ޔޫކޭގެ އަތުން ޗާގޯސް ޖަޒީރާތައް ނަގައި، މޮރިޝަސްއަށް ދިނުމަށް އދ.އިން ފާސްކޮށްފި

އިނގިރޭސިވިލާތުގައި ފޯޅަވަހީގެ ރައްޔިތުން މުޒާހަރާކުރަނީ ---

އައްޑޫ އަތޮޅުގެ ދެކުނުން އޮންނަ ފޭހަންދީބު (ނުވަތަ ޗާގޯސް ޖަޒީރާ) މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް އދގެ އާންމު މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

މިރޭ އދ.ގެ އާންމު މަޖިލީހުގައި ވޯޓު ނެގީ ޗާގޯސް ޖަޒީރާ އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް އޮތުމާ ގުޅޭގޮތުން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ދިން އިސްތިޝާރީ ލަފާ ނުވަތަ އެޑްވައިޒަރީ އޮޕީނިއަން އދ.އިން ބަލައިގަތުމާ ބެހޭގޮތުންނެވެ.

އައިސީޖޭގެ އިސްތިޝާރީ ލަފާ ނެރުނީ މޮރިޝަސްއިން ބޭނުންވާ ގޮތަށް، ޗާގޯސްއަކީ މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި، އެ ލަފާ ބަލައިގަތުމަށް ހުށަހެޅި ގަރާރާ އެއްކޮޅަށް 113 ގައުމަކުން ވޯޓު ދިނެވެ. ފަންސާސް ހަތަރު ގައުމަކުން ވަކި ކޮޅަކަށް ވޯޓު ނުދޭ އިރު، އެ ގަރާރު ބަލައިނުގަތުމަށް ވޯޓު ދިނީ ހަ ގައުމަކުންނެވެ. އެއީ މި މައްސަލައިގައި ސީދާ މަސްލަހަތު ހިމެނޭ ތިން ގައުމެއް ކަމުގައިވާ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި އެމެރިކާގެ އިތުރުން، އޮސްޓްރޭލިއާ، ހަންގޭރީ އަދި އިސްރާއީލެވެ.

ފޯޅަވަހި މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވޯޓު ދީފި

ޗާގޯސްއަކީ 18 ވަނަ ގަރުނުން ފެށިގެން މޮރިޝަސްގެ ރައްޔިތުން ދިރިއުޅެމުން ދިޔަ ތަނެކެވެ. އެ ގައުމުން ބުނަނީ ޗާގޯސްއަކީ 18 ވަނަ ގަރުނުން ފެށިގެން އެގައުމުގެ ބައެއް ކަމަށެވެ. އެހެން ނަމަވެސް 1965 ގައި އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތް އިރު، އިނގިރޭސީން ވަނީ މޮރިޝަސްއާ ޗާގޯސްއާ ވަކިކޮށްފައި ކަމަށެވެ. ޗާގޯސް އިނގިރޭސި ވިލާތަށް ނެގީ މޮރިޝަސްއަށް ބަދަލުގައި ތިން މިލިއަން ޕައުންޑް ދީފައެވެ. އޭގެ ފަހުން އެ ސަރަހައްދަކީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ގޮތުގައެވެ.

އެއަށްފަހު 1967 އާއި 1973 އާ ދެމެދު އިނގިރޭސީން، ޗާގޯސްގައި ދިރިއުޅެމުން ދިޔަ އެތަނަށް ނިސްބަތްވާ ހުރިހާ ރައްޔިތުން އެ ޖަޒީރާތަކުން ބާލައި، އެމީހުން މޮރިޝަސްގެ އިތުރުން ސީޝެލްސްއާއި އިނގިރޭސިވިލާތުގައި ވަޒަންވެރި ކުރުވިއެވެ. ސަބަބަކީ އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ޗާގޯސްގެ ފޯޅަވަހީގައި (ޑިއޭގޯ ގާސިއާގައި) ޖޮއިންޓް މިލިޓަރީ ބޭސްއެއް ގާއިމުކުރުމަށެވެ.

އެ މިލިޓަރީ ބޭސްގެ ލީސް، ސޯޅަވަނަ އަހަރު ވަނީ 2036 ވަނަ އަހަރުގެ ނިޔަލަށް އިތުރުވެސް ކޮށްފައެވެ.

https://sun.mv/76163

މީގެ ކުރިން ފޯޅަވައްސަށް ނިސްބަތްވާ ރެފިއުޖީންގެ ގްރޫޕަކުން ހުށަހަޅައިގެންވެސް އިނގިރޭސިވިލާތުގެ ކޯޓުތަކުގައިވެސް މިކަމާ ގުޅުންހުރި މައްސަލައެއް ކުރިއަށް ގެންދިޔައެވެ. އެއީ ފޯޅަވަހީގެ ރައްޔިތުން އަނބުރާ އެމީހުންގެ ވަޒަނަށް ދިއުމަށްޓަކައި ހުށަހެޅި މައްސަލައެކެވެ. އެހެން ނަމަވެސް ޔޫކޭ ސުޕްރީމް ކޯޓުން 2016 ވަނަ އަހަރު ނިންމީ އެމީހުންނަށް އަނބުރާ ފޯޅަވައްސަށް ނުދެވޭނެ ކަމަށެވެ.

މިރޭ ނެގި ވޯޓުގެ ކުރިން، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވީދު ކުމާރު ޖުގްނައުތު އދގެ އާންމު މަޖިލީހުގައި ވިދާޅުވީ ޗާގޯސްގެ ރައްޔިތުން ގަދަކަމުން އެ ރަށްތަކުން ބޭލުން، އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އަދި "އިސްތިއުމާރުކުރުމަށް އެއްވެސް ޖާގައެއް ދެވިގެން ނުވާނެކަމުގެ" އިޝާރާތް، އދގެ މެމްބަރު ގައުމުތަކުން މުޅި ދުނިޔެއަށް ދޭންޖެހޭ ކަމަށް މޮރިޝަސްގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

އެހެން ނަމަވެސް އިނގިރޭސިވިލާތުން ބުނަމުން ދަނީ މޮރިޝަސްއިން ފޯޅަވަހި އިނގިރޭސީންނަށް ދިނީ އެއްވެސް އިއުތިރާޒެއް ނެތި ކަމަށާއި، އަދި ބަދަލުގައި އިނގިރޭސިވިލާތުން ގިނަ ފައިދާތަކެއް ލިބޭ ގޮތަށް ކަމަށެވެ.

އދ.ގައި ހުންނަވާ އިނގިރޭސި ސަފީރު ކެރަން ޕިއާސް ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރު އާންމު މަޖިލީހުގައި ވާހަކަ ދެއްކެވީ ވަރަށް ބޮޑަށް އޮޅުވާލައްވައިގެން ކަމަށާއި، އަދި ފޯޅަވަހީގެ މައްސަލަ ހައްލުކުރަން ޖެހޭނީ އެ މައްސަލައިގައި މަސްލަހަތު ހިމެނޭ ގައުމުތަކުގެ މެދުގައި ކަމަށެވެ.

ރާއްޖޭގެ ގަދީމީ ތާރީހުން އެނގޭ ގޮތުން ރާއްޖޭގެ ރަސްރަސްކަލުން ވެސް ފޯޅަވައްސާ މެދު ހާއްސަ ސަމާލުކަމެއް ބެހެއްޓިއެވެ. މި ގޮތުން އައްސުލްޠާން އިބްރާހީމް ކަލާފާނުގެ ދުވަސްވަރުގައި ވެސް ފޯޅަވައްސަަށް ބަޔަކު ފޮނުއްވި ކަމަށް އޭރު ދިވެހިރާއްޖޭގައި ހުންނެވި ފަރަންސޭސި ދަތުރުވެރިޔާ ޕިރާޑު އޭނާގެ ދަތުރުނާމާގައި ލިޔުއްވައިފައިވެއެވެ. އޭރު އަދި ފޯޅަވަހީގައި މޮރިޝަސްގެ ބަޔަކު ވަޒަންވެރިއެއް ނުވެއެވެ.

comment ކޮމެންޓް