ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެ ކުލަބު ދޫކޮށް ޗައިނާގެ ކުލަބަކަށް ބަދަލުވާން ބޭނުން ކަމަށް ބުނެ ރެއާލްގެ ރައީސް ފިއޮރެންޓީނޯ ޕެރޭޒްއާއި ބައްދަލު ކޮށްފި އެވެ.
ނިމިގެން މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް ލިބުނު ބޮޑު ނާކާމީޔާބީއާ އެކު އެ ޓީމަށް ބޮޑެތި ބަދަލުތަކެއް ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން ގެންނާނެ ކަމަށް ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފައިވާ އިރު އެ ޓީމުން ދަނީ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އެ ޓީމަށް ގެނެވޭތޯ މަސައްްކަތް ކުރަމުންނެވެ.
އެގޮތުން ޗެލްސީގެ ފޯވާޑް އެޑެން ހަޒާޑާއި މެންޗެސްޓާ ޔުނައިޓެޑުގެ ޕޯލް ޕޮގްބާގެ އިތުރުން ޕީއެސްޖީގެ ނޭމާ އަދި އެމްބާއްޕޭ ގެންނަން ވެސް ރެއާލުން ވަނީ މަސައްކަތް ފަށައިފަ އެވެ. އަދި ކުޅުންތެރިން ގެންނަން ބޭނުންވާ ފައިސާ ހޯދުމަށް ޓީމުގައި މިވަގުތު ތިބި ބައެއް ކުޅުންތެރިން ވިއްކާލާނެ ކަމުގެ އިޝާރާތެއް ވެސް އެކުލަބުން ވަނީ ކޮށްފަ އެވެ.
ބެލެވޭ ގޮތުގައި ގެރެތް ބޭލްއާއި އިސްކޯ އަދި ކޭލާ ނަވާސް ވެސް އަންނަ ސީޒަނުގައި ރެއާލަކުން ނުފެންނާނެ އެވެ. ނިމިގެން މިދިޔަ ސީޒަނުގައި ތިން ފަހަރަށް ކޯޗު ބަދަލު ކުރުމުން ވެސް ރެއާލަށް ކުރިއެރުމެއް ލިބިފައި ނުވާ އިރު އެ ކުލަބުގެ ރައީސް ވަނީ އަންނަ ސީޒަނުގައި އެ ކުލަބަށް ކުޅުންތެރިން ގެނައުމަށް ބޮޑު ބަޖެޓެއް އެކުލަވާލާނެ ކަމަށް ވެސް ބުނެފަ އެވެ.
ނަމަވެސް ޕެރޭޒް ބުނީ ޓީމުގެ ކެޕްޓަން ރާމޯސް ކުލަބު ދޫކޮށްލަން ނިންމި ނިންމުމަކީ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދި ހިލޭ އޭނާ ޗައިނާގެ ސުޕާ ލީގުގެ ކުލަބަކަށް ނުފޮނުވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
"ރާމޯސް އާއި އޭނަގެ އެޑްވައިސަރު އައިސް އަހަރެންނާ ބައްދަލުކޮށް ބުނީ ޗައިނާ ގެ ކުލަބަކަށް ބަދަލުވާން ބޭނުން ވާހަކަ. އޭނާ ބުނީ ޗައިނާގެ ޓްރާންސްފާ ކަންތައްތައް އުނދަގޫ ވުމުން ޓްރާންސްފާ ފީއެއް ނުނަގާ ވޭތޯ ބަލައިދިނުމަށް،" ޕެރޭޒް ބުންޏެވެ.
"އެކަމަކު ޓީމެއްގެ ކެޕްޓަން ހިލޭ އެހެން ކުލަބަކަށް ދޫ ނުކުރެވޭނެ. އަހަރެން އޭނަ ގާތު ވެސް އެވާހަކަ ބުނިން."
ރާމޯސް ރެއާލް މެޑްރިޑާއި ގުޅުނޫ 2005 ވަނަ އަހަރެވެ. އޭގެ ފަހުން އެކުލަބުން ހޯދި ބޮޑެތި ކާމިޔާބީތަކުގައި އޭނާގެ ހިއްސާ ބޮޑެވެ. ރަމޯސް އެކުލަބާ އެކު އެންމެ ފަހުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ބާކީ އަދި ދެ އަހަރު އެބަ އޮތެވެ.