"މެސީ ނޫން އެހެން މީހަކަށް ބެލެންޑިއޯ ދޭން ވޯޓު ނުލާނަން"

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ނޫން އެހެން ކުޅުންތެރިއަކަށް ދުނިޔޭގެ މޮޅު ކުޅުންތެރިއާ ހޮވުމަށް ދެވޭ ބެލަންޑިއޯރް ދިނުމަށް ވޯޓް ނުދޭނެ ކަމަށް މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ބުނެފި އެވެ.

ދާދި ފަހަކުން އަގުއޭރޯ ދިން އިންޓަވިއުއެއްގައި އޭނާ ދެއްކި ވާހަކައެއްގެއި ވާގޮތުން ބެލެންޑިއޯ ހޯދުމައްޓަކައި ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރު ކުރަން ޖެހޭ ކަމަށް އޭނާ ބުނެފައި ވެއެވެ. ނަމަވެސް އޭނަގެ އިންޓަނޭޝަނަލް ޓީމް މޭޓް މެސީ ވަނީ އެ މުބާރާތުގެ ސެމީ ފައިނަލުން ކަޓާފަ އެވެ. އަދި އެކަމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މެސީއާއި އަގުއޭރޯއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް ބުނެ ވާހަކަތައް ފަތުރަމުންނެވެ.

މެސީ ވަނީ މީގެ ކުރިން ފަސް ފަހަރަކު ބެލެންޑިއޯ ހޯދާފަ އެވެ. އަދި މި ސީޒަނުގައި ވެސް އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި ޔޫރަޕުގެ ރަން ބޫޓު ވެސް ޔަގީން ކޮށްފަ އެވެ. ސްޕެނިޝް ލީގު ކާމިޔާބު ކުުރުމުގެ އިތުރުން ކޮޕަ ޑެލްރޭ ގެ ފައިނަލުގައި މިހާރު އޮތް ބާސެލޯނާ އެ ހިސާބަށް ގެންދިއުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރި މެސީ، ޗެމްޕިއަންސް ލީގުން މި ސީޒަނުގައި ލިބުނު ނާކާމީޔާބީއާ އެކު ވަނީ ގިނަ ފާޑު ކިއުންތަކެއް ކުރިމަތި ވެފަ އެވެ.

"އަހަރެން ބުނާ އެއްޗެހި ސާފު ކޮށްދެން ޖެހުމަކީ އަހަރެން އާންމުކޮށް ކުރާކަމެއް ނޫން. އެކަމު އަހަރެން ނުބުނާ އެއްޗެހި ބުންޏޭ ކިޔައިގެން ދޮގު ހަބަރު ފެތުރެންޏާ މަޖުބޫރުވާނެ މިވާހަކަ ދައްކަން،" އަގުއޭރޯ ކުރި ޓްވީޓެއްގައި ބުންޏެވެ.

"މެސީ ނޫން އިތުރު ކުޅުންތެރިއަކަށް ބެލެންޑިއޯ ދޭން އަހަރެން ވޯޓެއް ނުދޭނަން. ހާއްސަކޮށް އޭނާ މި ސީޒަނުގައި އެ ދެއްކި ކުޅުމައް ބަލާފަ އެ އެވޯޑު އޭނާއަށް ހައްގު،"

"އަހަރެންނަށް ކުރި މަތި ކުރި ސުވާލަކީ އަހަރެންނަށް މިއަހަރުގެ ބެލެންޑިއޯ ލިބިދާނެތޯ. އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަހަރެން ބުނީ އަހަރެންނަށް އެ ޝަރަފު ލިބޭނީ ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރު ކުރެވިއްޖެ ނަމަ އެކަންޏެވެ. އެއީ މެސީ ވާހަކައެއް ނޫން،"

"އަހަރެން ގަބޫލު ކުރާ ގޮތުގައި ޗެމްޕިއަންސް ލީގު ފައިނަލަށް މެސީ ނުދިޔަ ކަމުގައި ވިޔަސް އޭނާއަށް މިއަހަރުގެ ބެލެންޑިއޯ ހައްގު."

comment ކޮމެންޓް