ބަޔާން މިއުނިކުގެ ދެ ލެޖެންޑުން ކަމަށްވާ ފްރޭންކް ރިބެރީއާއި އާޔެން ރޮބެން އެ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެން އެ ދެ ކުޅުންތެރިން ނެތްތަން ފޫބެއްދުމަށް އެންމެ އެކަށީގެންވާ ކުޅުންތެރިއަކީ މެންޗެސްޓާ ސިޓީގެ ވިންގް ލިރޮއީ ސާނޭ ކަމަށް ކުލަބުގެ ޗެއާމަން ކާލް ހައިންޒް ރުމެނިޖް ބުނެފި އެވެ.
މެންޗެސްޓާ ސިޓީއާ އެކު ވޭތުވެ ދިޔަ ދެ އަހަރު ވެސް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރި ސާނޭ ހޯދުމަށް ބަޔާނުން މަސަައްކަތް ފަށާފައިވާ އިރު އޭނާގެ ސިޓީ ކޮންޓްރެކްޓް ހަމަވާން ބާކީ އަދި ދެ އަހަރު އެބަ އޮތެވެ. ސާނޭ ސިޓީއާ ގުޅުނީ 2016 ވަނަ އަހަރު ޖަރުމަނުގެ ޝާލްކޭއަށް ކުޅުމަށް ފަހު އެވެ.
ބަޔާންއިން ފަހުގެ ތާރީހުގައި ހޯދި ބޮޑެތި ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާ ކުރި ދެ ކުޅުންތެރިން ކަމަށްވާ ރޮބެންއާއި ރިބެރީ ވަނީ މި ސީޒަން ނިމުމަށް ފަހު އެ ކުލަބު ދޫކޮށްލާނެ ކަން އިއުލާން ކޮށްފަ އެވެ. އެއްފަހަރާ މުހިއްމު ދެ ކުޅުންތެރިން ޓީމު ދޫކޮށްލުމާ އެކު އެތަން ފޫބެއްދުމަކީ ބަޔާން އިން ކުރިއަށް އޮތް ޓްރާންފާ މާކެޓުގެ އެންމެ ބޮޑު އަމާޒެވެ.
ބަޔާންގެ ޗެއާމަން ރުމެނިޖް ބުނީ އެ ކުލަބުން އެންމެ ގެންދަން މިހާރު ބޭނުންވަނީ ސިޓީގެ ވިންގަކަށް ކުޅޭ ސާނޭ ކަމަށެވެ.
"އަހަރަމެނަށް އިނގޭ ސާނޭ އަދި ބާކީ ދެ އަހަރުގެ ކޮންޓްރެކްޓެއް ސިޓީއާ އެކު އޮތް ކަން. އެ ކުލަބަކީ އެހެން ކުލަބަކުން އަދި އެދުނަސް ކުޅުންތެރިން ދޫ ކުރާނެ ކުލަބެއް ނޫން،" ބަޔާންގެ ޗެއާމަން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.
"މިއީ ވަރަށް ވެސް އުނދަގޫ ކަމެއް. މިކަން ވާނީ ކުޅުންތެރިޔާއަށް ބަޔާންއާ އެއްކޮށް ކުޅުމުގެ ބޭނުންތެރި ކަމާ ލިބޭނެ ހިތްހަމް ޖެހުން ވިސްނައިދީގެން،"
ފްރާންސްގެ ދެ ކުޅުންތެރިން ކަމަށްވާ ބެންޖަމިން ޕަވާޑާއި ލޫކަސް ހަނަންޑޭޒް ވެސް ވަނީ އަންނަ ސީޒަނުގައި ބަޔާނާއި ގުޅެން ނިންމާފަ އެވެ. ނަމަވެސް އެ ދެ ކުޅުންތެރިންނަކީ ވެސް ޑިފެންޑަރުން ކަމަށް ވެފައި ވިންގަށް ކުޅޭނެ ފެންވަރު ރަނގަޅު ކުޅުންތެރިއަކު އެ ޓީމަށް ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ވަނީ ބުނެފަ އެވެ.
"ރޮބެންއާއި ރިބެރީ ނެތްތަން ފޫބެއްދޭނެ ފެންވަރުގެ ކުޅުންތެރިއެއް ސާނޭ އެއީ. އޭނާ މި ކުލަބާއި ގުޅިއްޖެ ނަމަ އޭނާއަށް ވެސް ބޮޑެތި ފައިދާ ތަކެއް ވާނެ."