މޯދީ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ބަޔޮޕިކްގެ އާ ޓްރެއިލާއެއް ދައްކާލައިފި

ޕީއެމް ނަރެންދުރަ މޯދީގެ ޕޯސްޓަރެއް---

މާދަމާ ރިލީޒްކުރާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު 'ޕީއެމް ނަރެންދުރަ މޯދީ'ގެ އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

އޮމަންގް ކުމާރު ޑައިރެކްޓުކުރާ އެ ފިލްމުގެ އާ ޓްރެއިލާ އެއް މިހާރު ދައްކާލާފައިވާ އިރު މޯދީގެ ރޯލުން ފެނިގެންދާނީ ބޮލީވުޑް އެކްޓަރު ވިވެކް އޮބެރޯއީ އެވެ.

ފިލްމުގައި ފެނިގެން ދާނީ މޯދީގެ ޒުވާން ދުވަސްވަރާއި، ގުޖުރާތުގެ ޗީފް މިނިސްޓަރުކަން ލިބުނު ގޮތާއި، އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް މޯދީ ކުރި ދަތުރެވެ.

ޝައުގުވެރި މަންޒަރުތަކެއް ޓްރެއިލާއިން ފެނިގެންދިޔަ އިރު މޯދީގެ ހަޔާތާ ބެހޭ ވަރަށް ގިނަ ކަންތައްތައް އެ ފިލްމުން އެނގިގެންދާނެ އެވެ.

ގުޖުރާތުގެ އިތުރުން މުމްބާއީ އަދި އުއްތަރަކަންޑްގައި ވެސް ފިލްމުގެ މަންޒަރުތައް ވަނީ ނަގައިފަ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު ސަންދީޕް ސިންގް ބުނީ މޯދީގެ ވާހަކައަކީ އިންޑިއާގެ ކޮންމެ ރައްޔިތަކަށް ވެސް އެނގެން ޖެހޭ، އިބުރަތުން ފުރިގެންވާ ވާހަކައެއް ކަމަށެވެ.

ފިލްމުގައި ވިވެކްގެ އިތުރުން ދެން ފެނިގެން ދާނީ ދަރްޝަން ކުމާރު، ބޯމަން އިރާނީ، މަނޯޖް ޖޯޝީ، ޕްރަޝާންތު ނާރާޔަނަން، ޒަރީނާ ވައްހާބު އަދި ބަރްކާ ބިޝްތު ސެންގުޕްތާ އެވެ.

comment ކޮމެންޓް