Ooredoo
Ooredoo

ކެއުމަށް ފަހު ދުފުން ރަނގަޅު ނޫނަސް ބިލެތް ކާންޖެހޭ ސަބަބުތައް ގިނަ

ބިލެތް: ދުފުމުގައި ބޭނުންކުރި ނަމަވެސް ކާންޖެހޭ ސަބަބުތައް ވަރަށް ގިނަ--ފޮޓޯ/ޓައިމްސްއޮފްއިންޑިއާ

ކެއުމަށް ފަހު ރަނގަޅު ދުފުންގަނޑެއް ދުފާލުމަކީ ވަރަށް ގިނަ ބަޔަކަށް ބަޔާން ނުކުރެވޭ ކަހަލަ ހިތްހަމަޖެހުމެއް ގެނެސްދޭ ކަމެކެވެ. ނަމަވެސް, ދުފުމަކީ ސިއްހީ ގޮތުން ހަށިގަނޑަށް އެކަމުން ނޭދެވޭ އަސަރުތައް ކުރާ ކަމަކަށްވާތީ ދުފުމުގެ އާދަ ދުރުކޮށްލުމަކީ ގިނަ ބަޔަކު މާޔޫސްކުރުވާ ކަމަކަށް ވަނީ ވެފައެވެ.

Ooredoo

އެހެންނަމަވެސް, މާޔޫސްވާނެ ކަމެއް ނެތެވެ.

އިންޑިއާގެ ނެޝަނަލް ލައިބްރަރީ އޮފް މެޑިސިންއިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުފުމުގައި ބޭނުންކުރާ އެންމެ މުހިއްމު އެއް ބާވަތް ކަމުގައިވާ ބިލެތަކީ އޭގައި ގުދުރަތީ ނިއުޓްރިއެންޓްސްގެ މާއްދާތައް އެކުލެވޭ ފަތެކެވެ.

އިންޑިއާގައި ބިލެތް ބޭނުންކުރަން ފެށިތާ އެތައް ހާސް އަހަރުތަކެއް ވަނީ ވެފައި--ފޮޓޯ/ބިބިލިއޯއޭޝިއާ

ބިލެތަކީ އިންޑިއާގެ ގަދީމީ ބޭސްވެރިކަން ކަމުގައިވާ އަޔުރުވެދާގެ އެންމެ މުހިއްމު ޓްރިޑޮޝިކް ހާބްގެ ގޮތުގައި ސިފަކުރާ ބާވަތެއް ކަމަށް ނެޝަނަލް ލައިބްރަރީ އޮފް މެޑިސިންއިން ކުރި ދިރާސާގައި ވަނީ ބަޔާންކޮށްފައެވެ.

ކެއުމެއް ނިންމާލުމަށް ފަހު ބިލެތް ކޮޅެއް ކާލުމުން އެ އަންނަ ކުޅި ދިލައިގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރުކޮށް ވިހަ މާއްދާތައް ނައްތާލުމަށް މަގުފަހިކޮށްދެއެވެ. ހަމައެއާއެކު ބިލެތުގައި އެކުލެވޭ އެންޓިސެޕްޓިކް މާއްދާތަކުގެ ސަބަބުން ކާނާ ހަޖަމު ކުރުމަށާއި ނޭވާލުމުގެ ނިޒާމަށް ލުއިތަކެއް ލިބި އޭގައި އެކުލެވޭ މައިކްރޯބްސްގެ އެހީގައި އަނގަ ފާރުވުން ފަދަ ބަލިތަކުން މީހާ ދުރުކޮށްދެއެވެ.

އިންޑިއާގެ ނެޝަނަލް ލައިބްރަރީ އޮފް މެޑިސިންއިން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ބިލެތަކީ އިންޑިއާގައި ޒަމާނުއްސުރެއް ކުރަމުން އައި އަޔުރުވެދާ ބޭސްވެރިކަމުގައި އެންމެ މުހިއްމު ދައުރެއް ކުޅެފައިވާ އެއް ބާވަތެވެ.

ބިލެތަކީ ދުފާއިރު އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތް--ފޮޓޯ/ބިބިލިއޯއޭޝިއާ

އިންޑިއާގައި ބިލެތް ބޭނުންކުރަން ފަށާފައި ވަނީ މީލާދީން 400ވަނަ އަހަރުން ފެށިގެން ނަމަވެސް ޒަމާންވީ ފޮތްތަކުގެ އެހީގައި އެނގުނު ގޮތުގައި މީލާދީން 75ވަނަ އަހަރާއި 300ވަނަ އަހަރާ ދެމެދު ބިލެތް ބޭނުންކުރުން އެ ޤައުމުގައި ވަނީ އާއްމުވެފައެވެ.

ދުފުމުގެ އާދައާއި ދުރަށްދާން ބޭނުންވާނަމަ ބިލެތް ކެއުމުގެ އާދަ އަދިވެސް އަޅުގަނޑުމެންނަށް ހިފެހެއްޓިދާނެ ކަމަށާއި އެކަމުން ސިއްހަތަށް ފައިދާތަކެއް ލިބިދޭ ކަމުގައި އިންޑިއާގެ ނެޝަނަލް ލައިބްރަރީ އޮފް މެޑިސިންއިން ކުރި ދިރާސާއަކުން މިވަނީ ދައްކާފައެވެ.

ކެއުމަށް ފަހު ބިލެތް ކޮޅެއް ކެއުމުން ބަނޑުގެ މަސްތަކަށް ލުޔެއް ލިބި ގޭސް އުފެދުން މަދުކޮށް ބަނޑުގައި ރިއްސުމާއި ބަނޑުހައިވުން ފިލުވައިދެއެވެ. ހަމައެއާއެކު ބިލެތް ކެއުމުން އަނގައިގައި ހުންނަ ނުރައްކާތެރި ބެކްޓީރިއާތައް މަދުކޮށްދީ ނޭވާލާއިރު އަނގައިން ނުބައި ވަސް ބޭރުވުން މަދުކޮށްދޭ ކަމަށް މި ދިރާސާއިން ވަނީ އެނގިފައެވެ.

ބިލެތް ކެއުމުގެ ސަބަބުން ލިބިދޭ އިތުރު ސިއްހީ ފައިދާތަކުގެ ތެރޭ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ގުދުރަތީގޮތުން ސާފުކޮށްދިނުމަށް އެހީވެދީ ބްލޯޓުވުން ފަދަ ކަންކަމުން ދުރުހެލިކޮށްދެއެވެ. ބިލެތް ހަފާލުމުގެ ސަބަބުން ބަނޑުގައި ވައި ހެދި ކުރިމަތިވާ ގޭހުގެ އުނދަގޫތަކަށް ވެސް ލުޔެއް ހޯދުމަށް އެހީތެރިވެދެއެވެ.

އެހެންކަމުން ކެއުމަށް ފަހު ރަނގަޅަށް ދުފާ ނުލެވުނަސް ބިލެތް ކެއުމުން ހަށިގަނޑަށް އެކަމުން ގިނަ ސިއްހީ ފައިދާތަކެއް ލިބިދޭކަން މިވަނީ ފަހުގެ ދިރާސާތަކުން އެނގިފައެވެ.

Redstar
comment ކޮމެންޓް

comment މަން

3 day 16 hour ago

އޯކޭ