަށިގަނޑުގައި ހިސާބެއްގެ ބަލިކަށިކަމެއްވީހެން ވެސް ހީވިއެވެ. އިޒިއަން ޖަލަށް ދިޔަކަން އޭނާއަށް އޮތީ ބައްޕަގެ ފަރާތުން އެނގިފައެވެ. އަނާލްއާއި އިޒިއަންއާ ވަކިވުމަށްފަހު އޭނާ ރާއްޖޭން ބޭރަށް އަނެއްކާވެސް ދިރިއުޅުން ބަދަލުކުރީއެވެ. ސާއިދުއާ ދިމާވީ ބޭރުންނެވެ. ކައިވެނި ކޮށްގެން އަދި މާލެއައިތާ މަހެއްހާ ދުވަސް ވެސް ނުވާނެއެވެ. އަނާލް ގާތުން މާފަށް އެދެންވެގެން އޭނާ އެމް.އެޗް.ޑީ.ސީ އަށް ދިޔުމުން އަނާލް ރާއްޖޭން ބޭރުގައި ވީކަން އެނގުނެވެ. އެހެންކަމުން ތަނާހާ ނިންމައިގެން ހުރީ އެނބުރި އަނާލް އައުމުން އަނާލް ގާތުން މާފަށް އެދުމަށެވެ. މާޒީގައި ހިފައގެން ނޫޅުމަށް އޭނާ އަޒުމު ކަނޑައެޅިއެވެ. މަރުވުމުގެ ކުރިން އެއްވެސް މީހެއްގެ ހިތުގައި އޭނާއާ ދޭތެރޭ އެއްވެސް ބުރަކަމެއް ބާއްވާކަށް ތަނާހާ ނޭދެއެވެ. ކޮންމެ މީހަކީވެސް މަރުވާނޭ މީހެކެވެ. ހުދު އޭނާވެސް މާދަމާވެސް ދުނިޔެ ދޫކޮށްދާން ޖެހިދާނެއެވެ. އެ ދުވަހަކުން އޭނާ ބޭނުންވާނީ އެންމެންގެ ހެޔޮ ދުޢާއެވެ. ތިމާ ފުރަތަމަ އިސްވެ މާފަށް އެދުމަކީ ތިމާ ދެރަވުމެއް ނޫނެވެ. އެހެންނަމަވެސް އެއީ ތިމާގެ މާތްކަމާއ މަތިވެރި އަޚްލާގު އަންގައިދޭ ވަރަށް މާތް ސިފައެކެވެ. އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ސިފައެކެވެ. އިސްވެ މާފަށް އެދޭ މީހާއަށްވެސް ސަވާބާއި ދަރުމަ ލިބޭނެއެވެ. ކުށެއްކުރެވިފައިވާނަމަ ލަދުން ނުހުރެ މާފަށް އެދުމަކީ އެންމެ ރަނގަޅު ގޮތެވެ. ކުރަންޖެހޭ ކަންތައްތައް ފަހަން ބަހައްޓަން ހަދައިގެން ނުކުރެވިދާނެއެވެ. ވަގުތު ފާއިތުވެދާނެއެވެ. މާތް ﷲ ގެ އިރާދަ ފުޅާއެކު އޭނާއަށް ވެސް އެވަނީ ތެދު މަގު ލިބިފައެވެ. ގޯސްގޮތާއި ރަނގަޅު ގޮތް ވަކިކުރެވޭހާ ޤާބިލްކަން އޭނާގެ ސިކުނޑިއަށް މާތް ﷲ ވަނީ ދެއްވަވާފައެވެ. ބުއްދީގެ ނިއުމަތް އިންސާނުންނަން ދެއްވާފައިވަނީ ހެޔޮގޮތުގައި ބޭނުން ހިފުމަށެވެ.

