ސީޒަންގެ ޓޮޕް ސްކޯރާ ހޯދުމާއެކު މެސީއަށް ބޮޑު ރެކޯޑެއް

ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ --- ފޮޓޯ/ ރަޔާން ބެންސަން

ނިމިގެން މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގެ ޓޮޕް ސްކޯރާގެ މަގާމުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ހޯދުމާއެކު، އެންމެ ގިނަ ފަހަރަށް އެ މަގާމު ހޯދި ކުޅުންތެރިޔާގެ ޝަރަފު އޭނާއަށް ލިބިއްޖެއެވެ.

ރޭ ބާސެލޯނާއިން ލީގުގައި ކުޅުނު އެންމެ ފަހު މެޗުން 2-2ގެ ނަތީޖާއަކުން އެއްވަރުވި އިރު މެސީ ވަނީ ދެ ގޯލު އެ މެޗުގައި ޖަހައިފައެވެ. އެއީ އޭނާ ކުޅުނު 34 މެޗުގައި ޖެހި 36 ވަނަ ގޯލެވެ. އެތުލެޓިކް ބިލްބާއޯގެ ލެޖެންޑެއް ކަމަށްވާ ޓެލްމޯ ޒަރާގެ ހަ ޕިޗިޗީ އެވޯޑާއި މެސީ އަރައި ހަމަކުރި އިރު އޭނާ ވަނީ މި ސީޒަނުގައި އަނިޔާގެ ސަބަބުން މެޗުތަކެއް ނުކުޅެ ދޫކޮށްލާފައެވެ.

މެސީއާއި އެންމެ ގާތުން މި ސީޒަނުގެ ޓޮޕް ސްކޯރާ ހޯދުމަށް ވާދަކުރި ލުއިސް ސުއަރޭޒްއާއި ކަރީމް ބެންޒީމާވެސް އުޅެނީ އަޅައި ކިޔޭ ވަރަށް ވުރެން ވެސް ފަހަތުގައެވެ. މެސީ ވަނީ ލީގުގައި އެންމެ ގިނަ ގޯލު ޖެހުމުގެ އިތުރުން އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާއާއި އެންމެ ގިނައިން ޑްރިބަލް ކުރި ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ފުރުސަތު އުފެއްދި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ.

ބާސެލޯނާއިން މި ސީޒަނުގައި ހޯދަމުންދާ ކާމިޔާބީގެ އެންމެ އިސް ދައުރެއް އަދާ ކުރަމުން އަންނަ މެސީ ވަނީ ރޭ އޭނާ ޖެހި ގޯލުތަކާއެކު އެންމެ ވާދަވެރި ކުރިސްޓިއާނޯ ރޮނާލްޑޯގެ ކުލަބް ގޯލު ރެކޯޑުވެސް މުގުރާލާފައެވެ. ރޮނާލްޑޯ މިހާތަނަށް ހަތަރު ކުލަބެއްގައި ކުޅެފައިވާ އިރު އޭނާއަށް ޖެހިފައި ވަނީ 601 ގޯލެވެ. މެސީ ބާސެލޯނާއާ އެކު ކުޅެ 602 ގޯލު ޖަހާފައި ވަނީ ރޮނާލްޑޯއަށް ވުރެން 150 މެޗު މަދުން ކުޅެގެންނެވެ.

ސްޕެނިޝް ލީގުގެ ޓޮޕް ސްކޯރާއަށް ދޭ ޕިޗިޗީ އެވޯޑްގެ އިތުރުން ޔޫރަޕުގެ ރަން ބޫޓު ވެސް މެސީއަށް ލިބުން ގައިތެވެ. އޭނާއާއި އެންމެ ގާތުން ވާދަ ކުރާ ޕީއެސްޖީގެ ފޯވާޑް ކައިލިއަން އެމްބާޕޭއަށް ބާކީ އެއް މެޗު އޮތް އިރު އޭނާ ދެން މެޗެއްގައި މަދުވެގެން ހަތަރު ގޯލު ޖަހައިގެން ނޫނީ މެސީއާއި އެއްވަރު ނުކުރެވޭނެއެވެ.

comment ކޮމެންޓް