ސަލްމާއާއި ގުރްއާނުގައިވާ ކަނބަލުންގެ ވާހަކަތައް 13: ޢަޒީޒުގެ އަނބިކަނބަލުން 3

"ކެތްތެރިކަމޭ! ފުރުސަތު ގެއްލިގެން ދާން ދެން ގޮތް ނިންމާން ނޭނގިފައި ހުންނާން ވީ ތަ؟ ލިބޭ ފުރުސަތުތައް ބަލައިގަތުމުގައި ވަގުތު ނަގައިލުމަކަށް ކެތްތެރިވުމެކޭ ނުކިޔާނެ. އެއީ ގަބުކަމާއި ކޮށިކަން. އެއީ ނެގިމަޑުވުން. އެހެންނަަމަވެސް ތިމާ އެދޭ ކަމެއް ހާސިލުކުރުމުގައި ކުރިމަތިވާ ހުރަސްތައް ގިރާ ކުރުމުގައި ހޭދަ ކުރާ ވަގުތުތައް ދިގުލައިގެން ދިޔަ ނަމަވެސް ހިތްވަރު ދޫނުކޮށް ކުރިޔަށް ދިއުން ކެތްތެރިކަމަކީ. މިސްރުގެ އަޒީޒު ވަނީ އަހަރެންގެ ކައިވެންޏަށް އެދިވަޑައިގެންފައި. ވީ އިރު މި ފުރުސަތު އަހަރެން ދޫކޮށެއް ނުލާނަން. - އަޒީޒުގެ އަނބިކަނބަލުން ޒުލައިޚާ - މިހެން ގޮވައިލެވޭ ގޮވައިލުމުގެ އަގު ކަލެއަށް ވަޒަން ނުކުރެވެނީ ތަ ސަބީހާ!" ޒުލައިޚާ ވިދާޅުވިއެވެ.

*****

"މިއީ ހަގީގަތެއް ކަމަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ. ކުރީން ޚިޔާލު ކުރެވުނު ވަރަށް ވުރެ މާ ބޮޑަށް ވެސް ކަންތައްތައް ފުރިހަމަ. ވަރަށް ރީތި. ވަރަށް ހިތްގައިމު." ޒުލައިޚާ ވިދާޅުވިއެވެ.

"އަހަރެމެންގެ ހަޔާތުގެ ކޮންމެ ހިނދުކޮޅެއް ވެސް ވެގެން ދާނީ ވަރަށް ރީތި އަދި ވަރަށް ހިތްގައިމު ވަގުތުކޮޅަކަށް. ތިޔައީ މިހާރު ޢަޒީޒުގެ އަނބިކަނބަލުން." ޢަޒީޒު ވިދާޅުވިއެވެ.

"މަގު މަތީގައި އެ ތިބީ އަޅުގަނޑުގެ ރަހުމަތްތެރީން. އަޅުގަނޑުގެ ރަހުމަތްތެރީންނާ ސަލާމް ގޮވައިލިޔަސް އެންމެ ރަނގަޅު ތޯ؟" ޒުލައިޚާ އެއްސެވިއެވެ.

"ނޫން. އެމީހުންނަކީ އާއްމު ރައްޔިތުން. އޭގެ ތެރެއިން ވަކި ބަޔަކަށް ސަލާމް ގޮވައިފައި އަނެއް ބަޔަކަށް ސަލާމްް ނުގޮވުމަކީ ރަނގަޅު ކަމެއް ނޫން." ޢަޒީޒު ވިދާޅުވިއެވެ.

"އަޅުގަނޑަށް އެމީހުންނާ ބައްދަލު ކުރުމުގެ ހުއްދަ ވެސް ނެތީ ތޯ؟" ޒުލައިޚާ ސުވާލު ކުރެއްވިއެވެ.

"ނޫން. ލޯނބިވާ އަނބިކަމަނާ! ކަމަނާއަށް ހުރިހާ ކަމެއް ވެސް ހުއްދަ ވެގެން ވޭ. އެހެންނަމަވެސް މަގުމަތީގައި އެންމެންނަށް ފެންނަ ގޮތަށް ރައްޔިތުންގެ ތެރެއިން ވަކި ބަޔަކާ ގާތްކަން ބޭއްވުމަކީ ވެރިކަން ހިންގުމާ ހަވާލު ވެ ތިބި ބަޔެއްގެ ނިސްބަތުގައި ވަރަށް އައިބު ކަމެއް. ކަމަނާ ބޭނުންފުޅު އިރަކުން އެމީހުންނަށް ދައުވަތު ދެއްވައިގެން އަރިއަހަށް ގެންނަވާން ވީ. އެހެންނަމަވެސް އެމީހުން ބޭނުން އިރަކު އައިސް ގަނޑުވަރަކަށް ނުވަދެވޭނެ. އެމީހުން އަމިއްލައަށް ކަމަނާއާ ބައްދަލު ކުރާން ބޭނުން ނަމަ ޖެހޭނީ ކުރީން އަންގައިގެން ހުއްދަ ހޯދާން. މިއީ ދައުލަތުގެ ކަންކަން ހަމަޖެހިފައި ހުންނަ ގޮތަކީ. މިއީ އަހަރެމެންނަށް ބަދަލު ކުރެވޭނެ ކަންކަމެއް ނޫން. މި ކަންކަން ބަދަލު ކުރުމަކީ ނާޖާއިޒު ގޮތުގައި މަގާމުގެ ބޭނުން ކުރުން. މަގާމެއްގައި ހުންނަ މީހަކު ކަންކަން ކުރާން ވާނީ މަގާމާ ގުޅިގެން ކަންކަން ކުރާން ޖެހޭ ގޮތަށް. މަގާމަށް އަންނަ މީހާއާ ގުޅިގެން މަގާމުގެ ކަންކަން ހަމަޖެހިފައި އޮންނަ ގޮތް ބަދަލު ކޮށްގެން ނުވާނެ. އެހެންނޫނީ ދައުލަތުގެ ހިންގުމުގެ ހަރުދަނާކަން ގެއްލިގެން ހިނގައިދާނެ." ދައުލަތުގެ ކަންކަން ހަމަޖެހިފައި އޮންނަ ގޮތާ މެދު ޢަޒީޒު އޭނާގެ އަނބިކަނބަލުންނަށް ކިޔައިދެއްވިއެވެ.

*****

"ގޮނޑިކޮޅުގައި އިށީންނަވާ!" ޢަޒީޒު ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުގެ އެކުވެރީން. ޖައިދާ އާއި ފުތޫން އާއި ރުފައިދާ." ޒުލައިޚާ ވިދާޅުވިއެވެ.

"ތިޔަ ކަނބަލުންނަށް މަރުހަބާ ކިޔަން." ޢަޒީޒު ވިދާޅުވިއެވެ.

"އަޅުގަނޑު މިއިނީ އިށީނދެގެން. އެމީހުން އެ ތިބީ ކޮއްޅަށް." ޒުލައިޚާ މަޑު އަޑުފުޅަކުން ޢަޒީޒު އަރިހުގައި ވިދާޅުވިއެވެ.

"މިއީ ގަނޑުވަރުގެ ބޭރު. ފައިންޕުޅު ދެކޭން އަންނަ މީހުން މި ތަނުގައި ތިބޭނީ ކޮއްޅަށް. އެއީ އެ ކަން އޮންނަ ގޮތް." ޢަޒީޒު ވިދާޅުވިއެވެ.

"އެ އަންނަނީ އަޅުގަނޑުގެ ބޮޑުބޭބެގެ ދަރިފުޅު." ޒުލައިޚާ ވިދާޅުވިއެވެ.

"އެއްވެސް މީހަކަށް އިސްތިގުބާލުކޮށް މަރުހަބާ ކިޔުމުގެ ގޮތުން ތެދުވެ ވަޑައި ނުގަންނަވާތި." ގަނޑުވަރުގެ އާދަކާދަ ހަމަޖެހިފައި އޮންނަ ގޮތް ޒުލައިޚާއަށް އޮޅުން ފިލުވައިދެއްވަމުން ޢަޒީޒު ގެންދެވިއެވެ.

"މި ކައިވެނިފުުޅުގެ ސަބަބުން އަޅުގަނޑުމެންގެ އާއިލާއަށް ޅިޔަންފަހަވެރިކަމުގެ ގޮތުން ލިބިގެން މި ދިޔައީ ވަރަށް ބޮޑު ޝަރަފެއް ޢިއްޒަތްތެރި ޢަޒީޒު." ޒުލައިޚާބެ ބޮޑުބޭބެގެ ދަރިފުޅު ދެންނެވިއެވެ.

- ނުނިމޭ -

comment ކޮމެންޓް