އިޒިއަންއަށް ޓަކައި ތަނާހާ ހެޔޮ ދުޢާކުރިއެވެ. އަނާލްއާއި އިޒިއަންގެ ދިރިއުޅުމުގެ ހުޅުކޮޅު ދިއްލޭތޯ އިޙްލާސްތެރިކަމާއެކު ހިތުގެ އަޑިން ދުޢާކުރެވުނެވެ. ރަނގަޅު މުސްލިމެއްގެ ސިފައަކީ ތިމާއަށް ލިބޭ އުފާ އަނެކަކަށް ވެސް ލިބުން އެދެވުމެވެ. ބޮޑާވެ ކިބުރުވެރިވުމެއް ނޫނެވެ. މިއީ ވަގުތީ ގޮވައްޗެކެވެ. އިމްތހާނެކެވެ. ދާއިމީ ތަނަކީ އާޚިރަތެވެ.

ތަނާހާ އެތައް ވާހަކައެއް ދެއްކިއެވެ. އިޒިއަންގެ ހިތުގައި ތަނާހާ އާއި މެދު އުފެދިފައި އޮތް ކިލަނބުކަން އޭނާ ސާފުކޮށްލައިފިއެވެ. މީހަކު ތެދުވެރި ހިތަކުން މާފަށް އެދެފިނަމަ އެންމެ ރަނގަޅު ގޮތަކީ މާފުކުރުމެވެ. މުޖްތަމައުގެ ހަމަހިމޭންކަމާއި އަމާންކަން ދެމި އޮންނާނީ އޭރުންނެވެ. އިޒިއަން ވެސް ގެއާ ދިމާލަށް ހިނގައިގަތީ އަދިވެސް އެއްފަހަރު ފަހަތް ބަލާލާ ތަނާހާއަށް ނަޒަރެއް ދެމުންނެވެ. ތަނާހާއަށް އައި ބަދަލުން އިޒިއަން އުފާވިއެވެ. އެހެންހުރިއިރު ޒަހްވާގެ މަތިންވެސް ހަނދާންވިއެވެ. ތަނާހާއެކޭ އެއްގޮތަށް ޒަހްވާއަށް ވެސް ހެޔޮ ވިސްނޭނެނަމަ ކިހާ ރަނގަޅުހެއްޔެވެ؟.

ތަނާހާއަށް ހެޔޮވިސްނުން ވިސްނުނީތީ އިޒިއަން ހަގީގަތުގައިވެސް އުފާކުރިއެވެ. އޭނާ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. ގެއަށް ގޮސް ފެންވަރާ ހަދާލައިގެން އޭނާ ޖައްސާލިތަނާ ނިދިއްޖެއެވެ. ހޭލެވުނީ އަސުރު ނަމާދު ބަންގީގެ އަޑަށެވެ. މޯޅިއަކަށް ދެމިލަމުން އިޒިއަން ތެދުވިއެވެ. އެއަށްފަހު ފާހާނާއަށް ވަދެ ފެންވަރާ ތާޒާ ވެލައިގެން އޭނާ ނުކުތީ މިސްކިތަށް ދާށެވެ. މިސްކިތަށް އަރަންވެގެން އުޅުނު ވަގުތު އޭނާގެ ލޮލުގައި އަޅައިގަތް މީހެއްގެ ސަބަބުން ހުއްޓުން އަރާ ގޮތްވިއެވެ. ކިތަންމެ ދުވަހެއްވިޔަސް އޭނާއަށް ދުވަހަކު ނޯޅޭނެ މީހަކު ފެނުމުން އިޒިއަންގެ ދެލޯ ބޮޑުވިއެވެ.

މަޑުމަޑުން އެމީހެއްގެ ނަން އޭނާގެ ދުލުން ބޭރުކޮށްލެވުނެވެ.

އެމީހުންނަށް މަސްތުވާތަކެތި ފޯރުކޮށްދިން އެމީހުންގެ ބޮސް އެގޮތަށް މިސްކިތުގެ ތެރެއިން ފެނުމުން އޭނާގެ ހިތަށް ތަފާތު ޝުއޫރުތައް ވެރިވިއެވެ. މާތް ﷲ ކުޅަދުންވަންތައެވެ. ކިތަންމެ ގޯސްކޮށް އުޅުނު މީހެއްވިޔަސް އެކަލާނގެ އިރާދަކުރައްވައިފި މީހަކަށް ތެދު މަގު ދައްކަވާނެއެވެ. އެމީހަކަށް ވެފައި ހުރި ގޮތުން އިޒިއަން މާބޮޑަށް ހައިރާންވިއެވެ.

