ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާއެކު ހެޓްރިކެއް ހެދި ނަމަވެސް، ފްރާންސް ތަރި ކިލިއަން އެމްބާޕޭއާ މެދު ހިތްހަމަނުޖެހޭ ކަމަށް އެ ކްލަބުގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
ފްރާންސް ލީގުގައި އިއްޔެ ކުޅުނު މެޗުގައި ރެއިމްސް އަތުން 3-0ގެ ނަތީޖާއަކުން ޕީއެސްޖީ ވަނީ މޮޅުވެފައެވެ. އެ މެޗުގައި ޕީއެސްޖީގެ ތިން ގޯލު ވެސް ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. އެ މޮޅާއެކު ލީގު ތާވަލުގެ އެއްވަނައަށް ޕީއެސްޖީ ޖެހިލި ނަމަވެސް، އެމްބާޕޭއާ މެދު ހިތްހަމަނުޖެހޭ ކަމަށް ކޯޗު އެންރީކޭ ވަނީ ބުނެފައެވެ.
"އެމްބާޕޭއާ މެދު އަހަރެން މިހުރީ ހިތްހަމަޖެހިފައެއް ނޫން. ގޯލުތަކާ މެދު އެއްޗެކޭ ބުނާކަށް ނެތިން، އެކަމަކު އޭނާއަށް އެހެން ގޮތަކުން ޓީމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ. އަހަރެން ފުރަތަމަ އެމްބާޕޭއާ ވާހަކަދައްކާނަން. ނަމަވެސް އެއީ އަހަރެމެން ދެމީހުން ވަކިން ދައްކާނެ ވާހަކަތަކެއް. އެމްބާޕޭއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ، އަހަރެމެން އޭނާގެ ފަރާތުން އިތުރަށް ބޭނުންވޭ،" 'ޕްރައިމް ވީޑިއޯ ސްޕޯޓް'އަށް ދިން އިންޓަވިއުއެއްގައި އެންރީކޭ ބުންޏެވެ.
މިސީޒަނުގެ މިހާތަނަށް އެމްބާޕޭ ވަނީ ޕީއެސްޖީއަށް 15 ގޯލު ކާމިޔާބުކޮށްދީފައެވެ. އޭގެ ތެރެއިން ދިހަ ގޯލު ކާމިޔާބުކޮށްފައިވަނީ ފްރާންސް ލީގުގައެވެ. އެމްބާޕޭ ވެސް ވަނީ އޭނާއާ ގުޅޭގޮތުން އެންރީކޭ ދެއްކި ވާހަކަތަކަށް އެއްބަސްވެފައެވެ.
"އަހަރެން ބޭނުންވަނީ ރަނގަޅު ކުޅުމެއް ދައްކައިގެން ގޯލުތައް ޖަހަން. އަހަރެންގެ އަމާޒަކީ ވީހާވެސް ބޮޑަކަށް ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުން،" އެމްބާޕޭ ބުންޏެވެ.
ފްރާންސް ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން ޕީއެސްޖީން ވަނީ 27 ޕޮއިންޓު ހޯދައިފައެވެ. ޕީއެސްޖީ އާއި ދެވަނައިގައި އޮތް ނީސްއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ.