ބުނާއެއްޗެއް އަނެކުންނަށް މޭރުންވާ ގޮތަށް އަނގައަށް ވާގިލައި އަކުރުތަކަށް ސަމާލުވެ ބުނަން ޖެހެ އެވެ. ނޫނީ ހީވެސް ނުކުރެވޭ ފަދަ ގެލލުމެއް ލިބުމަކީ ގާތްކަމެކެވެ.
ސާޖިދާއަކީ މީރު ކާއެއްޗެއްސަށް ލޯބިކުރާ އެކަނިވެރި އަންހެނެކެވެ. ފިރިމީހާ ނިއައުވީ ދާދި މިދާކަށް ދުވަހު އެވެ. ބޮޑެތިވެފައި ތިބި ދެ ފިރިހެން ކުދިން ދިރިއުޅެނީ ރާއްޖެއަކު ނޫނެވެ. ވުމާއެކު އެމީހުންގެ ގޭގައި ސާޖިދާއަށް މިވަގުތު އުޅެންޖެހިފައި ވަނީ އެކަނިމާއެކަންޏެވެ. އާދަވެ އެގެއަށް ވަދެލައި ސާޖިދާއަށް އެހީވެލައިދީ އުޅެނީ ނިއައުވި ފިރިމީހާ އަށް ބޮޑުބޭބެކިޔާ ޅަޒުވާން ކުއްޖެކެވެ. ރަށުންގެ ނިސްބަތުގައި ސާޖިދާމެންނަކީ އުޅެލެވޭ ބައެކެވެ. ބޭރުގައި ތިބި ދެބެންމެ މަންމައަށް ފައިސާގެ އެހީ ފޯރުކޮށްދޭތީ ދިރިއުޅުމުގައި މާ ދަތިތަކެއް ނެތެވެ.
ސާޖިދާގެ އުމުރުން ވެސް ދެން ފަސްހާސް ރުފިޔާ މަހަކުލިބޭކަން މާގިނަދުވަހެއްނެތެވެ. އަނގައިގައި ދަތްތައް ވެސް މިހާރުހަމައަކަށް ނެތެވެ. ވުމާ އެކު ދައްކާ ވަހަކައިގެ ދޭހަ ދަތިވާގޮތް ވާކަން ފާހަގަކުރެވެ އެވެ. އެދުވަހު ސާޖިދާ އެސޮރު އައިމާ ވަރަށް ގިނަ ކަންކަން ކުރުވި އެވެ. އަދި މާދަމާކުރަން ބޭނުންވާބައެއް ކަންކަމުގެ ވާހަކަ ވެސް ބުންޏެވެ. އެގޮތުން މާދަމާއަކީ ބުރާސްފަތި ދުވަސް ކަމުގައިވާތީ ރޯދައަށް ހުންނާނެ ވާހަކަ ވެސް ބުންޏެވެ. ދެން ދެއްކީ ތަންކޮޅެއް ކުރިން ސާޖިދާ ބުނެގެން އެސޮރު ގަނެގެންގެނައި އަތަރުފުޅިއެއްގެ ވަސް މީރުވި ވާހަކަޔާއި މިހާރު މިހުންނަ އަތަރުގައި ވަސް ނުހިފަހައްޓާ ވާހަކަ އެވެ. ރޯދައިގެ ވާހަކަ ދެއްކި އިރު އެރަށުގައި ހުންނަ މާމީރު ރިހަފޮޅިވިއްކާގެއިން އިރުއޮއްސޭއިރު ރޯދަވީއްލަން ހަތަރުފޮޅި ގެނެސްދޭންވާނެއޭ ވެސް ސާޖިދާބުންޏެވެ.
އެސޮރު (ހާރޫނު) އެގެއިން ނުކުމެގެން ދިޔަ ތަނާ ކުރިން ވެސް އޭނާގެ އަނގައިގާ ހަލާކުވެފައި ހުންނާތީ ދޭތެރެއަކުން ރިއްސާދަތުގައި ރިއްސަންފެށި އެވެ. ބޭރުން ހޫނުކޮށް އެތެރޭން ކަރަންފޫތެޔޮ ޖަހައި އެތައްވަރެއްކޮށް ވެސް އެރޭ އެފަކީރަށް ނުވެސްނިދެ އެވެ. ފަތިހު ކޮންމެސް ވަރަކަށް ލުއިލިބުމުން ނިދާފައި ހާރޫނަށް ތެދުވެވުނީ އަސުރު ވާން ކައިރިވެފައި ވަނިކޮށެވެ. ފެންވަރާލައިގެން ދިޔައީ އެ ރަށުގައި އޭރު ހުރި އެއްމެ ފިހާރައަށެވެ. ވަރަށް ހަނދާންކޮށް ވިސްނައިގެން އަތަރުފުޅިއެއް ގަނެގެން ސާޖިދާމެން ގެއަށްދިޔަ އިރު ހުރީ އިރުފުހެން ދާދިކައިރިވެފަ އެވެ. ވަދެ ބަލައިލި އިރު ސާޖިދާވީ ގިފިލީގަ އެވެ.
އަތަރުފުޅި މިއޮތީއޭ ގޮވާލުމުން ސާޖިދާ ޖަވާބު ދިނެވެ. ބަދިގޭ އަށިމަތީގައި ބާއްވާ! އެބުނިހެން އެތާ ބާއްވާފައި ހާރޫނުދިޔައީ އެވެ. ސާޖިދާ ގިފިލިން ނުކުތްތަނާހެން ބަންގިފެށިއަޑު އިވުނެވެ. ބަދިގެއަށް ވަދެ އަށިމަތީގައި އޭނާ ބަހައްޓާފައި ހުރި ބަތްޕެންބޯތަށިން ރޯދަ ވީއްލާލާފައި ހާރޫނު ގެނެސް ބާއްވާފއި އޮތް ކަރުދާސްބޮނޑި ނިއުޅާލި އެވެ. އޭނާއަށް މީރުފޮޅިއެއް ކާލާހިތުންނެވެ. އޮތީ އަތަރުފުޅި އެވެ.
އެވަގުތު ހާރޫނު އައިސް ބަދިގޭދޮރުމައްޗަށް އަރާފައި ތިޔައީ އެ އަތަރުތޯ ވަސް ބަލައިލަބަލާށޭ ބުންޗެވެ.
ސާޖިދާ ދެލޯބޮޑުކޮށްލާފައި ބުންޏެވެ. އަތަރުފުޅި ގަންނާކަށް ނުބުނަމެވެ. މަބުނީ ހަތަރުފޮޅީގެ ވާހަކަ އެވެ.