ބަސީމް ފެނުމުން އެހެންޏާ ނުވާ ގޮތަކަށް އިޒިއަން ހާސްވީ އެއީ ދީމްގެ ބައްޕަކަން ހިތަށް އެރުމުންނެވެ. ނޭނގޭ އުދަގުލެއް އޭނާއަށް ވިޔެވެ. ދީމްއަށް ވެސް ކޮންމެވެސް ދުވަހަކުން އެ ހަޤީގަތްވެސް އެނގެން ޖެހޭނެތާއެވެ.

"ބަސީމް" އިޒިއަންއަށް ހިތާ ހިތުން ކިޔާލެވުނެވެ. ބަސީމްއަށް ހިނގުމުގައި އެތަކެއް އުނދަގުލެއް ހުރިކަން އިޒިއަންއަށް ދެނެގަނެވުނެވެ. ހަމައެއާއެކު އެއްފަރާތުން ވާގިނެތްކަން ދެނެގަންނަން އޭނާއަށް އުނދަގުލެއް ނުވިއެވެ. އިޒިއަން ތުންފަތުގައި ދަތް އަޅާލިއެވެ. ކުރެވުނު ކުށަށް ތައުބާވީތީ އިޒިއަން އުފާކުރިއެވެ. އޭނާ ﷲ އަށް ޙަމްދުކުރިއެވެ. އޭނާ އުންމީދުކުރަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ހުރިހާ ޒުވާނުން ހިތްވަރާއެކު އެކަމާ ކުރިމަތިލާ އޭގެން ސަލާމަތް ވުމަށެވެ. ހިތްވަރެއްހުރިއްޔާ އެކަމެއް ވާނެކަން އޭނަވެސް ސާބިތުކޮށްދީފިއެވެ. ބަސީމް ފެނުމުންވެސް ބަސީމް ކައިރިއަށް ދާކަށް އިޒިއަން އަކަށް ނުކެރުނެވެ. ގޮސް ގޮވާލާ ހެޔޮމަގަށް އަނބުރާ އައީތީ މަރްހަބާ ކިޔަން ބޭނުންވިއެވެ. ގާތުގައި ބަސީމްގެ ގައިގައި ހިފައްޓާލައިގެން ހުރި ޒުވާން ފިރިހެން ކުއްޖާ ފެނި އިޒިއަންއަށް ވެސް ހިނިތުންވެވުނެވެ.

ނަމާދުކޮށްހަދާލައިގެން އޭނާ މިސްކިތުން ފައިބަނިކޮށް ބަސީމް ގޮވާލި އަޑު އިވުނެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ބަސީމްއާ ދިމާލަށް އެނބުރުނެވެ. ބަސީމް އެ ޒުވާން ފިރިހެން ކުއްޖާގެ އެހީތެރިކަމާއެކު ފަހަރަކު ސިޑިއަކުން ފައިބަން ފެށިއެވެ. އިޒިއަން ގާތަށް އައިސް ހުއްޓި އޭނާ އިރުކޮލަކު އިޒިއަންއަށް ބަލަން ހުއްޓެވެ. ވާހަކަ ދައްކަން އަނގަ ހުޅުވާލުމަށްފަހުވެސް ބަސީމް އަނގަ ލައްޕާލީ އުނދަގޫވެފައިވާ ފަދަ ގޮތަކަށެވެ.

ދެވަނަ ފަހަރު އޭނާ އަނެއްއަތުން އިޒިއަންގެ ކޮނޑުގައި ހިފައްޓާލިއެވެ.

"އިޒިއަން... ބޭބެއަށް .... މާފު ކުރޭ" އަނގަ އެއް އަރިއަކަށް ގޮސް އިނުމުގެ ސަބަބުން ބަސީމްއަށް ވާހަކަ ދެއްކުން އުނދަގޫވިއެވެ. އޭނާ ކީ އެއްޗެއްވެސް މާ ރަނގަޅަށް ސާފެއްނުވިއެވެ. އެހެންކަމަށް ވުމާއެކު އެ ކީއެއްޗިސްވެސް އިޒިއަންއަށް ދެނެގަނެވުނީ އުނދަގުލުންނެވެ.

