ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގި އިންޑިއާގެ ޖީއެމްއާރް ކުންފުނިން ދިވެހި ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ މައާފްކޮށްދޭން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެދުނު ކަމުގެ ތުހުމަތުތަކަށް އޭނާ ފުރަތަމަ ފަހަރަށް ރައްދު ދެއްވައިފިއެވެ.
ޖީއެމްއާރާއެކު ވެފަައިވާ އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލަ އާބިޓްރޭޝަންގައި ހިންގަމުން ދިޔައިރު މިހާރުގެ އެޓާނީ ޖެނެރަލް ރިފްއަތު ވަނީ ޖީއެމްއާރްގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.
ޖީއެމްއާރް ކުންފުނިން ދިވެހި ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ މައާފްކޮށްދޭން އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ލަފާދެއްވިންތޯ، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމްވެސް މިއަދު ވަނީ ސުވާލުކުރައްވައިފައެވެ.
ނަމަވެސް ރިއްފަތު ވިދާޅުވީ އެޓާނީ ޖެނެރަލްގެ މަގާމުގައި ހުރެ ޖީއެމްއާރުއާ ގުޅޭގޮތުން އެއްވެސް ކަމެއް ނިންމާފައެއް ނުވާނެ ކަމަށެވެ.
"ދައުލަތުގެ މަސްލަހަތު އިސްކުރަން. އަދި މަސްލަހަތު ފުށުއެރުމަކަށް ޖާގައެއް ނުދެން. މަސައްކަތްކުރަނީ ހައްގުތަކުގެ ދިފާޢުގައި. އަޅުގަނޑުމެން ވައުދުވީ ހާމަކަމާއެކު އިންސާފު ކަށަވަރުކުރަން،" ރިފްއަތު ވިދާޅުވިއެވެ.
މީގެ ކުރިން ފެންމަތިވެފައިވާ މައުލޫމާތުތަކުގައިވާ ގޮތުގައި، ޖީއެމްއާރްއިން މީރާއަށް ދައްކަން ޖެހެނީ ބިޒްނަސް ޕްރޮފިޓް ޓެކްސް ނޫނީ ވިޔަފާރި ފައިދާގެ ގޮތުގައި 14.4 މިލިއަން ޑޮލަރު އަދި ވިތްހޯލްޑިންގް ޓެކްސްގެ ގޮތުގައި 2.8 މިލިއަން ޑޮލަރާއި އެ ފައިސާ ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި 3.3 މިލިއަން ޑޮލަރެވެ. އެއީ ޖުމްލަ 20 މިލިއަނެއްހާ ޑޮލަރެވެ.
ރިފްއަތު މީގެ ކުރިންވެސް ކުރެވިފައިވާ އެކި ތަހުމަތުތަކަށް އޭނާ ވަނީ އިންކާރުކުރައްވައިފައެވެ. ރިފްއަތު ވިދާޅުވީ އޭނާގެ ކެރިއަރުގައި ވަކި މީހަކަށް ފައިދާތަކެއް ހޯދައިދޭން އެއްވެސް ކޮރަޕްޓް ޑީލެއްގައި އޭނާ ދުވަހަކުވެސް ހިންގާފައި ނުވާނެ ކަމަށާއި އެފަދަ ކަމެއްގައި ޝާމިލްވެފައިނުވާނެ ކަަމަށެވެ.