ރޯދަ ސިއްހަތު: ރޯދަ މަހު ބޭސް ކާންވީ މިހެން!

ދާއިމަށް ބޭސްކާން ޖެހޭ މީހުން ރާއްޖޭގައި ގިނަ އެވެ. ތިން އިރު ބޭސް ކާންޖެހޭ މީހުންނާއި ދެ އިރު ބޭސްކާން ޖެހޭ މީހުން އަދި ދުވާލު ގަޑީގައި ބޭސްކާން ޖެހޭ މީހުންވެސް އުޅެ އެވެ. އެހެން ވިއްޔާ ރޯދަ މަހު ބޭސްކެއުން ބަހައްޓާނީ ކިހިނެއް ހެއްޔެވެ؟

އޭޑީކޭގެ އާންމު ބަލީގެ ޑޮކްޓަރު އައިމިނަތު ވަހީދު ވިދާޅުވި ގޮތުން ރޯދަ މަހު ބޭސް ކާނީ ކިހިނެއްތޯ ވަރަށް ގިނަ މީހުން ސުވާލުކުރެ އެވެ. ދާއިމަށް ބޭސް ނަގާ މީހުންގެ ތެރޭގައި ގިނައީ ލޭމައްޗަށް ދާ މީހުންނާއި ހަކުރު ބަލީގެ މީހުން އަދި ތައިރޮއިޑް ބަލީގެ މީހުން ކަމަށް ޑރ. އައިމިނަތު ފާހަގަ ކުރައްވަ އެވެ.

"ލޭމައްޗަށް ދާ ބޭފުޅުންގެ ބޭސްތައް އާންމުކޮށް ކާން އިންނާނީ ދެ އިރު ނޫނީ އެއް އިރު. ވަރަށް މަދު ބޭފުޅުން ތިން އިރު ބޭސްކާން ޖެހޭނީ. ތިން އިރު ކާ ބޭސްތައް ކެއުމުގައި. ކެއުމުގެ ކުރިން ކާންޖެހޭ ބޭސްތައް ހާރުކެއުމުގެ ކުރިން ކެއުން ރަނގަޅު. އަދި ދެއިރު ބޭސްކާން ޖެހޭ ނަމަ ރޯދަ ވީއްލައިގެން އެއް ބޭސް ދެން ހާރުގެ ފަހުން އަނެއް ބޭސް ކެވިދާނެ،" ޑރ. އައިމިނަތު ވަހީދު ވިދާޅުވި އެވެ.

ރޯދަ މަހު ބޭސްކެއުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ހަކުރު ބަލީގެ މީހުންކަން ޑރ. އައިމިނަތު ފާހަގަކުރެއްވި އެވެ. އެގޮތުން ހަކުރުބަލީގެ މީހުން ބޭނުންކުރާ ބޭސްތަކުގެ ޑޯސޭޖް އެޖަސްޓް ކޮށްލަން ޖެހޭނެ ކަމަށް ވެސް ޑރ ވިދާޅުވި އެވެ.

އޭޑީކޭގެ އާންމު ބަލީގެ ޑޮކްޓަރު ޑރ އައިމިނަތު ވަހީދު --- ސަންފޮޓޯ/ ފަޔާޒު މޫސާ

"އިންސިއުލިން ނަގާ ބޭފުޅުން އެބޭފުޅުން އާންމުކޮށް ދައްކާ ޑޮކްޓަރަށް ދައްކައިގެން އެ ޑޯސޭޖް ބައެއް ބޭސްތަކުގެ އެޖަސްޓްކޮށްލަން ޖެހޭނެ. އިންސިއުލިންއަކީ އެޖަސްޓްކޮށްލަން ޖެހޭނެ ބޭހެއް،" ޑރ. އައިމިނަތު ވިދާޅުވި އެވެ.

އޭގެ އިތުރުން ހަކުރުބަލީގެ މީހުން ކާ ގުޅަބޭސްވެސް ޑޯސޭޖް އެޖަސްޓްކޮށްލަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހަކުރުބަލި ހުންނަ މީހުން، ރޯދައަށް ހުންނަ އިރު ހަކުރު ދަށްވެގެން ކުރިމަތިވާ އަލާމާތްތައް ދެނެގަތުން މުހިންމު ކަމަށް ޑރ އައިމިނަތު ވިދާޅުވި އެވެ. ހަކުރު ދަށަށް ގޮސްފިނަމަ ދާހިއްލުމާއި މޭ ބާރަށް ތެޅި ތުރުތުރު އަޅައި ގޮތް ވުމާއި ބޯއެނބުރުން ފަދަ ކަންކަން ދިމާވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިފަދަ އަލާމާތެއް ފެނިއްޖެނަމަ ގޭގައި ދެވޭނެ އެންމެ އަވަސް ފަރުވާއަކީ އެއް ސަމުސާ ހަކުރު ވަގުތުން ބޭނުންކޮށްލުން. އަދި ވީއެންމެ އަވަހަކަށް އެމެޖެންސީ ރޫމަށް ދުރުވަން ޖެހޭނެ. ދެން މީގަ އަދި ވަރަށް މުހިންމު ކަމެއް ގޭގައި ހަކުރު ބެލޭނެ ގޮތެއް ބެހެއްޓުން." ޑރ. އައިމިނަތު ވިދާޅުވި އެވެ.

comment ކޮމެންޓް