ޖީއެމްއާރަށް ޓެކްސް މައާފްކޮށްދޭން އޭޖީ އެދުނު ކަމުގެ ތުހުމަތު

ބަންޑާރަނައިބު އިބްރާހިމް ރިއްފަތު --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގި އިންޑިއާގެ ޖީއެމްއާރް ކުންފުނިން ދިވެހި ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ މައާފްކޮށްދޭން ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އެދުނު ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.

މީގެ ކުރިން ފެންމަތިވެފައިވާ މައުލޫމާތުތަކުގައިވާ ގޮތުގައި، ޖީއެމްއާރްއިން މީރާއަށް ދައްކަން ޖެހެނީ ބިޒްނަސް ޕްރޮފިޓް ޓެކްސް ނޫނީ ވިޔަފާރި ފައިދާގެ ގޮތުގައި 14.4 މިލިއަން ޑޮލަރު އަދި ވިތްހޯލްޑިންގް ޓެކްސްގެ ގޮތުގައި 2.8 މިލިއަން ޑޮލަރާއި އެ ފައިސާ ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި 3.3 މިލިއަން ޑޮލަރެވެ. އެއީ ޖުމްލަ، 20 މިލިއަނެއްހާ ޑޮލަރެވެ.

އެއާޕޯޓު ހިންގަން ޖީއެމްއާރާ ހަވާލު ކުރި އެއްބަސްވުން އުވާލުމުން، އެކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ކަނޑައެޅި 271 މިލިއަން ޑޮލަރު ރާއްޖެއިން ވަނީ ޖީމްއާރަށް ދައްކައިފަ އެވެ.

އެނގިފައިވާ ގޮތުގައި މީރާއިން ބުނަމުން އަންނަނީ އެ ފައިސާ ވެސް މިހާރު ރާއްޖެއިން ޖީއެމްއާރަށް ދައްކާފައިވާތީ، ނުދައްކާ ހުރި ޓެކްސް ޖީއެމްއާރުން މީރާއަށް ދައްކަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، ޖީއެމްއާރުން އެކަމާ ދެކޮޅު ހަދާކަން ވަނީ ކަށަވަރުވެފަ އެވެ.

އެ ދެބަސްވުންތަކާ ހުރެ މީރާއިން އެދިގެން އޭޖީ އޮފީހުން މީގެ ކުރިން ލަފާދީފައި އޮތީ ނުދައްކާ ހުރި ޓެކްސްގެ ފައިސާ ޖީއެމްއާރުން މީރާއަށް ދައްކާ ހަލާސްކުރަން ޖެހޭނެ ކަމަށެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް ކަށަވަރުވެފައި ވަނީ ރިއްފަތު ބަންޑާރަ ނައިބު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެ ފައިސާ މީރާއަށް މާފުކޮށް ދިނުމަށް މީރާގެ ކިބައިން އޭނާ ގެންދަވަނީ އެދިވަޑައިގަންނަވަމުން އެވެ. އެހެން ނަމަވެސް މީރާއިން އެކަމާ ދެކޮޅު ހަދަމުންދާ ކަން ވެސް ކަށަވަރުވެ އެވެ.

އެކަމާ ގުޅިގެން ރިއްފަތަށް ގުޅުމުން ފޯނު ނުނަންގަވަ އެވެ. އަދި މެސެޖު ކުރުމުން ޖަވާބުދެއްވާފައެއް ވެސް ނުވެ އެވެ. ރިފްއަތަކީ ސިންގަޕޫރުގެ އާބިޓްރޭޝަންގައި ޖީއެމްއާރުގެ ދިވެހި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

މީގެ ކުރިން އޭނާއަށް އަމާޒުވެފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކެއް ދޮގުކުރައްވައި ރިއްފަތު ވިދާޅުވެފައި ވަނީ ކޮރަޕްޝަނުން އޭނާ ދައުލަތުގެ މާލިއްޔާ ހިމާޔަތް ކުރައްވާނެ ކަމަށެވެ. އަދި އޭނާގެ ދިފާއުގައި ރައީސް މުހައްމަދު ނަޝީދުވެސް ވާހަކަ ދައްކަވާފައިވެ އެވެ.

ރިފްއަތުގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ، ރައީސް ނަޝީދުގެ ސަރުކާރުގައި ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކުރި ކުންފުނި، ދީބާޖާ އިންވެސްޓްމަންޓަށް 348.10 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ހުކުމް ކުރުމުގައި އޭނާގެ ވެސް އިހުމާލު އޮތް ކަމަށެވެ. މީގެ އިތުރުން، ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް ކަސްޓަމްސްއިން ބަދަލުގައި ގޮތުގައި 22 މިލިއަން ރުފިޔާ ދޭން ޖެހުނު މައްސަލަ އަދި ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްގެ ކުންފުނި ބިގަށް ބަދަލުގެ ގޮތުގައި 78 މިލިއަން ރުފިޔާ ދޭން ޖެހުނު މައްސަލާގައި ވެސް ރިފްއަތަށް ވެސް ފާޑުކިޔުންތައް އަމާޒުވެ އެވެ.

comment ކޮމެންޓް