ދުންޔާ އާއި ޝުއައިބް: އިސްކަންދަރިއްޔާއިން އުފަންވި ލޯތްބެއް!

"ކަޕްލް ގޯލްސް" މިއީ މި ރޯދަ މަހު "ސަން"އިން ގެނެސްދޭ ހާއްސަ ސެގްމަންޓެކެވެ. ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އެކި ފަރާތްތަކުގެ ކާމިޔާބު ޒަވާޖީ ހަޔާތަށް އަލިއަޅުވާލާ ގެނެސްދޭ މި ހާއްސަ ސެގްމަންޓްގެ ފުރަތަމަ މެހެމާނުންނަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ޚާރިޖީ ވަޒީރާ، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫނާއި ފިރިކަލުން، ގާނޫނީ ވަކީލު ޝުއައިބް ޝާހެވެ.

މިސްރުގެ އިސްކަންދަރިއްޔާއިން ފެށުނު މި ލޯބީގެ ވާހަކަތައް ހާއްސަވާ އެތަކެއް ސަބަބުތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް ދެ ބޭފުޅުން ނިސްބަތްވަނީ ތަފާތު ދެ ގައުމަކަށެވެ. ދުންޔާގެ ފިރިކަލުން ޝުއައިބް އަކީ ބަންގްލަދޭޝް ނަސްލުގެ އިނގިރޭސި ރައްޔިތެކެވެ. ދެ ބޭފުޅުން އެކަކު އަނެކަކާއި ބައްދަލުވީ ކިޔެވުމަށް ޔުނިވާސިޓީގައި ތިބި ދުވަސްވަރުގައެވެ.

މާގިނަ ދުވަހެއް ނުވެ، ދެ ބޭފުޅުން ކައިވެނި ބައްލަވައިގަތްއިރު، މިއަދާ ހަމައަށް އެ ލޯބި އެގޮތުގައި 25 ދިގު އަހަރަށް ދެމެހެއްޓެވުނެވެ. ދުންޔާ ރާއްޖޭގައި ވަޒީފާ އަދާކުރައްވަން ފެއްޓެވި އިރު، ޝުއައިބު ރާއްޖޭގައި އޭނާގެ އަމިއްލަ ލޯ ފާމެއް ފެއްޓެވިއެވެ. ޝުއައިބަކީ މިއަދު ރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި އެންމެ ޑިމާންޑު ބޮޑު އެއް ގާނޫނީ ވަކީލެވެ. އަދި ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު ވިޔަފަރީގެ މުއާމަލާތް ކަމުގައިވާ، އެމެރިކާގެ ބްލެކްސްޓޯން ގްރޫޕުން ޓީއެމްއޭ ގަތުމުގެ މުއާމަލާތުގައި ގާނޫނީ ލަފާ ދެއްވީ ޝުއައިބެވެ.

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އަދި ފިރިކަލުން، ގާނޫނީ ވަކީލު ޝުއައިބު ޝާހު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެ ބޭފުޅުންނަކީވެސް އެހާމެ ބިޒީކޮށް އުޅުއްވާ ފަރާތްތަކަކަށް ވީއިރު، އާއިލާއަށާއި ދަރީންނަށް ވަގުތު ހުސްކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސެވިގޮތާއި، މި ފަހުން އައި ސިޔާސީ ހަލަބޮލިކަމުގައި ދިރިއުޅުމަށް ކުރި އަސަރުތައްވެސް ދެ ބޭފުޅުން ވަނީ "ސަން"އާ ހިއްސާކޮށްފައެވެ.

ދުންޔާއާއި ޝުއައިބްއަށް ތިން ކުދިން ލިބިފައިވާއިރު، ދެ ބޭފުޅުންވެސް އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަމަކީ އެގޮތުގައި ކުރިއަށް ދިއުމަށް އާއިލާއިން ލިބުނު އެހީތެރިކަމެވެ.

ކޮންމެއަކަސް، ފެންނަ ފެނުމަށް އެތަކެއް ތަފާތުތަކެއް މި ދެބޭފުޅުންގެ ހުންނާނޭކަމަށް ގަބޫލުކުރެވުނަސް، ޝުއައިބް ވިދާޅުވާގޮތުގައި އެފަދަ އެއްވެސް ކަހަލަ ތަފާތެއް ދެބޭފުޅުންގެ މެދުގައެއް ނެތެވެ.

މިދެބޭފުޅުން އެއްކޮށް މިފަދަ ގޮތަކަށް ފެންނަ މިއީ ފުރަތަމަ އިންޓަވިއު އަށްވާއިރު މި ވީޑިއޯއިން މި ދެމަފިރިންނާއި ބެހޭ އެތައް ސުވާލުތަކެއްގެ ޖަވާބު ލިބިގެންދާނެއެވެ.

comment ކޮމެންޓް