އެހާރާއި މިހާރު ވަރަށް ތަފާތެވެ. އިއްޔެ އާއި މިއަދު ވެސް ތަފާތުދޯ އެވެ. އެއީ އެއް ދުވަހުގެ ވަރެވެ. އޭރަކީ މިކަހަލަ އެތައް ދުވަހެއްގެ ކުރި އެވެ. އެހާ ގިނަ ތަފާތުތައް އެކުވެގެން އޮންނަނީ ބޮޑުތަފާތަކަށް ވެފަ އެވެ.
އަތޮޅުތަކުގެ ބައެއް ރަށްރަށުގައި އޭރު ވަރަށް ހާލަތު ދަށެވެ. ސަރުކާރުން އެފަދަ ރަށްރަށަށް ކަންކަމުދާ ވަފުދުތަކުގެ މީހުންނަށް ނިދައި ކައިބޮއި ހެދެން ނުހުންނާތީ އިރުއޮއްސޭއިރަށް އެހެން ރަށަކަށްގޮސްފައި އަނެއް ދުވަހު ހެނދުނު އަލުން އެބަ އެރަށަކަށް ގޮސް މަސައްކަތްކުރެ އެވެ. ޚުދު އަހަރެމެންގެ ބައެއް ދަތުރުތަކުގައި އަހަންނަށް ވެސް އެތަޖުރިބާ ކުރެވުނެވެ. އަހަރެމެންނޭ މިބުނީ ސިއްހީދާއިރާއަށް ނިސްބަތްކޮށްފަ އެވެ.
އެކަމަކު ބައެއް ފަހަރު އަހަރެމެންގެ މަސައްކަތް ހުންނަ ގޮތުން ރޭގަނޑު މަޑުކުރަން މަޖުބޫރުވެ އެވެ. އެފަދަ ދަތުރުތަކަށް މާލެއިން ފުރާނީ އެގޮތަށް އާލާތްކޮށްގެނެވެ. އަތިރީގައި ނުވަތަ އެނޫނަސް ކޮންމެވެސް ހުސްބިމެއްގައި ފޭލިގެޖެހޭނެ ސާމާނުހިފައިގެނެވެ. ސިއްހީދާއިރާގެ ހަރަކާތްތައް ފެށިގެން އައި ދުވަސްވަރުކަމުގައި ވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަން އެދުވަސްވަރު ދިޔައީ ފުރިހަމަޔަށް ލިބެމުންނެވެ.
ރޭގަނޑުގެ މަސައްކަތް ކޮންމެހެން ކުރަންޖެހުނީ މަދިރިތަކުން ފަތުރާބަލިތަކުގެ މާލޫމާތު ހޯދި ދުވަސްވަރު ކުރެވުނު ދަތުރުތަކުގަ އެވެ. ބަލީގެ މިންވަރު ބެލުމަށް ޓަަކައި އެއްމެންގެ ގައިން ލޭނެގުމަށާއި މަދިރީގެ ވައްތަރުތައް އޮޅުންފިލުވުމަށް ޓަކައި އުޅޭ މަދިރިހިފައިގެން ބެލުމަށެވެ.
މި މަޖާ ހާދިސާ ހިނގީ ށ. އަތޮޅު ރަށެއްގެ ވައި މަތިފަރާތުއަތިރީގައި އެގޮތަށް ފޭލިގެ ޖަހައިގެން ތިބެންޖެހުނު ރެއެއްގަ އެވެ. އެކަކު ވަރަށް ހަވީރު ބޮޑު މިސްކިތު ވަޅުން ފެންވަރަން ހުއްޓާ އެހެން ދެމީހަކު އޭނާއަށް ގޯނާ ކުރި އެވެ. ފެންވަރަން ފަށަމުން އޭނާ ދޮވުނު މުންޑު ދޮވެފައި ގެންގޮސް ދާނިތައްބާއްވާ އަނަމަތީގައި ބާއްވާފައި ވަޅުދޮށަށް ގޮސްހުރީ ގައިގައި ސައިބޯނިލައި، ލައިގެން ހުރި ހަރުވާޅުބުރީގައި ވެސް ސައިބޯނިއުނގުޅައިގެން ފެންވަރާށެވެ. އެވަގުތު މިދެމީހުން ކުރިކަމަކީ އެދުވަސްވަރުގެ ވަރަށް މަޝްހޫރު އަތްމަތީ ބޭހެއް ކަމުގައިވާ ވައިލެޓްފުށް، ނުވަތަ ޖެންސަންވައިލެޓު ކޮޅެއް އެއްކަލަ މުންޑުނިއުޅާލާފައި އެތެރެއަށްލީ އެވެ. ކަންތައްވީ އެދެމީހުން ބޭނުންވި ގޮތަށެވެ. ފެންވަރާނިމިގެން ގައިހިއްކާ ހަދަން އޭނާނެގީ އެމުންޑެވެ. ވިސްނާނުލައި ބަލާ ވެސްނުލާ ފުރަތަމަ ވެސް މުންޑުނިއުޅާލުމާ އެކު މޫނާއިބޮލުން ފެންފުހެން ކާއްތައި އުނގުޅީ އެވެ. އެކުލަތައް ފިލުވަން މޫދަށް އެރެން އޭނާދިޔަ އިރު އިރުއޮއްސި އަނދިރިވަނީ އެވެ. އޭނާގެ ފަހަތުން ވައިލެޓްފުރޭތަ އަރައިފިޔޯތް ގޮވަމުން އެއްމެންހެން ދިޔަ އެވެ.
އެފަކީރަށް އެ ވައިލެޓުކުލަތަކުން ސަލާމަތްވެވުނީ ފޭލިގެއާއި ދިމާއިން މޫދަށް އެރި އެތައް މަސައްކަތަކުންނެވެ. އެހެންއެއްމެން ދެވެލި ފެންފަށުގައި އެކަމާހޭން މަޖާކުރަން ބައިގަޑިއެއްހާއިރު ތިބިފަހުންނެވެ.