ހިތަދޫ ކައިރިން ވެލިނަގައިގެން ދުބާއީ އަށް ބޭރުކުރަނީ!

ހިތަދޫ ބޭރުގައި އަޅާފައި އޮތް ބޯޓު--

ލ. ހިތަދޫ ލައިރިން ވެލި ނަގައިގެން ދުބާއީ އަށް ވެލި ބޭރުކުރުމުގެ މަސައްކަތް ކުރާ ބޯޓެއް ފެނިއްޖެއެވެ.

މި ބޯޓުގެ ވާހަކަ އާންމުންނާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަމުން ޓްވިޓާގައި މީހަކު ބުނެފައިވަނީ ހިތަދޫ ކައިރީ އަޅާފައިވާ މި ބޯޓުން ވެލި ބޭރުކުރަނީ ޗައިނާ-މޯލްދިވްސް ފްރެންޑްޝިޕްް ބްރިޖުގެ އެއްބަސްވުމުގެ ދަށުން ކަމަށް ބޯޓުގައި މަސައްކަތް ކުރާ މީހުން ބުނެފައިވާ ކަމަށެވެ. އެ ބޯޓުގައި ރެޖިސްޓްރީ ނަންބަރެއްވެސް، އެއްވެސް ގައުމެއްގެ ދިދައެއްވެސް ނެތްކަމަށް ބޯޓުގެ ވީޑިއޯ އާއެކު ޓްވީޓު ކުރި މީހާ ބުނެފައިވެއެވެ.

އެކަމާ ގުޅޭގޮތުން އެންވަޔަރަމެންޓް މިނިސްޓްރީ އިން ކުރި ޓްވީޓެއްގައި ބުނީ ހިތަދޫ ކައިރީ އަޅާފައިއޮތް ބޯޓުގެ އަމަލުތައް އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަމުންދާ ކަމަށެވެ. ހިތަދޫ ކައިރިން ވެލި ނަގައިގެން ދުބާއީ އަށް ބޭރު ކުރުމަށް އީޕީއޭ އިން އެއްވެސް ހުއްދައެއް ދީފައިނުވާ ކަމަށްވެސް އެންވަޔަރަމެންޓުން ބުންޏެވެ.

މި މައްސަލަ އިތުރަށް ބަލާ، ފިޔަވަޅު އަޅަންޖެހޭ ކަމެއް ފާހަގަވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓުން ބުންޏެވެ.

ޓްވިޓާގައި އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަގޮތުގައި ބޭރުގައި ރަތްކުލަ ލާފައިވާ މި ބޯޓުގައި ކޮނެފައިހުރި ވެއްޔާއި ވެލި ކޮނުމަށް ބޭނުންކުރާ އާލާތްތައްވެސް ހުއްޓެވެ.

ބްރިޖު އެގްރިމެންޓުގެ ދަށުން ރާއްޖެއިން ވެލި ނަގައިގެން ޗަިއނަ ސަރުކާރުގެ މަސްލަހަތު އޮންނަ ކުންފުންޏެއް މެދުވެރިވެގެން ދުބާއީ އަށް ބޭރުކުރާ މައްސަލާގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ބްރިޖު އެއްބަސްވުމުގެ ދަށުން އެފަދަ އެއްވެސް އެއްބަސްވުމެއް (ރާއްޖެއިން ވެލި ބޭރުކުރުމުގެ) ނެތް ކަމަށެވެ. އަދި އެ މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލަމުންދާ ކަމަށްވެސް ހޫދު ވިދާޅުވިއެވެ.

comment ކޮމެންޓް