ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ގެ ޖާޒީގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީ ފެނިގެންދާނެ އެންމެ ފަހު މެޗު ބައްޔަކުން ނިންމާލަން ޖެހިއްޖެއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު ފްރާންސް ލީގު މެޗުގައި ކްލާމޮންޓް އަތުން ޕީއެސްޖީ ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ނުކުތް އިރު ޕީއެސްޖީއަށް ލީގު ޗެމްޕިއަންކަން ކަށަވަަރުވެފައި އޮތް ނަމަވެސް، އެޓީމުގެ މުހިންމު ތަރިން ފުރަތަމަ 11 އިން ފެނިގެންދިޔައެވެ. އޭގެ ތެރޭގައި މިސީޒަނަށްފަހު ޕީއެސްޖީ ދޫކޮށް ދިއުމަށް ނިންމާފައިވާ މެސީގެ އިތުރުން ސްޕެއިން ޑިފެންޑަރު ސާޖިއޯ ރާމޯސް ވެސް ހިމެނެއެވެ.
މެޗުގެ ކުރީކޮޅުގައި ޕީއެސްޖީގެ ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔައެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި މެސީގެ ހަމަލާއެއް ކްލާމޮންޓްގެ ގޯލާ އަމާޒުވެފައި ނުވާ އިރު، އޭގެ މިނެެޓެއް ފަހުން ފްރާންސް ތަރި ކިލިއާން އެމްބާޕޭ ފޮނުވާލި ހަމަލާ ކްލާމޮންޓްގެ ކީޕަރު މޮރީ ޑިއޯ ވަނީ މަތަކޮށްފައެވެ.
މެޗުގެ 16 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކޯނަރެއްގެ ތެރެއިން ވިޓީނިއާ ނަގައިދިން ހުރަހަކުން ޕީއެސްޖީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރާމޯސްއެވެ. އެއާއެކު ޕީއެސްޖީއާއެކު ކުޅޭނެ ފަހު މެޗު އޭނާ ނިންމާލީ ގޯލަކުންނެވެ.
އޭގެ ފަސް މިނެޓު ފަހުން ޕީއެސްޖީން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެ ގޯލަކީ ކްލާމޮންޓްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޕީއެސްޖީގެ އަޝްރަފް ހަކީމީއަށް އަލިޑޫ ސެއިޑޫ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. ޕީއެސްޖީއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ.
ޕީއެސްޖީން ލީޑު ފުޅާކުރިތާ މާގިނައިރުތަކެއް ނުވެ، މެޗުގެ 24 ވަނަ މިނެޓުގައި ކްލާމޮންޓުން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ޕީއެސްޖީގެ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކްލާމޮންޓަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް މިޑްފީލްޑަރު ޔޯހާން ގަސްޓިއެންއެވެ.
މެޗުގެ 37 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރުމަށް ކްލާމޮންޓަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔައެވެ. އެއީ ޕީއެސްޖީގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ވޮރެން ޒައިރޭ އެމެރީ ކުރި ފައުލަކަށް ކްލާމޮންޓަށް ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޮލާމޮންޓްގެ ފްރާންސް ފޯވަޑް ގޮރެހޯން ކިޔޭ ފޮނުވާލި އެ ޕެނަލްޓީ، ޕީއެސްޖީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ކްލާމޮންޓުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަަމަކޮށްފައެވެ. ކްލާމޮންޓުން އެ ގޯލު ވެސް ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީން ހެދި ގޯހަކުންނެވެ. ޕީއެސްޖީގެ އިޓަލީ ކީޕަރު ޖިއަންލޫކާ ޑޮނަރޫމާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކްލާމޮންޓަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އަލްޖީރިއާ ޑިފެންޑަރު މެހްދީ ޒެފާންއެވެ. އެ ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ފުރަތަަމަ 15 މިނެޓުގެ ތެރޭގައި ޕީއެސްޖީގެ ނުރައްކާ ފެނިގެންދިޔައެވެ. އެގޮތުން ޕީއެސްޖީގެ މެސީއަށް ގޯލު ޖެހުމަށް ދެ ފުރުސަތެއް ވެސް ލިބިގެންދިޔައެވެ. މެސީ ފޮނުވާލި ފުރަތަމަ ހަމަލާ ގޯލާ އަމާޒުވެފައި ނުވާ އިރު، އޭނާގެ ދެވަނަ ހަމަލާގެ ހުރަހަކަށްވީ ކްލާމޮންޓްގެ ކީޕަރު ޑިއޯއެވެ.
މެޗުގެ 63 ވަނަ މިނެޓުން ކްލާމޮންޓުން ވަނީ ފަހަތުން އަރައި، ޕީއެސްޖީގެ މައްޗަށް ކުރި ހޯދައިފައެވެ. ކޮސޯވޯ މިޑްފީލްޑަރު އެލްބަސާން ރަޝާނީ ނަގައިދިން ރީތި ހުރަހަކުން ކްލާމޮންޓަށް އެ ގޯލު ކާމިޔާބުކޮށްދިނީ ގިޔޭއެވެ.
މިސީޒަނަށްފަހު ޕީއެސްޖީ ދޫކޮށް ދިއުމަށް ނިންމާފައިވާ މެސީ އާއި ރާމޯސްއަށް އެ ކްލަބާއެކު ހޯދިފައިވަނީ ފްރާންސް ލީގުގެ ދެ ތައްޓެވެ. ޕީއެސްޖީގެ އެންމެ މުހިންމު އަމާޒު ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތައްޓެއް އެ ކްލަބާއެކު މެސީ އާއި ރާމޯސްއަށް ހޯދިފައެއް ނުވެއެވެ. އެ ދެ ކުޅުންތެރިން ގުޅުން އެންމެ ގާތީ ސައުދީ އަރަބިއާގެ ކްލަބަކާއެވެ. އެގޮތުން އަލް ހިލާލުން ވަނީ މެސީއަށް މުސާރައިގެ ގޮތުގައި ސީޒަނަކަށް 400 މިލިއަން ޔޫރޯ (429 މިލިއަން ޑޮލަރު) ދިނުމަށް ހުށަހެޅުމެއް ހުށަހަޅައިފައެވެ.