މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ ދަށުން 2025-2026ގެ 'ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން' އެ އޮތޯރެޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ.
މީރާއިން ބުނީ ކުރިއަށް އޮތް ދެ އަހަރަށް ކަނޑައެޅި ކޮންޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގައި ރާވާފައިވާ ހަރަކާތްތައް އަމާޒުކޮށްފައި ވަނީ ޓެކްސް ދައްކާ ފަރާތްތަކުގެ ސައްހަ އަދި އަދާހަމަ ރަޖިސްޓްރީއެއް ބެލެހެއްޓުމާއި، ސުންގަޑިއަށް ބަޔާން ހުށަހަޅާ މިންވަރު އިތުރުކުރުމުގެ އިތުރުން ހުށަހަޅާ ބަޔާންތަކުގެ ފުރިހަމަކަން ކަށަވަރުކުރުމަށް ކަމަށެވެ. އަދި ސުންގަޑިއަށް ފައިސާ ދައްކާ މިންވަރު އިތުރުކުރުމާއި، ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ސައްހަ އަދަދު ރިޕޯޓުކުރުމުގެ މައްޗަށް ބިނާކޮށް ކަމަށް މީރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން އެކުލަވާލައިފައި ވަނީ ވަކިވަކި ސިނާއަތްތަކުން ޓެކްސް ދެއްކުމުގައި ހުރި ރިސްކުތަކާއި އެ ރިސްކުތަކާ މުނާސަބު ފިޔަވަޅު އެޅުމަށް ހިންގޭނެ ހަރަކާތްތައް ހިމަނައިގެން ކަމަށްވެސް މީރާއިން ވަނީ ބުނެފައެވެ.
މި ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގެ ދަށުން ވަކިވަކި ދާއިރާތަކަށް އަމާޒުކޮށް ރަޖިސްޓަރީކުރުވުމުގެ ޕްރޮގްރާމުތައް ހިންގޭނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ ވެސް އެއް ފަދައިން ސިލްސިލާ ގޮތެއްގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިޔުމާއި ޓެކްސް ދައްކާ ފަރާތްތަކަށް ދުރާލައި ޓެކުހާ ގުޅޭ ސުންގަޑިތައް ހަނދާން ކޮށްދިނުން ހިމެނެއެވެ.
އަދި ޓެކްސް ދައްކާ ފަރާތްތައް ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރަމުންދާ މިންވަރު ގަވާއިދުން މޮނިޓާކުރުމާއި ދައްކަންޖެހި ނުދައްކައިވާ ފައިސާ ހޯދުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެންފޯސްމަންޓް އުސޫލުތައް ވަރުގަދަކުރުމުގެ އިތުން ޓެކުހަށް މަކަރު ހަދާ ފަރާތްތައް ދެނެގަނެ އެ ފަދަ ފަރާތްތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުން ހިމެނޭކަމަށް ވެސް މީރާއިން ވަނީ މައުލޫމާތުދީފައެވެ.
މި ޕްލޭންގައި ސަރުކާރުގެ މުއައްސަސާތަކާއި ތަންފީޒީ އިދާރާތައް އަދި ކަމާބެހޭ އެހެނިހެން މަސްލަހަތުވެރިންގެ މަޝްވަރާއާއެކު އެ ފަރަތާތްތަކާ ގުޅުންހުރި ސިނާއަތްތަކުގެ ރިސްކުތަކަށް ހައްލު ހޯދުމަށް ވަނީ އިސްކަން ދީފައެވެ. އޭގެ އިތުރުން އެ ފަރާތްތަކުން މައުލޫމާތު ހޯދައި އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނޮން ކޮމްޕްލަޔަންސް ދެނެގަނެ އެކަން ހުއްޓުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް މީރާއިން ވަނީ ބުނެފައެވެ.
މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީއަކީ ޓެކުހާ ގުޅޭ އިލްތިޒާމuތައް އަދާކުރުން ލުއިފަސޭހަކޮށްދީގެން ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިހުތިޔާރުގައި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ނުވަތަ 'ވޮލަންޓްރީ ކޮމްޕްލަޔަންސް' އިތުރުކުރުމަށް އެކުލަވައިލާފައިވާ ޕޮލިސީއެކެވެ. އަދި ތަންފީޒީ ފިޔަވަޅުތައް މެދުވެރިކޮށް ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވުން ނުވަތަ 'ނޮން ކޮމްޕްލަޔަންސް' މަދުކުރުވުމުގެ މަގުސަދުގައި އެކުލަވާލައިފައިވާ ޕޮލިސީއެކެވެ.
މި ޕޮލިސީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި 2020ވަނަ އަހަރުން ފެށިގެން މީރާއިން ދަނީ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން ތައާރަފުކޮށް އެ ޕްލޭންގެ ދަށުން ގިނަ ކޮމްޕްލަޔަންސް ހަރަކާތްތަކެއް ހިންގަމުންނެވެ.