"ބޭބެ. އެތައް ޒުވާން ކުދިންނެއް... ހަލާކުކުރިން. އެ ވަބައިގައި ޖައްސައިގެން...... އެކުދިންގެ..... ދިރިއުޅުން ހަލާކުކުރިން... އެތައް ކުދިންނަކަށް ވިއްކާ...... އެކުދިންގެ މުސްތަގްބަލް ބަނަކޮށްލިން. އޭރު ލާރި ހޯދަން ބޭބެއަށްވެސް ފެނުނު އެންމެ ރަނގަޅުކަމަކީ އެއީ...... އެކަމަކު މިއަދު ބޭބެ...... އެކަމާ ލަދުވެތި ވެ ހިތާމަކުރަން. ބޭބެ ކުރި ކުށުގެ ޝަޒާ..... ދުނިޔޭންވެސް ބޭބެއެއް ދައްކަވައިފި. ޖެހުނު ޝޮކުގެ ސަބަބުން ބޭބެގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެ. އެކަމު މިއަދު ބޭބެ ދެރައެއް ނުވޭ. ބޭބެއަށް މި ދިމާވި ކަންތައްވީ ހެޔޮ މަގު ލިބުމަށް ދިމާވި ސަބަބެއްކަމުގައި. ދުނިޔެއަށް ގޮސް ގެއްލި.... ހުސްވެފައި ހުރިނަމަވެސް މިހާރު އާޙިރަތަށްޓަކައި މަސައްކަތްކުރާ މީހެއް ކަމުގައި ބޭބެވެއްޖެއިން...... ބޭބެގެ ފަރާތުން އެތައް ބަޔަކަށް އަނިޔާތަކެއް ލިބިއްޖެ. އެ އެންމެންގެ ކިބައިން މާފަށް އެދެން ބޭބެ ބޭނުން." އިޒިއަންއާ ވާހަކަ ދެއްކިއިރު ބަސީމްގެ ދެލޮލުން ކަރުނަ އޮހޮރެއެވެ. އެ ދެލޮލުން އޮހޮރެނީ އުފާވެރިކަމުގެ ކަރުނަކަމެއް ނޫނީ ހިތާމައިގެ ކަރުނަކަމެއް ދެނެގަންނާކަށް އިޒިއަންއަކަށް ނޭނގުނެވެ. އެހެނީ އެ އަޑުގައި އުފާވެރިކަމެއްވީހެންވެސް އިޒިއަންއަށް ހީވަނީއެވެ.

"ބޭބޭ. އަހަރެން ބޭބެއަށް މާފުކޮށްފިން. ބޭބެއަށް ހެޔޮ ވިސްނުނީތީ އަހަރެން އުފާކުރަން. އަހަރެންގެ ހިތުގައި ބޭބެއާ މެދު އެއްވެސް ބުރަކަމެއް ނެތް. އެއްވެސް ނަފްރަތު ކަމެއް ނެތް. އަހަރެންނަށް ވެސް އެތަކެއް ބައިވަރު ކުށްތަކަކަށް އަރާގަނެވިފައި އެބަހުރި. ތައުބާވުމުން މާތް ﷲ ވެސް ފާފަ ފުއްސަވައިދެއްވާ. އިންޝާ ﷲ. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ. މިހާރު ތިއީ އެ ބަސީމް އެއްނޫން. މުޅިން ބަދަލްވެފައިވާ ބަސީމް އެއް. " އިޒިއަން ބަސީމްގެ ކޮނޑުގައި އަތް ޖައްސާލާ ވާހަކަދެއްކިއެވެ. ގިނައިރު ކޮޅަށް ހުންނަން ދަތިވާކަމަށް ބުނެ ބަސީމް އޭނާގެ ދަރިފުޅާއެކު ހިނގައިގަތީ ބޭރަށް ނުކުންނާށެވެ. ޓެކްސީއަކަށް އަރައިގެން އެމީހުން ދިޔަތަން ބަލަން ހުރި އިޒިއަން ފުންނޭވާއެއް ދޫކޮށްލިއެވެ.

އެހެންހުރެފައި އޭނާ ވެސް ހިނގައިގަތެވެ. އެއާއެކު އޭނާގެ ލޮލުގައި ތަންކޮޅެއް ދުރުގައި އޭނާއަށް ނަޒަރު ހުއްޓާލައިގެން ހުރި އައްމާރު ލޮލުގައި އަޅައިގަތެވެ. އިޒިއަންއަށް އަވަސް އަވަހަށް ދުރުބަލާލެވުނެވެ. އައްމާރުފެނުމުން އޭނާގެ މެއަށް ފިނިވިއެވެ. އޭނާ ހީކުރީ އައްމާރު ކޮންމެވެސް އެއްޗެކޭ ނަމަވެސް ބުނާނެކަމަށެވެ. އެހެންނަމަވެސް އޭނާ އިޒިއަންގެގާތަށް އައުމުގެ ބަދަލުގައި ހިނގައިގަތީ ދުރަށެވެ. ގެއަށް އައިސް ސޯފާގައި ޖައްސާލިހެން ހީނުވެ ގޭގެ ބެލް އަޅާލި އަޑު އިވުނެވެ. އިޒިއަން ގޮސް ދޮރުހުޅުވާލިއެވެ. ކިނާން ފެނިގެން އޭނާ ދެބުމަ އަރުވާލިއެވެ. އިޒިއަންގެ މޫނުމަތިން ފެނުނު އަސަރުތައް މާނަ ކުރަން ނޭނގި އުޅެނިކޮށް އިޒިއަން ވާހަކައެއް ބުނަން ވެއްޖެޔޭ ބުނެލިއެވެ. އެއާއެކު ކިނާންވެސްބޯ ޖަހާލަމުން އައިސް ސޯފާގައި އިށީނެވެ. އިޒިއަން ވެސް އައިސް ކުރިމަތީ ހުރި ސޯފާގައި އިށީންނަންމުން ކިނާންއަށް ނަޒަރު ހުއްޓާލިއެވެ.

"މިއަދު އެމީހާ އާ ދިމާވެއްޖެ" އިޒިއަން ވާހަކަ ފެށިއެވެ.

"ކާކާ؟" ކިނާން ސުވާލުކޮށްލިއެވެ.

"ނާނު. ދީމްގެ ބައްޕައާ މިއަދު ދިމާވެއްޖެ. އޭނަ ވަރަށް ތަފާތު. އޭނައަށް ވެސް މިހާރު ހެޔޮ ވިސްނުން ލިބިއްޖެ. އިނގޭތަ؟ އަހަރެންނާ އޭނަ ދިމާވީ ކޮންތާކުންކަން. މިސްކިތުން. އަހަރެން އުފާކުރަން އޭނައަށް ހެޔޮވިސްނުން ދެއްވީތީ. ލިބުނު ޝޮކުގެ ސަބަބުން މީހާއަށް ހިނގުމާ ވާހަކަ ދައްކަން އުނދަގޫވެ ވަރަށް ބަލިވެފައ ހުރީ. އެއްފަޅިން ވާގިނެތިފަ ކަހަލަ ގޮތަކަށް." އިޒިއަން ވާހަކަ ދެއްކިއެވެ. އެމީހަކު ހުރިގޮތް އޭނާ ކިނާންއަށް ސިފަކޮށްދިނުމާއެކު ކިނާންގެ ސިކުނޑިއަށް ބަސީމްގެ ސޫރަ ފްލޭޝް ވެލިއެވެ. އެހެންނަމަވެސް އޭނަ އެހެންވާނީ ކިހިނެތްހޭ ހިތާ އިޒިއަންއާ ސުވާލުކޮށްލިއެވެ.

"ކޮން ނަމެއް އޭނާއަށް ކިޔަނީ؟ ދޮންބެއަދިވެސް އޭނާގެ ނަމެއް ނުބުނަމެއްނު" ކިނާންގެ ހިތް އަވަސްވިއެވެ. އިޒިއަންގެ ޖަވާބަކަށް އޭނާއަށް އިންތިޒާރުކުރެވުނީ ކެތްތެރިކަން ކުޑަވެފައި އިންފަދަ ގޮތަކަށެވެ.

