ފޯޅަވަހީގެ ރަށްވެހިންނަށް އަނބުރާ ވަޒަނަށް ނުދެވޭނެ ކަމަށް ޔޫކޭ ސުޕްރީމް ކޯޓުން ނިންމައިފި

ފޯޅަވަހީގެ ރައްޔިތުން އިނގިރޭސި ހައި ކޯޓުގެ ބޭރުގައި މުޒާހަރާ ކުރަނީ -- ފޮޓޯ/ޕީއޭ

އައްޑޫ ސިޓީގެ ދެކުނުން 310 މޭލު ދުރުގައި އޮންނަ ފޯޅަވަހީގެ އަސްލު ރަށްވެހިން، އެމީހުންގެ އަސްލު ވަޒަނަށް އަނބުރާ ނުދެވޭނެ ކަމަށް އިނގިރޭސި ވިލާތުގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

ފޯޅަވަހި ޖަޒީރާ ނުވަތަ ޗާގޯސް އާކިޕެލަގޯ ހިމެނެނީ، އިންޑިއާ ކަނޑުގައި އޮންނަ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ"ގެ ތެރޭގަ އެވެ. އެ ސަރަހައްދުގައިވާ ޖަޒީރާތައް އިނގިރޭސީންގެ ބާރުގެ ދަށަށް ގެނައި ނަމަވެސް، އޭރު ވެސް ފޯޅަވަހީގައި އެތަނުގެ ރަށްވެހީން ދިރިއުޅެ އެވެ.

އެހެން ނަމަވެސް، ފޯޅަވަހީގައި އޮންނަ ޑިއޭގޯ ގާސިއާ ނަމަކަށް ކިޔާ ރަށެއް އެމެރިކާގެ އަސްކަރީ ބޭނުންތަކަށް އިނގިރޭސިން ނިންމުމާ ގުޅިގެން، އެ ރަށުގައި ދިރިއުޅެމުން ދިޔަ ފޯޅަވަހި ރައްޔިތުން ވަނީ އެ ރަށުން ބާލައި، އެ ރައްޔިތުން އިނގިރޭސި ވިލާތަށާއި މޮރީޝަސްއަށް ގެންގޮސްފަ އެވެ. އެއީ 1960 ގެ ފަހު އަހަރުތަކާޢި 1970 ގެ އަހަރުތަކުގެ ކުރީ ކޮޅުގަ އެވެ.

ޑިއޭގޯ ގާސިއާގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭހުގައި އަސްކަރީ މަތިންދާބޯޓުތަކެއް --

ޑިއޭގޯ ގާސިއާ އަކީ އެމެރިކާގެ މެއިންލޭންޑުގެ ބޭރުގައި، އެގައުމުގެ އެންމެ ބޮޑު އަސްކަރީ ބޭސް އޮންނަ ތަނެވެ.

އެ ހާދިސާއަށް ފަހު، ފޯޅަވަހީގެ ރަށްވެހީން ނުވަތަ "ޗާގޯސިއަން" މީހުން ތިބީ އެމީހުންގެ އަމިއްލަ ވަޒަނަށް އަލުން ދެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

ފޯޅަވަހި ރައްޔިތުން މީގެ 40 އަހަރު ކުރިން އެމީހުންގެ ޖަޒީރާތަކުން ބޭލި އިރު، އެމީހުންނަށް އަލުން އަނބުރާ އެތަނަށް ނުދެވޭނެ ކަމަށް އަމުރުކުރާ، އިނގިރޭސި އިމިގްރޭޝަންގެ އަމުރެއް 1971 ވަނީ ނެރެފަ އެވެ.

އެ މައްސަލަ އިނގިރޭސި ވިލާތުގެ ކޯޓުތަކުގައި ގިނަ އަހަރުތަކަކަށް ދިގުލައިގެން ގޮސް އެންމެ ފަހު މަރުހަލާ ކަމުގައިވާ ސުޕްރީމް ކޯޓަށް ފޯޅަވަހި ރައްޔިތުން ހުށަހެޅި ހުށަހެޅުމަށް އެކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ. އެ ކޯޓުން ބުނީ ފޯޅަވަހީގެ ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަނުގެ އެއްވެސް ޖަޒީރާއަކަށް އަނބުރާ ނުދެވޭނެ ކަމަށެވެ.

އިނގިރޭސި ސަރުކާރާ ދެކޮޅަށް ސުޕްރީމް ކޯޓުގައި މައްސަލަ ހުށަހެޅީ ފޯޅަވަހި ރެފިއުޖީ ގްރޫޕުގެ ފަރާތުން އޮލިވިއޭރ ބެންކޫޓް އެވެ. ބެންކޫޓް ހުށަހެޅީ 2007 ވަނަ އަހަރު އިނގިރޭސި ހައިކޯޓުން ކުރި ހުކުމެއް އިސްތިއުނާފު ކުރުމަށެވެ. އޭނާއާއި ފޯޅަވަހި ރައްޔިތުން ކޯޓުގައި ތަމްސީލު ކޮށްދެއްވީ އަމާލް ކްލޫނީ އެވެ.

ނަމަވެސް ފޯޅަވަހި ރައްޔިތުންނަށް އަނބުރާ ގައުމަށް ނުދެވޭނެ ކަމަށް ހުކުމް ކުރީ އިނގިރޭސި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ތިން ފަނޑިޔާރުންގެ ތާއީދާ އެކުގަ އެވެ. ފޯޅަވަހި ރައްޔިތުންނާ އެއްކޮޅަށް މައްސަލާގައި ތާއީދު ކުރެއްވީ ދެ ފަނޑިޔާރެކެވެ.

ފޯޅަވަހި ޖަޒީރާގެ ބޮޑު ރަށް ޑިއޭގޯ ގާސިއާ

މި މައްސަލައިގައި، އިނގިރޭސި ވިލާތުގައި ދިރިއުޅޭ ފޯޅަވަހި ރައްޔިތުން ގާނޫނީ ގޮތުން ފެށި މަސައްކަތުގައި ކުޑަކުޑަ ކާމިޔާބެއް ލިބުނީ، ފޯޅަވަހީގެ 65 ޖަޒީރާއަކަށް ރައްޔިތުންނަށް އަނބުރާ ދެވިދާނެ ކަމަށް 2000 ވަނަ އަހަރު އިނގިރޭސި ހައި ކޯޓުން ނިންމި ނިންމުމުންނެވެ. ނަމަވެސް އެ 65 ރަށުގެ ތެރޭގައި ފޯޅަވަހީގެ ބޮޑު ރަށް ކަމުގައިވާ ޑިއޭގޯ ގާސިއާ ނުހިމެނެ އެވެ.

ކޯޓުން މިހެން ނިންމި ނަމަވެސް އިނގިރޭސި ރާނީއަށް ލިބޭ ޚާއްސަ ބާރުގެ ނަމުގައި އެގައުމުގެ ކެބިނެޓުން ވަނީ ހައި ކޯޓުގެ ހުކުމް 2004 ވަނަ އަހަރު ބާތިލު ކޮށްފަ އެވެ.

ސަރުކާރުން ނިންމި ނިންމުން 2007 ވަނަ އަހަރު ހައި ކޯޓުން ބާތިލުކޮށް، 2000 ވަނަ އަހަރު ކޯޓުން ނިންމި ގޮތަކީ ރަނގަޅު ގޮތް ކަމުގައި ނިންމައި އެ ކޯޓުން ހުކުމް ކުރި އެވެ. އެހެން ނަމަވެސް ޖެހިގެން އައި އަހަރު އިނގިރޭސި ސަރުކާރުން ކޯޓުގެ މައްޗަށް އަނެއްކާވެސް ބާރުގަދަވީ، އިނގިރޭސި ގާނޫނު ހަދާ މަޖިލީސް މެދުވެރިކޮށް އެ ހައި ކޯޓުގެ ހުކުމް ބަދަލުކޮށްގެންނެވެ.

comment ކޮމެންޓް