ހުޅުމާލޭގައި ކުޑަދެކުދިންނާ ބެހިގެން 19 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 01:00 އެހާކަންއިރު ހަ އަހަރުގެ ފިރިހެން ކުއްޖަކަށާއި އަށް އަހަރުގެ ފިރިހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލާގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރު ކުރީ ރޭ ދަންވަރު 2:48ގައި ހުޅުމާލެ އިން ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

ކުޑަ ކުދިންނާ ބެހުނު މީހާ ހިފަހައްޓައި ރައްޔިތުންގެ ތެރެއިން ބަޔަކު ރޭ ވަނީ އެމީހާ ގަން ހިންގުވައިފަ އެވެ. އަދި ކުޑަކުދިންނާ ބެހުނު ކަމަށް އެމީހާ އިއުތިރާފުވާ ވީޑިއޯ އެއްވެސް ވަނީ އާންމުވެފަ އެވެ.

ހަ އަހަރުގެ ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ އަނިޔާ ލިބިގެން އެ ދެކުދިންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ ފަރުވާ ވެސް ދީފަ އެވެ.

މިދިޔަ ހަފްތާގައި ވެސް ރާއްޖޭގެ ދެކުނުގެ ރަށެއްގައި ދެ ބެއިންވެގެން ކުޑަ އަންހެން ކުއްޖަކާ ބެހުނު މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެ ކުޑަ އަންހެންކުއްޖާ އާ ބެހިގެން ކުއްޖާގެ މަންމަގެ ކުރީގެ ލޯބިވެރިޔާ، 71 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

comment ކޮމެންޓް