ގޭބީސީތަކަށް ދޫކުރާ ލެޑް ބޮކިތައް ޔުޓިލިޓީ ކުންފުނިތަކާ ހަވާލުކޮށްފި

ލެޑް ބޮކިތައް ހަވާލު ކުރުމަށް މިއަދު އެންވަަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެންވަރަމެންޓް މިނިސްޓްރީ

ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ލެޑް ބޮކި ދޫކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއަށް ބޭނުންވާ ލެޑްބޮކިތައް ޔޫޓިލިޓީ ކުންފުނިތަކާ ހަވާލުކޮށްފި އެވެ.

މިއަދު ލެޑް ބޮކިތައް ޔޫޓިލިޓީ ކުންފުނިތަކަށް ހަވާލުކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ބޮކިތައް ހަވާލުކުރީ ސްޓެލްކޯ، ފެނަކަ، އަދި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ދެއްކެވި ވާހަކަފުޅުގައި ކަރަންޓަށް ކުރާ ހޭދަ ކުޑަ ކުރުމަށް ޓަކައި މަދުން ހަކަތަ ބޭނުން ކުރާ ތަކެތި ގަތުމަށް އެދިވަޑައިގެންނެވި އެވެ. އަދި އާއްމު ދިރިއުޅުމުގައި ހަކަތައިގެ އިސްރާފު ކުޑަވާނެ ގޮތަކަށް އާދަތައް ބެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

ލެޑް ބޮކިތައް ހަވާލު ކުރުމަށް މިއަދު އެންވަަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެންވަރަމެންޓް މިނިސްޓްރީ

އޭގެ އިތުރުން ހަކަތަ އިގްތިސާދުކުރުމަށް ޓަކައި ހަކަތަ ސަމަކާރަ ލޭބަލް ހެދުމުގެ މަސައްކަތާއި ދިވެހިރާއްޖޭގެ ބިލްޑިންގް ކޯޑަށް ބޭނުންވާ ކޮމްޕްލަޔަންސް ޑޮކިއުމެންޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ އިތުރުން ހަކަތަ ސަމަކާރަ ތަކެތި ފޯރުކޮށްދިނުމަށް ޕްރޮގްރާމުތައް ހިންގަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހުރިހާ ގޭބިސީތަކަށް ލެޑް ބޮކި ދޫކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދެ ލެޑް ބޮކި ދޫކުރެވޭނެ އެވެ.

މިއަދު ކުންފުނިތަކާ ހަވާލު ކުރި ލެޑް ބޮކިތަކަކީ ތިމާވެށްޓާ ރައްޓެހި، ކަރަންޓު ހަރަދުކުޑަ ބޮކިތަކެކެވެ.

އޭގެ 200،000 ބޮކިން ދުވާލަކަށް 9600 ޔުނިޓުގެ ކަރަންޓު ސަލާމަތްކުރެވޭނެ އެވެ. އެއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 100 ޔުނިޓު ބޭނުންކުރާ 2,400 ގެއަށް ދުވާލަކަށް ބޭނުންވާ ކަރަންޓެވެ.

comment ކޮމެންޓް