ހަތް ބޭފުޅަކު އިނގިރޭސި ބޮޑުވަޒީރު ކަމަށް ވާދަކުރައްވަނީ

ލަންޑަން (މޭ 24) : އިނގިރޭސި ބޮޑުވަޒީރު ތެރެސާ މޭ އަންނަ މަހުގެ 7 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައި އެކަން އިޢްލާން ކުރައްވާފައިވާ އިރު އިނގިރޭސި ބޮޑުވަޒީރުކަން ބޭނުންވެގެން ކޮންޒަވެޓިވް ޕާޓީގެ ތެރޭހައި އެކަމަށް ވާދަކުރައްވާ ހަތް ބޭފުޅަކު އެބަތިއްބެވި އެވެ.

އެބޭފުޅުންނަކީ ކުރީގެ ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން (54 އަހަރު) އާއި މިހާރުގެ ޚާރިޖީ ވަޒީރު ޖެރިމީ ހަންޓް (52 އަހަރު) އާއި ކުރީގެ ބްރެކްސިޓް އާބެހޭ ވަޒީރު ޑޮމިނިކް ރާބް (45 އަހަރު) އާއި މިހާރުގެ ތިމާވެއްޓާ ބެހޭ ވަޒީރު މައިކަލް ގޯވް (51 އަހަރު) އާއި މިހާރުގެ ދާޚިލީ ވަޒީރު ސާޖިދު ޖާވިދު (49 އަހަރު) އާއި ޕާލަމެންޓްރީ ގުޅުންތަކާބެހޭ ވަޒީރާ އެންޑްރިޔާ ލިސްޑޮމް (56 އަހަރު) އާއި ހައުސް އޮފް ކޮމަންސްގެ މެންބަރެއްކަމަށް އަމްބާ ރުޑް (55 އަހަރު) އެވެ.

1- ބޮރިސް ޖޯންސަން (54 އަހަރު) : ބޮރިސް ޖޯންސަން އަކީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް ކޮންޒަވެޓިވް ޕާޓީގެ ތެރޭގައި އެންމެ ބޮޑަށް ވަކާލާތުކުރި ކޭންޕްގެ އިސް މޭސްތިރިއެވެ. ބްރެކްސިޓްގެ ފެންނަ ނުފެންނަ ވޯޓު ކާމިޔާބުވުމުން އިނގިރޭސި ޚާރިޖީ ވަޒީރުކަމަށް އޭނާ ޢައްޔަން ކުރެވުނެވެ. ނަމަވެސް ބްރެކްސިޓްގެ ކަންތައް ކޮޅެއްގައި ނުޖެހި ލަސްވެގެންދިޔުމުން އޭނާ މަގާމުން އިސްތިއުފާ ދެއްވި އެވެ. އޭނާގެ ތާއީދު ކޮންޒަވެޓިވް ޕާޓީގެ ތެރޭގައި މިޙާރު ވެސް ބޮޑެވެ.

2- ޖެރިމީ ހަންޓް (52 އަހަރު) : މިހާރު ޚާރިޖީ ވަޒީރުކަމުގައި ހުންނެވި ޖެރިމީ ހަންޓަކީ ޖަޕާންބަސް ވަރަށް މޮޅަށް ދަނެވަޑައިގަންނަވާ ވިޔަފާރިވެރިއެކެވެ. ހަންޓަކީ އަބަދުވެސް އިނގިރޭސި ބޮޑުވަޒީރުކަމަށް ފައިނަންގަވާ އަދި ބްރެކްސިޓަށްވެސް ތާއީދު ކުރައްވާ ބޭފުޅެކެވެ.

3- ޑޮމިނިކް ރާބް (45 އަހަރު) : ކުރީގެ ބްރެކްސިޓް އާބެހޭ ވަޒީރު ޑޮމިނިކް ރާބް އަކީ ކޮންޒަވެޓިވް ޕާޓީގެ ނިއުގާޑުންގެ ތެރޭގައި ހިމެނޭ ލެބެރަލް ފިކުރުގެ ބޭފުޅެކެވެ. ވަރަށް އުންމީދުތައް މަތި ބޭފުޅެކެވެ. ނަމަވެސް ޕާޓީގެ ތެރޭގައި ސަޕޯޓް ބޭސް އަދި ކުޑައެވެ. ބްރެކްސިޓް އާބެހޭ ވަޒީރު ކަމުން މިދިޔަ އަހަރު އިސްތިއުފާ ދެއްވީ ބްރެކްސިޓްގެ ކަންތައްތައް ގެންދާ ގޮތާމެދު ތެރީސާ މޭ އާ ދެބަސްވެވަޑައިގަތުމާ ގުޅިގެންނެވެ.

