އަހަރެމެން ކުޑަ އިރު އަހަރަމެން ގޭގައި ވެސް ހުންނަނީ ރޯނު ފުރި އެނދެވެ. އަލީ މެންގެ ގޭގައި ވެސްމެ އެވެ. އޭރު ފިލާ އެޅި އެނދު ވެސް މަދުވާނެ އެވެ. ގޮދަޑިއަކަށް އާއްމުކޮށް ހުންނަނީ ނަރު ގޮދަޑި އެވެ. އެ ވެސް ތުނިކޮށްނެވެ. މިހާރު މިހުންނަ ހަ އިންޗި ނުވަތަ އަށް އިންޗީގެ ފުށްކަފަ ގޮދަޑިއެއް ނުހުރެ އެވެ.
އަލީ ކިޔައިދިނެވެ. އޭނާ އާއި މުހަންމަދު މަނިކު އުޅެ ބޮޑުވީ އެކުގައި ބޮޑު ފާރުން ބޭރުގައި ކުޅެންއުޅެ އެވެ. ހެނދުނު ފިލާ ދޮވެ، ފިލާ ލިއުއްވައިގެން ގެއަށް ގޮސް ފިލާ ބާއްވާފައި ދުވެފައި ދަނީ ކުޅޭށެވެ. މުހަންމަދު މަނިކުގެ ގެ ހުންނަނީ ބަކަރިކޮށިތަކާ ދިމާ އަތިރިމަތީގައި ކަމުން އަހަރެން ދުވެފައި ދަނީ އެ ގޭ މަގަށެވެ. ގޮސް ގޮވާލާ އިރަށް މުހަންމަދު މަނިކު ނުކުންނާނެވެ. ދެން ދެ މީހުން އެކުގައި ދާނީ ކުޅޭށެވެ. މި ގޮތަށް އުޅެމުން އައިސް ސޯޅަ ސަތާރަށް އެރި އިރު ވެސް އަހަރެމެން އުޅުނީ އެކުގައި ވަރަށް ގުޅިގެން އެކުވެރިކަމުގަ އެވެ.
ދެން އައީ ދެވަނަ އުމުރެވެ. މީހުންނާ އިންނަންވާ އުމުރެވެ. ފުރަތަމަ ކައިވެންޏެއް ކުރީ މުހަންމަދު މަނިކެވެ. އަހަރެމެން އެކުގައި ކުޅެން ކުޅެން އުޅުނު ގޮލައިންތައް އެއްވެފައި ކައިވެނި ރޭ ކޮންމެ ވެސް މަޖަލެއް ކުރަން ވާހަކަ ދެކެވުނެވެ. ދެން ހެދި ގޮތަކީ އެކި ގޭގެ އިން ބިއްލޫރި ހުސް ފުޅި ހޯދީ އެވެ. ސޮޑާ ހުސްކުރި ފުޅި އާއި އެކި ވަރުގެ އެކި ކަހަލަ ފުޅިތަކެއް އެއްމެން ވެގެން ހޯދުމަށް ފަހު މުހައްމަދު މަނިކުމެން ނިދަން އެގޭގައި ހެދި ބައިގައި އެ މީހުން ބަހައްޓާފައި ހުރި ރޯނު ފުރި އެނދުގެ މެދަށްވީ ހިސާބުން ދަށް ފަރާތުގައި އެ ފުޅިތައް ކޮންމެ ފުޅިއެއްގެ ކަރުގައި ރޯނުކޮޅެއް ޖަހާފައި އެލުވީ އެވެ. އެކަން ކުރީ މުހަންމަދު މަނިކު އަށް ނާންގަންވެގެން އަހަރެމެން ގޭގައި އޭނާ ހިފަހައްޓާފަ އެވެ. އޭނާ ދޫކޮށްލީ ކައިވެންޏަށް ދާ ވަގުތު ޖެހުނީމާ އެވެ. ގޮސް ކައިވެނިކޮށްގެން އަނބި ދައްކަން އަންހެން ކުއްޖާގެ ގެއަށް ވެސް ދިއައީ އަހަރެމެން އެކުގަ އެވެ. އޭރު މުހަންމަދު މަނިކުގެ މަންމަ އާއި ބޮޑު ދައިތަ އެގޭ ދޮށަށް ގޮސް ތިއްބެވެ. އަންހެން ކުއްޖާ އަށް ހެކިވެރިން ފިރި ދެއްކުމުން އެއްމެން އެކުގައިހެން މުހަންމަދު މަނިކުގެ ގެއަށް އައީ އެވެ.
ވާހަކަ އިވުނު ގޮތުގައި އެ ދުވަހު ހަވީރު ގަޑި އެއްހާ އިރުން އެ އެެނދުގެ ދަށް ފަރާތުގައި ފަންސަވީހަކަށް ފުޅި އެލުވި އެވެ. އެ ރޭ މުހަންމަދު މަނިކުމެން އެ އެނދުގައި އަދި ރަނގަޅަށް ނުވެސް އޮށޯވެވި އުޅެނިކޮށް އެނދު ދަށުން ފުޅިތަކުގެ އަޑުފަށް ގުގުމާލި އެވެ. އެއާ އެކު ރޯނު ފަށްތައް ފީވެފައި ހުރުމުގެ ސަބަބުން ރާސްލާފައި އެއް ދިމާއަކުން ބުރިވީ އެވެ. މަތީޖާއަކަށްވީ އެއްފުޅި އަނެއް ފުޅިއާ ޖެހި ބައެއް ފުޅި ތެޅި، ތެޅުނު ފުޅިތޮށިތަކުން އަންހެން ކުއްޖާގެ ލިބާހާ އެކު ކޮނޑުން ތަންގަނޑެއް ހަލާކުވެ ލޭ އައިސް ދިވެހި ބޭސްވެރިއަކު ހޯދައިގެން ކެނޑުނު ތަނުގައި ބޭސް ވެސް އަޅަން ޖެހުމެވެ. އެނދު ތަންދޮށުން ފުޅިތައް ނަގައި ބުރިބުރިވި ރޯނުތައް ގުޅައި ނިމުނީ އަނެއް ދުވަހު މެންދުރެއްހާ އިރު ކަމަށްވެ އެވެ. އެއީ ހަމަ ސަމާސާ އެކެވެ. އޭރުގެ ސަމާސާ އެވެ.