"ބަސީމް" ވިސްނުމަކަށް ގެއްލިފައި އިންކަހަލަ ގޮތަކަށް އިނދެފައި އިޒިއަން ބުނެލިއެވެ. އެއާއެކެ ކިނާންއަށް ލިބުނީ ޝޮކެކެވެ.

"ވަޓް" ކިނާންއަށް ބާރަށް ބުނެވުނެވެ. ދެވަނަ ސިކުންތުގައި އޭނާއަށް ފުންމައިގެން ސޯފާއިން ތެދުވެވިއްޖެއެވެ. އިތުރަށް ޔަގީންކުރަންވެގެން އޭނަ ފުރިހަމަ ނަންބުނެގެންވެސް ޔަގީންކުރިއެވެ.

އޭނަ ފަރުވާ ކުރަމުންދާ ބަސީމްއަކީ ދީމްގެބައްޕަހެއްޔެވެ؟ ތަޤުދީރު މި ކުރަނީ ކޮންފަދަ ސަމާސާއެއްހެއްޔެވެ؟

"ކިހިނެތްވީ ކިނާން" ކިނާންއަށް ވީ ގޮތުން އިޒިއަން އަސް ވެސް ހައިރާން ކަމާއެކު އަހާލެވުނެވެ.

"އޯމައި ގޯޑް ދޮންބޭ" ކިނާން ފަށައިގެން ހުރިހާ ވާހަކައެއް އިޒިއަންއަށް ކިޔައިދިނުމާއެކު އިޒިއަންއަށް ވެސް ލިބުނީ ޝޮކެކެވެ.

ހަގީގަތް އެނގުމަށްފަހު ކިނާންގެ ބޮލަށް ބޮޑު ބުރައެއް އިތުރުވިފަދައެވެ. އޭނާ ފަރުވާދެމުންދާ ބަސީމް އަކީ ކާކުކަން އެނގުމުން ދީމްއަށް ވާނީ ކިހިނެއްހެއްޔެވެ؟

*****

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދެއެވެ. ދާރިޔާގެ މަންމަ ދާރޔާ އިތުރު މީހަކާ އިނުމަށް ބާރުއަޅަމުން ދިޔުމުގެ ސަބަބުން ދާރޔާ މިދުވަސްކޮޅު ހުންނަނީ ބޯގޮވާފައެވެ. އޭނާ ތައްޔާރެއްނޫނޭ ބުނާ ކޮންމެ ފަހަރަކު މަންމަ ބުނަނީ އިނުމަށްފަހު ހުރިހާކަމެއް ވެސް ހައްލުވާނެކަމުގައެވެ. އެހެންނަމަވެސް ދާރިޔާ ބިރުގަނެއެވެ. ޝާހީންގެ ލޯބި އޭނާގެ ހިތުން ފޮހެވިދާނެހެއްޔެވެ؟ އަނެއްކޮޅުން މިހާރު ޝާހީންގެ ފަރާތުން އޭނާއަށް ހާއްސަ ގާތްކަމެއް ބަހައްޓާކަން ފާހަގަ ކުރެވޭތާވެސް ދުވަސްކޮޅެއް ވެއްޖެއެވެ. އެކަމާވެސް ދާރިޔާއަށް ވިސްނެއެވެ. ނޭނގިނަމަވެސް އޭނާއަށް ޝާހީންގެ ފަރާތުން އުންމީދުތަކެއް ކުރެވެން ފަށައިފިއެވެ. އެހެންނަމަވެސް ދާއިން އަކީ އެއާއިލާގެ މީހަކަށް ވުމާއެކު ޝާހީން އޭނާއާ ގުޅެން ދުވަހަކު އެއްބަސް ނުވާނޭ އޭނާއަށް ހީވަނީއެވެ.

ދާރިޔާ އޮތީ ވިސްނާށެވެ. ނިދާ ގަޑީގައި އަބަދުވެސް އެފަދަ ހިޔާލްތަކެއް އޭނާގެ ސިކުނޑީގައި ދައުރުވަމުންދެއެވެ. މަންމަ އެދެނީ އެހެން މީހަކާ އިންނާށެވެ. އޭނާއަށް ވެސް ބައެއް ފަހަރު އެކަމާ ވިސްނެއެވެ. އަބަދަކު ޝާހީންގެ އިންތިޒާރުގައިވެސް ނުހުރެވޭނެތާއެވެ. އޭނާވެސް ކޮންމެވެސް ދުވަހަކުން ހަޔާތެއް ފަށަން ޖެހޭނަކަމަށް މަންމަވެސް އަބަދު ވިސްނައިދެއެވެ. ޝާހީންއެއް ދެން އޭނާގެ ދިރިއުޅުމަކަށް ނާންނާނެޔޭ މަންމަ ބުނާނެއެވެ. ދާރިޔާގެ ލޮލުން އެއްވެސް އިޚްތިޔާރެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ.

އޭނާ ސިހުނީ ޝާދު ކުކުރާ ލުމުންނެވެ. ކުޑަކޮށް ތެދުވެލާ އޭނާ ޝާދުއަށް ބަލާލިއެވެ. މިއޮއްފަދަ ފިނީގައިވެސް ޝާދުގެ ކަރުދޮށް އޮތީ އެކީ ދާހިތްލާ ފޯވެފައެވެ. އޭނާ ހާސްވިއެވެ. ރަޖާގަނޑު އެއްފަރާތް ކޮށްލަމުން ޝާދުގެ ކަރުދޮށުގައި އަތް ލިޔެވެ. އޭނާއަށް އަތް ދުރަށް ޖައްސާލެވުނީ ޝާދު ހޫނުކަމުންނެވެ. މިރޭވެސް ކުޑަކޮށް ހުންވައްތަރު ވެފައި ހުއްޓާ އޭނާ ޝާދު ނިންދެވީވެސް ބޭސް ދީފައެވެ. ބޭސްދީފައި އޮއްވާ މިހާ ހުންގަދަވުމުން އޭނާ ހާސްވިއެވެ.

މަންމައަށް ގޮވާ ކޮޓަރިއަށް ގެނެސް އޭނާ އަވަސްއަވަހަށް އެއްޗެހި ބަދަލުކުރީ ޝާދު ގޮވައިގެން ހޮސްޕިޓަލަށް ދާށެވެ. އޭރުވެސް ޝާދުގެ ގައިގައި އާމިރާ ދިޔައީ ހުއްޓާނުލާ ފެންއުނގުޅަމުންނެވެ. ޝާދުގެ ކުކުރުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭރު އަދި ރޭގަނޑު އަށެއްޖަހަނީއެވެ. އަވަސް އަވަހަށް ބުރުގާ އަޅާލަމުން އޭނާ އާމިރާ ގާތަށް އައިސް ހުއްޓެވެ. އޭރު ނަސީމް އާއި ދާއިންވެސް އައިސް ހުއްޓެވެ. ޝާދު ހޮސްޕިޓަލަށް ހަމަ ގެންދެވުމާއެކު ވަގުތުން އެޑްމިޓް ކުރެވުނެވެ. ޓެސްޓްތައް ކުރަން ލޭނެގުނެވެ.

ދާރިޔާ ދަރިފުޅާ އެންމެ ވަގުތަކުވެސް ވަތްކެއްނުވިއެވެ. އައިވީ ގުޅާފައި ބޭއްވުމުން އޭނާ ރޫމެއް ބުކް ކުރިއެވެ. ޝާދު ގެންދެވުނީ މިހާރު ދާރިޔާ މަސައްކަތް ކުރާ ހޮސްޕިޓަލަށެވެ. ކީޓޮޕްއެމް މެމޯރިއަލް ހޮސްޕިޓަލަށެވެ. ޝާދުއަށް ނިދުމާއެކު އޭނާ ޝާހީންއަށް ގުޅަން ހަނދާންވީ ދެނެވެ. އޭނާވެސް ހާސްވެފައި ހުރިވަރުން ހަނދާން ނެތުނީއެވެ.

