މަސްލަހަތު ހިމެނޭ ކަމެއްގައި އޭޖީ އަމިއްލަ އަށް ގޮތެއް ނުނިންމަވާނެ: ސަރުކާރު

ރައީސް ސޯލިހްއާއި އެމަނިކުފާނުގެ ތަރުޖަމާނު ހޫދު: ހޫދު ވިދާޅުވަނީ، ބަންޑާރަ ނައިބު ރިފްއަތަށް ރައީސް ސޯލިހްގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް -- ފައިލް ފޮޓޯ/ ރައީސް އޮފީސް

ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ މަސްލަހަތު ހިމެނޭ ކަމެއްގައި ރިފްއަތު އަމިއްލަފުޅަށް ގޮތެއް ނުނިންމަވާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އިތުބާރު ރިފްއަތަށް އެބަ އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

ދާދިފަހުން ކޯޓުގައި ހިނގި މައްސަލަތަކުގައި ބޮޑެތި އަދަދުން ކުންފުނިތަކަށް ދައުލަތުން ބަދަލު ދޭން ޖެހުމާއި އިންޑިއާގެ ޖީއެމްއާރުން ދައުލަތަށް ދައްކަން ޖެހޭ ކަމަށް ބުނާ ޓެކްސް ފައިސާ އެ ކުންފުނިން ދައުލަތަށް ދައްކަން ނުޖެހޭނެ ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވުމުން އިދިކޮޅު ފަރާތްތަކުން ދަނީ ބަންޑާރަ ނައިބު ރިފްއަތަށް ތުހުމަތުތަކެއް ކުރައްވަމުންނެވެ.

އެ ތުހުމަތުތަކާ ގުޅޭ ގޮތުން ހޫދު މިރޭ "ސަން" އަށް ވިދާޅުވީ، ދައުލަތުން ބަދަލު ދޭން ޖެހޭ މައްސަލަތަކުގައި ގޮތް ނިންމަނީ އޭޖީ އެކަނި ނޫން ކަމަށާއި އެކަންތަކާ މެދު ގޮތެއް ނިންމޭނީ ވަރަށް ދިގު މަރުހަލާތަކަށް ފަހު، ދައުލަތުގެ އެކި މުއައްސަސާތަކުން މަޝްވަރާކުރުމަށް ފަހު އެ ހުރިހާ މަރުހަލާއެއް ކަނޑައްތު ކުރުމަށް ފަހު ކަމަށެވެ.

ހޫދު ވިދާޅުވީ، ރިފްއަތު އިސްކުރައްވާނީ އަމިއްލަ މަސްލަހަތަށް ވުރެ ދައުލަތުގެ މަސްލަހަތު ކަމަށެވެ.

"އޭޖީ އިން އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއް ވާނަމަ ދުރަށް ވަޑައިގަންނަވާނެ. މިހާތަނަށް ސަރުކާރުގެ އިތުބާރު ގެއްލޭ ކަމެއް އޭޖީ އިން ކޮށްފައި ނެތް. އޭޖީ އަށް ރައީސް ސޯލިހުގެ ފުރިހަމަ އިތުބާރު އެބަ އޮތް،" ހޫދު ވިދާޅުވި އެވެ.

ހޫދު ވިދާޅުވީ، ބަންޑާރަ ނައިބާއި ސަރުކާރު ބަދުނާމުކޮށް ވާހަކަ ދައްކަނީ ކަމުގެ ހަގީގަތް ސާފުނުވާތީ ކަަމަށް ވުން އެކަށީގެންވާ ކަމަށެވެ. އަދި ރައްޔިތުނގެ މެދުގައި ނުތަވަސް ކަން އުފެއްދުމަށް ކުރައްވާ ތުހުމަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހޫދު ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭ ހިންގި އިންޑިއާގެ ޖީއެމްއާރު ކުންފުނިން ރާއްޖެ އަށް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ 23 މިލިއަނެއްހާ ޑޮލަރު (354.66 މިލިއަން ރުފިޔާ) އަކީ ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުން މީރާއަށް ރަސްމީ ގޮތުން ލަފައެއް ދެއްވި ކަމަށް މީގެ ކުރިން "ސަން" އަށް ވަނީ ކަށަވަރުވެފައެވެ.

https://sun.mv/119495

ޖީއެމްއާރުގެ މައްސަލަ ސިންގަޕޫރުގެ އާބިޓަރޭޝަންގައި ހިނގި އިރު، އެކުންފުނީގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ރިފްއަތު މީގެ ކުރިން ވަނީ އެ ތުހުމަތުތައް ދޮގު ކޮށް، އޭނާ ބުނެފައިވާ ގޮތުގައި ބަންޑާރަ ނައިބުގެ މަގާމުގައި މަގާމުގައި ހުރެ ޖީއެމްއާރުއާ ގުޅޭގޮތުން އެއްވެސް ކަމެއް ނިންމާފައެއް ނުވާނެ ކަމަށެވެ.

ނަމަވެސް މިއަދު ބަންޑާރަ ނައިބު އޮފީހުން ނެރުނު ނޫސްބަޔާނުގައި ވަނީ ޖީއެމްއާރުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކަން ނުޖޭ ކަމަށް މިދިޔަ ޖެނުއަރީ މަސް ތެރޭ މީރާ އަށް ލަފާ ދެއްވައިފައިވާ ކަމަށް ބުނެ އެބައްސްވެވަޑައިގެންފައެވެ.

ބަންޑާރަ ނައިބު ރިފްއަތު މީރާއަށް ލަފާ ދެއްވާފައި މި ވަނީ، ކުރިން ނިމިދިޔަ ސަރުކާރުގައި ބަންޑާރަ ނައިބަކަށް މުހައްމަދު އަނިލް ހުންނެވި ދުވަސްވަރު އޭރުގެ ޑެޕިއުޓީ އޭޖީ އަހުމަދު އުޝާމް ސޮއި ކުރައްވާ މީރާއަށް ލަފާ ދީފައި ވަނިކޮށެވެ.

https://sun.mv/119516

ޖީއެމްއާރުން މާލެ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އުފެއްދި ޖީއެމްއާރު މާލެ އިންޓަނޭޝަނަލް އެއަޕޯޓު ލިމިޓެޑް (ޖީއެމްއައިއޭއެލް)އަށް އެގްރިމަންޓް އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 271 މިލިއަން ޑޮލަރު، ދެ ފަހަރެއްގެ މަތިން ރާއްޖެއިން ވަނީ ދައްކާ ޚަލާސްކޮށްފައިވެ އެވެ.

ނަމަވެސް 2017 ވަނަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ވަނީ ޖީއެމްއައިއޭއެލްއިން ވިޔަފާރި ފައިދާގެ ޓެކްސް، ވިތުހޯލްޑިން ޓެކްސް އަދި ޖޫރިމަނާގެ ގޮތުގައި 23 މިލިއަން ޑޮލަރު (354.66 މިލިއަން ރުފިޔާ) ދެއްކުމަށް ނޯޓިސް ފޮނުވާފައެވެ.

comment ކޮމެންޓް