އިންޖީނެއް ހަލާކުވެ، ނިލަންދުއަށް ކަރަންޓު ލިބެނީ ހަތަރު ގަޑިއިރުން އެއްގަޑިއިރު

ފ. ނިލަންދޫ -- ފޮޓޯ: ޓްރިޕް އެޑްވައިޒާ

ފ. ނިލަންދުއަށް ކަރަންޓު ދެމުން އައި ތިން އިންޖީނުގެ ތެރެއިން އެއް އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓުގެ މައްސަލަ ބޮޑުވެއްޖެ އެވެ.

ނިލަންދޫގައި އިންޖީނުގެ ހިންގަމުން އަންނަނީ އެރަށު ރައްޔިތުންގެ ފަރާތުން ރަށު ކައުންސިލުންނެވެ.

ނިލަންދޫ ކައުންސިލުގެ ރައީސް މުހައްމަދު ޖަލީލު 'ސަން' އަށް ވިދާޅުވީ އެރަށުގައި ކަރަންޓު ދެމުން ތިން އިންޖީނުގެ ތެރެއިން އެއް އިންޖީނުގެ ޑައިނަމޯ މިއަދު ހަލާކުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އައި ޝޮކުގައި ޕެނަލްއަށްވެސް މައްސަލަ ދިމާވެފައިވާ ކަމަށް ޖަމީލު ވިދާޅުވި އެވެ.

"ދެ ޖަނަރޭޓަރު މިހާރު ހުއްޓަސް ކަރަންޓު މި ދެވެނީ އެއް ޖެނެރޭޓަރުން. އެހެންވެ ރަށް ހަތަރު ފޭސްއަކަށް ބަހާފައި އިންނައިރު ފަހަރަކު ފޭސްއަކަށް ކަރަންޓު މި ދޫކުރެވެނީ. އެހެންވެ ކޮންމެ ގެއަކަށްވެސް ކަރަންޓު މި ދެވެނީ ހަތަރު ގަޑިއިރުން އެއްގަޑިއިރު،" ނިލަންދޫ ކައުންސިލުގެ ރައީސް ޖަލީލު ވިދާޅުވި އެވެ.

އިންޖީނަށް މައްސަލަ ދިމާވީ މިއަދު 10:30 ހާއިރު ކަމަށް ޖަލީލު ވިދާޅުވި އެވެ. އަދިވެސް މައްސަލަ ހައްލު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލީލު ވިދާޅުވީ ރައްޔިތުންގެ އިންޖީނުގެ ފެނަކައިގެ ދަށަށް ބަދަލުކުރުމަށް މިރޭ ފެނަކައިގެ ބޭފުޅުންނާ މަޝްވަރާ ކުރި ކަމަށެވެ. އަދި ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ޖަލީލު ވިދާޅުވި އެވެ.

"ކަރަންޓު މައްސަލައަށް ހައްލު އަންނީ ފެނަކައިގެ ދަށަށް އިންޖީނުގެ ބަދަލު ކުރެވިގެން ކަމަށް ގަބޫލު ކުރެވޭ." ޖަލީލު ވިދާޅުވި އެވެ.

ނިލަންދޫގައި 250 ގެ ހުރެ އެވެ. މިހާރު ކަރަންޓު ދެވެމުން އަންނީ ކޮންމެ ގަޑިއިރަކަށް 62 ގެ އަށެވެ.

ނިލަންދޫގައި އަޅާފައި އޮންނަ މައި ކޭބަލަށް މިހާރު 12 އަހަރު ވެފައިވާއިރު އިންޖީނުތަކަށްވެސް ފަސް އަހަރަށްވުރެ ދުވަސްވެދާނެ ކަމަށް ޖަލީލު ވިދާޅުވި އެވެ.

comment ކޮމެންޓް