ޓެރެސްގައި މަޑުކޮށްލައިގެން ދާރިޔާގެ ހިޔާލުގައި ހުރި ޝާހީންގެ ފޯން ރިންގު ވުމާއެކު އޭނާ އެ ފޯން ނަގާ ބަލާލިއެވެ. ދާރިޔާ ގުޅުމުން އޭނާ ހިސާބަކަށް ހައިރާންވިއެވެ. ދާރިޔާ އަކީ އެއްއިރެއްގައިވެސް ރޭގަނޑުގެ ވަގުތެއްގައި ގުޅާ މީހެއްނޫނެވެ. އެހެންކަމުން އޭނާ ފޯން ނެގިއެވެ. އެކޮޅުން ދާރިޔާ ބުނެލި ވާހަކައިން އޭނާގެ ހާސްކަން އިތުރުވެ ހޮސްޕިޓަލަށް ދިޔުމަށް ނައްޓާލިއެވެ.

ދާރިޔާ ޝާދު އޮތް އެނދުގެ އެއްފަރާތުގައި މަޑުކޮށްލައިގެން އިން އިރު އޭނާގެ ކައިރީގައި ހުރި އަނެއް ގޮނޑީގައި އާމިރާ އިނެވެ. ދާއިންއާއި ނަސީމް ތިބީ ސޯފާގައެވެ.

"ދަރިފުޅާ. ދެން ހަމަ މީހަކާ އިންނަ ހިޔާލެއް ނުކުރަންތަ؟ ދަރިފުޅު އެކަނި މުޅި އުމުރު ދުއްވާލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނޭ. މަންމަގެ ރައްޓެއްސަކުގެ ފިރިހެން ދަރިފުޅަށް އިންނާނެ ކުއްޖަކު އެމީހުން އެބަ ހޯދާ. ދަރިފުޅަށްވެސް އެނގޭނެ ލީވާން. ނުލާހިކު ރަނގަޅު ކުއްޖެއް އެއީ. ޝާދުއަށްވެސް އެހީވާނެ. އެމީހުންގެ މައްސަލައެއް ނެތް ދަރިފުޅުގެ ދަރިއަކު ހުއްޓަސް. " އާމިރާ ވާހަކަ ދެއްކިއެވެ. ދާރޔާ އިސްޖަހާލިއެވެ. އެތެރެއަށް ވަތް ޝާހީންގެ ކަންފަތުގައި އެ އަޑު ޖެހުމާއެކު ބޭއިޚްތިޔާރުގައި އޭނާއަށް ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ. ނޭނގޭ ޖަޒުބާތުތަކެއް ދައުރުވިއެވެ. އެނދާ ވީ ދިމާލުގައި ފޮތިގަނޑެއް ދަމާފައި ހުރުމުން ދާރިޔާމެންނަށް އޭނާއަށް ނުފެންނާނެއެވެ.

"މަންމާ އަހަރެން ވެސް ވިސްނަން އެބަ ތިކަމާ. އެނގޭ އަބަދަކު މިހެން ޝާހީންގެ އިންތިޒާރުގައި ނުހުރެވޭނެކަން. އަހަރެންނަކީ ވެސް އަދި ޒުވާން ކުއްޖެއް. ބިރުގަންނަނީ. އަހަރެންގެ ހިތުން ޝާހީންއަށް ދެވިފައިވި މަޤާމް އެހެންމީހަކަށް ނުދެވިދާނެތީ. އަނެއްކޮޅުން ޝާދު. " ދާރިޔާގެ އަޑުވެސް އޭނާގެ ކަންފަތުގައި ޖެހުނެވެ. ފުރަތަމަ ފަހަރަށް ދާރިޔާ މުޅި އުމުރަށް އޭނައަށް ގެއްލިދާނެކަމުގެ ހިޔާލުން އެކަނިވެސް އޭނާގެ މޭގައި ރިހުމެއް އުފެދިއްޖެއެވެ.

(ނުނިމޭ...)

https://sun.mv/119447

comment ކޮމެންޓް