ފްރެންޗު ލީގުގެ މޮޅު ކުޅުންތެރިޔަކަށް އެމްބާއްޕޭ

ޕީއެސްޖީގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ --- ފޮޓޯ/ ސަޗާ ޕިސަނީ

ނިމެމުން މިދާ ސީޒަނުގައި ފްރެންޗެ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާއްޕޭ ހޯދައިފި އެވެ.

ޕީއެސްޖީއާ އެކު ޖެހި ޖެހިގެން ދެ ވަނަ އަހަރު ލީގު ހޯދުމަށް ފަހު ސްޕެއިންގެ ރެއާލް މެޑްރިޑަށް ދާން އުޅޭ ކަމުގެ އަޑު ފެތުރިފައިވާ އެމްބާޕޭއަށް ރޭ ވަނީ އޭނައަށް ލިބުނު ޝަރަފު ވެރި މަގާމަށް ޓޮރޮފީ ހަވާލު ކޮށްފަ އެވެ. އޭނާ މި ސީޒަނުގައި ވަނީ ޕީއެސްޖީއާ އެކު ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ލީގުގައި ބާކީ އެއް މެޗު ކުޅެން އޮތް އިރު އެމްބާއްޕޭ ވަނީ މިހާތަނަށް 32 ގޯލު ޖަހައިފަ އެވެ. ޔޫރަޕުގެ ގަދަ ފަސް ލީގުގައި ވެސް އޭނާއަށް ވުރެން ގިނަ ގޯލު ޖަހާފައިވާނީ ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ އެކަންޔެވެ. ނަމަވެސް ކުރިއަށް އޮތް މެޗުގައި ގިނަ ގޯލުތަކެއް ޖަހައި ޔޫރަޕުގެ ރަން ބޫޓު ހޯދުމުގެ ފުރުސަތު އެމްބާއްޕޭއަށް އެބަ އޮތެވެ.

"މިއީ އަހަރެންނަށް ނުލިބި އޮތް ޓްރޮފީ އަކީ،" މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެމްބާޕޭ ބުންޏެވެ.

"މިއީ އަހަރެންގެ ހަޔާތުގައި ވަރަށް މުހިއްމު ވަގުތު ކޮޅެއް. ޕީއެސްޖީގައި ފުރަތަމަ އަހަރު މަސައްކަތް ކުރީ ޓީމަށް ހޭނެން. މި އަހަރު ބޮޑަށް ކުޅޭ ޕޮސިޝަން ބަދަލު ކޮށްގެން ކުޅެން މި މަސައްކަތް ކުރީ،"

އެމްބާޕޭ ބުނީ މި ސީޒަނަކީ އެންމެ ބޭނުންވި ގޮތައް ދިޔަ ސީޒަނެއް ނޫން ކަމަށެވެ. ޗެމްޕިއަންސް ލީގުގައި ލިބުނު ނާކާމިޔާބީ އާއި ލީގުގައި ވެސް މެޗުތަކަކުން ބަލިވުމުން ޓީމުގެ ސަޕޯޓަރުން ކިބައިން މާފަށް އެދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިވަގުތު އަހަރެން ބޭނުން ވަނީ ޒިންމާދާރު މީހަކަށް ވާން. އެއީ ޕީއެސްޖީގައި ވިޔަސް އަދި އެހެން ތާކު ވިޔަސް."

ވޭތުވެ ދިޔަ އަހަރުގެ ވޯލްޑް ކަޕު ފްރާންސުން އުފުލާލި އިރު މޮޅު ކުޅުމެއް ދެއްކި އެމްބާޕޭ ހޯދުމަށް ޔޫރަޕުގެ ގިނަ ކުލަބުތަކަކުން މަސައްކަތް ކުރަމުން ދިޔަ ނަަމަވެސް ދާދި ފަހަކުން ޕީއެސްޖީގައި މަޑު ކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް