އިނގިރޭސިބަހުން ކިޔާ ލެމަން އާއި ލައިމް، ދިވެހި ގޮތުން ނަމަ ލުނބޯ އަކީ ހުތްކޮށް ހުންނަ މޭވާގެ ތެރެއިން އެންމެ މަގުބޫލު އަދި އެންމެ ގިނައިން އަޅުގަނޑުމެން ބޭނުންކުރާ އެއް ބާވަތެވެ.
މިއީ ކުލައިން ތަފާތު ވެފައި ގާތްގަނޑަކަށް އެއްގޮތް ކަންތައްތަކެއް ޤުދުރަތީ ގޮތުންވެސް އެއަށް ލިބިފައިވާ ބާވަތެކެވެ. ބައެއް އެކްސްޕާޓުން ގަބޫލުކުރާ ގޮތުގައި ލެމަން އަކީ ލައިމް އާއި ސިޓްރަންގެ ހައިބްރައިޑްއެއް ގޮތުގައި އުފެދުނު ބާވަތެކެވެ.
ރީނދޫ ކުލައެއްގައި ހުންނަ ލެމަން ނުވަތަ ލުނބޯއަކީ އޭގެ ބޭރު ފަށަލަ ތަންކޮޅެއް ބޯކޮށް ހުންނަ ބާވަތެކެވެ. އެހެންނަމަވެސް ލައިމްގެ ގޮތުގައި ނަންދެވިފައިވާ ފެހި ކުލައިގެ ލުނބޯއަކީ އާއްމުކޮށް އޭގެ ބޭރު ފަށަލަ ތަންކޮޅެއް ތުނިކޮށް ހުންނަ އެއްޗެކެވެ.

ރީނދޫ ކުލައިގެ ލުނބޯ މިއީ އާއްމުކޮށް ކޭކު ފަދަ ތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރެވޭ ބާވަތެއް. މި ނޫނަސް ކެއްކުމުގައި އެންމެ ގިނައިން ބޭނުންކުރާ ހުތް ފޮނި މޭވާގެ އެއް ބާވަތަކީ މި ކުލައިގެ ލުނބޯ--ފޮޓޯ/ޕިންޓްރެސްޓް
މިއީ އޭގައި ހުންނަ އެސިޑިކް އަދި ރަހައިގައި އެ ހުންނަ ހާއްސަކަމާ އެކު ކަލިނަރީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއާ ނުލާ ވަރަށް ގިނަ ކެއުންތައް ފުރިހަމަނުވާ މޭވާގެ ބާވަތެކެވެ. ކެއްކުމުގެ އިތުރުން ތަފާތު އެކި ކަހަލަ ކެއުންތަކާއި ކޭކުތައް ޒީނަތްތެރި ކުރުމަށް ވެސް މިއީ ވަރަށް ގިނައިން ބޭނުންކުރާ ބާވަތެކެވެ.
އެހެންނަމަވެސް ފެހިކުލައިގައި ހުންނަ ލުނބޯގެ ރަހައިގައި ކޮންމެވެސް ވަރަކަށް ހިތިކަމެއް އެކުލެވޭތީ ފޮނި ބާވަތުގެ ތަކެތި ތައްޔާރު ކުރުމަށް އާއްމުކޮށް ބޭނުންކޮށް އުޅެނީ ރީނދޫ ކުލައިގައި ހުންނަ ލުނބޯއެވެ.

ފެހި ކުލައިގެ ލުނބޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެސެންޝަލް އޮއިލް--ފޮޓޯ/އިންސްޓަގްރާމް
ހަމައެއާއެކު ލުނބޯއިން މީރުވަސްދުވާ އެކިކަހަލަ ތެޔޮ ތައްޔާރުކުރާއިރު މިއީ ބޭސްވެރިކަމުގެ ދުނިޔޭގައި ވެސް އެންމެ ބޭނުންތެރި އެއް ބާވަތެވެ.
ރެޖިސްޓަޑް ޑައިޓީޝަން އާންސްލޭ ހިލްގެ ލިޔުމެއްގައި ބުނެފައިވާ ގޮތުން ލެމަން އާއި ލައިމް އަކީ އެއްގޮތް ކަންކަން ރަހައިގައި ހުންނަ މޭވާއެއް ނަމަވެސް ރީނދޫ ކުލައިގައި ހުންނަ ލުނބޯގައި ވިޓަމިން ސީ އެކުލެވޭ މިންވަރު ފެހި ކުލައިގެ ލުނބޯއަށްވުރެ މާގިނައެވެ.
އެހެންނަމަވެސް ޑައިޓް ތަކުގައި ލުނބޯ ހިމަނާލަން ވިސްނި ނަމަވެސް ދެ ވައްތަރުން ވެސް ލިބޭ ސިއްހީ ފައިދާތަކުގައި މާބޮޑު ތަފާތެއް ނުހުންނާނެ ކަމަށް އާންސްލޭގެ ލިޔުމުގައި ވަނީ ބުނެފައެވެ.
ހަމައެއާއެކު ރީނދޫ ކުލައިގެ ލުނބޯގައި ހިމެނޭ މިނެރަލްސްގެ މާއްދާތަކުގެތެރޭ ޕޮޓޭސިއަމް، ފޮލޭޓް އަދި ވިޓަމިން ބީ6 ހިމެނެއެވެ.
މި ދެ ބާވަތުގެ ލުނބޯއަކީ ވެސް އޭގައި އެކުލެވޭ އެންޓިއޮކްސިޑެންޓްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭ ބާވަތެކެވެ.