4- މައިކަލް ގޯވް (51 އަހަރު) : ތިމާވެއްޓާބެހޭ ވަޒީރުކަމުގައި މިހާރު ހުންނެވި މައިކަލް ގޯވް އިނގިރޭސި ރައްޔިތުންގެ ދިރިއުޅުމުގެ ބޭނުންތަކުން ޕްލާސްޓިކްގެ ބާވަތްތައް އެއްކޮށް ނައްތާލުމަށް މަސައްކަތްކުރައްވާ ވަޒީރެކެވެ. އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް ކޮންޒަވެޓިވް ޕާޓީގެ ތެރޭގައި އެންމެ ބޮޑަށް ވަކާލާތުކުރި ކޭންޕްގައި ބޮރިސް ޖޯންސަންގެ ފަހަތުގައި ހުންނެވީ ގޯވް އެވެ. މިއީވެސް ބޮޑުވަޒީރުކަން ވަރަށް ބޭނުން ބޭފުޅެކެވެ.

ސާޖިދު ޖާވިދް

5- ސާޖިދު ޖާވިދު (49 އަހަރު) : ސާޖިދު ޖާވިދު އަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޕާކިސްތާނުން އިނގިރޭސިވިލާތަށް ހިޖްރަކުރި ޕާކިސްތާން ދަރިކޮޅުގެ މުހާޖިރުންގެ ދެވަނަ ޖީލުގެ ބޭފުޅެކެވެ. ސާޖިދުގެ ބައްޕައަކީ އިނގިރޭސިވިލާތުގައި ބަސް ޑްރައިވަރަކަށް އުޅުނު މީހެކެވެ. ޖާވިދު އަކީ އިނގިރޭސި ކުރީގެ ބޮޑުވަޒީރު އަދި ދަގަނޑު އަންހެނާ މާގްރެޓް ތެޗާ ގެ ހަރުކަށި ސިޔާސަތަށް ތާއީދު ކުރައްވާ ހަރުކަށި ކޮންޒަވެޓިވް ވިސްނުމުގެ ބޭފުޅެވެ. ބްރެކްސިޓް އާ އިދިކޮޅު ބޭފުޅެވެ.

އެންޑްރިޔާ ލިސްޑޮމް

6- އެންޑްރިޔާ ލިސްޑޮމް (56 އަހަރު) : ތެރޭސީ މޭގެ ސަރުކާރުގެ ޕާލަމެންޓްރީ ގުޅުންތަކާ ބެހޭ ވަޒީރާ ކަމުގައި ވަރަށް ފަހަކާ ޖެހެންދެން ހުންނެވި އެންޑްރިޔާ ލިސްޑޮމް އަކީ އިނގިރޭސި ބޮޑުވަޒީރު ކަމަށް ފައިނަންގަވާ ބޭކަނބަލެކެވެ. ބްރެކްސިޓް އަށް ވަރަށް ތާއީދުކުރައްވާ ޓީމުގެ ބޭކަނބަލެކެވެ. ބޮރިސް ޖޯންސަންގެ ކޭމްޕްގެ ހިންގުންތެރިއެކެވެ. މިކަމަނާ މިދިޔަ ބުދަދުވަހު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އަމްބާ ރުޑް

7- އަމްބާ ރުޑް (55 އަހަރު) : ހައުސް އޮފް ކޮމަންސްގައި ހަރަކާތްތެރިކޮށް މަސައްކަތްކުރައްވާ މެންބަރެކެވެ. ސިޔާސީ އުންމީދުތައް ބޮޑު އަދި ކަންކަމާ ކެރިގެން ކުތިމަތިލައްވާ ކަނބަނލެކެވެ. ވިޔަފާރި ވެރިއެކެވެ. ތެރީސާ މޭ އަށް އަތްގާތްކޮށްދެއްވާ ކަނބަނލެކެވެ. މިކަމުގެ ސަބަބުން ތެރީސާ މޭ ވަނީ ދެރަވާކަން ހާމަކުރައްވާފައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް