ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވޯޓު ދީފި

ޗާގޯސް ޖަޒީރާ މޮރިޝަސްއާ ހަވާލު ކުރުމާ ދެކޮޅަށް ރާއްޖެއިން ވަނީ އދ.ގެ އާއްމު މަޖިލީހުގައި ވޯޓު ދީފަ -- ފޮޓޯ: ގެޓީ

ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ހިމާޔަތް ކުރުމަށް ކަމަށް ބުނެ، ޗާގޯސް ޖަޒީރާ (ފޭހަންދީބު) މޮރިޝަސްއާ ހަވާލު ކުރުމާ ދެކޮޅަށް ރާއްޖެއިން އދ.ގެ އާއްމު މަޖިލީހުގައި ވޯޓުދީފި އެވެ.

އދ.ގެ އާއްމު މަޖިލީހުގައި އެވޯޓު ނަގާފައި ވަނީ، އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާއަށް ވެރިވެގަނެގެން އުޅެނީ ގާނޫނު ހިލާފަށް ކަމަށް ނިންމައި، އެޖަޒީރާ މޮރިޝަސްއާ ހަވާލު ކުރަން އަންގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން މިދިޔަ ފެބްރުއަރީ މަހު އެޑްވައިޒަރީ އޮޕީނިއަންއެއް ނެރުނު ފަހުންނެވެ. ނަމަވެސް އިނގިރޭސިވިލާތުން ވަނީ އެނިންމުން ގަބޫލު ކުރަން ދެކޮޅު ހަދާފަ އެވެ.

އޭގެ ސަބަބުން މޮރިޝަސް އިން ވަނީ އައިސީޖޭގެ ނިންމުން ތަންފީޒު ކުރުމަށް ގޮވާލާ ގަރާރެއް އާއްމު މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި މިއަދު ނެގި ވޯޓުގައި އެމަޖިލީހުން ވަނީ ޗާގޯސް ޖަޒީރާ މޮރިޝަސްއާ ހަވާލު ކުރުމަށް ވޯޓު ދީފަ އެވެ. އެގަރާރާ އެއްކޮޅަށް 113 ގައުމަކުން ވޯޓު ދިން އިރު، ގަރާރާ ދެކޮޅަށް ވޯޓު ދިނީ ހަ މެމްބަރު ގައުމުންނެވެ. އެއީ އެ މައްސަލައިގައި ސީދާ މަސްލަހަތު ހިމެނޭ އިނގިރޭސިވިލާތާއި އެމެރިކާއާއި ރާއްޖޭގެ އިތުރުން، އިތުރު ތިން ގައުމެއް ކަމުގައިވާ ހަންގޭރީ، އޮސްޓްރޭލިއާ އަދި އިސްރާއީލެވެ. ވަކިކޮޅަކަށް ވޯޓު ނުދޭ 54 ގައުމެއް ވެއެވެ.

މި މައްސަލައިގައި ރާއްޖޭގެ މަސްލަހަތު ހިމެނޭ ކަމަށް ބުނަނީ، ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ އަތޮޅާއި ޗާގޯސްއާ ދެމެދު، ދެ ގައުމުގެ ޚާއްސަ އިގްތިސާދީ ސަރަހައްދު (އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ނުވަތަ އީއީޒީ) ފުށުއަރާތީއެވެ. އެހެންކަމުން ރާއްޖެއިން އެ ގަރާރާ ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ހިމާޔަތްކުރުމަށް ކަމަށް ބުނެއެވެ.

ދެހާސް ދިހަ ވަނަ އަހަރު ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ކަނޑައަޅައި ދިނުމަށް އެކަމާ ބެހޭ އދ.ގެ ކޮމިޝަނަށް ރާއްޖެއިން ހުށަހެޅުމުން، މޮރިޝަސްއިން ވަނީ އެކަމަށް އިއުތިޒާރުކޮށްފަ އެވެ.

އެއީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯސްގެ ހާއްސަ އިގުތިސާދީ ސަރަހައްދު (އީއީޒީ) ފާހަގަކޮށްފައި ނުވާތީ އާއި ރާއްޖެއިން ހުށަހަޅާފައިވާ ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށޫ އަރާ ކަމަށް ބުނެ އެވެ. މީގެ އިތުރުން، އައްޑު އަތޮޅާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އައުމަށް މޮރިޝަސްއިން ވަނީ ރާއްޖެއަށް ގޮވާލާފަ އެވެ. އެހެންކަމުން ޗާގޯސްގެ މައްސަލަ ވަނީ ރާއްޖޭގެ މަސްލަހަތު އޮތް ކަމަކަށްވެފައެވެ.

މޮރިޝަސްއިން ބުނަނީ ޗާގޯސްއަކީ 18 ވަނަ ގަރުނުން ފެށިގެން އެގައުމުގެ ބައެއް ކަމަށެވެ. އެހެން ނަމަވެސް 1965 ގައި އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތް އިރު، އިނގިރޭސީން ވަނީ މޮރިޝަސްއާ ޗާގޯސްއާ ވަކިކޮށްފައި ކަމަށެވެ. ޗާގޯސް އިނގިރޭސި ވިލާތަށް ނެގީ މޮރިޝަސްއަށް ބަދަލުގައި ތިން މިލިއަން ޕައުންޑް ދީފައެވެ. އޭގެ ފަހުން އެ ސަރަހައްދަކީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ގޮތުގައެވެ.

އެއަށްފަހު 1967 އާއި 1973 އާ ދެމެދު އިނގިރޭސީން، ޗާގޯސްގައި ދިރިއުޅެމުން ދިޔަ އެތަނަށް ނިސްބަތްވާ ހުރިހާ ރައްޔިތުން އެ ޖަޒީރާތަކުން ބާލައި، އެމީހުން މޮރިޝަސްގެ އިތުރުން ސީޝެލްސްއާއި އިނގިރޭސިވިލާތުގައި ވަޒަންވެރި ކުރުވިއެވެ. ސަބަބަކީ އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ޗާގޯސްގެ ފޯޅަވަހީގައި (ޑިއޭގޯ ގާސިއާގައި) ޖޮއިންޓް މިލިޓަރީ ބޭސްއެއް ގާއިމުކުރުމަށެވެ.

އެ މިލިޓަރީ ބޭސްގެ ލީސް، ސޯޅަވަނަ އަހަރު ވަނީ 2036 ވަނަ އަހަރުގެ ނިޔަލަށް އިތުރުވެސް ކޮށްފައެވެ.

އައިސީޖޭ އިން ނެރުނު އެންގުމުގައިވާ ގޮތުން މޮރިޝަސްއަށް މިނިވަންކަން ލިބުމުގެ ކުރިން، އެ ގައުމުގެ ބަޔެއްގެ ގޮތުގައި އޮތް ޗާގޯސް މޮރިޝަސްއާ ވަކިކުރީ ގާނޫނާ ހިލާފަށެވެ. އެހެންކަމުން މޮރިޝަސް އިނގިރޭސި އިސްތިއުމާރުން އެއްކޮށް މިނިވަން ކުރުމަށް ޓަކައި އެގައުމުން ފޯޅަވަހީގެ ކޮންޓްރޯލް ދޫކޮށްލަން ޖެހެ އެވެ.

ރާއްޖޭގެ ގަދީމީ ތާރީހުން އެނގޭ ގޮތުން ރާއްޖޭގެ ރަސްރަސްކަލުން ވެސް ފޯޅަވައްސާ މެދު ހާއްސަ ސަމާލުކަމެއް ބެހެއްޓިއެވެ. މި ގޮތުން އައްސުލްޠާން އިބްރާހީމް ކަލާފާނުގެ ދުވަސްވަރުގައި ވެސް ފޯޅަވައްސަަށް ބަޔަކު ފޮނުއްވި ކަމަށް އޭރު ދިވެހިރާއްޖޭގައި ހުންނެވި ފަރަންސޭސި ދަތުރުވެރިޔާ ޕިރާޑު އޭނާގެ ދަތުރުނާމާގައި ލިޔުއްވައިފައިވެއެވެ. އޭރު އަދި ފޯޅަވަހީގައި މޮރިޝަސްގެ ބަޔަކު ވަޒަންވެރިއެއް ނުވެއެވެ.

comment ކޮމެންޓް